އާއިޝަތު ރީމް އަބްދުއްރަޝީދަކީ ހުނަރުވެރި ދަރިވަރެކެވެ. ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައެވެ. އަދި ހަމަ އެހާ ރީތިކޮށް މަދަހަ ކިޔައެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ. ތަފާތު ހުނަރުތައް ދަސްކުރުމަށް ބޭނުންވާ ރީމް އެންމެ ފަހުން ދަސްކުރި ހުނަރަކީ ކޯޑިންގެ ހުނަރެވެ.
ކޯޑިންގެ ތަޖުރިބާ
އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދިޔަ 'ސަރކްލް' ގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ' ކޯޑިން އެންޑް ކްރިޓިކަލް ތިންކިން' ޕްރޮގްރާމް ގައި ބައިވެރިވި ރީމް ވަނީ އެ ޕްރޮގްރާމްގައި ކުރެވުނު ތަޖުރިބާ 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ.
ޖަމާލުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ އުމުރުން 13 އަހަރުގެ ރީމް ބުނީ ވެބްޕޭޖް ތައްޔާރުކުރުމަށް ދަސްވެފައިވާ ކަމަށެވެ.
" ވެބްޕޭޖް އަށް ފޮޓޯލާން އެނގޭ. އަދި ލޭއައުޓް ހަދަން ދަސްވި. އަމިއްލަ ވެބްސައިޓެއް އުފެއްދުމުގެ ވިސްނުން އެބަހުރި" ރީމް ބުންޏެވެ.
ރީމް ފާހަނގަކުރިގޮތުގައި މި ޕްރޮގްރާމްގެ އެންމެ ބޮޑު ތަފާތަކީ ކޮންމެ ހަފްތާއަކުވެސް އެ ލިބޭ ތަފާތު މައުލޫމާތުތައް ކަމަށެވެ. މިގޮތުން އެކި ދާއިރާތަކާއި ގުޅޭގޮތުން ' ތޯޓްސް އޮފް ދަ ވީކް' ގޮތަށް މުހިންމު މެސެޖުތައް ހުންނަ މައުލޫމާތު ލިބޭ ކަމަށް ވަނީ ބުނެފައެވެ.
" ރީމްގެ އުފެއްދުންތެރިކަން ރަނގަޅު ކުރުމަށް އެހީތެރިވެދެނީ އޭގެ ހުންނަ މައުލޫމާތުތައް. ޓިޔުޓަރސް ވާހަކަދައްކާ މައުޟޫތަކުގެ ސަބަބުން މައުލޫމާތު ލިބޭ" ފޮރެންސިކް ދާއިރާއިން ކުރިއަށްދިއުމަށް ނުވަތަ ސައިންޓިސްޓަކަށް ވާން ބޭނުންވާ ރީމް ބުންޏެވެ.
ހުނަރުވެރި ދަރިވަރެއް
ދ.މާއެބޫދޫ އަށް އުފަން ރީމް އަށް ވަނީ މިހާތަނަށް ތަފާތު މުބާރާތްތަކުގައި ގިނަ ވަނަތަކެއް ލިބިފައެވެ. އޭގެތެރެއިން ބައެއް ކާމިޔާބީތައް ހިމަނާލާނަމެވެ.
ޤުރުއާން މުބާރާތް:
- ކީރިތި ޤުރުއާން ކިޔެވުމުގެ 30ވަނަ ގައުމީ މުބާރާތުގެ މުޅިމުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ. އަދި 7 އަހަރުން ދަށުގެ ބައިން ނުބަލާ ކިޔެވުމުގެ ގޮފިން 1ވަނަ.
- އަލްކައުނު ޤުރުއާން މުބާރާތުން 11 އަހަރުން ދަށުގެ އުމުރުފުރައިން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ.
- 2020ވަނަ އަހަރު ވާޗުއަލްކޮށް ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުން އުމުރުފުރައިން 3ވަނަ.
މަދަހަ މުބާރާތް:
- އެމްޓީވީ އުރީދޫ މަދަހަ މުބާރާތް 1438 އުމުރުފުރައިން 2 ވަނަ.
- އެންސީއޭ އަލްކައުން މަދަހަ މުބާރާތް ރަންއަޑު 1438ގެ މުޅި މުބާރާތުން 3 ވަނަ އަދި 9 އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ.
- އެންސީއޭ އަލްކައުން މަދަހަ މުބާރާތް ރަންއަޑު 1439ގައި އަމިއްލަގޮތުން ބައިވެރިވެ 9 އަހަރުން ދަށުގެ އުމުރުފުރައިން 1 ވަނަ.
ވާހަކަދެއްކުމުގެ މުބާރާތް:
- 2016، 2017، 2018، 2019 ވަނަ އަހަރު ބޭއްވި އަދަބީ ހަރަކާތް 'ސަލާހުއްދީން އެވޯޑް' ގައި އެންމެމޮޅު 5 ދަރިވަރުންގެތެރޭގައި ހިމެނުނު.
- ދިވެހި ފޯވަހި 2019ގެ ވާހަކަދެއްކުން މިމުބާރާތުން 2 ވަނަ ހާސިލުކޮށްފައިވޭ.
- ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އިބްތިދާއީ ގިންތިން ގަދަ 10 ގައި ހިމެނުނު.
ބެލެނިވެރިޔާ ދެކޭގޮތް
ރީމްގެ މަންމަ ނަސްމާ އަބްދުއްސައްތާރު މައުލޫމާތުދިންގޮތުގައި ރީމް އަކީ ކުޑައިރުއްސުރެ އަމިއްލައަށް ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ކުއްޖެކެވެ.
" ސްކޫލް ކަންތައްތަކުގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭނީ. އެހެންވެ ރީމް ބޭނުންވި ލީޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވާން. ލީޑަރސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޯޑިން ޕްރޮގްރާމް ފުރިހަމަކުރާ ކުދިންގެ ތެރެއިން ކުދިންނަށް. އެހެންވެ ބައިވެރިކުރީ ކޯޑިން ޕްރޮގްރާމްގައި. ކުރިން ކޮމްޕިއުޓަރ އިން އެއްޗެހި ތައްޔާރުކޮށް އެހާވަރަކަށް އެމަސައްކަތުގައެއް ނޫޅޭނެ ރީމްއެއް. މި ޕްރޮގްރާމްގެ ސަބަބުން ކޯޑިންގެ ހުނަރު ވަރަށްބޮޑަށް ކުރިއަރައިފި. ޝައުގުވެރިވީމަ އަމިއްލައަށް ޕްރެޒެންޓޭޝަންވެސް ތައްޔާރުކުރޭ. އައިޑިއާ އެބަހުރި ސިކުނޑީގައި މިހާރު. އެހެންވީމަ އެއީ ވަރަށްބޮޑު ކުރިއެރުމެއް" ރީމްގެ މަންމަ ކިޔައިދިނެވެ.
އަދި އަމިއްލަނަފްސަށް އިތުބާރުކޮށް ކަންކަމުގައި އިސްނެގުމުގެބައި ރަނގަޅުކަމަށް ރީމްގެ މަންމަ ވަނީ ބުނެފައެވެ. ރީމް ވަނީ ޗެނަލް13 އިން ރަމަޟާން މަހު ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއް ވެސް ހުށަހަޅައިދީފައެވެ.