November 21, 2024 14:27
Advertisement

-Advertisement-

ޔޫސުފް: ޅަ އުމުރުގައި ދަނީ ގިނަ ކަންތައްތަކެއް ތަޖުރިބާކޮށް ދަސްކުރަމުން!

އިނގިރޭސިވިލާތުގައި ގްރޭޑް 1 ނިންމުމަށްފަހު، 2 އަދި 3 ނިންމީ މާލޭގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ. އެއަށްފަހު އޮމާން އިން ތަޢުލީމް ހާސިލުކުރި ޔޫސުފް ޝާރިފް އަހްމަދު (ޔޫސުފް) އަށް މިވަނީ އުމުރުން 16 އަހަރުގައި ރަނގަޅު ތަޖުރިބާ އެއް ކުރުމުގެ ފުރުސަތު ލިބިފައެވެ.

މިގޮތުން ޔޫސުފް އަށް ވަނީ، އުގެއިލް ފައުންޑޭޝަން ގެ ފަރާތުން މިއަހަރު ޖުލައިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހަށް ކުރިއަށްގެންދިޔަ 'ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމް' ގައި ބައިވެރިވި ކުދިންގެ ޕޭޕަރުތައް 'މާރކް' ކުރުމުގެ ފުރުސަތު ލިބިފައެވެ.

" ޕޭޕަރުތައް 'މާރކް' ކުރަމުންދިޔައިރު ވަރަށްބޮޑު އެހީތެރިކަމަކަށްވި ލީޑަރސް ޕްރޮގްރާމްގައި ފުރިހަމަކުރި އެކްޓިވިޓީތަކާއި ކިޔަވައިދެއްވި ޓިޔުޓަރސް ދެއްވި ލަފާ. އަޅުގަނޑަށް ދަސްވެފަހުރީ ކުދިން ކިޔެވުން އިތުރަށް ކުރިއަށް ގެންދާނެގޮތަށް ރަނގަޅު ކުރަންވީ ކަންތައްތައް ކިޔައިދޭން." ޔޫސުފް ބުންޏެވެ.

Advertisement
ސްކޫލުގައި ކިޔެވި ގްރޭޑުން އެއްވަނަ އެވަރޑް ވަނީ ލިބިފައި

އުގެއިލް ފައުންޑޭޝަންގެ 3 ޕްރޮގްރާމެއްގައި ވަނީ ބައިވެރިވެފައި

ޔޫސުފް ވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުގެއިލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ 'ދަ ސަރކްލް' ގެ ޕްރޮގްރާމްތައް ކަމުގައިވާ 'ދަ ސަރކްލް ކިޑްސް' އަދި ' ކޯޑިން ފޯރ އެޕްސް' ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ. މިހާރު ފުރިހަމަ ކުރަމުން ގެންދަނީ 'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމް އެވެ. ލީޑަރސް ޕްރޮގްރާމްގައި ދަސްވެފައިވާ މުހިންމު ބައިތައް ޔޫސުފް ވަނީ ކިޔައިދީފައެވެ.

" ވަކިކޮޅަކަށް ބުރަނުވެ ކަންތައްތައް ނިންމުމަށް ދަސްވި. އަދި 'ބަޓަރފްލައި އެފެކްޓް' ގެ އިތުރަށް 'ބެންޖަމިން ފްރެންކްލިން' އެފެކްޓް ދަސްވި. ވިސްނައިގެން ކަންތައްތައް ކުރާނެގޮތް ދަސްވުމުގެ އިތުރަށް ނުފޫޒުގަދަ ލީޑަރަކަށް ވާނެގޮތާއި، ވަގުތަށް ކަމޭހިތުމުގެ އިތުރަށް ޕްރެޒެންޓޭޝަން ހުށަހަޅައިދިނުމުގެ ހުނަރު ދަސްވި."

ސަރކްލްގެ ޕްރޮގްރާމަކަށް ޔޫސުފް ކުރެހި ތްރީޑީ ކުރެހުމެއް

އޮމާން ގައި ގްރޭޑް 10 ގެ ކިޔެވުން ފެށުމަށްފަހު ރާއްޖެ ބަދަލުވެ، އަމިއްލަ ގޮތުން އޯލެވެލް އިމްތިހާން މިއަހަރު ފުރިހަމަކުރި ޔޫސުފް އިތުރަށް ބުނީ އިމްތިހާނަށް ތައްޔާރުވިއިރު ވަގުތުގެ ބޭނުން ރަނގަޅަށް ހިފާނެގޮތް ދަސްވިކަމަށެވެ.

" މިޕްރޮގްރާމްގެ ސަބަބުން ކިޔެވުމުގެ މުހިންމުކަން އިތުރަށް ވިސްނި ކިޔެވުމަށް ބޮޑަށް މަސައްކަތް ކުރެވުނު. ހިންހަމަޖެހޭފަދަ ރަނގަޅު ނަތީޖާއެއް ހޯދުމުގައި ޕްރޮގްރާމްގެ ހިއްސާ ވަރަށްބޮޑު ކަމަށް ޤަބޫލުކުރެވޭ."

'ސަރކްލް ކިޑްސް' ޕްރޮގްރާމްގެ ތަޖުރިބާ އަށް ބަލާއިރު އެޕްރޮގްރާމުން ލިޔުމުގައި ބޭނުންކުރާނެ ތަފާތު ހުނަރުތައް ދަސްވިކަމަށާއި، ޕަބްލިޝްކުރުމަށް 'ތްރީޑީ މޮޑެލް' އެއް ތައްޔާރު ކުރިކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ކޯޑިން ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް، ޖާވާ ސްކްރިޕްޓް ބޭނުންކުރާނެ ގޮތް ވަނީ ދަސްވެފައެވެ. ފައުންޑޭޝަންގެ ހިސްޓްރީ އޮފް ހިޔުމިނިޓީ ޕްރޮޖެކްޓަށް ޔޫސުފް ވަނީ ސަޔާއި ގުޅޭ ގޮތުން ތާރީޚް އެނގޭ ގޮތަށް ލިޔުމެއް ލިޔެފައެވެ. މި ލިޔުމަށް ވަނީ ސައިތައްޓެއްގެ ތްރީޑީ ކުރެހުމެއްވެސް ކުރަހާފައެވެ.

ޔޫސުފް ކުރެހި ތްރީޑީ ސައިތަށި

މިހާރު ކުރަމުންދާ މަސައްކަތްތައް

ޔޫސުފް މިހާރު ދަނީ އައިފޯން އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"މި އެޕްލިކޭޝަން އެހީތެރިވެދޭނެ ނިންމުމަށް ހުރި ކަންތައްތައް ޓްރެކް ކުރުމަށް. މީގެއިތުރުން ފައުންޑޭޝަންގެ ޕްރޮޖެކްޓެއްގައި ޓީމެއްގެ ގޮތުގައި މިދަނީ މަސައްކަތް ކުރަމުން. ވެބްސައިޓް ޑިޒައިން ކުރުމުގެ އިތުރަށް ވެބްޕޭޖްގެ ޔޫސަރ އިންޓަރފޭސް އަދި ކޯޑްތައް ލިޔުމުގައި ޓީމުން ވަނީ މަސައްކަތްކޮށްފައި. މިކަމުގެ ސަބަބުން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްވުމުގެ އިތުރަށް ކޯޑިންގެ ހުނަރު ރަނގަޅުވި."

ސްކައުޓް ހަރަކާތްތަކުގައި އުޅުނުއިރު 2017ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް

ސްކައުޓް ހަރަކާތްތައް

އޮމާން ގައި ޔޫސުފް ދިރިއުޅުނުއިރު އޭނާގެ ބައްޕަ އަކީ އެ ޤައުމުގައި ހިންގަމުންދިޔަ ސްކައުޓް ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރި ސްކައުޓް ލީޑަރަކަށް ވުމުން ސްކައުޓް ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ކަމަށް ޔޫސުފް ވަނީ ބުނެފައެވެ.

" އޮމާންގައާއި ޔޫއޭއީގައި ބޭއްވުނު ސްކައުޓް ކޭމްޕް ތަކުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އެ ކޭމްޕް ތަކުގައި ހައިކިންގ، ޕައޮނީރިންގ ފަދަ ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު. ސްކައުޓް ހަރަކާތުގެ ތެރެއިން ވަރަށްގިނަ ބެޖުތައް ހާސިލްކުރެވިފައިވޭ. އޭގެ ތެރޭގައި ސަވައިވަލް ސްކިލްސް، ފަސްޓްއެއިޑް، ފަޔަރ ފައިޓިންގ، ނެވިގޭޝަން ގެ އިތުރުން ވަރަށްގިނަ ހުނަރުގެ ބެޖު ލިބިފައިވޭ."

އަދި މީގެ އިތުރުން ޑްރަގް ބޭނުން ކުރުމުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރައްކާތެރިކަމާއި ލިބޭ ގެއްލުން އަދި ކެއުން ބައްޓަން ކުރަންވީ ރަނގަޅުގޮތާއި ކަސްރަތު ކުރުމުގެ މުހިންމުކަން ވަނީ ދަސްވެފައެވެ. ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި ލީޑަރެއްގެ ހުނަރު ދަސްވި ކަމަށްވެސް ވަނީ ބުނެފައެވެ.

" އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މަގުމަތިވެފައިވާ ބުޅާފަދަ ޖަނަވާރު ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަތިރިމަތި ސާފުކުރުންފަދަ އިޖުތިމާއީ ހަރަކާތްތަކުގައިވެސް ސްކައުޓެއްގެ ހައިސިއްޔަތުން ބައިވެރިވުމުގެ ފުރުސަތު ލިބުނު."

ކާމިޔާބީތައް

ސްކޫލުގައި ކިޔެވި ދުވަސްވަރު ކިޔެވި ގްރޭޑުން އެއްވަނަ އެވަރޑް ލިބިފައިވެއެވެ. ކިޔެވުމާއި ތަފާތު ކަންތައްތައް ދަސްކުރުމަށް ލިބޭ ކޮންމެ ފުރުސަތަކީވެސް ކާމިޔާބެއް ކަމުގައިދެކޭ ޔޫސުފް ވަނީ 2019 ވަނަ އަހަރު ރޭޑިއޯ ފްރިކުއެންސީ އައިޑެންޓިފިކޭޝަން (އާރު.އެފް.އައި.ޑީ) ޕްރޮޖެކްޓެއް ތައްޔާރުކޮށް ސްކޫލް ސައިންސް އެގްޒިބިޝަން ގައި ހުށަހަޅައިދީފަ އެވެ.

ޔޫސުފް ތައްޔާރުކުރި އާރު.އެފް.އައި.ޑީ ޕްރޮޖެކްޓް

ނިންމުން

ކޮވިޑް-19 ގެ ސަބަބުން ސްކޫލަށް ނުދެވި ހޭދަވި މުއްދަތުގައި އުގެއިލް ފައުންޑޭޝަންގެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ފުރުސަތު ލިބި ވަރަށްގިނަ އެއްޗެހި ދަސްވެފައިވާތީ، ދެއްވި ފުރުސަތައް ޕްރޮފެސަރ ޑރ. ހަސަން އުގެއިލް އަދި ފައުންޑޭޝަންގެ ޓީމަށް ޔޫސުފް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޔޫސުފްގެ މަންމަ ފާތިމަތު މުނާ ފާހަގަކުރި ގޮތުގައި މިޕްރޮގްރާމްގައި ދަރިފުޅު ބައިވެރިކުރީ ލޮކްޑައުންގެ ސަބަބުން ގޭގައި ހުންނަންޖެހުނު ވަގުތުގައި، ލީޑަރޝިޕް ސްކިލް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދިނުމުގެ ބޭނުމުގައެވެ. މިޕްރޮގްރާމްގައި ބައިވެރިކުރިފަހުން ތަފާތު ދާއިރާތަކުގެ މައުލޫމާތު ހޯދުމަށާއި ކިޔެވުމަށް އިތުރަށް މަސައްކަތް ކުރިކަން ފާހަގަކުރެވުނު ކަމަށް މުނާ ވަނީ ބުނެފައެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
3
+1
4
+1
1
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް