މާލޭ ސުކޫލުތަކުގެ ދަރިވަރުންނަށް ހަމަޖެހިލައިގެން އެތްލެޓިކްސްގެ ހަރަކާތްތައް މާލޭގައި ބޭއްވެން އޮންނަ ހަމައެކަނި ތަނަކީ މާފަންނުގައި އޮންނަ އެކުވެނި ޓްރެކެވެ.
ހަވީރު ސުކޫލު ދަރިވަރުންނަށް އެ ޓްރެކް ހާއްސަކޮށްފައި އޮންނަ ވަގުތުގައި އާންމުން ކަސްރަތަށް ވަދެ އެތަން ބޭނުން ކުރަމުންދާތީ އެތްލެޓިކް އެސޯސިއޭޝަންތަކަށް ދަތިވެއެވެ. ބައެއް އެސޯސިއޭޝަންތަކުން ބުނީ އާންމުންނަށް ދުވާ ޓްރެކް ބޭނުން ކުރެވެނީ އިރުއޮއްސި 6 ގެ ފަހުން ކަމަށް އެނގޭ ލިއުމެއްވެސް ޓްރެކްގައި ހަރުކިރެވިފައިި ހުންނަ ކަމަށާއި، އެހެންނަމަވެސް އެކަމަށް އެއްވެސް ބެލުމެއް ނެތި ގިނަ އަދަދެއްގެ މީހުން ސުކޫލު ކުދިން ޓްރެއިނިން ހަދަމުންދާ ގަޑީގައި ޓްރެކްގައި އުޅޭތީ ދަތިވާ ކަމަށެވެ. ކަސްރަތަށް ހިނގާ މީހުންނާއި ދުވާ މީހުންވެސް ވިނަގަނޑުގެ ވަށައިގެން އޮންނަ ލޭންތަކުގައި ބާރު ސްޕީޑްގައި ދުވެފައި އަންނަ ދަރިވަރުންނަށް ބެލުމެއް ނެތި ކުއްލިއަކަށް ކުރިމައްޗަށް އެރުމާއި، ޓްރޭނިން ހެދުމަށް ކޯން ޖަހާފައިވާ ސަރަހައްދަށްވެސް ވަދެ އުޅޭތީ އުނދަގޫވާ ކަމަށް އެސޯސިއޭޝަނެއްގެ ކޯޗު ފާހަގަ ކުރިއެވެ.
އާންމުންނަށް އޮންނަ އިރުޝާދަށް ބެލުމެއް ނެތި ވަކިން ހާއްސަކޮށް މިދުވަސްވަރު، އިންޓަސްކޫލް އެތްލެޓީކްސް މުބާރާތަށް ތައްޔާރުވުމަށް ގިނަ ސޫކޫލުތަކެއްގެ ދަރިވަރުން އެއްވަގުތެއްގައި، ހަވީރު 4-6 އަށް ޓްރެކް ބޭނުން ކުރަމުންދާއިރު އާންމުން އެ ސަރަހައްދުގައި ސުކޫލު ކުދިންނާއި އެކަޑަމީތަކުގެ ހަރަކާތްތަކަށް ދަތިވާގޮތަށް އުޅުމުން ހިތްހަމަ ނުޖެހޭ ބައެއް ބެލެނިވެރިންނާވެސް ދިމާވިއެވެ.
'ޒީޓައިމްސް' އާއި މައުލޫމާތު ހިއްސާކުރި ބެލެނިވެރިއަކު ބުނީ ލިޔުމެއް ހުއްޓަސް ދިވެހިން އެއަށް ނުބަލާނެ ކަމަށެވެ. އޭނާ ބުނީ "އާންމުންނަށް މަނާ ގަޑީގައި ޓްރެކް ބޭނުން ކުރަން އަންނަ މީހުންގެ ތެރޭގައި ތަންދޮރު ދަންނަ ޒިންމާދާރު އިސްމަގާމުތަކުގައި ތިބޭ ބޭފުޅުންވެސް އެބަ ފެނޭ ހަމަ ސުކޫލު ކުދިންނާއި، އެކަޑަމީތަކަށް ހާއްސަ ގަޑިތަކުގައި ޓްރެކް ބޭނުން ކުރާތަން، އެއްވެސް ހަމައެއް ލަމައެއް އޮންނަ ތަނެއް ނޫން، އެވަރަށް ބިދޭސީންވެސް ގިނަ، ހަމަ ހެޑްސެޓް ޖަހާލައިގެން މަޑު ހިނގުމެއްގައި ނޫނީ މަޑުމަޑުން ދުވެލާފަ ގޮސް ޓްރޭނިން ހަދަމުންދާ ކުދިން ވަރަށް ބާރު ސްޕީޑްގައި ދުވަމުންދަނިކޮށްވެސް އެބަ ކުރި ކަނޑާ، ލޭން ބަދަލުކޮށް ހަދާ" ކަމަށެވެ.
އެކަޑަމީއެއްގެ ކޯޗަކު ބުނީ "އާންމުންނަށް ވަނުން މަނާ ގަޑީގައި ޓްރެކަށްވަދެ އުޅުމުގެ ތެރޭގައި ޓްރޭނިންތަކަށް ބުރޫ އަރާ، ބައެއް އެތްލީޓުންނަށް ބޮޑެތި އަނިޔާތައްވެސް އެބަވޭ". މިކަންބޮޑުވުންތައް ޓްރެކް ބަލަހައްޓާ ފަރާތްތަކާވެސް ހިއްސާކޮށްފައިވާނެ ކަމަށާއި، އެހެންނަމަވެސް އާންމުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް ސުުކޫލުތަކުގެ ދަރިވަރުން ޓްރެއިން ކުރާ ޓްރޭނަރުންނާއި އެކަޑަމީތަކުގެ ކޯޗުން ފާހަގަ ކުރެއެވެ. ބާރު ސްޕީޑްގައި ދުވެފައި އަންނަ އެތްލީޓެއްގެ ކުރި ކަނޑާފައި ދިއުމާއި، މަޑު ހިނގުމުގައި އައިސް އެތްލީޓުން ދުވާ ލޭނަށް އެރުމުގެ ސަބަބުން އެ އެތްލީޓުންގެ ޓްރޭނިންއަށް ބުރޫ އެރުމުގެ އިތުރުން ޓްރެކްގައި ބައި ގިނަވެ، ސުކޫލު ކުދިންގެ ޕްރެކްޓިސްތަކަށް މި ދުވަސްވަރު ވަރަށް ބޮޑަށް ބުރޫއަރާކަން 'ޒީޓައިމްސް'އިން ވާހަކަ ދައްކާލި ކޯޗުންގެ ފަރާތުން ފާހަގަވިއެވެ.
އެކަޑަމީތަކާއި ސުކޫލުތަކަށް ހާއްސަ ގަޑީގައި ޓްރެކަށް ދުވަން އައި މީހަކު ބުނީ، އޭނާ އަންނަނީ ދަރިފުޅު އެކަޑަމީއަކަށް ގެންނަން ކަމަށާއި، ދަރިފުޅު ނިމެންދެން ދުވެލަނީ ކަމަށެވެ. އަދި އެހެން މީހަކު ބުނީ، 4-6 އެއީ އާންމުންނަށް ޓްރެކް ބޭނުން ކުރުމުގެ ހުއްދަ ނެތް ގަޑިއެއްކަންވެސް އެނގޭ ކަމަށާއި، އެހެންނަމަވެސް އޭނާއަށް ކަސްރަތުުކުރަން ލިބޭ ވަގުތަކީ އަދި ފަސޭހަ ވަގުތަކީވެސް ހަވީރު ކަމަށްވާތީ ޓްރެކަށް އަންނަނީ ކަމަށެވެ. މާލެ ސަރަހައްދުގައި މާލޭ ސުކޫލުތަކުގެ ދަރިވަރުންނަށް އެތްލެޓިކްސްއަށް ފަރިތަކުރާނެ އިތުރު ގްރައުންޑެއްވެސް ނޯވެއެވެ. އަދި ޒަމާނީ ފެންވަރުގެ ދުވާ ޓްރެކެއްވެސް އެކުވެނި ފިޔަވާ މާލެއަކު ނޯވެއެވެ. އެކަޑަމީތަކުން އެކިކަހަލަ އާލާތްތަށް ބޭނުންކޮށްގެން ހިންގާ ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކާއި، ސުކޫލުތަކުގެ އެތްލެޓިކްސް މުބާރާތްތަކަށް ފަރިތަކުރުންތައް ކުރިޔަށް ގެންދާ ވަގުތު އަދި ގައުމީ މުބާރާތްތަކުގައި ވާދަކުރުމަށް ޓްރޭނިން ހަދަމުންދާ އެތްލީޓުން ޓްރޭނިންގ ހަދަމުންދާ ވަގުތު އާންމުން ޓްރެކަށް ވަދެ އެ ލޭންތައް ބޭނުން ކުރުމުގެ ސަބަބުން ޓްރޭނިންތައް ލަސްވެ، ކުދިންނަށް ބޭނުންވާ ފުލް ސްޕީޑްގައި ނުދުވެވި ކުދިންގެ ފިޓްނެސްއަށްވެސް ބުރޫއަރައެވެ. ސުކޫލު ކުދިންނާއި އެކަޑަމީތަކުގެ ދުވުންތެރިންގެ ޓްރޭނިންތަކަށް ބުރޫ ނާރާނެހެން އެކުވެނީގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެކުވެނި ބޭނުން ކުރާ ކުޅިވަރު އެކަޑަމީތަކުގެ ވަރަށް ބޮޑު އެދުމެކެވެ.
ކިޔުންތެރިންގެ ހިޔާލު
މާލޭ ސުކޫލުތަކުގެ ދަރިވަރުންނަށް ހަމަޖެހިލައިގެން އެތްލެޓިކްސްގެ ހަރަކާތްތައް މާލޭގައި ބޭއްވެން އޮންނަ ހަމައެކަނި ތަނަކީ މާފަންނުގައި އޮންނަ އެކުވެނި ޓްރެކެވެ.
ހަމަ މިގޮތައް ރާއްޖޭގެ ބޮޑު އާބާދީއެއް އުޅޭ މާލޭގަ އާންމު ރައްޔިތުން ދުވެލަން ދާނެ ތަނެއް ނެތް ކަން ވެސް ފާހަގަ ކޮއްލި ނަމަ.