September 20, 2024 18:21
Advertisement

-Advertisement-

ހައްދުފަހަނައެޅުމާއި ލާދީނީ ފިކުރަކީ އެއް ފައިސާފޮތީގެ ދެފުށް؟

ފަހަރުގައި ދައްކަން މިއުޅޭ ވާހަކައިން ހޫނު ފެނަށްވެސް ވެއްޓިދާނެއެވެ. މިއީ އެކިފަހަރު މަތީން މިވާހަކަ ދައްކަން އުޅުމުން ކުރެވިފަ ހުރި ތަޖުރިބާވެސްމެއެވެ. އެހެންނަމަވެސް މިއަދު މިވާހަކަ ނުދައްކައިވެސް ވާކަށް ނުމެނެތެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިވަގުތު ހުރިހާ ދިވެހީންގެ ނަޒަރު ހުއްޓިފައިހުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށެވެ.

އަހަރެންނަށް މިޚަބަރު ލިބުނީ ގޭގައި ހުއްޓައި، މީހަކު ނިކަން އަވަހަށް ޓީވީ ޖައްސާލަބަލާށޭ، އަންނިއަށް ބޮމުގެ ހަމަލާއެއްދީ މިހާރު އެކަކު މަރުވެއްޖެޔޭ ބުނި ހިސާބުންނެވެ. އެއާއިއެކު އަވަސްވެގަތީ އެކި މީޑިއާތަކުން މިޚަބަރުގެ އިތުރު ތަފްސީލު ހޯދުމަށެވެ. އެންމެ ފުރަތަމަވެސް ބަލާލެވުނީ ސޯޝަލް މީޑިއާގައި އެކި މީހުން ހިއްސާކުރަމުން ދިޔަ ޚަބަރުތަކުގެ ލިންކުތަކަށެވެ. މިހާދިސާގެ ތަފްސީލާއި ބެހޭގޮތުން އިތުރަށް މީހަކަށް މީހަކު ކިޔައިދޭނެ އެއްޗެއް ނެތެވެ. ހުރިހާ މައުލޫމާތެއް އެހުރީ ހޯދަން ބޭނުން މީހަކަށް ފެންނާށެވެ. މިކަމުގެ ތެރެއިން އަހަރެންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ އެކިފަރާތްތަކުން ފާޅުކުރަމުންދިޔަ ހިޔާލުތަކަށެވެ.

އާދައިގެމަތީން އެކި ފަރާތްތަކުން އެބައެއްގެ ރައުޔު މިކަމުގައި ހާމަކުރަމުން އެބަދެއެވެ. އެއީ ކޮންމެހެން އެކަމުގެ ހަޤީގަތައް ބިނާކޮށް ދެކެވޭ ވާހަކަތަކެއްވެސް ނޫނެވެ. ނަމަވެސް މިކަމުގައި ބަދަލު ނުކޮށްލެވޭނެ ހަޤީގަތްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް އެއީ ޓެރަރިސްޓް ހަމަލާއެއްކަމެވެ. މިހަމަލާ ދެވުނީ ދިވެހި ފަސްގަނޑުގައި ކަމެވެ. މިކަމުން އަނިޔާވީ ހަމައެކަނި ރައީސް ނަޝީދަށް އެކަނި ނޫންކަމެވެ. އަދި މިއާއިއެކު، ހަމަޖެހުމާއި ސުލްހަވެރި ޤައުމެއްގެ މެޑަލް ޖަހައިގެން ފަތުރުވެރިކަމުގެ މައްޗަށް އިޤްތިސާދު ބިނާކޮށްގެން އޮތް ދިވެހިރާއްޖެއާއިމެދު ބޭރުގެ ފަރާތްތަކުން ދެކޭނެ ގޮތްތަކެވެ.  

Advertisement

އެންމެފުރަތަ ފާހަގަވީ ކަމަކީ ބައެއް މީހުން ދައްކަމުން ދިޔަ ވާހަކަތަކެވެ. އެމީހުން ބުނަމުން ދިޔައީ މިއީ ސިޔާސީ ޑްރާމާއެއް ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ގާތްވެފައިވުމާއި، ބޮޑުވަޒީރުކަން ހޯދުމަށް ރައީސް ނަޝީދު ކުރައްވަމުން ދިޔަ މަސައްކަތްތަކުގެ ސަބަބުން ގެއްލިފައިވާ މަޤުބޫލުކަން އަނބުރާ ހޯއްދެވުމަށް ޖެއްސެވި ސްޓަންޓެއް ކަމަށެވެ. ސިޔާސީގޮތުން ގެއްލިފައިވާ މަޤުބޫލުކަން ހޯދަން، ނޫނީ ހަމްދަރުދީ ހޯދަން މީހަކު އަމިއްލަޔަށް މަރުވާ ހިސާބަށް ގޮސްދާނެބާއޭ ހިތަށްއެރިއެވެ. ދެން އެންމެ ހައިރާންކަމެއް ލިބުނީ ވަކި ފިކުރެއްގެ ބަޔަކު މިއީ ޝުކުރުވެރިވާން ޖެހޭވަރުގެ ކަމެއްކަމަށް ބުނެ އުފާ ފާޅުކުރަމުން ދިޔަތަން ފެނިފައެވެ. ސިޔާސީ ވާދައިގައި ކެކިގެން އެރި ފިތުނައިގެ ކޯވަރު ރަނގަޅަށް އަހަރެމެންނަށް ބޮވުނީބާއޭ ހިތަށްއެރިއެވެ. ދިވެހިންގެ މެދުގައި އޮންނަކަމަށް ބުނާ އެއްބައިވަންތަކަމާއި އިންސާނިއްޔަތުކަން ކޮބައިބާވައޭ ހިތާހިތާ ސުވާލު ކޮށްލެވުނެވެ.

ޚަބަރުތައް ހޯދަން ސޯޝަލް މީޑިއާގައި މީހުންގެ ހިޔާލުތަކުގެ ތެރޭގައި ފީނަމުން ދަނިކޮށް ދެން ފެނުނީ އަދި މާބޮޑަށް ހައިރާން ކުރުވާކަހަލަ މެސެޖެކެވެ. ދައުލަތުގެ ކުންފުންޏެއްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައިހުރި މީހަކު ޓުވިޓަރގައި ބުނެފައި އޮތީ، މިރޭމީ އޮނަހިރި ރެއަކަށް ވުމުން ސުވަރުގެ ހޯދުމަށް ކޮށްލި ކަމެއްކަމަށެވެ. މިއާއިއެކު އަހަރެންގެވެސް ލޭ ކެކުނެވެ. ރުޅިވެސް އައެވެ. ހާދިސާ ހިނގިތާ 3 ގަޑިއިރު ނުވަނީސް، އަދި މިއީ ކާކު ކޮންބޭނުމެއްގައި ކުރިކަމެއްކަން ނޭގެނީސް، އަދި މިފަދަ މާތް މައްސަރެއްގައި އިސްލާމްދީނުގެ ކަމަކަށް މިގޮތަށް ހަޖޫޖެހުން ބަލައިގަނެވޭނެ ހެއްޔެވެ. ނޫނެކެވެ. ކޮންމެ ކޮންމެ މީހަކީ މިފަދަ ކަންކަން ކުޑަގޮތަކަށް ނަގާނެ މީހެއް ނޫނެވެ.

ރައީސް ނަޝީދަށް މިދެވުނު ޓެރަރިސްޓް ހަމަލާގެ ތަހުޤީގު ވަރަށް ބާރަށް ކުރިޔަށް ދާކަން ފުލުހުންގެ ނޫސްކޮންފަރެންސްތަކުން ހާމަވެއެވެ. މިއާއިއެކު، މިއީ ކޮންކަހަލަ ވިސްނުމެއްގައި ކޮންބައެއް ކުރި ކަމެއްކަން މިހާރު މިއޮތީ އެގި ފެންނާށެވެ. މިކަމުގެ ފަހަތުގައި ވަނީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ ބައެއްކަމާއި މިއީ ޑްރާމާއެއް ނޫންކަން މިއޮތީ އެގިފައެވެ. މިއާއެކީ އަހަރެންގެ ހިތަށްއެރި ސުވާލަކީ، ބޮމުގެ ހަމަލާދީ މަރާލަން މަސައްކަތްކުރާ ހިސާބަށް އަހަރެމެން މިއައީ ކިހިނެތް ހެއްޔެވެ. ޖަވާބާއި ސަބަބުތައް އެހުރީ އަހަރެމެންގެ ލޯކުރިމަތީގައި ފެންނާށެވެ.

ފެހި ޤާނޫނު އަސާސީއިން އެންމެ ބޮޑަށް ލިބިގެން ދިޔަ އެއް ހައްޤަކީ ހިޔާލު ފާޅުކުރުމުގެ ހައްޤެވެ. އަހަރެމެންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މާނަ ކުރެވެނީ ނިކަން މަޖާގޮތަކަށެވެ. އަހަރެންގެ މިނިވަންކަމުގެ ހުދޫދުގޮސް އަނެއް މީހާގެ ގިފިލިތެރެއަށް ވަނަސްވެސް ހެވެވެ. މަގޭ މިނިވަން ކަމެވެ. މިކަން އެންމެ ރަނގަޅަށް ފެންނާނީ ސޯޝަލް މީޑިއާއިންނެވެ. ފާޅުގައި އިސްލާމް ދީނަށް ޖެއްސުން ކުރަނީއެވެ. ކީރިތި ރަސޫލާގެ ސުންނަތަށާއި އިސްލާމް ދީނުގެ ހުކުމްތަކަށް ގޮންޖަހައި ހަޖޫ ޖަހަނީއެވެ. މިއާއެކު، ވަކި ބަޔަކީ ލާދީނީ ބައެއްކަމަށާއި، އެމީހުން މަރަންވެސް ގޮވަމުން ދަނީއެވެ. ފާޅުގައި އެއްވެސް ޖެހިލުމެއް ނެތިއެވެ. މިދެބައި މީހުންކުރެ އެއްވެސް ބަޔަކާއި ބަހުސް ކުރުމަކީ މާނައެއް އޮތް ކަމެއް ނޫނެވެ. ފެކްޓް ނުވަތަ ހަގީގަތުގެ މައްޗަށް ބިނާކޮށް ހުއްޖަތް ދެއްކިޔަސް ޤަބޫލުކުރަންވެސް ބޭނުން ނުވަނީއެވެ.

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލައާއި ގުޅިގެން ފުލުހުން ވަނީ އެފަދަ ކަންކަމަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ކުރިން މިޒާތަށް ވާހަކަ ދައްކަމުން އައި ފަރާތްތަކުން ބުނަނީ އިސްލާމް ދީނަށް ޖެއްސުންކޮށް ލާދީނީ ވާހަކަތައް ދައްކާ މީހުންނަށް އަޅާނެ ފިޔަވަޅެއް ނެތީތޯއެވެ. އެއީވެސް ދޮގެއް ނޫނެވެ. ދީނީގޮތުން ހައްދުފަހަނައެޅުމާއި ހަރުކަށި ހިޔާލުގެ ފިކުރުތައް އިތުރުވަނީ ލާދީނީ ފިކުރުގެ މީހުން އިސްލާމް ދީނަށް ޖެއްސުން ކުރާގޮތަށް ވާހަކަ ދެއްކުމުންނެވެ. ހަމަ އެގޮތަށް، ލާދީނީ ނުވަތަ އިސްލާމް ދީނާއި ދުރު، މިފަދަ ހިޔާލުތައް ގިނަވަނީ ދީނީގޮތުން ހައްދުފަހަނައެޅި ހަރުކަށި ފިކުރުތަކާއި އަމަލުތަކުގެ ސަބަބުންނެވެ. އެހެންކަމުން މިމައްސަލަ ހައްލުވާނީވެސް ދެފަރާތައް ހަމަހަމަކާއިއެކު ފިޔަވަޅު އެޅިގެންނެވެ. މި ދެފިކުރަކީ އެއްފައިސާ ފޮތީގެ ދެފުށޭ ބުނެވިދާނެއެވެ. މިކަމަށް އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ، އަދިވެސް މިފަދަ ކަންތައް ކުރިމަގުގައި ތަކުރާރުވެ، މިތަނަކީ ޕާކިސްތާނު ނޫނީ އަފްޣާނިސްތާން ފަދަ ތަނަކަށްވެސް ވެދާނެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

+1
1
+1
1
+1
0
+1
2
+1
1
+1
0
+1
3

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް