November 22, 2024 20:51
Advertisement

-Advertisement-

ހަކުރުބަލީގައި އަހަރަކު 1 މިލިއަން މަރު! އަޅާނުލާ ތިބެވޭކަށްނެތް

ހަކުރު ބައްޔަކީ ގިނަ އަހަރުތަކެއް ވަންދެން އެ ބައްޔާއެކު އުޅެންވެއްޖެނަމަ ނާޒުކު ގުނަވަންތައް ހަލާކުކޮށްލާ ބައްޔެކެވެ. ހިތާއި، ލޮލާއި، ކިޑްނީ އާއި ނާރުތަކާއި، ބްލަޑް ވެސަލްސްތަކަށް ސީރިއަސް ގެއްލުންތައް ދޭ މިބަލި ތަހައްމަލު ކުރާ 422 މިލިއަން މީހުން މުޅި ދުނިޔޭގައި އެބަތިއްބެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ހަކުރުބަލީގައި އަހަރަކު 1.5 މިލިއަން މީހުން މަރުވެއެވެ. މިއީ  އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އަދަދުތަކެކެވެ.

މިއަދަކީ ދުނިޔޭގައި ފާހަގަ ކުރާ ހަކުރުބަލީގެ ދުވަހެވެ. މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ "އެކްސެސް ޓު ޑައިބެޓީސް ކެއާ" އެވެ. ހަކުރުބަލީގެ ފަރުވާ ލިބިގަތުމުގެ ފުރުސަތު ދިނުމަށް މި އަހަރު ތީމްގައި ގޮވާލާފައިވާއިރު، ހަކުރުބަލީގެ މީހުންނަށް ބޭސްފަރުވާ އާއި އިންސިއުލިން އަތްފޯރާއަގުގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ގޮވާލާފައެވެ. 

އަދި އަތްފޯރާ އަގުގައި ބޭސްފަރުވާއާއި އިންސިއުލިން ލިބޭނެ މަގުފަހިކޮށްދިނުމަކީ ހަކުރުބަލީގެ މީހުން ދިރިތިބުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް އެ ޖަމްއިއްޔާއިން ދެކެއެވެ. 2025 އާއި ހަމައަށް 'ޑައިބެޓީސް' އާއި 'އޮބެސިޓީ' އިތުރުވުން ބައިނަލްއަގްވާމީ ގޮތުން ހުއްޓުވުމަށް ޑަބްލިއުއެޗްއޯ އިން ވަނީ ޓާގެޓެއް ވެސް ކަނޑައަޅާފައެވެ.

Advertisement

ޑައިބެޓީސް ނުވަތަ ހަކުރު ބައްޔަކީ ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެކެވެ. ހަށިގަނޑުގައިވާ މުހިންމު ގުނަވަންތަކުގެ ތެރެއިން ޗިސްމޭ (ޕެންކްރިއާސް) އިން އިންސިއުލިން އުފެއްދުމުގެ ގާބިލުކަން ކެނޑޭ ހިސާބުން ނުވަތަ ޗިސްމޭއިން އުފައްދާ އިންސިއުލިންގެ ބޭނުން ހަށިގަނޑަށް އެންމެ އެދެވޭ ގޮތުގައި ނުހިފޭނަމަ ހަކުރުބަލި ޖެހެއެވެ.

އިންސިއުލިން އަކީ ޗިސްމޭއިން އުފައްދާ ހޯމޯނެކެވެ. މި ހޯމޯން އެހީވެދެނީ ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ ސެލްތަކަށް އަހަރެމެން ކައިބޮއި ހަދާ ކާނާގެ ތެރެއިން ގުލްކޯޒް ފޯރުކޮށްދިނުމަށެވެ. އަހަރެމެން ކާ ކާބޯހައިޑްރޭޓްގެ ބާވަތްތައް ހަށިގަނޑުގައި ކުދިކުދިވެގެން ބަދަލުވަނީ ލޭގައިވާ ގުލްކޯޒަށެވެ. ލޭގެ ހިނގުމުގެ ތެރެއިން އެގުލްކޯޒު، ސެލްތަކާއި ހަމައަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރަނީ އިންސިއުލިން އެވެ.

ހަށިގަނޑުގައި އިންސިއުލިން ނުއުފެއްދޭނަމަ ލޭގައިވާ ގުލްކޯޒް ލެވެލް މަތިވެއެވެ. ދިގު މުއްދަތެއް ވަންދެން ލޭގައިވާ ގުލްކޯޒް ލެވެލް މަތީގައި ހުންނަނަމަ ހަށިގަނޑުގެ ބައެއް ޓިޝޫތަކާއި ގުނަވަންތައް ފެއިލްކޮށްލައެވެ.

ހަކުރުބަލީގެ ބައެއް އަލާމާތްތައް

  • މާގިނައިން ކަރުހިއްކުން
  • ގިނައިން ކުޑަކަމުދާން ޖެހުން
  • އަތާ ފައި އައްސިވުން، އަކުނިވަޔަށްދެމުން، ރިއްސުން (ޓައިޕް 2 ޑައިބެޓީސް)
  • އާދަޔާއި ޚިލާފަށް ވަރުބަލިވުން
  • ކަނޑައިގެންދާ ތަންތަން ރަނގަޅުވާން ގިނަ ދުވަސްވުން
  • ލޯ ފުސްވުން
  • ބަރުދަން ލުއިވުން (ޓައިޕް 1 ޑައިބެޓީސް)

ހަކުރުބަލީގެ މައިގަނޑު 3 ވައްތަރު

  1. ޓައިޕް 1 ޑައިބެޓީސް

ޓައިޕް 1 ޑައިބެޓީސް ކޮންމެ އުމުރެއްގެ ކުއްޖަކަށްވެސް ޖެހިދާނެއެވެ. މި ވައްތަރު އާންމުކޮށް ފެންނަނީ ކުޑަކުދިންގެ ކިބައިންނެވެ. ޓައިޕް 1ގެ ހަކުރުބަލީގެ މީހުންނަކީ އެމީހުންގެ ހަށިގަނޑުގައި އުފައްދާ އިންސިއުލިންގެ މިންވަރު މަދުކަމުން ނުވަތަ އެއްވެސް ވަރަކަށް އިންސިއުލިން ނުއުފެއްދޭތީ ލޭގެ ގުލްކޯޒް ލެވެލް ކޮންޓްރޯލް ކޮށްފައި ބެހެއްޓުމަށް ކޮންމެ ދުވަހަކުވެސް އިންސިއުލިން އިންޖެކްޝަން ޖަހަން ޖެހޭ ބައެކެވެ.

 2. ޓައިޕް 2 ޑައިބެޓީސް

ޓައިޕް 2 އަކީ އެންމެ އާންމު ވައްތަރެވެ. އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ހަކުރުބަލި ތަހަންމަލު ކުރާ ބައިނަލްއަގްވާމީ އާބާދީގެ 90 އިންސައްތަ އަކީ ޓައިޕް 2 ޑައިބެޓީސްގެ މީހުންނެވެ.

ޓައިޕް 2 ގައި ވާ ގޮތަކީ ޗިސްމޭއިން އިންސިއުލިން އުފެއްދި ނަމަވެސް އެ އިންސިއުލިންގެ އެންމެ އެދެވޭ ބޭނުމެއް ހަށިގަނޑަކަށް ނުކުރެވެއެވެ. ޓައިޕް 2 ޑައިބެޓީސް މީހުންގެ ފަރުވާ އަކީ ދުޅަހެޔޮ ލައިފްސްޓައިލެކެވެ. ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި ގަވާއިދުން ކަސްރަތުކުރުމެވެ. އެހެންނަމަވެސް ގިނަ އަހަރުތަކެއް މި ބަލީގައި ތަހަންމަލު ކުރުމަށްފަހު ޓައިޕް 2 ގެ މީހުންވެސް ގުލްކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް ބޭސް ކެއުމުގެ އިތުރުން އިންސިއުލިންވެސް ޖަހަން ޖެހެއެވެ.

 3. ޖެސްޓޭޝަނަލް ޑައިބެޓީސް (ޖީޑީއެމް)

ޖެސްޓޭޝަނަލް ޑައިބީޓީސް އަކީ މާބަނޑު ދުވަސްވަރު ބައެއް އަންހެނުންނަށް ކުރިމަތިވާ ހަކުރުބަލީގެ ބާވަތެކެވެ. މި ބާވަތުގެ ހަކުރުބަލީގައި މާބަނޑުއިރު ލޭގައިވާ ގުލްކޯޒް ލެވެލް މަތިވެ ބަނޑުގައިވާ ދަރިފުޅާއި މައިމީހާއަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. އެހެންނަމަވެސް ވިހެއުމަށްފަހު މައިމީހާ އާއި ދަރިފުޅުވެސް މި ބަލިން ފަސޭހަވެއެވެ. މިފަދަ މައިންނާއި ދަރިންނަށް އުމުރުގެ ކޮންމެވެސް ހިސާބަކުން ޓައިޕް 2 ޑައިބެޓީސްއަށް ހުށަހެޅުމުގެ ރިސްކް ފަހުން އޮވެއެވެ.  

ހަކުރުބައްޔާ ދެކޮޅަށް ރަނގަޅު ކާނާ އާއި ދުޅަހެޔޮ ލައިފްސްޓައިލެއް ހިޔާރުކުރޭ

ހަކުރުބަލީގެ ސަބަބުން ދިމާވާ އެހެނިހެން ސިއްހީ މައްސަލަތައް

  • ހިތުގެ ބަލިތައް: ލޭހޮޅިތަކަށް މައްސަލަތައް ދިމާވުމާއި މޭގައި ރިއްސުން، ހާޓްއެޓޭކް، ސްޓްރޯކް ޖެހުން. ހަކުރުބަލީގެ މީހުންނަށް ހާޓްއެޓޭކް އާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ.
  • ނާރުތައް ހަލާކުވުން: ލޭގައި ހަކުރުގެ މިންވަރު އިތުރުވާނަމަ ކުދިކުދި ބްލަޑްވެސަލްސްގެ ބޭރު ފަށަލަ ހަލާކުވެ ނާރުތަށް ހަލާކުވެއެވެ. ޚާއްސަކޮށް ފައިގެ ނާރުތަކެވެ. މީގެ ސަބަބުން ފައިގައި ރިއްސުމާއި، ދިލަނެގުމާއި، އަކުނިވަޔަށްދެމުމާއި އައްސިވުން ފަދަ ކަންކަންވެއެވެ. އެންމެ ފުރަތަމަ ފައިގެ އިނިގިލިތަކުން ފެށިގެން މައްޗަށް މި އުނދަގޫތައް ބޮޑުވާންފަށާނެއެވެ. ފަރުވާ ނުކުރެވި ގިނަ ދުވަސްވެއްޖެ ނަމަ ފަލަމަސްގަނޑުގެ ހިއްސު ކެނޑޭ ގޮތްވެސްވެއެވެ. އަދި ހަޖަމުކުރުމަށް އެހީތެރިވެދޭ ނާރުތައް ހަލާކުވެއްޖެނަމަ މޭ ނުބައި ކުރުމާއި ހޮޑުލެވުމާއި، ބޭރަށް ހިންގުމާއި ނުވަތަ ބަނޑުހަރުވުން ފަދަ މައްސަލަތައްވެސް ދިމާވެއެވެ.
  • ކިޑްނީ ހަލާކުވުން: ކިޑްނީއަކީ ލޭގައިވާ ބޭނުންނެތް ބައި ވަކިކޮށްލަދޭ ގުނަވަނެވެ. ޑައިބެޓީސްއަކީ މި ނާޒުކު ފިލްޓަރިން ސިސްޓަމް ހަލާކުކޮށްލާ ނުރައްކާތެރި ހަތިޔާރެކެވެ. ކިޑްނީ ފެއިލްވެއްޖެނަމަ ޑައިލެސިސް ހަދަން ޖެހެއެވެ. ނުވަތަ ކިޑްނީ ޓްރާންސްޕްލާންޓަކަށް ބޭނުންވެއެވެ.  
  • ލޯ ފުސްވުން، ގުލްކޯމާގެ ރިސްކް: ލޯ ފުސްވަމުންގޮސް އަނދިރިކޮށްލާވަރުގެ ބައްޔަކަށްވެސް ހަކުރުބަލިވެފައި އެބަހުއްޓެވެ. ހަކުރުބަލީގެ ސަބަބުން ލޮލުގެ އެހެން ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑެވެ. އެގޮތުން ގުލްކޯމާ އާއި ކަޅިފުސްވުން ފަދަ ބަލިތައް ޖެހުމުގެ ރިސްކް އޮވެއެވެ.   
  • އަޑުއިވުމުގެ މައްސަލަ: ބީރުވުމުގެ މައްސަލައަކީ ހަކުރުބަލީގައި ދިމާވާ މައްސަލައެކެވެ. ބާރަށް ދައްކާ ވާހައެއް ނޫނީ އެހެންމީހަކު ބުނާއެއްޗެއް ސާފުވާ ގޮތެއް ނުވެއެވެ. އާދައިގެ މިންވަރެއްގައި ވާހަކަ ދައްކާނަމަ އަޑުނީވި ދުވަހެއް ދުވަހަކަށް ބީރުވަމުންދާކަން އެހެންމީހުންނަށް ފާހަގަ ކުރެވޭނެ އެވެ. 
  • ޑިޕްރެޝަން: ޑިޕްރެޝަނަކީ ވެސް ޓައިޕް 1 އަދި ޓައިޕް 2 ގެ ހަކުރުބަލީގެ މީހުންގެ ކިބައިން ފެންނަ ބައްޔެކެވެ. ޑިޕްރެޝަނަކީ ހަކުރުބަލި މެނޭޖްކުރަން އުނދަގޫވުމުގެ ސަބަބުން ބައެއްފަހަރު ކުރިމަތިވާ ކަމެކެވެ.

 

ނޯޓް: މައުލޫމާތު ޑަބްލިއުއެޗްއޯ / އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން

+1
1
+1
4
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް