September 20, 2024 13:47
Advertisement

-Advertisement-

އެވޭލާ ވާހަކަ: ފަގީރަކަސް ދިރިއުޅުމުގައި ކާމިޔާބު ހޯދިދާނެ!

އަހަރެން މިއީ ދެރަ ނިކަމެތި އާއިލާއެއްގެ ކުއްޖެއް ކަމުގައިވިއަސް އަހަރެންގެ ހިތުގެ މުއްސަދިކަން ކުޑައެއްނޫނެވެ. އަބަދުވެސް އަހަރެންގެ އުއްމީދަކީ އެހެންމީހުންގެ މަދަދައް ބަރޯސާނުވެ މައިންބަފައިންނާ އެކު ދިރިއުޅުމެވެ. އަހަރެން ހަނދާން އެބަހުއްޓެވެ. "މަކުތަބަށް ދާން އުޅުނު ދުވަހު ފޮތް އަޅާނެ ދަބަހެއްނެތި ބައްޕަގެ ބާވެފައިވާ މުންޑު ކަފައިގެން ފޮތްއަޅާނެ ދަބަސް މަންމަ ތައްޔާރުކޮށްދިން. ފަންސޫރެއް ނެތި ގޭގެ މަތާރަންފިލާ މަތީގަ އޮތް ފަންސޫރު ބުރިއެއް ހިފައިގެން ދިޔަ ހަނދާން. އަދި ކުދިން އުކާލާ ފޮތްފޮތުގެ ބޭރު ގަނޑު ހޮވައިގެން މަންމަ ފޮތް ތައްޔާރުކޮށްދިން ހަނދާން." މިއީ އަހަރެންނަށް ކިޔަވައިދޭން މައިންބަފައިން ކުރި މަސައްކަތެވެ. އެއާއެކު އެދުވަސްވަރު އަހަރެންގެ އެންމެ މީރު ކާނާ އަކީ ރޯ ފަޅޮލާއި ވަނދު ބަނބުކޭލެވެ.

އެއިރުވެސް ރައްޓެހި ކުދިން އުޅެއެވެ. ދުވަހަކުވެސް އެއިން ކުއްޖަކާއެކީ އެކުދިންގެ ގެއަކަށް ނުދަމެވެ. ބަނޑުހައިވުމުން މަންމަ ކައިރީގައި ރޯދުވަސްވެސް އާދެއެވެ. ކޮންމެވެސް އެއްޗެއްދީ މަންމަ އަހަރެން ރުއްސާލައެވެ. މި ހިތްދަތި ދުވަސްތައް ގުނުމުގައި ދިހަ އަހަރު އުޅެންޖެހުނެވެ. މި ދިހަ އަހަރުގައި މީހެއްގެ ފަރާތުން އަހަރެންގެ އާއިލާ އަށް ބަދުބަހެއް ރައްދުނުވެއެވެ. ލިބެމުންދަނީ ތައުރީފުގެ ބަސްތަކެވެ. ސަބަބަކީ ދަތިހާލުގައި އުޅެމުންވެސް އަހަރެންގެ ނަތީޖާ ރަނގަޅުވުމެވެ. އަހަރެން އެންމެ ލޯބިވާ މަންމަ އާއި ބައްޕަގެ އުއްމީދު ތަކުގައި އަހަރެން އަންނަނީ ކުލަޖައްސަމުންނެވެ. މަންމަ އާއި ބައްޕަ އަހަރެންދެކެ ވަރަށް ލޯބިވެއެވެ. 

މިދެންނެވި ދިހަވަނަ އަހަރު މުޅި މަކްތަބުން އެއްވަނަ ލިބުނީ އަހަންނަށެވެ. ނަތީޖާ ފާޅުކުރުމުގެ ހަފްލާގައި މަންމަ ބައިވެރިވިއެވެ. މަކްތަބު މުދައްރިސް މުހަންމަދު އަނީސް، ކުދިންގެ ނަތީޖާ އާއި ވަނަތައް އިއުލާން ކުރަންފެށިއެވެ. ބެލެނިވެރިންގެ ހިތް އަވަސްވާން ފެށިއެވެ. އެންމެ ފުރަތަމަވެސް މުދައްރިސް ވިދާޅުވީ ކުދިމާގޭ ހަނީފާ މުހަންމަދުގެ ނަމެވެ. މުޅި މަކްތަބުން އެއްވަނަ ލިބުނީ ހަނީފާ އަށެވެ. ހަނީފާގެ މަންމަ އާމިރާ އުފަލުންގޮސް ރޯންފެށިއެވެ. ދަރިފުޅަށް ފަޚުރުވެރި 1 ވަނަ ލިބުނީތީއެވެ. އެދުވަހުއްސުރެ މީހުންގެ ނުރުހުންތެރި ކަމާއި ހަސަދަވެރިކަން އަހަރެންގެ މައްޗަށް ދިޔައީ އިތުރުވަމުންނެވެ. މަލާމާތާއި ފުރައްސާރަ އެހާ ބޮޑުވުމުން މަންމަގެ އިރުޝާދު ގަބޫލުކުރީމެވެ. "ދަރިފުޅާ މީހުންނަށް ރައްދު ނުދޭށެވެ. ކެތްތެރިވެ މާތް ﷲ އަށް ވަކީލު ކުރާށެވެ. މިގޮތަށް ނަފްރަތުގެ ދުނިޔޭގައި އުޅެންޖެހުނީ ދޮޅުމަހެއްހާ ދުވަހުގައެވެ.

Advertisement

ދުވަސްވަރަކީ އަސާސީ ތަޢުލީމް ދަސްކޮށް ދެއްވުމަށް އަތޮޅުތަކުގެ ރަށްތަކަށް ޓީމްތައް ފޮނުއްވި ދުވަސްވަރެވެ. އަހަރެމެންގެ ރަށަށްވެސް ޓީމެއް އަޔެވެ. އިސްކޮށް އުޅުއްވީ ޖަމާލު ކިޔާ ބޭފުޅެކެވެ. ބައްޕަގެ  ރައްޓެއްސެކެވެ. އޭނާ އަހަރެންނަށް ޓީޗަރސް ޓްރޭނިންގ ކޯސް ހެދުމަށް އެހީތެރިވެ ދެއްވަން އެއްބަސްވިއެވެ. އަރެންކަހަލަ ދެރަ ނިކަމެތި ކުއްޖަކަށް އެފަދަ ފުރުސަތެއް ލިބުނީތީވެ އުފަލުން ރޮވުނެވެ. ޖެހިގެންއައި ދުވަހަކީ ޓީމް ފުރާ ދުވަސް ކަމަށް ވުމުން އަހަރެންވެސް ފުރަން ތައްޔާރުވީމެވެ. ވަރަށް އުފާވިއެވެ. ނަމަވެސް މަންމަ އާއި ބައްޕަ، ދުވަސް ކޮޅަކަށް ނަމަވެސް ވަކިވާން ޖެހޭތީވެ ދެރަވެސްވިއެވެ. ފުރަން ކައިރިވީމަ އަތިރިއަށް މަންމައާއިއެކު ދިޔައީމެވެ. އެއްކަލަ ހަސަދަވެރިވި ކުދީން، އެކުދިންގެ މައިންނާއެކު އައިސް އަހަރެންނާއި ދިމާލަށް މަލާމާތާއި ފުރައްސާރައިގެ ބަސްތައް ބުނަމުންދިޔައެވެ. އެމީހުން ކިޔާއެއްޗަކަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ.

މަންމަ ބުނުއްވީ ދަރިފުޅު އެކައްޗެއްވެސް ނުކިޔާށެވެ. "މިއަދު އެއްބަޔަކު ރުޅިވާނެއެވެ. މާދަމާ ލޯބިވާ ބަޔަކުވެސް ތިބެދާނެއެވެ." އެއީ ދުނިޔޭގެ ގާނޫނެވެ. ފަރު ބޭރުގައި އޮތް ބޯޓަށް ދިއުމަށް ބޮއްކުރައަށް އެރީމެވެ. އެންމެ ފަހުގެ ސަލާމަކަށް މަންމައާއި ބައްޕަ އަދި ދުރުގާތިބި މަލާމާތްތެރީންނަށް އަތް ހޫރާލީމެވެ. ބޯޓު ފުރީ އެދުވަހު ދިހައެއް ޖެހިއިރުއެވެ. ކަނޑުމަތީ ދެދުވަސް ވެފައި މާލެ އާދެވިއްޖެއެވެ. ދަންނަ މީހަކުނެތް މުޅިން އާރަށެކެވެ. މައިންބަފައިންގެ ލޯބިން ދުވަސްކޮޅަކަށް ނަމަވެސް މަހުރޫމް ވީއެވެ.

އެތަކެއް ފޮނި އުއްމީދުތަކާއެކު ކްލާސް ފެށިއްޖެއެވެ. އެއިރު ކްލާސް ކުރިއަށްގެންދިޔައީ މާފަންނު ބޮޑުގޭ ކިޔާ އިމާރާތެއްގައެވެ. ދެޖިންސްގެ ސަތޭކަ ވަރަކަށް ކުދީން އެކި ކްލާހުގައި ތިއްބެވެ. އޭރު އެއްވެސް ރައްޓެއްސެއް ނެތެވެ. ފުރަތަމަ މުދައްރިސް ފެނުނު ދުވަހު ވަރަށް ބިރުގަތެވެ. ހަށިގަނޑު މުޅިން ފިނިވެ ގޮޑީގައި އިނީމެވެ. މުދައްރިސް ހާޒިރީ އަށް ފަރުވާތެރިވާން ދަރިވަރުންނަށް އިރުޝާދު ދެއްވަމުން ގެންދެވިއެވެ. އަހަރެން އިނީ ފަރުވާތެރިވެ އަޑުއަހާށެވެ.

ދުވަސްތައް މާޒީއާއި އެކުވަމުންދާވަރަކަށް ކުލާހުގައި ކުދިކުދި ޓެސްޓްތައް ނަގަމުން ދެއެވެ. ކްލާހުގެ ދެވަނަ ދަރަޖާގައި ހިމެނެއެވެ. އަހަރެން މާލޭގައި އުޅުނު ގޭގެ ވެރީން، ޖަމާލުބެ އާއި އޭނާގެ އަންހެނުން ވަރަށް ރަނގަޅެވެ. އަބަދުވެސް ނަސޭހަތާއި ހެޔޮބަސްތަކުން އިރުޝާދު ދެއްވައެވެ. ގޭތެރޭގެ ކަމެއްކުރަން ނުޖައްސައެވެ. ނަމަވެސް ހުކުރު ހޮނިހިރު ދެދުވަހުގައި ކޮންމެވެސް ވަރަކަށް ބަދިގެ ތެރެއަށް ވަދެއުޅެމެވެ. އެއީވެސް އެމީހުންގެ ނުރުހުމުގައެވެ.

ދުވަސްތައް މާޒީއާއި އެކުވެ ދަމުން ގޮސް ކޯހުގެ ފައިނަލް އިމްތިހާނު އަތުވެއްޖެއެވެ. އިމްތިހާނުން ވާނެގޮތެއް ނޭނގޭތީވެ ހާސްވެސް ވިއެވެ. ނަމަވެސް ސާބިތުކަމާއެކު ޕޭޕަރު ހެދީމެވެ. އޭގެ ހަފްތާއެއްގެ ފަހުން ނަތީޖާ ލިބުނުއިރު އެއްވަނަ ދަރަޖާގައި ފާސްވިއެވެ. މުޅި ކުލާހުން އެއްވަނަ ލިބުނީތީވެ ވަރަށް އުފާވިއެވެ. ޖަމާލުބެއާއި ދައްތަވެސް ވަރަށް އުފާވިއެވެ. މިޚަބަރު މަންމަމެންނަށް ލިބުމުން އެމީހުން ނުހަނު ބޮޑަށް އުފާވިއެވެ. މިހާރު ޓީޗިންގ ކޯހުގެ ސެޓްފިކެޓް ވެސް ވަނީ ލިބިފައެވެ. އެއާއެކު ޓީޗަރެއްގެ ވަޒީފާވެސް ވަނީ ލިބިފައެވެ. މާތް ﷲ އަށް ޝުކުރު ކުރީމެވެ. ހިތުގެ އެންމެ ފުންމިނުން މަންމަ އާއި ބައްޕަ އަށް ޝުކުރުގެ ޖިޒީތައް ފޮނުވީމެވެ. ޖަމާލުބެއާއި ދައްތަގެ އެހީތެރި ކަމަށްޓަކައި ތައުރީފް ކުރީމެވެ. ދެން ކުރިމަތިވީ ހަޔާތުގެ އަމަލީ ދައުރަކާއެވެ. ވަޒީފާ ލިބުނީ އަހަރެންގެ ރަށުގެ މަދަރުސާއިންނެވެ. މިއީ އެކިމީހުންގެ ރުހުމާއި ނުރުހުންތެރިކަން ލިބޭނެ ކަމެއްކަން ވެސް އެނގެއެވެ. ނަމަވެސް ސާބިތުކަމާއެކު ވަޒީފާ އަދާ ކުރެވޭތޯ ބަލާނަމެވެ.

މަންމަ އާއި ބައްޕަގެ އެދުމުގެ މަތީން ރަށަށް އަންނަން ފުރައިފީމެވެ. މާކޯނި ބޯޓު ރަށުގެ ބޭރަށް މަޑުކޮށްފިއެވެ. ބޯޓުގެ ތެރޭގައި ހުރެ ރަށާއި ދިމާއަށް ބަލައިލީމެވެ. އަތިރިމަތީގައި ވަރަށްގިނަ މީހުން އެއްވެފައި ތިއްބެވެ. ބޮއްކުރައެއްގައި ބައްޕަ އަހަރެން ގޮވައިގެން އައިސް ރަށުގެ ގޮނޑުދޮށަށް ކައިރިކުރިއެވެ. ސުބުޙާނަﷲ، އެއްކަލަ އަހަންނާއި ދިމާއަށް މަލާމާތާއި ފުރައްސާރަކޮށް އެއްޗެހިކީ ކުދިންނާއި ބެލެނިވެރިން މިއަދު އެތިބީ މާފަތި ހިފައިގެން އައިސް އަހަރެންނަށް މަރުހަބާ ކިޔާށެވެ. ހަނދާންވެގެން ދިޔައީ އަހަރެން ފުރިދުވަހު މަންމަ ބުނުއްވި ޖުމްލައަށެވެ. "މިއަދު އެއްބަޔަކު ރުޅިވާނެއެވެ. މާދަމާ ލޯބިވާ ބަޔަކުވެސް ތިބެދާނެއެވެ." އެއީ ހަމަ ރަނގަޅު ތެދެކެވެ. މިއަދު ރަށުގެ ހުރިހާ މީހުންހެން އެތިބީ "ލޯބީގެ ގުލްދަސްތާ ތަކުން އަހަރެންނަށް ބަރުތީލުކުރާށެވެ. މިއީ ހަމަ ދުނިޔޭގެ އާދައެވެ.

 

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ވާހަކައެވެ. އަސްލު ނުގެއްލޭގޮތަށް ވާނީ ބަދަލު ގެނެސްފައެވެ.

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް