November 22, 2024 08:26
Advertisement

-Advertisement-

ނަދީމް އާއި ސަފޫ

ފިރިމީހާގެ ކުއްލި މަރާއެކު 2 ކުދިންގެ ހައްގުގައި ސަފޫ ކުރަމުންދާ ހިތްވަރު!

ދުނިޔެ އަކީ އިމްތިހާނެކެވެ. އެކި މީހުންނަށް ދިމާވާނީ އެކި ގޮތެވެ. މިއަދު އުފަލުގައި ދިރިއުޅޭ މީހާ އަށް މާދަމާ މެދުވެރި ކުރައްވާނެ ގޮތެއް ނޭނގޭނެއެވެ. އަޅުގަނޑުމެންނަށް އޮތީ އިމްތިހާނަށް ކެތްކުރުމެވެ. ފުލުހުންގެ ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއީލް ނަދީމަށް ހާޓްއެޓޭކެއް ޖެހި ކުއްލިގޮތަކަށް ނިޔާވީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

ބ. ހިތާދޫ އަށް އުފަން އުމުރުން 37 އަހަރުގެ ނަދީމް އާއި ޏ.ފުވައްމުލަކު ދޫނޑިގަން ސަފްވާ އަހްމަދު (ސަފޫ) އަކީ ވަރަށް ލޯބިން ދިރިއުޅުނު ދެމަފިރިންނެވެ. ނަދީމްގެ އެހެން ކައިވެންޏަކަށް 13 އަހަރުގެ އަންހެން ކުއްޖަކު ހުރިއިރު، ނަދީމް އާއި ސަފޫގެ ތިބެނީ 5 އަހަރުގެ ފިރިހެން ކުއްޖަކާއި އަންނަ ޑިސެންބަރު މަހު 2 އަހަރު ފުރޭ އަންހެން ކުއްޖެކެވެ.

ޒީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސަފޫ ވަނީ ނަދީމް މަރުވިއިރު ކަންތައް ދިމާވިގޮތް ކިޔައިދީފައެވެ. ސަފޫ ވެސް އެއިރު ދިރިއުޅެމުން ދިޔައީ ފިރިމީހާ އާއި އެކު ބ.އޭދަފުށީގަ އެވެ.

Advertisement

" އެދުވަހު ނ. އަތޮޅުގައި އުޅެފައި އައިދުވަސް އެއީ. އޮފީސްތަކުގެ ފުޓްސެލް މުބާރާތެއްގައި ކުޅެންހުއްޓާ ފުރަތަމަ ބޯ އަބުރައިގަތީކަމަށް ވަނީ. ކުޅުން ހުއްޓާލާފަ ދެން އަނެއްކާވެސް ރަނގަޅުވީމަ ކުޅެން ފެށިކަމަށް މައުލޫމާތު ލިބެނީ. ނަދީމް ހޮސްޕިޓަލަށް ގެންދިއުމަށްފަހު ޑޮކްޓަރުން ނުބުނޭ ސަފޫ ކައިރީގައި ވީގޮތެއް. މާލެ ގެނައި އިރުވެސް އުންމީދު ކަނޑާލާފަ ކަމަށް ވަނީ. ފިރިމީހާގެ އާއިލާގެ މީހުން ރަށުގައިތިބެފަ އައީމަ އެމީހުން ކައިރީގައި ޑޮކްޓަރު ތަފްސީލް ކިޔައިދިނީ." ނ.ރ.ބ.ޅ އަތޮޅުގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނަދީމް ނިޔާވިގޮތް ކިޔައިދެމުން ސަފޫ ބުންޏެވެ.

ސަފޫ ބުނިގޮތުގައި ނަދީމަކީ ހިތުގެ މައްސަލައެއް ހުންނަ މީހެކެވެ. މިގޮތުން ހިތުގެ އެއްފަޅި ހުންނަނީ ވަރަށް ބޯކޮށް ދުޅަވެފަކަހަލަ ގޮތަކަށެވެ. ޑޮކްޓަރުން ވަނީ މީހާ ވަރުބަލިވާކަހަލަ ކަންތައްތައް ނުކުރަން ލަފާދީފަ ކަމަށްވެއެވެ.

" އަބަދުވެސް ވަރަށް ފުޓްބޯޅަ ކުޅޭ ހިތްވާނެ. ކުޅެފަ އައިމަވެސް އަހަން ވަރުބަލިވޭހޭ. ވަރުބަލިވިއަސް ނުބުނާނެ ކުޅޭ ހިތްވާވަރުން." ސަފޫ ކިޔައިދިނެވެ.

ނަދީމް އާއި ސަފޫގެ ދެކުދިން

ކުދިންނަށް އައި ބަދަލު

5 އަހަރުގެ ދަރިފުޅަކީ ވަރަށް މަޑުން ހުންނަ ކުއްޖެއް ކަމަށް ސަފޫ ވަނީ ބުނެފައެވެ.

" ކުޑަ ދަރިފުޅު ބުނާނެ ޑެޑީ މައްޗަށް ދިޔައީއޭ.. ޑެޑީ ނައަންނާނޭ.. ގޭގަ އޮތް ތުވާއްޔެއް ފެނިގެންވެސް ބުނަނީ ޑެޑީގެ ތުވާއްޔެކޭ.. ޑެޑީ ބޭނުންކުރާ ވައްތަރު ލޯޝަން ފުޅިއެއް ފެނިއްޖިއްޔާ ބުނާނެ އެއީ ޑެޑީ ލޯޝަން ފުޅިއޭ.. މޫނު ބަލަންވެސް ގެންދިޔައިން. ބޮޑު ދަރިފުޅު ކައިރީގައި އެހިއަސް ނުބުނޭ ޑެޑީ ނެތިގެން ދެރަވެއޭވެސް. އެއްވެސް އެއްޗެކޭ ނުބުނޭ ޑެޑީ ނުފެނިގެން. ވެދާނެ ބުނަން ބޭނުންވާއެތި ބޭރުކުރަން ބޭނުން ނުވަނީ ކަމަށްވެސް."

ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަން ކުދިންނަށް ދަނީ ކިޔައިދެމުންނެވެ. ނަދީމަކީ 3 ކުދިން ދެކެވެސް ވަރަށް ލޯބިވާ މީހެއް ކަމަށް ސަފޫ ވަނީ ބުނެފައެވެ.

ދިރިއުޅުމުގައި ހިތްވަރު ހޯދާގޮތް

ދިރިއުޅުމުގައި ހިތްވަރު ހޯދަނީ ނަމާދުކޮށްގެން ކަމަށާއި، ކެތްތެރިކަން މެދުވެރި ކޮށްދެއްވުމަށް އަބަދުވެސް ދުޢާކުރާ ކަމަށް ސަފޫ ވަނީ ބުނެފައެވެ.

" އެކަނިވީމަ ވަރަށް ރޮވޭ. ދަރިންގެ ހައްގުގައި ހަމަ ކެތްކުރެވޭތޯ ބަލަނީ. އެކުދިން ވަރަށް ކުޑަވީމަ ވަރަށް ދެރަވޭ. ފުރަތަމަ 1 ހަފްތާ ވަންދެން ވަރަށްގިނައިން ރޮވުނު. ނިޔާވި ދުވަހު ރޮވެން ފެށުނީމަ ވެސް ބޮޑު ދަރިފުޅު ބުނީ ކީއްވެހޯ ރޮނީ. އެކުދިންނަށް އަސަރު ކުރާނެތާ އަބަދު ރޯތަން ފެނުނީމަ. މިއީވެސް އިމްތިހާނެއް. ކެތްކުރުން އޮތީ. މި އިމްތިހާނުން ފާސްވޭތޯ މަސައްކަތް މިކުރަނީ.."

ނަދީމާނުލާ ދިރިއުޅުން މިހާރު ވަރަށް އެކަނިވެރި ކަމަށް އަސަރާއިއެކު ސަފޫ ވަނީ ބުނެފައެވެ.

ނަދީމް ކުޑަދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް

ނިންމުން

ސަފޫ އާއި ދެކުދިން މިވަގުތު ދިރިއުޅެމުން ދަނީ މާލޭގައި ތިމާގެ މީހަކު ދިރިއުޅެމުންދާ އެޕާޓްމެންޓެއްގައެވެ. ހިޔާ ފުލެޓުން ނަދީމަށް ލިބުނު އެޕާޓްމެންޓްގެ މަސައްކަތް އަންނަމަހަށް ނިމޭނެ ކަމަށް އުންމީދު ކުރެވޭއިރު އެތަނަށް ދިރިއުޅުން ބަދަލުކުރުމަށް ސަފޫ ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޓަވިއު ނިންމާލަމުން ވެސް ބުނީ ނަދީމުގެ ކުއްލި މަރު މިއީ ލިބުނު ޝޮކެއް ކަމަށެވެ.

" ކުއްލިއަކަށް މަރުވީމަ ވަރަށް ދެރަވޭ.. އެކޮޅުގައި އުޅުނުއިރު ވަރަށް ގިނައިން ދާނެ ރަށްރަށަށް. އެއް ހަފްތާއަށް ވެސް ދާނެ. އަދިވެސް ގަބޫލެއް ނުކުރެވޭ. ހީވަނީ ހަމަ އެގޮތަށް ރަށަކަށް ގޮއްސަ ހުންނަހެން. ދެން ހަމަ ހީވަނީ ކުރިމަތިން ފެންނަހެން. ކުރިން ދުވަހު ހަނދާންވެގެން ފޯނު ނެގިން ނަދީމަށް ގުޅަން ވެސް. ވަރަށް ހަނދާން ނައްތަން އުދަގޫ އެހާ އަޅާލުމާއި ލޯބިދިން މީހެއް ވީމަ."

ޒީޓައިމްސް އިން އެދެނީ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާ، ނަދީމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. ސަފޫގެ ދުޢާއަކީ ވެސް ލޯބިވާ ފިރިމީހާ އަށް ހެޔޮގޮތް މިންވަރު ކުރެއްވުމެވެ.  

+1
2
+1
5
+1
1
+1
1
+1
2
+1
2
+1
176

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް