މީލާދީން 1154 ވަނަ އަހަރު ރާއްޖެ އިސްލާމް ވުމަށް ފަހު 1968 ވަނަ އަހަރާ ހަމަޔަށް (1 ޖަނުއަރީ 1953 ން 7 މާރިޗް 1954 ށް މެދުކެނޑުމަކަށްފަހު) ރާއްޖޭގައި ވެރިކަން ކުރަމުން ދިޔައީ ރަސްކަމުގެ ނިޒާމަކަށެވެ. ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ދިވެހިރާއްޖެ ޖުމްހޫރީ ވެރިކަމަކާ ދިމާލަށް ކުރި ދަތުރުގެ ފެށުން އައީ މީގެ 81 އަހަރުކުރިން މީލާދީން 1943 ގައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ވުޖޫދުވީ 1 ޖެނުއަރީ 1953 ގައެވެ. މި ޖުމްހޫރިއްޔާގެ ހަމައެކަނި ރައީސަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެހެންނަމަވެސް މި ޖުމްހޫރިއްޔާ އަދި މުޙައްމަދު އަމީނުގެ ވެރިކަން ދެމިއޮތީ އެންމެ 7 މަހާއި 21 ދުވަހުއެވެ. 7 މާރިޗު 1954 ގައި އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރަސްކަމަކަށް ބަދަލުވިއެވެ. މުޙައްމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު، ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ ޚިޔާލުތަކާއި މަޝްވަރާތައް 1965ގައި ރާއްޖެ މިނިވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. އަދި ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓު ދިނީ ޖުމްހޫރިއްޔަތަށެވެ. މިއާއެކު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނީ 11 ނޮވެންބަރު 1968 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ 7 އޯގަސްޓް 2008 ގައި ތަސްދީގް ކުރެވުނު އާ ޤާނޫނު އަސާސީއެވެ. އާދެ! ފެހި ޤާނޫނު އަސާސީ އެވެ. މިހާތަނަށް 7 ބޭފުޅަކު ވަނީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. އެއީ ރައީސް މުޙައްމަދު އަމީންއާއި ރައީސް އިބްރާހިމް ނާޞިރުއާއި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއެވެ. މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސެވެ.

ޖުމްހޫރީ ވެރިކަމުގެ މާނައަކީ ރައްޔިތުންގެ ވެރިކަމެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމަން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ، އެ ޤައުމެއްގެ ޤާނޫނު އަސާސީގައި ބަޔާންވެ އެނގެން އޮންނަ އުސޫލުތަކުންނެވެ.
ޖުމްހޫރީ ދުވަހަކީ އަޅުގަނޑުމެން ގައުމާމެދު ވިސްނާލުން ރަނގަޅު ދުވަހެކެވެ. ގައުމުގެ މުސްތަގުބަލާމެދު ވާހަކަ ދައްކަން މުނާސަބު ދުވަހެކެވެ. ބައިބައިވުންތަކާއި ފިކުރުތައް އެއްފަރާތް ކޮށް، އެއްބައިވަންތަކަމާއި އެކުވެރިކަން އިސްކޮށްގެންނެވެ. އެހެނީ ވެރިކަމުގެ ނިޒާމާއި ޤާނޫނު އަސާސީއާއި ސިޔާސީ ޕާޓީތައް އުފެއްދުމުގެ މައިގަނޑު ސަބަބަކީ ގައުމު ކުރިއެރުވުމެވެ. ރައްޔިތުން ބާރުވެރި ކޮށް، ގައުމުގެ ކޮންމެ ކަމެއް ނިންމުމުގައި ރައްޔިތުންގެ އަޑު އިއްވުމެވެ. އެހެންކަމުން، މިދެންނެވި މަގުސަދުތައް ހާސިލް ވަމުންދާ މިންވަރު ބެލުމަކީ ގައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ގައުމުގެ މުސްތަގުބަލުގެ ޕްލޭންތައް ރޭވުމަށް އެހާމެ ބޭނުންތެރި ކަމެކެވެ. މިގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމަކަށްވާއިރު، އަޅުގަނޑުމެންގެ ކާބަފައިން މި ގައުމު އަޅުގަނޑުމެންނާހަމަޔަށް ގެނެސްދިން ފަދައިން، އަންނަން އޮތް ޖީލްތަކާ ހަމަޔަށް އަމާނާތްތެރިކަމާއެކު މިގައުމު ގެންގޮސްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ގައުމާމެދު އަޅުގަނޑުމެން އިހުމާލު ވެގެން ނުވާނެއެވެ. ގައުމަށް ގައްދާރުވެ ހިޔާނާތްތެރިވެގެން ނުވާނެއެވެ. ގައުމަށްޓަކައި އަޅުގަނޑުމެންގެ އޮންނަންވީ ނުގުޑާފަދަ ތެދުވެރި ލޯތްބެކެވެ. ގައުމު ކުރިއަރުވާ އާރާސްތު ކުރުމުގެ ގައުމީ ރޫހެކެވެ. ގައުމުގެ ދީނާއި އިސްތިގުލާލު ހިމާޔަތް ކުރުމުގެ މަތިވެރި އަޒުމެކެވެ. ގައުމުގެ މިނިވަންކަމާޢި ސިޔާދަތު ރައްކާތެރި ކުރުމުގެ ވަރުގަދަ ހިއްވަރެކެވެ.

ދިވެހި ރާއްޖޭގެ ފަހުރުވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި ދިވެހިންނަށް ދަންނަވަމެވެ!