September 19, 2024 23:36
Advertisement

-Advertisement-

އަނގައިން ނުބުނެ ހުނަރުދައްކައިގެން ދިރިއުޅުމުގައި ކާމިޔާބު ހޯދި މީހެއްގެ ވާހަކަ!

އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް، މިއީ ޓިކްޓޮކްގެ އެންމެ މަޤްބޫލް މޫނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އެކި ގައުމުތައް ފުރަބަންދުވެ އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިގެން ގޮސްފައިވެއެވެ. އެގޮތުން އިޓަލީ އަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ކަބާން ލޭމް އާންމު ނަމުންނަމަ "ކަބީ"ގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ. އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރި އެގައުމު ގިނަ ދުވަސްތަކަކަށް ލޮކްޑައުން ކުރަން ޖެހުމާއެކު އިޓަލީގެ ދެކުނުގެ ޓިއުރިންގެ ފެކްޓްރީއެއްގައި މަސައްކަތް ކުރަމުން އައިސްފައިވާ ކަބީގެ ވަޒީފާ ގެއްލުނީއެވެ.

މައިންބަފައިންނާއި އެއްބަނޑު އެއްބަފާ 3 ބެއިންނާއެކު އުޅެމުންއައި ކަބީ ވަނީ ވަޒީފާއެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އަދި ގޭގައި ހުންނަން ޖެހުމުން ޓިކްޓޮކް އެޕް ފޯނަށް އަޅައި އޭނާގެ ނަމުގައި އެކައުންޓެއް ހުޅުވައި އޭނާގެ ވީޑިއޯތައް ހަދައި އެއަށް ލާން ފެށިއެވެ. އަދި މިއީ އޭނާގެ އައު ކެރިއާއަކަށް ވިއެވެ.

Advertisement

އެހެން ޓިކްޓޮކް ހަދާ މީހުން ފަދައިން ކަބީ ވެސް އެންމެ ފުރަތަމަ ލާން ފެށީ އޭނާގެ އަމިއްލަ ޑާންސް ވީޑިއޯތަކާއި ގޭމް ކުޅެން އިނދެގެން ނަގާފައިވާ ވީޑިއޯތަކުގެ އިތުރަށް ކޮމެޑީ ވީޑިއޯތަކެވެ. ނަމަވެސް ދުނިޔޭގެ އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ކަބީއަށް ލިބިގެންދިޔައީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ 'ލައިފް ހެކްސް' ވީޑިއޯތަކަށް ޖޯކް ޖަހާ ކަބީ ލާންފެށި ވީޑީއޯތަކުގެ ސަބަބުންނެވެ. އޭނާ އެ ވީޑިއޯތަކުގައި އެއްވެސް ބަހެއް ނުބުނެ މޫނުގެ ހަރަކާތްތަކާއި އަތުގެ އިޝާރާތްތަކުން ޖޯކު ޖެހުމުން ދުނިޔޭގެ އެންމެންގެ ސަމާލުކަން ދަމައިގަތެވެ. ޖުމްލަ 120 މިލިއަން ފޮލޯވާސް ލިބިފައިވާ ކަބީ މިހާވަރަށް ފޮލޯވާސް ހޯދާފައި މިވަނީ އެއްވެސް ބަހެއް ނުބުނެއެވެ. 

ކަބީ ތައްޔާރުކޮށްފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

ސީ.އެން.އެން އަށް ކަބީ ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވާ ގޮތުގައި 'ލައިފް ހެކްސް' ވީޑިއޯތައް ހަދާފައިވަނީ އެކަން އެއަށްވުރެ ފަސޭހަ ގޮތަކަށް ކުރެވޭނެކަން އާންމުންނަށް ދެއްކުމުގެ ގޮތުންކަމަށެވެ. ނަމަވެސް މިއީ އޭނާ ހީކުރި ވަރުގެ ތަރުހީބެއް ލިބޭނެ ކަމެއްކަމަށް ކުރިން ނުދެކުނު ނަމަވެސް އޭނާ ބޭނުންވީ އަނގައިން ނުބުނެ ބަޔަކަށް އެކަންތައްތައް ދަސްކޮށްދިނުން ކަމަށް ބުނެފައިވެއެވެ. ކަބީގެ ހަރަކާތްތަކުން ކަންތައް ކުރަންވީ ރަނގަޅު ފަސޭހަ ގޮތް މީހުންނަށް ބުނެދެމުން އަންނައިރު، މިއީ އަނގަބަހުން ކަންކަން ކުރުމަށް ބުނުމުގެ ބަދަލުގައި އަމަލުން ކަން ކުރަންވީ ގޮތް ދެއްކުމުން މީހުންނަށް އެކަން ބަލައިގަންނަން ފަސޭހަވާނެ ކަމެއްކަމަށް ގިނަ މާކެޓާސް ދަނީ ބުނަމުންނެވެ.

ކަބީ އަށް ދުވާލެއްގެ މައްޗަށް 200،000 ފޮލާވާސް ލިބޭއިރު، ކަބީ ބުނަނީ އޭނާއަށް މުހިންމީ ފޮލޯވާސް ނޫންކަމަށާއި އޭނާ ބޭނުންވީ ލޮކްޑައުންގައި މީހުން ފޫހިފިލުވަން ބަލާލާނެ ވީޑިއޯތަކެއް ހެދުންކަމަށެވެ. އަދި އެބަލައިގެން މީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވުމެވެ.

ސެންގާލްއަށް އުފަން ކަބީ އިޓަލީއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ އުމުރުން އެންމެ 1 އަހަރުގައެވެ. އިޓަލީގައި ދިރިއުޅުނު ނަމަވެސް އޭނާއަށް އަދިވެސް އިޓަލީގެ ރައްޔިތުކަން ލިބިފައެއް ނުވެއެވެ. އަދި އިޓަލީގެ ރައްޔިތަކަށްވުމަށް އޭނާ އަދިވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. ސެންގާލްގެ ޕާސްޕޯޓްގައި އެމެރިކާގައި އޮންނަ އިވެންޓްތަކަށް ދިއުމުގައި އަދިވެސް ދަތިތައް ކުރިމަތިވާކަމަށް ކަބީ ބުނެފައިވެއެވެ. 

ދަތުރުތައް ނުކުރެވުނު ނަމަވެސް ގިނަ ދޮރުތަކެއް އޭނާގެ ކުރި އެރުމަށް ހުޅުވިފައިވާކަމަށް ވަނީ ބުނެފައެވެ. އެގޮތުން ބައިނަލްއަގްވާމީ ކުންފުނިތައްކަމަށްވާ ނެޓްފްލިކްސް، އިޓާލިއަން ފުޑް ކޮމްޕެނީ ބަރިއްލާ އަދި އިންޑިއަން ފެންޓަސީ ސްޕޯޓްސް ޕްލެޓްފޯމް ޑްރީމް 11 ފަދަ ފަރާތްތަކުން އޭނާއަށް ދަނީ ފުރުސަތުތައް ލިބެމުންނެވެ. އޭނާއަށް ލިބިފައިވާ ފުރުސަތުތަކާއެކު އާމްދަނީ އަށް ލިބޭ މިންވަރު ކަބީ ހާމަކޮށްފައި ނުވިނަމަވެސް އޭނާ ބުނެފައިވަނީ ރަނގަޅު ފެންވަރެއްގެ ވީޑިއޯތައް ނެގުމަށް އޭނާގެ އަތުން އެންމެ ބޮޑު ހަރަދެއްކޮށްގެން ގަނެފައިވަނީ އައިފޯން 12 އެއް ކަމަށެވެ.

ފިލްމުތަކުންވެސް އޮފާތައް ލިބެމުން އަންނައިރު އޭނާގެ ކުޑައިރުގެ ހުވަފެނެއްކަމަށްވާ ސްމިތް އާއި އެއްކޮށް ފިލްމެއްގެ ތަންކޮޅެއް ކުޅެން ލިބިއްޖެނަމަ ވަރަށް އުފާވާނެކަމަށް ކަބީ ބުނެފައިވެއެވެ. 

އަދި ވަޒީފާ ގެއްލުމަށްފަހު ގާތްގަނޑަކަށް 18 މަސްދުވަސް ގޭގައި ހޭދަކުރަމުން އަންނަ އިރު އޭނާއަށް ލިބިފައިވާ ކުރިއެރުމަށް މަންމަ އަދި ބައްޕަ ވަރަށް އުފާވާކަމަށް އިންޓަވިއުގައި ބުނެފައިވެއެވެ. ކަބީ މިވަނީ ހުރި ހުނަރެއް ކުރިއަރުވައިގެން ކާމިޔާބު ހޯދިދާނެކަން ސާބިތުކޮށްދީފައެވެ.

 

މައުލޫމާތު: ސީ.އެން.އެން

+1
0
+1
2
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް