މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ޚިދުމަތް ހޯދާ ކާރޫބާރު ބޮޑު އެއާޕޯޓެކެވެ. މިފަދަ ބޮޑު ޚިދުމަތެއް ދެވޭނީ ތަމްރީން ލިބިފައިވާ ޒިންމާނަގާ މުވައްޒަފުންތަކެއް ތިބެގެންނެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި އެމްއޭސީއެލް އިން ހިއްސާ ކުރި ފޮޓޯއެއްގެ ކެޕްޝަންގައި ލިޔެފައިވެއެވެ. " ކޮންމެ ފިޔަވަޅެއްގައިވެސް ފަރުވާތެރިކަމާއެކު ޚާއްސަ އެހީތެރިކަމެއް ދިނުން. އަޅުގަނޑުމެންގެ ޚާއްސަ ޓީމުން ވަޢުދުވަނީ ފަސިންޖަރުންނަށް މުޅި ދަތުރުގައި ބޭނުންވާ ފަރުވާއާއި އެހީތެރިކަން ވީއައިއޭއިން ލިބޭނެ ގޮތް ހެދުން".
މި ފޮޓޯގައި މިވަނީ ބަލިމީހަކު ފްލައިޓަކަށް އަރުވާ މަންޒަރެވެ. މިފަދަ ވަގުތުތައް ވެގެންދާނީ ބަލިމީހާ އާއި އާއިލާއަށްވެސް ވަރަށް ނާޒުކު ވަގުތަކަށެވެ. ގިނަފަހަރަށް މިގޮތަށް ގެންދާ ބަލިމީހުންނަކީ އެމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ގެންދާ މީހުންނެވެ. މިފަދަ ބަލިމީހުންނަށް ބޭނުންވާ އެކަށީގެންވާ އެހީތެރިކަން އެއާޕޯޓުތެރެއިން ނުލިބިއްޖެނަމަ އެވާނީ ބޮޑު ތަކުލީފަކަށެވެ.
އެމްއޭސީއެލް ފާހަގަކުރެވެނީ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ މުވައްޒަފުން ގަވާއިދުން ތަމްރީންކުރާ ފުރިހަމަ ޚިދުމަތެއް ދިނުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައެވެ. މިގޮތުން އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވެސް (އެއިމް) މެދުވެރިކޮށްވެސް ދަނީ މުވައްޒަފުން ތަމްރީން ކުރަމުންނެވެ.
" އެމްއޭސީއެލްގެ ކުރިއެރުން ބިނާވެފައިވަނީ މެދުކެނޑުމެއްނެތި ތަރައްގީވަމުން އަންނަ، ގާބިލު މަސައްކަތްތެރި މުވައްޒަފުންގެ މައްޗަށް " އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ޖުލައިމަހު އެމްއޭސީއެލްއިން ވަނީ ދަތުރުވެރިންނަށް ލުއިފަސޭހަގޮތް ހޯދައިދިނުމަށް މަޑުކޮށްލައިގެން ތިބުމަށާއި ޚިދުމަތް ދިނުމަށް އާޖާގައެއް ވެސް ހުޅުވާފައެވެ. މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ. މިތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ ވަގުތުތަކެއް ހޭދަކުރެވޭނެ ގޮތަށެވެ.

މީގެއިތުރުން 'ނަން-ވިޒިބަލް ޑިސްއެބިލިޓީސް' ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން "ކާމް ރޫމް" އެއް ވެސް އެމްއޭސީއެލްއިން ވަނީ މިއަހަރު ޖޫންމަހު ހުޅުވާފައެވެ. މިއީ ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް، އެމީހުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، އަޅާލުމާއި އިހުތިރާމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
އެމްއޭސީއެލްގެ މަޤްސަދަކީ ރައްކާތެރި ދަތިކަމެއްނެތް ގޮތަށް ދަތުރުކުރެވޭނެ މާހައުލެއް ޤާއިމްކުރުމެވެ.









