ދުނިޔޭގެ ތާރީޚުގައި ބައެއް ފަހަރު ފެންނަނީ ހަމައެކަނި ހަނގުރާމައިގެ ބިރުވެރިކަމެއް ނޫނެވެ. އެ ބިރުވެރިކަމުގެތެރެއިން އުފަންވާ، ފަރުބަދައެއް ފަދަ ސާބިތު ހިތްވަރުގެވެރި އިންސާނުންވެސް ފެނިގެންދެއެވެ. ފަލަސްތީނުގެ ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ދޮރުމަތީގައި، އިސްރާއީލުގެ ސްނައިޕަރުންގެ ވަޒަންތަކަށް ބެލުމެއްނެތި، ޒަޚަމްވެފައި އޮތް ޒުވާނަކު ސަލާމަތްކުރަން ދުއްވައިގަތް އަންހެން ޑޮކްޓަރަކީ މުޅި ދުނިޔެ ސިއްސުވާލި ހިތްވަރުގަދަ ޝަޚްސިއްޔަތެކެވެ. އެއީ ޑރ. އަމީރާ އަލް-އައްސޫލީ އެވެ.

ޢާއިލީ ދިރިއުޅުމާއި ޤުރުބާނީ
ޑރ. އަމީރާ އަލް-އައްސޫލީއަކީ ޣައްޒާގެ ޚާން ޔޫނިސްއަށް އުފަން، އެ ބިމުގެ ދަރިއެކެވެ. ޑރ. އަމީރާއާއި ކައިވެނީގެ ގޮތުން ގުޅިފައިވަނީ ކުޑަކުދިންގެ އައި.ސީ.ޔޫގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. ތާރިޤް އަލް-ދަޣްމާއާއެވެ. މި ދެމަފިރިންގެ އުމުރުން 18 އާއި 20 އަހަރާ ދެމެދުގެ އަންހެން ދަރިއަކު ހުރެއެވެ.
ޑރ. އަމީރާއަކީ އާއިލާއަށް އިންތިހާއަށް ވަފާތެރި، އޯގާތެރި، މައިންބަފައިންނަށް ވަފާތެރި ދަރިއެކެވެ. އެތަކެއް ގަރުނެއްވީ މި ހަނގުރާމައިގެ ދަތި ދަނޑިވަޅުގައިވެސް އޭނާ ޣައްޒާގައި މަޑުކުރި އެންމެ ބޮޑު އެއް ސަބަބަކީ އޭނާގެ ބަލި މަންމައަށް ޚިދުމަތްކުރުމުގެ މަތިވެރި ވާޖިބު އަދާކުރުމަށެވެ.
ނަމަވެސް، ހަނގުރާމައިގެ ހިތްދަތިކަން އޭނާގެ ދިރިއުޅުމަށްވެސް ވަނީ ފޯރާފައެވެ. ޚާން ޔޫނިސްގެ އިރުމަތީގައިވާ އަބާސާން އަލް-ޖަދީދާގައި ހުރި އޭނާގެ އާއިލީ ގެދޮރު ބޮން އެޅުމުގެ ސަބަބުން ވަނީ މުޅިން ސުންނާފަތިވެފައެވެ. އަމިއްލަ ބޯހިޔާވަހިކަން ގެއްލުމާ ގުޅިގެން، އޭނާގެ ދިރިއުޅުން މުޅިންހެން ބަދަލުކުރީ އޭނާ ޚިދުމަތްކުރާ މެޑިކަލް ކޮމްޕްލެކްސްތަކަށެވެ. މިކަމުގެ ސަބަބުން އޭނާގެ މުޅި ވަގުތު ހުސްކުރެވިފައިވަނީ ބަލިމީހުންނަށް ފަރުވާ ދިނުމަށާއި އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށެވެ.

ތަޢުލީމީ އަދި ފަންނީ ފެންވަރު
ޑރ. އަމީރާއަކީ އަންހެނުންގެ ބަލިތަކާއި ވިހެއުމާބެހޭ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވައިގެން ހުންނެވި، ފަންނީ ގޮތުން ނުހަނު ގާބިލް ޑޮކްޓަރެކެވެ. އޭނާގެ ހުނަރުވެރިކަން ފާހަގަކޮށްލެވެނީ 'ގައިނަކޮލޮޖިކަލް އެންޑޯސްކޮޕީ' ނުވަތަ އަންހެނުންގެ ބަލިތަކަށް ފަރުވާ ދިނުމުގެ ދާއިރާއިން ހާސިލްކޮށްފައިވާ ޚާއްޞަ ތަމްރީނުތަކުގެ ސަބަބުންނެވެ.
އޭނާގެ މުޅި ކެރިއަރު ބިނާވެފައިވަނީ ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްގައެވެ. ގިނަ އަހަރުތަކެއް ވަންދެން އެ ހޮސްޕިޓަލުގައި ޚިދުމަތް ކުރެއްވުމަށްފަހު، ރަސްމީ ވަޒީފާއިން ރިޓަޔަރވި ނަމަވެސް، އުންމަތަށް ޖެހުނު މުސީބާތާއެކު އޭނާ ދެއްކެވި ހިތްވަރަކީ އޭނާގެ ތަޢުލީމާއި ތަޖުރިބާގެ މައްޗަށް އިންސާނިއްޔަތުކަން އިސްކުރެއްވި ކަމުގެ ދިރިހުރި މިސާލެކެވެ.

ބިރުވެރިކަމުގެ ތެރެއިން އުއްމީދުގެ ދުވުން
ސޯޝަލް މީޑިއާގައި ދައުރުވި އެ ވީޑިއޯއިން ފެންނަނީ ހިތް ހުއްޓޭފަދަ މަންޒަރެކެވެ. ބަޑީގެ އަޑު މެދުނުކެނޑި އިވެމުންދާއިރު، ޑރ. އަމީރާ ގުދުވެގެންހުރެ، ވަޒަންތަކުގެ ތެރެއަށް ދުއްވައިގަންނަ މަންޒަރެވެ. އޭނާގެ މަޤްޞަދަކީ އެންމެ ކަމެކެވެ. ލޭތައް ފައިބަމުންދިޔަ، މަރުގެ ތުންފަތްމަތީގައި އޮތް ޒުވާނަކަށް އެހީތެރިވުމެވެ.
"އަހަރެން ހުރީ ހޮސްޕިޓަލުގެ ތެރޭގައި ހުރި އަހަރެންގެ ކޮޓަރީގައި. ބޭރުގައި ޒަޚަމްވެފައި އޮތް ކުއްޖެއްގެ ވާހަކަ އިވުމާއެކު، އެކުއްޖާއަށް އެހީވުމަށްޓަކައި ނިކުންނަން ނިންމީ." ޑރ. އަމީރާ ކިޔައިދިނެވެ. އޭނާގެ އެ ހިތްވަރު ފެނި، ހޮސްޕިޓަލުގެ އެހެން މުވައްޒަފުންނަށްވެސް ލިބުނީ އާދަޔާޚިލާފު ހިތްވަރެކެވެ. އޭނާގެ ފަހަތުން ސްޓްރެޗަރު ހިފައިގެން އެމީހުން ދުއްވައިގަތީ މަރަށްވުރެ އިންސާނިއްޔަތުކަން އިސްކުރަމުންނެވެ.
އެ ޒުވާނާއާ ހަމައަށް ޑރ. އަމީރާ ފޯރިއިރު، އޭނާ އޮތީ އަމިއްލަ ގަމީހުން ފައި ބަނދެ، ލޭ މަނާކުރަން މަސައްކަތް ކުރާށެވެ. "ޑޮކްޓަރު އަހަރެންގެ ފައި ބުރިކޮށްލާނީ ހެއްޔޭ؟" އޭނާ ސުވާލުކުރިއެވެ. ނޫނެކޭ ބުނެ، ޑރ. އަމީރާ ދިން އުއްމީދަކީ އެ ޒުވާނާއަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

އުންމަތަށްޓަކައި ވީ މަތިވެރި ޤުރުބާނީ
ޑރ. އަމީރާއަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އޭނާއަކީ މިދާއިރާއިން ރިޓަޔަރ ކުރައްވައިގެން، މިސްރުގައި އަމިއްލަ ކްލިނިކެއް ހިންގަވަމުން ގެންދެވި ކުޅަދާނަ އަންހެނުންގެ ބަލިތަކާބެހޭ ޚާއްޞަ ޑޮކްޓަރެކެވެ. ހަނގުރާމަ ފެށުނުއިރު އޭނާ މަސައްކަތްކުރަމުން ގެންދިޔައީ މިސްރުގައި އަމާންކަމާއެކުގައެވެ.
ނަމަވެސް، 2023 ގައި އިތުރަށް ހޫނުވެގެންދިޔަ ހަނގުރާމައިގެ ސަބަބުން، އެ އަމާންކަން ދޫކޮށްލުމަށްފަހު ފުރަތަމަ ލިބުނު ފުރުޞަތުގައި އޭނާ އެނބުރި ޣައްޒާއަށް ދުއްވައިގަތީގަތީ ހިލޭސާބަހަށް ޚިދުމަތް ކުރެއްވުމަށެވެ. ކޮންމެ ދުވަހަކު ސަތޭކަ އެތައް ބަލިމީހުންނެއް ބަލަމުން، ނުނިދާ، ވަރުބަލިކަމެއް ނެތި އޭނާ ކުރަމުންދާ މަސައްކަތަކީ ދުނިޔެ ބަލައިގަންނަ ފަދަ ލާމަސީލު މިސާލެކެވެ.

ޑރ އަމީރާ ހިތުގެ ފުންމިނުން ހިއްސާކުރި އަސަރުގަދަ ޝުއޫރުތައް
ޑރ. އަމީރާގެ ހިތްވަރުގަދަ އަމަލުތަކުގެ ފަހަތުގައި ވަނީ އިންތިހާ ދަރަޖައިގެ ހިތްދަތި، އެހެނަސް މަތިވެރި އިހުސާސްތަކެކެވެ. އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މި ލިޔުންކޮޅަކީ ލޯތަކުން ކަރުނަ ހިލުވާލާނެ ފަދަ އިހުސާސްތަކެކެވެ. ޑރ އަމީރާ ލިޔުނު ބަސްކޮޅު އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް ތަރުޖަމާ ކޮށްލާނަމެވެ.
"އިހުސާސްވެގެންދަނީ، ބޮޑު ހުސް ފަޒާއެއްގެ ތެރެއަށް އެއްލާލެވިފައިވާ ކަހަލަ އިހުސާސެކެވެ. މިދެވެނީ ކޮންތާކަށް ކަމެއް، ނުވަތަ މަންޒިލަށް ފޯރާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް ކުރިއަށް މިދަނީ އިންސާނުންގެ ފުރާނަތައް އުފުލައިގެންނެވެ. އެމީހުންގެ ދިރިހުރުމާއި ދުޅަހެޔޮކަމުގެ ޒިންމާ އުފުލައިގެންނެވެ.
މިއީ ބޮންތަކެއް އަތުރާފައިވާ ދަނޑެއްގެ ތެރޭގައި، އެއްވެސް ރައްކާތެރިކަމެއް ނެތި ހިނގުން ކަހަލަ ކަމެކެވެ. ކޮންމެ ފިޔަވަޅަކާއެކު ހިތް ތެޅެމުންދެއެވެ. މިތަނުގައި ދިރިއުޅުމަކީ ވާގިނެތިފައި ހުރެމެ، ފުރިހަމައަށް ހަރަކާތްތައް ކުރަން މަޖުބޫރުވުން ފަދަ ކަމެކެވެ. ލޯފަން މީހަކު ނުރައްކާތަކުގެ ތެރެއިން މަގު ހޯދަން މަޖުބޫރުވުން ފަދަ ކަމެކެވެ. ހުވަފެން ދެކުމުގެ ހުއްދަވެސް އަމިއްލަ ނަފްސަށް ނުދެވިފައެވެ.
މިއީ ފުރާނަނެތް ހަށިތަކެއްގެ ގުދަނެއްގައި ދިރިއުޅުން ފަދަ ކަމެކެވެ. މިއަދު ކުދި ބޮޑު އެންމެން ތިބީ ނޭވާ ކުރުވެ، އިންތިހާއަށް ވަރުބަލިވެފައެވެ. ފުއްޕާމޭ ވަނީ ކިލަނބުވެފައެވެ. ތަދުތައް ހުރީ އިންތިހާގައެވެ. އެ ތަދުތަކަށް ލުޔެއް ދޭން އަހަރެން ކުރާ މަސައްކަތް ފެންނަނީ ވަރަށް ކުޑަ، ބޭކާރު ކަމެއްގެ ގޮތުގައެވެ.
އަހަރެން ޤަބޫލުކުރާ ގޮތުގައި މި ތަދާއި ހިތްދަތިކަން އަހަރެންގެ ހިތުގައި އަބަދަށް ދެމިއޮންނާނެއެވެ. ކުށެއްނެތް އިންސާނުންގެ މި ވޭނުގެ އިހުސާސް ފަނޑެއް ނުވާނެއެވެ. މީސްތަކުންގެ ކިބައިން ފެންނަ މި މުޑުދާރުކަމާއި އަމިއްލަ އެދުން ބޮޑުކަމަކީ ދުވަހަކުވެސް ނެތިގެން ނުދާނެ ނުބައިކަމެއް ފަދައެވެ.
އަހަރެންގެ ހިތަށް އަރައެވެ. ނިކަމެތިން ފިސްފިސްކުރަން ބާރުގެ ބޭނުންކުރާ މީހުންގެ އަތުން އެ ބާރު އަތުލެވޭފަދަ ބާރެއް އަހަރެންނަށް ލިބޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
އެއްފަހަރާ ގުނާ އަދަދު ނުކުރެވޭހާ ގިނަ ބަލިމީހުން ބަލަން ޖެހުމަކީ ހަމައެކަނި އަހަރެންގެ ހަށިގަނޑު ވަރުބަލިކޮށްލާ ކަމެއް ނޫނެވެ. އެއީ އަހަރެންގެ ސިކުނޑިވެސް ބަލިކޮށްލާ ކަމެކެވެ. އެއީ މަސައްކަތް ބުރަވެގެންނެއް ނޫނެވެ. ނަމަވެސް، އެހީތެރިކަމާއި، ލުޔަށް އެދި އާދޭސްކުރާ އެތައް މިލިއަން ބައެއްގެ ރުއިމުގެ އަޑު ގަދަކަމުންނެވެ.
މިއަދު އަހަރެން ޤަބޫލުކޮށްފީމެވެ. މީހަކު ވާހަކައެއް ބުނަން އުޅޭނަމަ "މަޑުކުރާށޭ" ދުވަހަކުވެސް ނުބުނާށެވެ. އެމީހެއްގެ ފުރަތަމަ ބަސްތައް އަޑުއަހާށެވެ. އެއަށްފަހު ގޮތް ނިންމާށެވެ. ބައެއް ތަދުތަކަކީ މަޑުކޮށްލެވިދާނެ ތަދުތަކެވެ. ނަމަވެސް އަނެއްބައި ތަދުތަކަކީ އެންމެ ހިނދުކޮޅަކަށްވެސް ކެތްކުރެވޭނެ ތަދުތަކެއް ނޫނެވެ."
މުސީބާތްތަކުގައީ އަޅުގަނޑުމެންގެ ޢަމަލުތަށް ހުންނާނޭ ގޮތެއް އެނގޭނީ އެ މުސީބާތެއް ކުރިމަތިވުމުން އެކަންޏެވެ. ޑރ. އަމީރާ އަލް-އައްސޫލީއަކީ ހަމައެކަނި ޑޮކްޓަރެއް ނޫނެވެ. އޭނާއަކީ އަނދިރިކަމުގެ ތެރޭގައި ދިއްލިފައިވާ އުއްމީދުގެ ތަރިއެކެވެ. އޭނާގެ ހިތްވަރުން ދަސްކޮށްދެނީ، ކިތަންމެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިވެސް އިންސާނިއްޔަތުކަން ދިރުވައި އާލާކުރެވިދާނެ ކަމެވެ. އެއީ މިއަދުގެ ދުނިޔެއަށް ބޭނުންވެފައިވާ އެންމެ ވަރުގަދަ އެއް ފިލާވަޅެވެ.













