November 22, 2024 08:19
Advertisement

-Advertisement-

އީމާން: ފަސްއެނބުރި ބެލުމެއްނެތި ވާހަކައިގެ ދުނިޔެއެއްގައި ކުރިއަށް!

އޭހުއްޓިބަލަ! އަހަރެންމީ ކަލޭމެން މަރާލަން ތިއުޅޭ ޖިންނި ޒުމްރާ މިހެން ގޮވާލިއަޑަށް ޝިރުހާން ފަސްއެނބުރި ބަލާލިއެވެ. ޝިރުހާންއަކީ ކިޔެވެލި ކިޔަވާ ގުރޫޕުގައި އެންމެ އިސްކޮށް އުޅޭ އެކަކެވެ. ޝިރުހާން ފަހަތް ބަލާލިއިރު ޒުމްރާ ޝިރުހާނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

އާދެބަލަ މަރާލަން" ޒުމްރާ ޝިރުހާންއާއި ދިމާލަށް ހިނގައިގެންފިއެވެ. ޝިރުހާން ދުއްވައިގަތީ ޒުމްރާ ޝިރުހާނާއި ވަރަށް ގާތަށް އައުމުންނެވެ. ނަމަވެސް އެކަންވީ ބޭކާރެވެ. ޒުމްރާ އައިސް ޝިރުހާނުގެ ކަރުގައި ހިފެހެއްޓިއެވެ. ޝިރުހާން ހަޅޭއްލަވައިގަތެވެ. ނަމަވެސް މިވަގުތު އޭނާގެ އަޑު އަހާނީ ކާކުހެއްޔެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

މިއީ ގދ. ފަރެސް މާތޮޑާ އަށް އުފަން މުހައްމަދު އީމާން ލިޔެފައިވާ ބިރުވެރި އަސަރުގަދަ ވާހަކައެއްގެ ތަންކޮޅެކެވެ. މި ދެޕެރެގްރާފް އެކަނި ކިޔާލުމުން ވެސް ވާހަކަ އެއްކޮށް ކިޔާ ހިތްވިއެވެ. އީމާން އަކީ އެހާވެސް ފަށުއި އިބާރާތްތަކެއް ބޭނުންކޮށްގެން ކުރުކޮށް ފޮނިކޮށް ޖުމްލަތައް ލިޔެ ކިޔުންތެރިންނަށް ތަފާތު ރަހަތަކެއް ހިމެނޭ ވާހަކަތަކެއް ގެނެސްދީފައިވާ ލިޔުންތެރިއެކެވެ.

Advertisement

ވާހަކަ ލިޔަން ދަސްކުރީ ކިހިނެއް؟

ޒީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އީމާން ބުނީ އެންމެ ފުރަތަމަ ވާހަކަ ލިޔަން ދަސްކުރީ ތަފާތު ލިޔުންތެރިންގެ ވާހަކަ ކިޔައިގެން އެވާހަކަތައް ލިޔެފަ ހުންނަ ގޮތް ބަލައިގެން ކަމަށެވެ. އެންމެ ފުރަތަމަ ލިޔުނު ވާހަކައިގެ ނަމަކީ ދަރިފުޅަށްޓަކައެވެ.

" މިހާތަނަށް ވަރަށްގިނަ އަދަދެއްގެ ވާހަކަ ލިޔެފަ ހުންނާނެ. ސީދާ ވަކި އަދަދެއް ދަންނަވަން ނޭނގޭ. އާންމުކޮށް ލިޔަނީ ބިރުވެރި ވާހަކަ އާއި ލޯބީގެ ވާހަކަ"

ކުރިމަތިކުރި ފާޑުކިޔުންތަކުން ހިތްވަރު ހޯދި

ވާހަކައިގެ ދުނިޔެއަކަށް ވަދެވި ކިޔުންތެރިންނަށް ވާހަކަ ގެނެސްދޭން ފެށުމާއެކު އީމާން އަށް ކުރިމަތިވީ ބައެއް މީހުންގެ މަލާމާތެވެ. އެކަމަކު ހިތްވަރާއެކު ދިޔައީ ވާހަކަ ލިޔުމުގައި ދުވަހެއް ދުވަހަކަށް ކުރިއަށެވެ.

" ވާހަކަ ލިޔަން ފެށިއިރު ބައެއް މީހުންގެ ފަރާތުން ވަރަށް ބޮޑަށް މަލާމާތް ލިބުނު. ތިކަން ނުވާނެއޭ ކިޔާ ވަރަށް ދިމާކުރި. އަދި މަގުމަތިން ފެނުނީމަވެސް ވަރަށް ޖޯކް ޖަހާ. އެކަމަކު މިހާރު ވަރަށް ތަފާތު. އެންމެންގެ ވެސް ހިތްވަރު ލިބި ވާހަކަތަށް ވަރަށް ކިޔާހިތްވާ ވާހަކަ ބުނޭ."

އީމާންގެ ވާހަކަތައް ކިޔުމަށްފަހު ބައެއް މީހުން ވަނީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި ދިމާވެފައި ހުންނަ ހާދިސާތައް ކިޔައިދީ އެ ހާދިސާތަކަށް ވާހަކަ ލިޔެދޭންވެސް އެދިފައި ކަމަށް ވަނީ ބުނެފައެވެ.

ވާހަކައަށް ޚާއްސަ އަމިއްލަ ވެބްސައިޓެއް

އަރާމަގު ނަމުގައި ވެބްސައިޓެއް އުފައްދާ އީމާން ވަނީ 4 އަހަރު ވަންދެން އެ ވެބްސައިޓް މެދުވެރިކޮށް ކިޔުންތެރިންނާއި ހަމައަށް އޭނާގެ ވާހަކަތަކުގެ އިތުރަށް ތަފާތު ލިޔުންތެރިންގެ ވާހަކަތައް ގެނެސްދީފައެވެ.

" އަރާމަގު ވެބްސައިޓް އުފެދުނު ގޮތަކީ އެކި އޮންލައިން ނޫހަށް ލިޔަނިކޮށް "އަބްދުﷲ އިބްރާހިމް (ލަންދޫ) އާއި ވާހަކަ ދެކެވެނިކޮށް އޭނާ ބުނެފި ވަރަށް އަގު ހެޔޮކޮށް ވެބްސައިޓެއް ހަދާދީފާނަމޭ. އެ ހިސާބުން އެވެބްސައިޓް އުފެއްދީ.  އަޅުގަނޑު ހިންގި މިވެބްސައިޓަށް ލިޔުމުގެ ފުރުސަތު އާ ލިޔުންތެރިންނަށް ދިނިން. އަދި ލިޔުންތެރިން އެކި ރަށްރަށުގައި ތިއްބަސް ކޮންމެ މީހަކަށް ވަކިން ގުޅައިގެން ކިޔައިދެން ވާހަކަ ލިޔުމުގައި އިތުރަށް ރަނގަޅު ކުރަންވީ ކަންތައްތައް"

އަރާމަގު ވެބްސައިޓް އުވާލީ، ވަޒީފާ އަދާކުރަމުން އެކަނި އެހާބުރަކޮށް މަސައްކަތް ކުރެވެން ނެތުމުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

" ވެބްސައިޓް ހިންގުމަކީ ހަރަދުބޮޑު މަސައްކަތެއް. ސްޕޮންސަރ އެއް ނުލިބޭ. ލިޔާ ކުދިންނަށް ވެސް އެއްޗެއް ދީގެންތާ އެކުދިން ލިޔާނީ" މިހާތަނަށް 6 އޮންލައިން ނޫހަކަށް ލިޔެފައިވާ އީމާން ބުންޏެވެ.

'އިމްތިހާން' 'އެހަނދާން' 'މިލަހަނދުވަރު' 'ހަދިޔާ' 'އޯގާވެބަސްބުނެލާތޯ' 'އިރުއޮއްސުމުން' ފަދަ ވާހަކަތައް ލިޔެފައިވާ އީމާންގެ ބައެއް ވާހަކަތައް ހަލިނިއުސް އަދި މުނިއަވަސް އިން ކިޔާލެވޭނެ އެވެ.

އީމާން ލިޔެފައިވާ ބައެއް ވާހަކަ

އާ ލިޔުންތެރިންނަށް ދޭ މެސެޖު

އީމާން ދެކޭގޮތުގައި މިފަންނު ރާއްޖޭގައި ކުރިއެރުވޭނީ އަލަށް މި ދާއިރާއަށް ނުކުންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ދިނުމަށްފަހު އެމީހުން ކުރިއަރުވަން ކުރެވެން ހުރި މަސައްކަތެއް ކުރުމެވެ.

" އާ ލިޔުންތެރިންނަށް ދޭނެ މެސެޖަކީ ލިޔަން ފަށައިގަންނައިރު އުނދަގޫތަކާއި ހުރަސް ކުރިމަތި ވާނެއޭ. އެކަންތަކަށް ކުރިމަތިލައިގެން ހިތްވަރާއެކު ކުރިއަށް ދާށޭ."

ވާހަކަ ލިޔުމުގެ ފަންނުގައި 12 އަހަރު ވެފައިވާ އީމާން ފާހަގަކުރިގޮތުގައި މިދާއިރާގައި ދިމާވި އެންމެބޮޑު ގޮންޖެހުމަކީ އެކަށީގެންވާ އުޖޫރައެއް ކުރާ މަސައްކަތަށް ނުލިބުމެވެ. އަދި އަލަށް ފަށައިގެން ކުރިއަށްގެންދާ އޮންލައިން ނޫސްތަކަށް އެކަށީގެންވާ ސްޕޮންސަރ ނުލިބުމެވެ. އީމާން ލިޔުނު ވާހަކަތަކުގެތެރޭގައި ކުރުވާހަކައިގެ އިތުރަށް ދިގުވާހަކަވެސް ހިމެނެއެވެ.

+1
2
+1
4
+1
2
+1
2
+1
0
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް