މުއްސަނދި ބައްޕައަކު އޭނާގެ ދަރިފުޅަށް ފަޤީރުކަމާއި މައްސަނދިކަމުގެ ތަފާތު އިހުސާސް ކުރުވުމަށްޓަކައި ކުޑަ އަވަށެއްގައި ދިރިއުޅެމުންދިޔަ ދަނޑުވެރި ޢާއިލާއަކާއެކު ވަގުތު ހޭދަކުރުމަށް ފޮނުވިއެވެ.
އެކުއްޖާ އެއަވަށުގައި 3 ރޭ 3 ދުވަސް ހޭދަކުރިއެވެ. ތިންދުވަސް ފަހުން އެކުއްޖާގެ ބައްޕަ އޭނާ ބަލާއައެވެ. ގެއަށް ދިއުމުގެ މަގުމަތީގައި އޭނާގެ ބައްޕަ ސުވާލުކުރިއެވެ.
ބައްޕަ: އެއަވަށުގެ މީހުންނާއެކު ހޭދަކުރި ދުވަސްތަކުގައި ދަރިފުޅަށް ކުރެވުނީ ކޮންކަހަލަ ތަޖުރިބާތަކެއް؟
އެއްވެސް އެއްޗެއް ދަސްވިތަ؟
ދަރިފުޅު: އަހަރެމެންގެ ގޭގައި ބުޅަލެއް އޮވޭ، އެމީހުންގެ ގޭގައި ހަތަރު ބުޅާ ގެންގުޅޭ. އަހަރެމެންގެ ގޭގައި ސްވިމިންގ ޕޫލެއް ހުރޭ، އެތަނުން ބޭރުވާ ފެން ދަނީ ގޯތި ތެރޭގައި ހުންނަ ބަގީޗާތަކަށް. އެމީހުންގެ ގޭކައިރީގައި ސާފު ފެންކޯރެއް އޮވޭ އެކޯރުގައި މަސްތަކާއި އެހެނިހެން ގުދުރަތީ ދިރުންތައް އެކުލެވިގެންވޭ. އަހަރެމެންގެ ގޭގެ ބަގީޗާގައި ކަރަންޓު ބައްތި ހުރޭ، އެކަމަކު އެމީހުންގެ ގޯތިތެރެ އަލިވެފައިވަނީ ތަރި ހަނދުގެ އަލިން. އަހަރެމެންގެ ގޯތި ވަށައިގެން ހުރީ އުސްކޮށް އިންފާރު ރާނާފައި ނަމަވެސް އެމީހުންގެ ގޯތީގައި ހުރީ ގަސްތަކުގެ ފާރެއް. އަހަރެމެން ބާޒާރުން ކާބޯތަކެތި ގަނެގެން ކަނީ. އެމީހުން އަމިއްލަ އަތުން ފެންދީ ހައްދައިގެން އިތުބާރާއެކު ކާއެއްޗެހި ކައްކައިގެން ކަނީ. އަހަރެމެން އަޑުއަހަނީ ލަވަ ސީޑީ ނަމަވެސް އެމީހުން މުނިފޫހި ފިލުވަނީ މެދުކެނޑުމެއްނެތި ގޮވާ ދޫނި ސޫފާ ސޫތްޕާއި އެހެނިހެން ޖަނަވާރުތަކުގެ ހިތްގައިމު އަޑުތައް. އެއާއެކު ދަނޑުބިންތަކުގައި މަސައްކަތްކުރާއިރު ބައެއްފަހަރު އަވައްޓެރިއެއްގެ ލަވަކިޔުމުގެ އަޑު ވެސް އިވޭ، އަހަރެމެން ކައްކަން ބޭނުންކުރަނީ މައިކްރޯވޭވް. އެމީހުން ކެއްކުމަށް ބޭނުންކުރަނީ ދަރު އުނދުން. ވަގުންގެ ކިބައިން ރައްކާތެރިވުމަށްޓަކައި އަހަރެމެން ދިރިއުޅެނީ ގޭގައި ފެންސް ޖަހައި އެލާމް ހަރުކޮށްގެން. އެމީހުންގެ ގެތައް ހުންނަނީ ދޮރުތައް ހުޅުވާލާފައި އުޅެމުންދަނީ އަވައްޓެރި ރަޙްމަތްތެރިންގެ މަދަދާއެކު ރައްކާތެރިކަމުގައި. އަހަރެމެންގެ ދިރިއުޅުން ވަނީ މޯބައިލް ފޯނާއި، ކޮމްޕިއުޓަރާއި އަދި ޓީވީއާއި ގުޅިފަ. އެމީހުން ދިރިއުޅެނީ ސާފު ބޯފެނާއި ގުދުރަތީ ރީތި ދަނޑުބިންތަކާއި، ޖަނަވާރުތަކާއި، އެމީހުންގެ ޢާއިލާތަކާ ގުޅިގެންނެވެ.
ބައްޕަ: ދަރިފުޅުގެ ތިދެއްކި ހުރިހާ ވާހަކަތަކަށް ބައްޕަ ވަރަށްބޮޑަށް ބަލައިގަންނަން.
ދަރިފުޅު: އަސްލު އަހަރެމެންނަކީ ކިހާ ފަގީރު ބައެއްކަން އަހަންނަށް ވިސްނިއްޖެ އެކަމަށްޓަކައި ބައްޕައަށް ޝުކުރިއްޔާ.
ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އަހަރެމެން އިތުރަށް ފަގީރުވަމުންދާ ދުވަހެއް ސަބަބަކީ ގުދުރަތުން ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރު ނުކުރެވޭތީއެވެ.