ހުކުރު ދުވަހެއްގެ ހެނދުނެވެ. މާއިރާއެކު މީހުން ވިޔަފާރިކުރުމުގައި އަވަދިނެތި އުޅެމުންއައެވެ. މެންދުރުވުމުގެ ކުރިން ފިހާރަތައް ބަންދުކުރާތީ އަވަހަށް ވިޔަފާރިކޮށްލުމަށެވެ. އާދައިގެ މަތިން އަހަރެންވެސް ގެއިން ނިކުތީ މެންދުރުގެ ނާސްތާއަށް ކޮންމެވެސް އެއްޗެއް ގަނެލުމުގެ ނިޔަތުގައެވެ. އެގޮތުން ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ފިހާރައަކަށް ވަނީމެވެ. އޭރު ގަޑިން އެގާރަޖަހަން ކައިރިވެއްޖެއެވެ. ވިޔަފާރިކުރުން ބަންދުކުރާ ގަޑި ކައިރިވާތީ އަހަރެން ވަން ފިހާރައިގައިވެސް ދެތިން މީހުން ވިޔަފާރިކުރަން ތިއްބެވެ.
ފިހާރައަށް ވަދެ ކަރާ ކިލޯއެއްގެ އަގު އެހުމަށްފަހު ދޮންކެޔޮ ކިލޯއެއްގެ އަގު އެހީމެވެ. އެއަށްފަހު އަހަރެން ދެތިން ވައް ދޮންކޭލާއި ކަރައެއް ގަނެފީމެވެ. އަހަރެން ގަތް ބާވަތްތަކަށް ފައިސާ ދައްކަން ކައުންޓަރު ކައިރީގައި ހުއްޓާ ޒުވާނަކު ކާޑު ގަންނަން ފިހާރައަށް ވަނެވެ. އެކަނބުލޭގެ އައީ ކާޑު ގަންނަންކަން އަހަރެންނަށް އެނގުނީ އެކަނބުލޭގެ ކާޑު އެބަހުރިތޯ ސޭޓާ ސުވާލުކުރުމުންނެވެ.
އެކަނބުލޭގެ ކާޑު ގަންނަން އެހުމުން އެއީ ކޮން ބާވަތެއްގެ ކާޑެއް ކަމެއް ސޭޓަކަށް ނޭގުނެވެ. އާދައިގެ މަތިން ފިހާރައިގެ ސޭޓަކަށްހުރީ ބަންގުލަދޭޝް މީހެކެވެ. އެހެންވެ އޭނާއަށް ކާޑަކީ ކޯޗެއްކަން ނޭގުމަކީ ވެދާނެކަމެކެވެ. ކޮންމެއަކަސް އެވަގުތު އެއީ ކޮން ބާވަތެއްގެ ކާޑެއްތޯ ސާފުކުރުމަށް ސޭޓު ސުވާލުކުރަން ފެށިއެވެ. ޖަވާބުގައި އެކަނބުލޭގެ ބުނީ ކައްކަން ބޭނުންކުރާ ކާޑުކަމަށެވެ. އިތުރަށް އޮޅުން ފިލުވައިދިނުމަށްޓަކައި އެއީ ކައްކާއިރު އަޅާ ކާޑުކަމުގައިވެސް ބުންޏެވެ. އެވަރުންވެސް ސޭޓަކަށް ކާޑު ނެގުނެވެ.
އެވަގުތު އަހަރެން ހީކުރީ އެއީ ހަނޑޫ ނުވަތަ ފުށް ނުވަތަ ހަކުރުގެ ބާވަތެއްކަމަށެވެ. އެކަމަކު ކާޑަކީ އެފަދަ ބާވަތެއްނޫންކަމަށް ބުނެ އެކަނބުލޭގެ ފިހާރަ ދޫކޮށް ދިޔައެވެ. އެއީ ފިހާރަތައް ބަންދުކުރުމުގެ ކުރިން ކާޑު ގަތުމަށް އެހެން ފިހާރައަކަށް ދިއުމަށެވެ. ދެން އެކާޑާމެދު އަހަރެން ފިކުރުހިންގަން ފެށީމެވެ. އެއީ ކައްކާއިރު އަޅާ ކާޑު އަހަރެންނަށްވެސް ވަރަށް އާއެއްޗަކަށް ވީތީއެވެ. ކާޑު ހޯދާ އޮޅުންފިލުވުމަކީ އަހަރެންނާ ބެހޭކަމަކަށް ނުވިޔަސް އަހަރެންގެ ހުރި އުނިސިފަޔަކުން އެކާޑު ދެނެގަތުމަށް އަވަސްވެގަތީމެވެ.
ކާޑާމެދު ފިކުރު ހިންގަން ފެށުމުން އިސާހިތަކު އަހަރެންނަށް ވިސްނުނީ އެއީ ކިރުން އުފައްދާ ބާވަތެއްކަމެވެ. ސޭޓަށް އެއީ ކޯޗެއްކަން ބުނެދެވޭތޯ އުޅެން ފެށުމުން ފިހާރައަށް ވަދެ ހުރި އެހެން އަންހެނަކު އަހަންނަށް އެހީވެ އެއީ ދަހީ ނަމަކަށް ކިޔާ ބާވަތެއްކަމުގައި ބުންޏެވެ. މިހާވަރުން ކާޑަކީ ކޮބައިކަން ސޭޓަށްވެސް ފަހުމުވިއެވެ. ތެދެކެވެ. އެއީ ކަރޑް ނަމަކަށް ކިޔާ ބާވަތެކެވެ. އެއީ ގެރީގެ ކިރުން އުފައްދާ ބާވަތެކެވެ. އެކަނބުލޭގެ ބުނިފަދައިން ބައެއް ބާވަތްތައް ކައްކާއިރު އެއަށް އަޅަން ބޭނުންކުރާ ބާވަތަކަށްވެސް ކަރޑްވެއެވެ.