March 12, 2026 11:44
Advertisement

-Advertisement-

އޮށްވަޅުގޮނޑި ކުޅުމުގެ އާދަކާދައަށް ތާރީޚީ ގޮތުން ބަލައިލުމެއް

ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ރަމަޟާން މަހަކީ ވަރަށް ޚާއްސަ މަހެކެވެ. ރަމަޟާން މަހުގެ ހަވީރު ފިނިވަގުތުތަކާއި ރޭގަނޑުގެ ބައެއް ވަގުތުތަކަކީ ތަފާތު ކުޅިވަރުތަކުން ފަޅުފިލުވާލާ ވަގުތުތަކެކެވެ. މިގޮތުން ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ކުޅިވަރަކީ އޮށްވަޅުގޮނޑި ކުޅުމެވެ. އައްޑިހައިގެ އަހަރުތަކަށް ބަލާއިރު، ކޮންމެ ގެއެއްގައިހެން ރަމަޟާން މަހަށް ތައްޔާރުވާއިރު އޮށްވަޅު ގޮނޑިއަކާއި މަދޮށި ނުވަތަ ބޮލި ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އޮށްވަޅު ގޮނޑިއަކީ މިޒަމާނުގެ ބަހުރުވައިން ނަމަ 'ގޭމް ބޯޑެކެވެ'. މިއީ އާންމުކޮށް ލަކުޑިން ނުވަތަ ފިލައިން ހަދާފައި ހުންނަ އެއްޗެކެވެ. އޮށްވަޅު ކުޅޭ ގޮނޑި އާންމުކޮށް ހުންނަނީ ހަތަރު ފަސް އިންޗީގެ ފުޅާމިނުގައި، ގާތްގަނޑަކަށް ދެތިން ފޫޓުގެ ދިގުމިނުގައެވެ. މި ގޮނޑީގައި ކޮންމެ ފަރާތެއްގައި އަށް ވަޅު، ޖުމްލަ ސޯޅަ ވަޅު ހުރެއެވެ. އަދި ދެކޮޅުގައި 'ފިހާރަ' އޭ ކިޔާ ބޮޑު ދެވަޅު ހުރެއެވެ. ޒަމާނަށް އައި ބަދަލާއެކު މިހާރު ޕްލާސްޓިކުން ހަދާފައިވާ އޮށްވަޅު ގޮނޑިތައް ފިހާރަތަކުން ފަސޭހައިން ގަންނަން ލިބެން ހުރެއެވެ.

އޮށްވަޅު ގޮނޑި ކުޅެނީ ފޮޓޯ: އިންޓަނެޓް

އޮށްވަޅު ކުޅުމުގައި އާންމުކޮށް ބޭނުންކުރަނީ ބޮލި ނުވަތަ މަދޮށި ނުވަތަ ފުނަ އޮށެވެ. ކުޅެން ފަށާއިރު ކޮންމެ ވަޅަކަށް އަށް އޮށް އަޅައެވެ. ކުޅުންތެރިޔާ އޭނާގެ ފަޅިން ވަޅެއްގައި ހުރި އޮށްތައް ނަގައިގެން، ވާތުން ކަނާތަށް ފަހަރަކު ވަޅަކަށް އޮށެއް ލަމުންދާނެއެވެ. ކުޅުންތެރިޔާގެ ފަޅިން ހުސްވަޅަކަށް އެންމެ ފަހު އޮށް ލެވޭއިރު، އެ ވަޅާ ސީދާ އަނެއް ފަރާތުގައި ހުންނަ އޮށްތައް އެ ކުޅުންތެރިޔަކަށް ލިބެއެވެ. މިއަށް ކިޔަނީ 'ބޮވުމެވެ'. އަދި އަނެއް ފަރާތުގައި އޮށެއް ނެތްނަމަ އެއީ 'ހުސްފުށަތުން' ޖެހުމެވެ. މި ކުޅިވަރުގެ މައިގަނޑު މަގުސަދަކީ ވާދަވެރިޔާއަށްވުރެ ގިނަ އޮށް ހޯދުމެވެ.

Advertisement

އޮށްވަޅު ކުޅުމަކީ ހަމައެކަނި ދިވެހިންގެ މެދުގައި އޮތް ކުޅިވަރެއް ނޫނެވެ. 'އޮށްވަޅު' މި ލަފުޒަކީވެސް ސީދާ ދިވެހި ބަހުން އައިސްފައިވާ ލަފުޒެއްކަމަށް ބެލެވޭކަށްވެސް ނެތެވެ. މިހެން މިދެންނެވީ ސަބަބެއް އޮވެގެންނެވެ. މި އާޓިކަލް ލިޔުމަށްޓަކައި އޮށްވަޅު ކުޅުމާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތުން ލިބުނު މަޢުލޫމާތުގެ އަލީގައި މި ކުޅިވަރަކީ އެފްރިކާގެ ޤައުމެއް ކަމަށްވާ ގާނާ ގައި ވަރަށް ޢާއްމު ކުޅިވަރެއްކަން އެނގުނެވެ. އެމީހުން މި ކުޅިވަރަށް ކިޔަނީ 'އޮވާރޭ' (Oware) އެވެ. 'އޮށްވަޅު' މި ލަފުޒަކީވެސް މި ބަހުން އައިސްފައިވާ ލަފުޒެއް ކަމަށް ބެލެވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކުޅިވަރުތަކަށް 'މަންކާލާ' (Mancala) އޭ ކިޔައި އުޅެއެވެ.

އޮށްވަޅު ކުޅުމަކީ ދިވެހި ސަގާފަތުގެ ތެރެއިން ރަމަޟާން މަހުގެ އުފާވެރިކަން އިތުރުކޮށްދޭ، އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކޮށްދޭ ކުޅިވަރެކެވެ. ޒަމާނީ ޓެކްނޮލޮޖީއާއި ވީޑިއޯ ގޭމްތައް އައި ކަމުގައިވިޔަސް، އޮށްވަޅު ގޮނޑީގެ ފޯރި ދިވެހިންގެ ތެރެއިން މުޅިން ފިލައިގެން ނުދެއެވެ. މިއީ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ، ރަމަޟާން މަހުގެ ފަޅުފިލުވައިދޭ އަގުހުރި ސަގާފީ ތަރިކައެއް ފަދަ ކުޅިވަރެކެވެ. 

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް