Advertisement
header ad
XeeTimesXeeTimes
މާޒިން: މަންމައާއެކު ކުރި ދަތުރަށްފަހު އެތައްބައެއްގެ އުމްރާ ދަތުރުގެ ބައިވެރިޔަކަށް! ފަރުދުން

މާޒިން: މަންމައާއެކު ކުރި ދަތުރަށްފަހު އެތައްބައެއްގެ އުމްރާ ދަތުރުގެ ބައިވެރިޔަކަށް!

އިސްމާއީލް މާޒިން، ހ ރީތިގަސްދޮށުގެ، މިއީ 'މުސާފިރީން ހައްޖު އެންޑް އުމްރާ' ގުރޫޕު ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ، ދަތުރުވެރިންގެ ހިނިތުންވުމުގެ ފަހަތުގައި ދެގޮތެއްނުވެ ޚިދުމަތްކުރުމުގައި ދެމިހުރި މީހެކެވެ. 'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި މާޒިން ވަނީ ވަރަށް ތަފްސީލުކޮށް އޭނާގެ ތަޖުރިބާ ހިއްސާކޮށްދީފައެވެ.

އެންމެ ފުރަތަމަ ދަތުރު

" އުމްރާގެ އަޅުކަމުގައި އުޅޭތާ 18 އަހަރުވެދާނެ. މަންމައާއެކު އުމްރާއަށް ދާން ލިބުނު ފުރުސަތުގައި އަލަށް ޢުމްރާއަށް ދިޔައީ 1999 ހިސާބުގައި. ފުރަތަމަ ދިޔައީ ބައެއް ގުރޫޕްތަކާއެކު. އޭގެފަހުން ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ދެވިފައި ހުރީ. ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ވިޔަފާރިކޮށްގެން ނަސީބު ދިމާވެގެންވެސް އުމްރާ އަށް ދެވުނު. 1 ލައްކަ ރުފިޔާ ލިބިގެން އާއިލާ އެކީގައި އުމްރާއަށް އެފަހަރު ދިޔައީ". މާޒިން ކިޔައިދިނެވެ.

Article - in content
Advertisement

މުސާފިރީންގެ ފެށުން

މުސާފިރީން ގުރޫޕު އުފައްދާ އުމްރާގެ އަޅުކަމަށް ކޮންމެ އަހަރަކު މީހުން ގެންދާތާ 15 އަހަރުވީއެވެ.

" އުމްރާގެ ފުރަތަމަ ދަތުރުން ފެށިގެން ރަހުމަތްތެރިކަން އުފެދުނު ސަޢުދީގައި އެއިރު ކިޔަވަން ހުރި ކުއްޖަކާ. އަބަދުވެސް އުމްރާއަށް ގިނައިން ދެވޭނެ ގޮތަކީ ކޮބައިތޯ ބެލިން. އެހެންވެ ގުރޫޕެއް މި އުފެއްދީ ރަހުމަތްތެރި އަނަސް އާއި ހުސެއިންގެ އެހީތެރިކަމާއެކު. ގުރޫޕު އުފެއްދުމަށްފަހު ކޮންމެ އަހަރެއްގައިވެސް 4 ފަހަރު ދެވޭ".

މުސާފިރީން ޚިޔާރު ކުރަންވީ ކީއްވެ؟

" ޙަރަމް ކައިރީގައި އާންމުކޮށް ދިވެހިން ތިބޭ ހޮޓާތަކުގެ ތެރެއިން އެންމެ ކައިރީގައި މުސާފިރީންގެ ބައިވެރިން މިތިބެނީ. ވޭތުވެދިޔަ 12 ވަރަކަށް އަހަރުތެރޭ އެއް ހޮޓަލެއްގައި މުސާފިރީންގެ ހަވާލުގައި ދާމީހުން ތިބެނީ. 7 ވަރަކަށް މިނިޓުން ހިނގާފައި ޙަރަމަށް ދެވޭ ހިސާބުގައި ހުންނަ ހޮޓަލެއް އެއީ. ހުރި ސީދަލަށް ދެވޭނެ. މަގު ނުއޮޅޭނެ. އަދި ޑައިރެކްޓް ފްލައިޓުގައި ސައުދީ އެއާލައިނުން ދަތުރުކުރަނީ. ޓްރާންސިޓް ވާކަށް ނުޖެހޭނެ. ޓީމުގެ ފަރާތުން މުއްސަންޖެއް ފަގީރެއް ކުޑައެއް ބޮޑެއް ނުބަލާ އެންމެން ހަމަހަމަކަންމަތީ ޚިދުމަތްދޭނީ". މާޒިން ފާހަގަކުރިއެވެ.

ކެއުމުގެ އިންތިޒާމް

" ކެއުމުގައިވެސް އެންމެނަށް ކެވޭނެކަހަލަ ގޮތަކަށް އިންތިޒާމު ހުންނާނީ. ތަރުކާރީ ކާންބޭނުންވާ މީހުންނަށް ތަރުކާރީ، ދިވެހި ކެއުން ބޭނުންވާ މީހުންނަށް އެގޮތަށް. ހަކުރުބަލީގެ މީހުންނަށް ޚާއްސަ ކެއުމާއި. ކޮފީ ޓީވެސް އަބަދުވެސް ލިބެން ހުންނާނެ. އަޅުގަނޑާއިވެސް ދިމާވާނެ ކޮންމެ ކާގަޑިއެއްގައިވެސް".

އުމުރުން ދުވަސްވީ މީހުން އެކަނި ފޮނުވުމުގެ ބަދަލުގައި އާއިލާ މެންބަރަކު ހުރުން ރަނގަޅު

މާޒިން ފާހަގަކުރި ގޮތުގައި އުމުރުން ވަރަށް ދުވަސްވީ މީހުން އެކަނި އުމްރާ ގުރޫޕުގެ ހަވާލުގައި ދެއެވެ. ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީވާންވެސް އެ ގުރޫޕުގައި މީހުން އުޅެއެވެ.

" އެކަނިމާއެކަނި އުމުރުން ދުވަސްވީ މީހުން ފޮނުވުމުން އެމީހުން އެކަނި އެއުޅޭ ގޮތް ފެނިފައި ދެރަވޭ. ދަރިން މި ފޮނުވަނީ މާމައާއި ކާފަ އުމްރާއަށް. އެކަމަކު އެހީތެރިކަމެއް ނެތި ފޮނުވީމަ އެއީ އެމީހުންނަށްވެސް ލިބޭ ހިތްދަތިކަމެއް. މަދުވެގެން 2 ހަފްތާ ހޭދަވާއިރު ގުރޫޕް ފަރާތުން ކޮށްދެވެން ހުރި ކަންތައް ކޮށްދޭނެ. އެކަމަކު މޫސުން ހުންނަ ގޮތުން ހޫނުއިރު އެހާ ހޫނު، ފިނިއިރު އެހާ ފިނި. ހަރަމަށްގޮސް ތަންތަނަށް ހިނގަންދިއުން އެއީ އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމަކަށް ނުވެދާނެ. ވަރަށް ބޮޑަށް ބަލިވާކަމެއް. އެމީހުންގެ އިހުސާސްތައް ގިނަފަހަރަށް ހިއްސާނުކޮށް ތިބެނީ. އެކަމަކު ދާތާ ދެތިން ދުވަސްތެރޭގައި ބަލިވީމަ ދެރަ. އާއިލާގެ މީހެއް ނެތި އެހާ ދުވަސްވީ މީހުން އުމްރާއަށް ފޮނުވުމަކީ ރަނގަޅުކަމެއް ނޫން".

އެހީތެރިވުމުގައި އަވަދިނެތި

މާޒިން އަކީ ޢުމްރާއަށް މީހުން ގެންދިއުމުގައި ތަޖުރިބާކާރު ބޭފުޅެކެވެ. މާޒިންގެ ތަޖުރިބާގެ ސަބަބުން ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންގެ އަމިއްލަ އުމްރާ ދަތުރުތަކުގައި ޚާއްސަ އެހީތެރިއެއްގެ ގޮތުގައި މާޒިން ވަނީ ގެންގޮސްފައެވެ.

ތަޖުރިބާގެ އަލީގައި މުސާފިރީން ގުރޫޕުގެ ފަރާތުން ފުރިހަމަ ޚިދުމަތެއް ދެވޭތޯ މާޒިން އަބަދުވެސް މަސައްކަތްކުރެއެވެ.

" ގުރޫޕު ހިންގުމުގައި އެންމެ އިސްކޮށް އަޅުގަނޑު އުޅޭއިރު އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އަޅުގަނޑުވެސް ހުންނާނެ އެހެން އެހީތެރިންނާއެކު އުމްރާއަށް ދާ މީހުންނަށް އެހީތެރިވުމަށް. ފައިސާ ގުރޫޕަށް ދެއްކީއްސުރެ ދަތުރު ނިންމާ މާލެ އައުމާއި ހަމައަށް އަޅުގަނޑުމެން ތިބޭނީ ދަތުރުވެރިންނާއެކު. ތަނަކަށް ދިޔަސް ޓީމު އެކީގައި އުޅޭނީ. އަޅުގަނޑުމެންނާއެކީ ގިނަވާނީ ތަކުރާރުކޮށް އުމްރާއަށް ދާމީހުން. އަދި އެމީހުންގެ ފަރާތުން އަންނަ މީހުން ދެން ތިބޭނީ".

ބޭނުންވާ ޚިދުމަތްތައް

ބަލިވެއްޖެ ހާލަތެއްގައި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދެއެވެ.

" ބަލިވެއްޖިއްޔާ އެމީހަކު އުޅޭ ކޮޓަރިއަށް ޑޮކްޓަރާއި ނަރުސްގޮސް ވަރަށްކައިރިން ބަލަމުންދާނީ. ދަތުރުވެރިން ބޭނުންވާގޮތަށް ކޮޓަރި ހަމަޖެއްސުމާއި، އަމިއްލަ ދަތުރުތަކަށް ބޭނުންވާ ވެހިކަލް ހަމަޖައްސައިދޭނެ. ވަކިން ތަނަކަށް ދާން ބޭނުންވިޔަސް އެއިންތިޒާމް ހަމަޖައްސާނެ. އަޅުގަނޑުމެން ޓީމުގައި ހުންނާނެ އަންހެނުންނަށް އެހީތެރިވުމަށް ޚާއްސަ މީހެއްވެސް".

އަހަރަކު 4 ދަތުރު

ކޮންމެ ފަހަރަކު އުމްރާއަށް ގެންދަނީ 100 އާއި 250 އާއި ދެމެދުގެ އަދަދެއްގެ މީހުންނެވެ.

" އަޅުގަނޑުމެންނަށް ބެލެހެއްޓޭ ވަރަށް މީހުން ގެންދަނީ. އަލަށް ދަތުރުކުރާ މީހުން ފިޓްނަސް ލެވެލް ބަލަން ވާނެ. މާލޭގައި އަބަދު ސައިކަލުގައި އުޅެފައި އެހާބޮޑަށް ނުހިނގާ ހުރެފައި ކުއްލިއަކަށް ގޮއްސަ އެވަރަށް ހިނގަންވީމަ ބަލިވުން އެކަށީގެންވޭ. ވެކްސިން ހަމަކޮށްގެން ދުރާލާ ތައްޔާރުވެގެން ގަވާއިދުން ކާންޖެހޭ ބޭސްކައިގެން ސިއްހަތަށް އިސްކަންދިނުމަކީ ވަރަށް މުހިންމުކަމެއް".

މާޒިން ފާހަގަކުރިގޮތުގައި އުމްރާ ދަތުރުތަކުގެ އަގުތަކަށް އަހަރުން އަހަރަށް އަންނަނީ ބަދަލު އަންނަމުންނެވެ.

" އަގުތަކަށް ވަރަށްބޮޑެތި ބަދަލުތައް އަންނަމުން މިދަނީ. ކުރިއަށްއޮތްތާގައިވެސް ބަދަލުއަންނާނެ. ފްލައިޓް ޖާގަ ހުންނަގޮތުންނާއި ތެލުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން އަގު ބޮޑުވަނީ. ބޭރުފައިސާގެ އަގަށް އަންނަ ބަދަލުގެ ސަބަބުންވެސް ދަތުރުގެ އަގު އަންނަނީ ބޮޑުވަމުން. 14 ދުވަހުގެ އުމްރާގެ ދަތުރެއްގެ އަގަކީ 29900 ރުފިޔާ. ރޯދަމަހު ފަހު 15 އަދި 6 ރޯދައިގެ ބައެއް ރޯދައާއެކު އުމްރާ ދަތުރުގެ އަގަކީ 48000 ރުފިޔާ. ޑައިރެކްޓް ފްލައިޓްވީމަ 5 ގަޑިއިރުގެ ދަތުރެއް މިއީ. ގިނަފަހަރު ޗާޓަރުކޮށްގެން ދަނީ. އަޅުގަނޑުމެން ބަލަނީ ދަތުރުވެރިންނަށް އެންމެ ފަސޭހަގޮތެއް".

ތަޖުރިބާ

އުމްރާގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނައަދަދެއްގެ މީހުން ގޮވައިގެންދާއިރު އޭގެތެރޭގައި އުޅެނީ އެކިއުމުރުގެ މީހުންނާއި ތަފާތު މިޒާޖުގެ މީހުންނެވެ. އެ އެންމެންނަށް ބޭނުންވާފަދަ ޚިދުމަތްތައް ދިނުމަކީ ބޮޑު މަސްއޫލިއްޔަތެކެވެ. އެކަމަކު ދަތުރު ނިމޭއިރު އެލިބޭ އުފާވެރިކަން މާޒިން ވަނީ ހިއްސާކޮށްފައެވެ.

" އެންމެ އުފާވަނީ ދަތުރު ނިންމާފައި އަންނައިރު އުމްރާވެރިންގެ ފަރާތުން އެލިބޭ މެސެޖުތައް. ދަތުރުގެ ފުރިހަމަކަމާއި އިންތިޒާމްތައް ރަނގަޅުވެގެން ވާހަކަދައްކާ އަޑުއިވުނީމަ ހިތްހަމަޖެހޭ".

ނިންމުން

މިދިޔަ ރޯދަމަހުވެސް ހަނގުރާމައިގެ ހާލަތު ގޯސްވިއެވެ. އަދި އޭގެފަހުންވެސް ހަނގުރާމައިގެ ހާލަތު ގޯސްވަމުންދިއުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.

" މައްކާ މަދީނާއަށް އަދި ނެތް އެފަދަ ދަތިކަމެއް. އުމްރާވެރިންނަށް ނުދެވޭ ވަރަކަށް ނުރައްކަލެއް ނެތް". މާޒިން

މާޒިން ފާހަގަކުރިގޮތުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެތައް ސަތޭކަބައެއްގެ އެހީތެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން އުމްރާ ދަތުރުތަކުގެ ބައިވެރިއެއްގެ ގޮތުގައި ހުރެވުމެވެ. އަދި އުންމީދަކީ ކުރިއަށްއޮތްތަނުގައިވެސް މިގޮތުގައި ދެމިހުރުމެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —