އެއްޒަމާނެއްގައި، ނަދީމް ކިޔާ ޒުވާނަކު ކުޑަ އަވަށެއްގައި އުޅުނެވެ. އޭނާ ވަނީ ހަޔާތް ނުވަތަ "ލައިފް"ގެ މާނަ ހޯދުމުގެ ބޭނުމުގައި ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ފޮތްތައް ކިޔުމާއި، ލިޔުންތެރިންގެ ޚިޔާލާއި އަވަށުގައި ދިރިއުޅޭ ކަމުވޮށިގެންވާ މީހުންގެ ބަސްހޯދުމާއެކު ވަރަށްގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް މިއިން އެއްވެސް މަސައްކަތަކުން ނަދީމް ހިތްހަމަޖެހޭ ޖަވާބު ލިބޭގޮތެއް ނުވިއެވެ.
އެހެންގޮތަކުން ޖަވާބު ހޯދުމަށްޓަކައި އޭނާ ދިރިއުޅޭ ސަރަހައްދު ދޫކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިއުމަށް ނިންމިއެވެ. މިދަތުރު ފެށުމަށްފަހު އެކި ތަންތަން ބަލައި، އެކި ދާއިރާތަކުގެ ތަޖުރިބާކާރު މީހުންނާ ބައްދަލުކުރިއެވެ. މިދަތުރުތެރޭގައި ދުނިޔޭގައިވާ އެކިތަންތަނުގެ ގުދުރަތީގޮތުން ލިބިފައިވާ ރީތިކަން ފެނުމާއި ދިމާވި ބައެއް މީހުންގެ ހެޔޮކަމާއި އުފަލާއި ހިތާމަ ތަޖުރިބާކުރުމުގެ ފުރުސަތު ނަދީމަށް ލިބުނެވެ.
މި މަސައްކަތުގައި އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް، ނަދީމް އޭނާގެ ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ލިބަފައެއް ނުވެއެވެ. މި މަސައްކަތުގައި އޭނާ ވަރުބަލިވެ، ނާއުންމީދުވާ ކޮންމެ ފަހަރެއްގައި އޭނާ ހޯދުމަށް މަސައްކަތްކުރާ ޖަވާބަކީ ޚިޔާލީ އެއްޗެއް ކަމުގައި ހިތަށްއަރައެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު، އޭނާ ގަހެއްގެ ދަށުގައި އިށީނދެ އިންދާ ފެނުނީ ކޮކާ ފަންޏަކުން ކޮކާލެއް ނުކުތުމަށް މަސައްކަތްކުރަމުންދާ މަންޒަރެވެ. އެ ކުޑަ ކޮކާ ތޮށިގަނޑުން ނިކުތުމަށް އުފުލަމުންދާ ވޭން ނަދީމް އަށް ފެނި އެއަށް އެހީތެރިވެދިނުމަށް ނިންމިއެވެ.
ނަދީމް އެހީތެރިވެދިނުމަށް އުޅުމުން އެތަނުގައި އިން މުސްކުޅި ބޭބެއެއް އެކަން މަނާކުރިއެވެ. އަދި ބުންޏެވެ. "އެކޮކާ ފަނި އެއުޅެނީ އަމިއްލައަށް ތޮށިގަނޑު ފަޅާލާފައި ނުކުތުމަށް، އެ ކުޑަކުޑަ ސޫފި އެފުލާ ވޭނަކީ އެތޮށިގަނޑުން ނިކުމެ އަމިއްލައަށް އުދުހުމަށްޓަކައި ކުރާ މަސައްކަތެއް، އެކަމުން އެކޮކާލަށް އުދުހުމަށް ބޭނުންވާ ބާރާއި ހަކަތަ ލިބިދޭނެ".
އެހިސާބުން ނަދީމުގެ ވިސްނުމަށް އައީ އިންސާނުންނަށް ވެސް ހަމަ ދިމާވާނީ ހަމަ އެގޮތަށްކަމެވެ. ހަޔާތުގައި ކުރިމަތިވާ ދަތިއުދަނގޫތަކާއި ގޮންޖެހުންތަކުގެ ތެރެއިން ހިތްވަރާއި ބާރު އަދި ހިކުމަތްތެރިކަމުގެ ސިފަތައް ލިބޭކަމެވެ. އެގޮތުން ހަޔާތް އަމިއްލައަށް މާނަކުރެވުނީ ދަތިތަކުން ދުރުވުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި ހިތްވަރާއެކު ދިމާވާ ދަތިއުދަނގޫތަކާ ކުރިމަތިލައި، އެ ކަންކަމުން އަރައިގަންނަން ގަދައަޅާ މަސައްކަތްކޮށް އެކަންކަމުގެ މައްޗަށް ކާމިޔާބު ހޯދައި އަމިއްލަ ނަފްސު ދެނެގަތުމެވެ.
އެ ދުވަހުން ފެށިގެން، ނަދީމް ކުރިން ހޯދަން ބޭނުންވި ސުވާލުގެ ޖަވާބު ހޯދުން ހުއްޓާލުމަށްފަހު ކުރެވުނު މަސއްކަތުން ލިބުނު ފިލާވަޅުގެ އަލީގައި ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އަމާޒުހިފިއެވެ. ހަޔާތުގައި ދިމާވާ ގޮންޖެހުންތަކާއި ފަހިވާ ފުރުސަތުތައް ހެޔޮހިތުން ބަލައިގަތެވެ. މިގޮތަށް އޭނާގެ އަމަލުތައް ބަހައްޓަން ފެށުމުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެމުން ދިއައެވެ. އެހާހިސާބުން ނަދީމަށް ވިސްނުނީ ހަޔާތުގެ ހަގީގީ މާނައަކީ ހޯދޭނެ އެއްޗެއް ނޫންކަމާއި، އޭގެ ބަދަލުގައި އެއީ ތަޖުރިބާކުރަންޖެހޭ ދަތުރެއްކަމެވެ.