Advertisement
header ad
XeeTimesXeeTimes
ހާދިސާ: ދޮންއައިސަ އާއި ތޮށިބާމެޝިން ހާދިސާ

ހާދިސާ: ދޮންއައިސަ އާއި ތޮށިބާމެޝިން

އެރި އިރާއެކު ދޮންއައިސަ ބަދިގެ އަށް ވަދެ ތެލިތަށި ގުޑުވަން ފަށައިފިއެވެ. ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ދޮންއައިސަ ފަހުން ދޮވެލަން ބެހެއްޓި ތަށިތަކާއި ތެލިތައް ދޮވެލުމަށްޓަކައި ލިބާހުގެ އަތުކުރި އޮޅާލާ ތައްޓަކަށް ދޮންނަ ދިޔާސައިބޯނި ފޮދެއް އަޅާ ބަދިގެ ބިއްދަށުގައިވާ ހުސް ޖާގާގައި އިށީނދެއްޖެ އެވެ. ދޮންއައިސަ މަޑު މަޑުން އިނދެ ފަހަރަކު ތައްޓެއް ދޮންނަމުން ގެންދެއެވެ. މި މަސައްކަތުގައި އޭނާ އިންދާ ކުއްލި އަކަށް ސިއްސުވާލީ ޖެހިގެން ހުރި ހަރީރާ މެންގެ ގެއިން ތަފާތު އަޑެއް އިވުމުންނެވެ. އިރުކޮޅަކު އަޑުއަހަން އިނދެފައި ދޮންއައިސަ ދުވެފައި ގޮސް އޭނާގެ ފިރިމީހާ ހަސަނު ނިދާފައި އޮއްވާ ތަޅުވާ ގެންފައި ގޮވާ ގަތެވެ.

އޭތް ހަސަނާ ބަލަ! ތެދުވެބަލަ! ހަސަނު ސިހިފައި ގޮސް ހަތަރެސްފައި ކޮޅަށް ޖެހިއެވެ. އަދި ބުންޏެވެ. މާތް ކަލާކޯ ކިހިނެއްތަ ވީ އަނެއްކާ! ބިރެއް ފެނުނީތަ!. ކޮންފަދަ އަރާމު ނިންޖެއްގަ އޮއްވާތަ ތިޔަ ހޭލައްވާލީ! ހަސަނު ބަރިބަރި އަށް ޝަކުވާ އޮއްސާލިއެވެ.

ދޮންއައިސަ: އާދެބަލަ ނިކަން މިހިރަ ހަރީރާ ގެއިން އެއިވޭ އަޑެއް އަހާލަން، ޔަގީން މަށަށް އެއިވެނީ ކޮންމެވެސް މޮޅު މެޝިނެއްގެ އަޑެއް. އެބަ އިވޭ ކިޔާ އަޑުވެސް ވަރަށް މަޑޯ، ފަސޭހަޔޯ ދޮވެލަން އަތަކަށް ތަދެއްވެސް ނުވެޔޯ. ހަމަ އަޅާލީ ދޮވެވުނީއްޔޯ. އަޅޭ ހަސަނާ އެވާ ކަމެއް ނިކަން ބަލާދީބަލަ. މަށަކަށްވާ ދެނެއް ކެތެއް ނުވާނެ. މަގޭ ލަގޮޑި އެބަ ތެޅޭ.

Article - in content
Advertisement

ހަސަނު މުންޑު އަރުވާ ޖަހާލުމަށްފަހު ހަރީރާގެ ގެއާއި ދެމެދު ގައިވާ ވެއްޓިފައިވާ ފާރު ބުރި މައްޗަށް އަރާ ބޯދިއްކޮށްލިއެވެ. ދިމާޔަށް ފެންނަން އޮތް ހާމަ ފެންޑާ ގައި ބަހައްޓާފައި ހުރީ ވަރަށް ނަލަ ދޮންނަ މެޝިނެކެވެ. ފާރު ބުރި މަތީން ފުންމާލުމަށްފަހު ހަސަނު ދޮންއައިސް ގާތަށް ޖެހިލާފައި ބޯ ކަހާލިއެވެ. އަދި ބުންޏެވެ. އެއީ ދޮންނަ މެޝިނެއްގެ އަޑެވެ. ދޮންއައިސަ އަކީ ފިސާރި އެއްޗިހި ބޭނުންވާ މީހެކެވެ. ހަސަނަކީ އެހާ ދަހި މީހެކެވެ. ދޮންއައިސް އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަޅޭ މެޝިނެކޭ! ހަސަނާ ހިނގާބަލަ މަށަށް އޭގެ މެޝިނެއް ގަނެދޭން. ހަސަނު ބުންޏެވެ. ކީއްކުރާ މެޝިނެއްހެއްޔެވެ. މިގޭގަ މި އުޅެނީ އަހަރެމެން ދެމީހުން އެކަނި ނޫން ހެއްޔެވެ. އެހެން ނޫނަސް އެއީ  އެއްވެސް ފަސޭހަ އެއް ވާ އެއްޗެއްނޫނެވެ. އިތުރަށް ފެނާއި ކަރަންޓުގެ ހަރަދުވެސް ބޮޑުވާނެއެވެ. ހަސަނު ގަނެނުދިނުމަށް އެތަކެއް ބަހަނާ އެއް ދެއްކި އެވެ. ނަމަވެސް ދޮންއައިސަގެ އެދުން ބޮޑުކަމާއި އެއްޗިއްސަށް އޮންނަ ދަހިވެތި ކަމަކުން ހަސަނު ދެއްކި އެއްވެސް ވާހަކައެއް އަޑެއް ނޭހިތާ ބަލާ ވެސް ނުލިޔެވެ. ދެފައިތަޅާ ކުޑަ ކުއްޖެއްހެން ދޮންނަ މެޝިނެއް ގަންނަން ރޯން ފަށައިފިއެވެ.

ހަސަނު ހަދާނެ ގޮތް ހުސްވެގެން ކޮޅުކޮޅަށް ދުވެވެން ފަށައިފިއެވެ. އަދި ހިތާހިތާ ކިޔާލިއެވެ.

"މަށަށް މިހިރީ ވާ މީހަކާ އިނދެވިފަ. ބޭނުން ނުވާނެ ހަމަ އެއްވެސް އެއްޗެއް ނޯންނާނެ".

ނަމަވެސް ހަސަނަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ އެވެ. ދޮންއައިސް އަށް މިކަން ނުކޮށްދިއެއް ދެންނުވާނެކަން އެނގުމުން ދުވެފައި ގޮސް ވަނީ ނިދާ ކޮޓަރިއަށެވެ. އަދި ބޮޑު އަލަމާރި ހުޅުވާލުމަށްފަހު ސިޓީ އުރައެއް ނެގިއެވެ. އޭގައި އޮތީ ހަސަނު މިފަހަރު މަހަށް ގޮސްގެން ލިބުނު ލާރި ކޮޅެވެ. ހަސަނު އިންތިހާ އަށް ހާސްވެފައި ހުރެ ލާރި ކޮޅު ގުނާލުމަށްފަހު ތައްހާނުގޭ ފިހާރައާ ދިމާއަށް ހިނގައިގަތެވެ. ފަހަތަށް ފިޔަވަޅެއް ކުރިޔަށް ފިޔަވަޅެއް އަޅަމުން ހުރެ ހަސަނު ހިތާދެކޮޅަށް ހިނގާފައި ގޮސް ތައްހާނުގޭ ފިހާރަ އަށް ވަދެއްޖެއެވެ.

ތައްހާނު ހައިރާން ކަމާއި އެކު ހަސަނަށް ބަލާލިއެވެ. ހަސަނު ޒާތަކަށް ހުރެ އެހިއެވެ. ދޮންނަ މެޝިނު އެބަހުރި ހެއްޔެވެ. ތައްހާނު ފަރުވާ ކުޑަ ގޮތަކަށް ފިހާރައިގެ އެއްފަރާތެއްގައި ބަހައްޓާފައި ހުރި ދޮންނަމެޝިންތަކަށް އިޝާރާތް ކޮށްލިއެވެ. މިހެން ތައްހާނަށް ހަދަން ޖެހުނީ ހަސަނަކީ ގިނަފަހަރު އެއްވެސް އެއްޗެއް ގަންނަ މީހެއް ނޫނެވެ. އެއްޗެހީގެ އަގު ބޮޑުވެ އެކަމާ ޝަކުވާކޮށް ޒުވާބު ކުރާ މީހެކެވެ. ނަމަވެސް ތައްހާނަށް މިފަހަރު ތަފާތު އެއްޗެއް ވިސްނިގެން ބުންޏެވެ. ތިޔައީ މިފަހަރު ގެނާ ވަރަށް މޮޅު ވައްތަރެއްގެ މެޝިނެކެވެ. ތިޔައީ ޖަޕާނުގެ މަޝްހޫރު ތޮށިބާ ބްރޭންޑެވެ. ހަލާކެއް ނުވާނެއެވެ. އުމުރު ވަރަށް ދިގުވާނެއެވެ. މިހެން ބުނުމުން ހަސަނު ބޯކަހާލުމަށްފަހު މެޝިނުގެ އަގު އަހާލިއެވެ. ތައްހާނު ބުންޏެވެ. މެޝިނެއް ދިހަހާސް ރުފިޔާ އަށެވެ. ހަސަނު ސިހިފައި ގޮސް ތެޅިގަނެވުނެވެ. އެހެންނަމަވެސް ދޮންއައިސަ އަށް ވީވަރު ފެނިފައި މެޝިނު ގަނެފިއެވެ.

އިސާހިތަކު މެޝިނު ގެންގޮސް ދޮންއައިސަ އަށް ދީފިއެވެ. ދޮންއައިސަ އުފަލުން ފޮޅިގަތެވެ. އުފަލުން ތެޅެމުން އައިސް މެޝިނުގަޑު ތަޅުވަން ފަށައިފިއެވެ. މެޝިނު ގެއަށްލީ ގޮތަށް ހަސަނު ދިޔައީ ބޯހަމަ ޖައްސާލަން އަތިރިއަށެވެ. ދޮންއައިސަ ބަލާކަށް ނުހުރެ މެޝިންގެ ފޮށިގަނޑު ކަޑާލާ ބޭނުން ކުރަން އެނގޭތޯ ބަލާލިއެވެ. ފޮށިގަޑުން މެޝިނު ނެގުމަށްފަހު ދޮންއައިސަ ރަނގަޅަށް ބަލާލިއެވެ. މެޝިންގެ ބޭރުގައި ބޮޑު ކޮށްލިޔެފައި އޮތީ "ތޮށިބާ" މިހެންނެވެ. ދޮން އައިސަ ގާތަށް އައި ރުޅީން ކުދި ފާތިހާ ކިޔަން ފަށައިފިއެވެ. އަދި ބުންޏެވެ. މީ ކީއްކުރާނެ އެއްޗެއް ހެއްޔެވެ. ތޮށިގަނޑު މިހިރީ ބައު ވެފައެވެ. ކުރާނެ ބޭނުމެއް މިއިން އޮންނާނެ ހެއްޔެވެ. މިހެން ހިތާ ގޭގައި ދަރުފަޅަން ގެންގުޅޭ ބޮޑު ފުރޯ ގެނެސް މެޝިނުގައި ތަޅަން ފަށައިފިއެވެ. ތަޅާ ތަޅާ ގޮސް މުޅި މެޝިނު ހަފުސްކޮށް ފަނާކޮށްލައިފިއެވެ. އިތުރަށް ބޭނުން ނުހިފޭވަރު ކޮށްލައިފިއެވެ.  

ހަސަނު އަތުން ދިޔަ ބޮޑު ހަރަދުގެ ހިޔާލުގައި ހިތާމަ ކުރާ ހާލު ގެއަށް އައިސް ވަދެއްޖެއެވެ. ހަމަ އެވަގުތު ދޮންއައިސް ފައްޗަކަށް ޝަކުވާ އަމުނާލިއެވެ.

ބަލަ ހަސަނާ! މީ ތަ ގެންނަށް އެނގުނު އެއްޗަކީ! ތޮށިގަނޑުބާވެފަ ހުރި އެއްޗެކޯ އޭގެ ބޭރުގަ އެބައޮތް ލިޔެފަ. މަ އެހުރީ އެހެންވެ އިތުރަށް އަދި ހަލާކު ކޮށްލާފަ. ދެން ގެންގޮސް އެ ބާދަގަނޑަށް ކިރާލާ. އޭރުން ދެން ލާރި ލިބެނީ. ރުޅިވެރި ރާގަކަށް ދޮންއައިސަ ބުންޏެވެ. ހަސަނުގެ ހިތާމަވީ އިހުނަށް ވުރެ އިތުރެވެ.

އަޅޭ! ދޮންއައިސާ އެއީ އޭގެ ނަމޭ. ކިތައް ރުފިޔާތަ ތިޔަ ކުދިކުދި ކޮށްލީ! އަދިވެސް އުޅޭތި މީހަކު ކުރާހާ ކަމެއް ކުރަން. ހަސަނު ޝަކުވާ ކުރަން ފެށިއެވެ. ދޮންއައިސަ ހައިރާން ވެފައި އަހާލިއެވެ. ނާހަމަ ތެދެއްތަ! އަޅޭ ކިހާ ދެރަތަ މިވީ ގޮތް. ދޮންއައިސަ އަނެއްކާ ވެސް އަޑުން އަޑުނަގާ ރޯންފެށިއެވެ. އަދި ބިންމައްޗަށް ވެއްޓި އޮވެގެން ރޮމުން ގޮވަމުން ދިޔައެވެ. މިއީ މަގޭ ދަހިވެތި ކަމުގެ ނަތީޖާއެވެ. އެވަރުން ހަސަނު އެއްކޮށް ފައި ހުރި ލާރިކޮޅުވެސް ގެއްލުނީއެވެ. މިއީ ހަމަ މަގޭ ދަހިވެތި ކަމުން ވީ ގޮތެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —