September 20, 2024 14:42
Advertisement

-Advertisement-

ވާހަކަ: ތެދުވެރި ލޯތްބެއްގެ ހިތި ނިމުން

އަހަރެންގެ ކައިރީން އަންހެން ކުއްޖަކު ހިނގާފަ ދިޔައެވެ. ހިނިތުންވުން ފިޔަވައި އޭނާގެ ފަރާތުން އިތުރު ހަރަކާތެއް އެރެއަކު ނުފެނުނެވެ. ސުވާލު ކޮށްކޮށް ވަރުބަލިވެއްޖެއެވެ. ޖަވާބަކަށް ލިބެނީ ހަމައެކަނި ހިނިތުންވުމެކެވެ. އޭނާއަކީ އަހަރެންގެ ރަހުމަތްތެރިއެކެވެ. އަހަރެންގެ އަތުގައި އެ ނާޒުކު އިސްތަށިގަނޑު ޖެހޭނީ ކޮންއިރަކުން ބާވައެވެ. ގަޑިން އެގާރަ ޖެހީއެވެ.

މޫސުން ގޯސްވެ ކުޑަކޮށް ކެރީގެ އަސަރު ކުރުމުން ދިޔައީ ގެއަށެވެ. އޮށޯތީމެވެ. ނުނިދުނެވެ. ތަފާތު އެކިގޮތްގޮތަށް ހިޔާލު ކުރެވެން ފަށައިފިއެވެ. ޝާހީނާ އަހަންނާއި ވާހަކަ ނުދެއްކީ އަހަންނަކީ ފަގީރަކަށްވީތީ ކަމަށްވެސް ވެދާނެއެވެ. ނޫން އެހެނެއްނޫނެވެ. މާޔޫސްވުމުގެ ބޭނުމެއްނެތެވެ. އިރާދަކުރެއްވިއްޔާ އަހަންނަށް ޝާހީނާ ލިބިދާނެއެވެ. އަހަރެންގެ ޢުމުރުގެ ފެހި ދައުރެވެ. އާދެ! މިއީ ޝަފްރާޒުގެ ހިޔާލުތަކެވެ. މިރޭ ޝާހީނާ ގެ ހާލަކީ ކޮބައިކަމެއް ނޭނގެއެވެ.

ގަޑިން ބާރަ ޖަހައިފިއެވެ. ކޮޓަރި ހުރީ ދިއްލާފައެވެ. ހަބީބާ ވާހަކަފޮތެއް ކިޔަން އިނދެފައި ގޮސް ޝާހީނާގެ ކޮޓަރީގެ ތަޅުގައި ހިފިއިރު ކޮޓަރިހުރީ ތަޅުނުލައެވެ. ދަރިފުޅާ! ނުނިދާ ކީއްކުރަނީތަ؟ އެވަގުތު ޝާހީނާ ޖަވާބުދިނެވެ. މަންމާ ޝަފްރާޒު ދިޔައީތަ؟ ޝާހީނާ މިހެންބުނުމުން މަންމަ(ހަބީބާ)އަށް ވިސްނުނީ ދަރިފުޅު އިޝްގުގެ ކަނޑެއްގެ އޮއިވަރުގައި ބެހެމުން ދާކަމެވެ. ދަރިފުގެ ކައިރީގައި ހުރެފައި ޝަފްރާޒު ދިޔައީ ގެއަށް ނޫންތަ؟ މަންމަ ބުނެލިއެވެ.

Advertisement

އާނ! މަންމާ ދެންދޭ. އަހަރެން ނިދާފާނަމެވެ. ނަމަވެސް އެރޭ ޝާހީނާގެ ލޮލުން ނިދިވަނީ މަހުރޫމްވެފައެވެ.. ޝަފްރާޒުގެ ހަނދާންތަކުގައެވެ. އޭނާ އެހުރިހާ ސުވާލެއް ކުރިއިރު އަހަންނަށް ޖަވާބު ނުދެވުނީ ކީއްވެ.؟ އަހަރެންނަކީ ފިނޑިއެއްތަ؟ އަހަރެންގެ ޟަމީރު އަހަރެން ޖަވާބުދޭން މަނާކުރުވީތާއެވެ. އެރޭގެ ފިނިވަޔާއި ކެރި، އޭނައާއި އަހަރެން ވަކިކުރުވީ އިއްތިފާގަކުންބާއެވެ. ހިތާހިތާ މިހުރިހާ ސުވާލު ކުރުމަށްފަހު ހިތަށް އެރިއެވެ. އެއްގޮތަކަށްވެސް އެހެންވެގެން ނުވާނެއެވެ. ޝަފްރާޒުގެ އުއްމީދު ތަކުގައި އަހަރެން ކުލަޖައްސައިދޭނަމެވެ. "ލޭޑީސް ފަސްޓް" ބުނާބީދައިން މިކަމުގައި އިސްނަގާނީ އަހަރެންނެވެ. މިހިޔާލުގެ ތެރޭގައި އޮށްވާ ޝާހީނާއަށް ނިދިއްޖެއެވެ. އެއިރު ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ.

ޖެހިގެން އައި ދުވަހުގެ ފަތިހެވެ. އިރުމަތިފަރާތު އުދަރެހުގައި ރަތްވިލާތައް ދެމިފައި ހުއްޓެވެ. ޝަފްރާޒު ވެސް އާދައިގެމަތީން އަތިރިކައިރިން ހިނގާފައި ދަނީއެވެ. ރޭގެ ޖަވާބު ނުލިބުނު ސުވާލު ތަކުގެ ހިޔާލުގައި ހުރެގެންނެވެ. 5:40 ވީއެވެ. އިރުއަރާ ރީތި މަންޒަރު ބެލުމަށްޓަކައި ހޮޅުއަށީގައި އިށީދެއްޖެއެވެ. ފަޒާގެ ތެރެއިން ކޮވެލީގެ އަޑު އިވެމުންދެއެވެ. އެއާއެކު ހާ ގޮވާ އަޑުވެސް އިވެމުންދެއެވެ. މިދެންނެވި އަޑުތަކުގެތެރެއިން އަންހެން ކުއްޖެއްގެ އަޑުއިވުނެވެ. އެދިމާއަށް ބަލާލެވިއްޖެއެވެ. ފެނުނީ މަންމައާއިއެކު ޝާހީނާއެވެ. ކުޑަކޮށް ސިހުމެއް އައެވެ. އެއްޗެކޭ ނުބުނެއިންދާ ޝާހީނާގެ މަންމަ ބުނެލިއެވެ. "ޝަފްރާޒު ތިއިނީ އެކަނިތަ؟" ޝަފްރާޒު ލަދުރަކިފާޑަކަށް "ލައްބަ އެކަނި" އެހެން ބުނުމާއެކު ސިއްރުން ޝާހީނާ ދިމާއަށް ބަލާލެވިއްޖެއެވެ. ހަމަ ރޭގެ ހިނިތުންވުމެވެ. އެހެނަސް މޫނުމަތީން ކޮންމެވެސް ވާހަކަތަކެއް ބުނަންއުޅޭހެން ހީވާކަހަލައެވެ.

"މަންމަ ދެންދޭ އަހަރެންވެސް ކުޑަ އިރުކޮޅަކުންދާނަން" ޝާހީނާ ބުނެލިއެވެ. ޝާހީނާ މިހެންބުނުމުން މަންމަ(ހަބީބާ) އަށް ވިސްނުނީ ރޭގެ ދަންވަރު ދަރިފުޅު ބޭނުންކުރި ޖުމްލައެވެ. "ޝަ،ޝަ،ޝަފްރާޒުއެވެ" މަންމަ ތިދެކުދިންނަށް ހުރަސްއަޅާކަށް ނެތިން އެކަމަކު ލަސްނުވާތި. މިހެންބުނެފައި މަންމަ ދިޔައީ ގެއަށެވެ. މިހާރު އިތުރު މީހެއްނެތެވެ. ހަމައެކަނި ލޯބީގެ ދެމުޖައްސިމާއިން ފިޔަވައެވެ. މަންމަގެ އިޒުނައާއެކު ލޯބީގެ ސަފްހާތައް ފުރާލަން ލިބުނު ފުރުސަތުގެ ބޭނުން ޝާހީނާ ހިފީއެވެ. ޝަފްރާޒު އެއްޗެއް ނުބުނެ މަޑުން އިންދާ ޝާހީނާ ބުނެލިއެވެ. "ހަމަތެދެއް މިބުނީ ރޭގެ ޝަފްރާޒުގެ ސުވާލު ތަކުން އަހަރެންގެ ލޭ ހިނގާ ނާރުތަކަށް އަސަރުތަކެއް ކުރިއެވެ. އެއާއެކު އަހަރެންގެ ވިސްނުން ބަދަލުވިއެވެ. އެހުރިހާ ސުވާލުތަކަށް އަހަރެން ޖަވާބު ދީފީމެވެ." އެސިގުނަލް ޝަފްރާޒުގެ ސިކުނޑިއަށް ލިބުމުން ވަރަށް އުފާވިއެވެ.

ދެކުދިން އެކުގައި ޝާހީނާގެ ގެއަށް ދިޔައެވެ. އެއިރު މަންމަ ހުރީ ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްފައެވެ. މި ނާސްތާގައި ޝަފްރާޒުވެސް ބައިވެރިވިއެވެ. އެވަގުތު ޝާހީނާ "މަންމައަށް ގޮވާފައި އަހާލިއެވެ. "މިއީ ޝަފްރާޒު، އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ޝަފްރާޒު ރަނގަޅުތޯ.؟" މަންމަ "ތިއީ މަންމަގެ ދެލޯފަދަ ދަރިފުޅެވެ. ދަރިފުޅު އެދޭއެދުމަކަށް މަންމަގެ ހުރަހެއްނެތެވެ. ބައްޕަވެސް ރުހޭވާހަކަ އޮތީ ބުނުއްވާފަ." ދުވަސްތައް ގުނަގުނާ ތިބޭނެ ކަމެއްނެތެވެ. "އަވަހަށް ކައިވެނިކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމާދޯ!" މަންމަ ބުނެލިއެވެ. ޝަފްރާޒު އުފަލުން ތެދުވެ "ލައްބަ"މަންމާ! ޝާހީނާގެ މަންމަގެ މިއެދުމާއިއެކު ޝަފްރާޒު އަވަސްއަވަހަށް ގެއަށް ގޮސް މަންމަ އާއި ބައްޕަ އަދި ދައްތަ ކައިރީގައި މިވާހަކަ ދައްކާ އެއްބަސް ވެވުނީ އަންނަ ހުކުރު ވިލޭރޭ ކައިވެނިކޮށް ހަފްލާ ބޭއްވުމަށެވެ. ހުކުރު ދުވަހުގެ ކުރީން ޝަފްރާޒު ހެކިވެރިން ފޮނުވައި ނާއިބު މީހާއަށް އަންގާ މިކަމުގެ އިންތިޒާމް ހަމަޖެއްސިއެވެ. ޝަފްރާޒަކީ ފަގީރު ކުއްޖަކަށްވުމުން ކައިވެނި ހަފްލާގެ ކަންތައް ހަމަޖެއްސީ ޝާހީނާގެ އާއިލާއިންނެވެ. ވަރަށް އަމާންކަމާއެކު ދެލޯބިވެރިންގެ ކައިވެނިކޮށް ނިމިއްޖެއެވެ.

އެގޮތުން ލޯބީގެ ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އެއްދުވަހަކު ޝާހީނާ ވަރަށް ގަދައަށް ހުން އައުމުން ޝަފްރާޒު ކުރުނބާ ހޯދުމަށް ގޭގެ ކައިރީގައި ހުރި ރުކަކަށް އަރާއޮތްވާ ރުކުން ވެއްޓި މައިބަދަ ބިންދައިގެން ދިޔައެވެ. ވަގުތުން ރުއްގަލުބޭސް ކުރާ މީހެއްގެ ކައިރިއަށް ގޮސް ބެލިބެލުމުން އެނގުނީ ބަނޑުން ފެށިގެން ތިރި ހަރަކާތް ނުކުރާކަމެވެ. ތެދުކުރަން އުޅުމުގެތެރޭ މައިބަދައިގެ ބަދައެއް ނުކުމެފައިހުއްޓާ ފެނުނެވެ. އެވަގުތު ބޭސްވެރި މީހާ ބުނެލިއެވެ. ޝަފްރާޒު އަށް ރަނގަޅު ކުރެވޭނެހެން ހީނުވެއެވެ.

ޝާހީނާގެ މޫނުމަތީން ހާސްކަމާއި މޮޅިވެރިކަން ވެރިވެފައި އިނދެ ރޮނީއެވެ. ޝަފްރާޒު އަހަރެންގެ ކައިރިއަށް އާދޭ! އަހަރެން ދޫކޮށްފަނުދާތި އިނގޭ. ޝަފްރާޒުގެ ޖަވާބަކީ ހަމައެކަނި ދެލޯ ހުޅުވާލުމެވެ. އިތުރު އެއްވެސް ހަރަކާތެއް ނެތެވެ. ދެއާއިލާގެ މައިންބަފައިންނާއި ގާތް ރަހުމަތްތެރިން ވެސް ޝަފްރާޒުގެ އެހާލު ދެކެފައި ރޮއި ހިތާމަކުރަނީއެވެ. އޭގެ ދެދުވަސް ފަހެވެ. ޝަފްރާޒު ހަށިފުރާ ނޭވާލާ މަންޒަރު ދެކެން ހުރި ޝާހީނާ ވަރަށް ބާރަށް ރޮއިގަތް އަޑަށް މައިން ބަފައިންނާއި ބޭސްވެރި މީހާ ދުވެއައިސް ބަލާލިއިރު ޝަފްރާޒުގެ ފުރާނަ ދަނީއެވެ. ލޯބިވާ ޝާހީނާ ދޫކޮށްފަ އުޚުރަވީ ހަޔާތައް ދަތުރު ކޮށްފިއެވެ.

ޝަފްރާޒުގެ ކަށުކަމާކެމީގެ ހުރިހާ ކަމެއްވެސް ކުރީ ޝާހީނާގެ ބައްޕައެވެ. އޭގެ ފަހުގައި ޝާހީނާ އިތުރު ކައިވެންޏެއް ނުކުރެއެވެ.

 

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ވާހަކައެކެވެ. އަސްލު ނުގެއްލޭގޮތަށް ވާނީ ބަދަލު ގެނެސްފައެވެ.

+1
5
+1
2
+1
0
+1
4
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް