ޅަ އުމުރުގެ އަންހެން ކުއްޖަކު އުމުރުން ދުވަސްވީ އަންހެނަކާ ސުވާލުކުރިއެވެ.
"ދިރިއުޅުމުގައި އަހަރެންނަށް ރައްޓެހިން ބޭނުންވޭތަ؟"
ޖަވާބުގައި އަންހެންމީހާ ބުންޏެވެ:
"ދިރިއުޅުމަކީ ޙަޤީޤަތުގައިވެސް ވަރަށް އުނދަގޫ ކަމެކެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި އެހީތެރިވާނެ އިތުބާރުކުރެވޭ މީހަކު ހުރުން ވަރަށް މުހިންމެވެ. އެމީހަކު ވާންވާނީ ހެޔޮއެދޭ އެމީހެއްގެ ގާތުގައި ކޮންމެ ވާހަކައެއްވެސް ދެއްކޭވަރުގެ އެހީތެރިކަން ދޭނެ މީހަކަށެވެ. އެފަދަ މީހަކީ، އެހެން އެންމެން ތިބާ ދޫކޮށްފައި ދާއިރުވެސް ގާތުގައި ހުންނާނެ މީހެކެވެ. ލިބޭ އުފަލާއި ކާމިޔާބީތަކުގައި ބައިވެރިވެ، އުނދަގޫ ވަގުތުތަކުގައި އެހީތެރިވާނެ މީހެކެވެ."
އަންހެން ކުއްޖާ އެހިއެވެ.
"ހެޔޮނޭދޭ ރަހުމަތްތެރިއަކީ ދުޝްމަނަކަށްވުރެ ނުރައްކާތެރި މީހެކޭ ބުނާ ވާހަކަ އެއީ ތެދެއްތޯއެވެ؟"
އަންހެންމީހާ ޖަވާބުގައި ބުންޏެވެ.
"އާނ. ދުޝްމަން މީހާ އެއީ ކާކުކަން އެނގޭތީ އޭނާއާއިމެދު ސަމާލުވެވޭނެއެވެ. ނަމަވެސް ހެޔޮނޭދޭ ރަޙްމަތްތެރިޔާ ދާނީ ކަލޭގެ އިތުބާރު ހޯދަމުންނެވެ. އެގޮތުން އެމީހަކު ހޯދާނީ ކަލޭގެ ގައިގައި ހުރި ބަލިކަށި ކަންތައްތަކާއި، ސިއްރުތަކާއި، ކުރިމަގުގައި ހޯދަން ބޭނުންވާ ކާމިޔާބީއާއި ދެކޭ ފޮނި ހުވަފެންތަކެވެ. އެމީހުން އަބަދުވެސް ބަލާނީ ކޮންކަމެއްކޮށްގެންތޯ އެންމެ ފަސޭހައިން ގެއްލުމެއް ދެވޭނީ، އަދި ރަނގަޅު ދަނޑިވަޅުބަލާ އެމީހުންގެ ބޭނުން ހާސިލުކުރާނެއެވެ".
އަންހެން ކުއްޖާ އެހިއެވެ.
"އެފަދަ މީހުންގެ ކިބައިން ސަލާމަތްވާނީ ކިހިނަކުންތޯއެވެ؟"
އެ އަންހެންމީހާ ކުޑަ ހިނދުކޮޅަކަށް ހަނުހުރެފައި ސުވާލުކުރިއެވެ.
ކުޑަ ބަގީޗާއަކާއި ބޮޑު ޖަންގައްޔަކުން ވިހަގަދަ ހަރުފަތަކާއި ނުރައްކާތެރި ޖަނަވާރު އުޅޭނީ ކޮންތަނެއްގަތޯއެވެ؟
އަންހެން ކުއްޖާ ޖަވާބުގައި ބުންޏެވެ.
ޔަގީނުންވެސް އެފަދަ އެއްޗެހި ހުންނާނީ ޖަންގަލީގައެވެ!
އަންހެންމީހާ ހިނިތުންވެލައްވާފައި ބުންޏެވެ.
"ރަނގަޅު! ކުޑަ ބަގީޗާގައި މަދު ޖަނަވާރު އުޅޭހެން ވިހަގަދަ ހަރުފަވެސް މަދުވާނެއެވެ. މަދުބަޔަކާ އެކުގައި އުޅޭނަމަ، ކުރިމަތިވާ ގެއްލުންވެސް ކުޑަވާނެއެވެ. އަހަރެން ޅަ އުމުރުގައި ވަރަށް ގިނަ ރައްޓެހިން ތިއްބެވެ. ނަމަވެސް އުމުރުން ދުވަސްވެ، އިތުރު ކަންކަން ތަޖުރިބާ ކުރެވެންފެށިފަހުން ރައްޓެހިން ދިޔައީ މަދުވަމުންނެވެ. ރައްޓެހިން ހޯދުމުގައި އެމީހުންގެ އަދަދަށްވުރެ ހެޔޮއެދޭ މަދު ރައްޓެހިންގެ މުހިންމުކަން އަހަރެންނަށް ވިސްނުނެވެ. އެންމެންނަކީ ތިމާގެ ރައްޓެހިންކަމުގައި ހީކޮށް އަމިއްލަ ނަފުސަށް އޮޅުވާނުލާށެވެ. ގިނަ ބަޔަކު ދަންނަ މީހުންގެ ގޮތުގައި ތިބެދާނެއެވެ. ނަމަވެސް ހަގީގީ ރައްޓެހިންނަކީ ތިމާދެކެ ލޯބިވާ އަދި އިތުބާރުކުރެވޭ މަދު ބައެކެވެ. ހެޔޮނޭދޭ މަކަރުވެރި ރައްޓެހިންގެ ފަރާތުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެންމެ ރަނގަޅު ގޮތަކީ އެމީހުންނަކީ ކޮންކަހަލަ ބައެއްކަން ދެނެގަނެ ރަނގަޅު ހެޔޮއެދޭ މަދު ރައްޓެހިން ޚިޔާރުކޮށް ގުޅުން ބޭއްވުމެވެ."