" ޕްރެޒެންޓޭޝަނެއް ހުށަހަޅައިދޭއިރު ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް ސްލައިޑުން ފެންނަން ހުރެއްޖެނަމަ އެ ޕްރެޒެންޓޭޝަން ހުށަހަޅައިދިނުމުގެ މާބޮޑު ބޭނުމެއް ނެތް" އުމުރުން 14 އަހަރުގެ ޢައިޝަތު މަނާލް މޫސާ އެބުނީ ރަނގަޅު ވާހަކައެކެވެ. އަޑުއަހަންތިބި މީހުންނަށް އަމިއްލައަށްވެސް ސްލައިޑްތައް ބަލައިގެން އޭގައި ހުރިއެއްޗެއް ކިޔާލެވިދާނެއެވެ. މިއީ ރަނގަޅު ޕްރެޒެންޓޭޝަނެއް ދޭނެގޮތާއި ގުޅޭގޮތުން ސުވާލުކޮށްލުމުން މަނާލް ދިން ޖަވާބެވެ.
މަނާލް އަކީ އުގެއިލް ފައުންޑޭޝަނާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ 'ސަރކްލް' ގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ 'ލީޑަރސް އޮފް ޓްމޯރޯ' ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރެކެވެ.
މި ޕްރޮގްރާމް އިން މަނާލް އަށް ފުރުސަތު ލިބުނީ 2020 ވަނަ އަހަރު އެ ފައުންޑޭޝަނުން ކުރިއަށްގެންދިޔަ 'ސަރކްލް ކިޑްސް' ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ރަނގަޅު ނަތީޖާއެއް ހާސިލުކޮށްގެންނެވެ.
ޕްރެޒެންޓޭޝަން ދޭނީ ކިހިނެއް؟
" ސަމާލުކަން ދޭންވާނެ ޕްރެޒެންޓޭޝަންގައި އެނިމޭޝަން މާގިނައިން ނުހިމެނުމަށް. އެހެންނޫނީ އޭގައި ބުނާ އެއްޗަކަށް އަޑުއަހަންތިބޭ މީހުންގެ ސަމާލުކަން ނުލިބިދާނެ. ތަފްސީލްކޮށް ލިޔުމުގެ ބަދަލުގައި އެންމެ މުހިންމު މައުލޫމާތު ކުރުކޮށް ޕޮއިންޓްތަކެއްގެ ގޮތުގަ ސްލައިޑްގަ ލިޔާނީ" މަނާލް ކިޔައިދިނެވެ.
އަދި ޕްރެޒެންޓޭޝަން ހުށަހަޅައިދޭއިރު، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ޝައުގުވެރިކަމާއެކު ބުނަން ބޭނުންވާއެތި ބުނުމަށް އިސްކަންދިނުމުން އަޑުއަހަންތިބޭ މީހުން ޝައުގުވެރިވާނެ ކަމަށް ފާހަގަކުރިއެވެ.
" އިތުބާރާއިއެކު ބޮޑު އޯޑިއެންސަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމަށް ދަސްވި" މަނާލް އިތުރަށް ފާހަގަކުރިއެވެ.
ލީޑަރސް ޕްރޮގްރާމަކީ ކޮބާ؟
ލީޑަރސް ޕްރޮގްރާމަކީ ކުރިމަގުގައި ލީޑަރުންނަށް ވުމަށް ބޭނުންވާ ޒުވާން ޖީލަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގައި ރަނގަޅު ލީޑަރަކަށް ވެވޭނެގޮތް ދަސްކޮށްދޭ ކަމަށް މަނާލް ވަނީ ފާހަގަކޮށްފައެވެ. މަނާލް އިތުރަށް ފާހަގަކުރިގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ހުނަރުތައް ދެނެގަނެ އެހުނަރުތައް ތަރައްގީކޮށް ކުރިއަރުވާނެގޮތް ދަނީ ކިޔައިދެމުންނެވެ.
"ގްރޫޕް ހަރަކާތްތަކުގައި ގިނައިން ބައިވެރިވެ، އެހީތެރިވެ ޒިންމާނަގަންޖެހޭ ވަގުތުގައި ޒިންމާ އަދާކުރަން. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޕްރޮގްރާމްތަކުން ދަސްވި"
'ދަ އިންޑަސްޓްރިއަލް ރިވޮލިޔުޝަން' އާ ގުޅޭގޮތުން މަނާލް ހުށަހަޅައިދިން ޕްރެޒެންޓޭޝަންގައި ވަނީ ފެށުނުގޮތާއި، ކަންތައްތައް ދިމާވިގޮތުގެ އިތުރަށް ނިމުން އައިގޮތް ކިޔައިދީފައެވެ.
ކުރެވުނު ތަޖުރިބާ
ސަރކްލްގެ ޕްރޮގްރާމްތަކުގެ ސެޝަންތަކަކީ ކޮންމެ ބައިވެރިއަކަށްވެސް ވަރަށް ހިތްވަރުދޭ، މަރުހަބާ ކިޔާ ސެޝަންތަކެއް ކަމަށާއި، ލަދުން ވާހަކަ ދައްކަން ނުކެރޭ ކުދިންނަށްވެސް ޕްރޮގްރާމްގެ ސަބަބުން ފަސްނުޖެހި ވާހަކަދައްކަން ދަސްވި ކަމަށް ވަނީ ބުނެފައެވެ.
" ކޮންމެ މީހަކުވެސް ހުންނާނެ އަނެކާގެ ފަރާތުން ދަސްކުރަންޖެހޭ ކަންތައްތައް. އެގޮތުން ކިޔަވައިދޭ ޓިއުޓަރސް އާއި ދަރިވަރުން ވެސް އެކަކު އަނެކަކުގެ ފަރާތުން އާކަންތައްތަކެއް ދަސްކުރޭ. ޖުމްލަގޮތެއްގައި ވަރަށް ރަނގަޅު އަދި ބައިވެރިވާހިތްވާ ކަހަލަ ސެޝަންތަކެއް ކުރިއަށްގެންދޭ" މަނާލް ބުންޏެވެ.
ލީޑަރސް ޕްރޮގްރާމް ނިންމާއިރު ކޮންމެ ދަރިވަރަކުވެސް އަމިއްލަ ޕްރޮޖެކްޓެއް ނިންމަންޖެހެއެވެ. މިގޮތުން މަނާލް ތައްޔާރު ކުރަމުންދާ ފޮތް ވެސް ނިމުމަކާއި ހަމައަށް ވަނީ ގޮސްފައެވެ.
" އަޅުގަނޑުގެ ލިޔުމުގެ ހުނަރު ވަރަށްބޮޑުތަން ކުރިއަރައި ތަރައްގީވެފައިވޭ. އަދި އަޅުގަނޑު ދަނީ މަސައްކަތްކުރަމުން ސަރކްލް ގެ ދަރިވަރުން ތައްޔާރުކުރާ ހިސްޓްރީ އޮފް ހިޔުމިނިޓީ ޔޫޓިއުބް ޕްރޮޖެކްޓްގައި އެކަޑަމިކް އަދި މާކެޓިންގ ޓީމުގައި"
ކިޔެވުމުގައި ފާހަގަކުރެވޭ ދަރިވަރެއް
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލުކުރަމުން އަންނަ މަނާލް އަކީ އެ ސްކޫލުގެ ޕްރިފެކްޓެކެވެ. މިދިޔަ އަހަރު ކިޔެވި ގްރޭޑްގެ އެންމެމޮޅު ދަރިވަރުންގެތެރޭ 'ޓޮޕް 10' ގައި މަނާލް ވަނީ ހިމެނިފައެވެ. އަރަބި އަދި ޗައިނާ ބަހުން ވެސް ވާހަކަދައްކާ، ލިޔަން ދަސްކުރަމުން އަންނަ މަނާލް އަށް ވަނީ، ކެމްބްރިޖް އިންގްލިޝް އެންޓްރީ ލެވެލް ސެޓިފިކެޓް އިން އީއެސްއޯއެލް އިންޓަނޭޝަނަލް ޕްރެލިމިނަރީ އިންގްލިޝް ޓެސްޓް އިން މެރިޓް ލިބިފައެވެ. އަދި ކެމްބްރިޖް އިންގްލިޝް ލެވެލް 2 އިން ވަނީ އޭ ލިބިފައެވެ.
ޕެންޑަމިކްއާހުރެ މިދިޔައަހަރު މާގިނަ ހަރަކާތްތަކެއްގައި ބައިވެރި ނުވެވުނު ކަމުގައިވިއަސް ކުރިން ކާމިޔާބީތަކެއް ހޯދާފައިވާ މަނާލް ވަނީ ގުރުއާން މުބާރާތްތަކާއި ވާހަކަދެއްކުމުގެ މުބާރާތްތަކުގެ އިތުރަށް ކުޅިވަރު މުބާރާތްތަކުގައި ވެސް ބައިވެރިވެފައެވެ.
ބެލެނިވެރިޔާ ދެކޭގޮތް
މަނާލްގެ މަންމަ ނުޢުމާ ޢަބްދުއްރަހީމް މައުލޫމާތު ދެއްވިގޮތުގައި ދަރިފުޅު ސަރކްލްގެ ޕްރޮގްރާމްތަކުގައި ބައިވެރިކުރީ ތަފާތު ޕްރޮގްރާމެއްވީމަ ތަޖުރިބާކޮށްލުމުގެ ބޭނުމުގައެވެ.
" ސަރކްލް ކިޑްސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމުމުން ލީޑަރސް ޕްރޮގުރާމުން ފުރުސަތު ލިބުނީ. ބައިވެރިކުރީ އިތުރު ހުނަރުތައް ތަރައްގީކުރުމަށް. ކުރިން ދަރިފުޅު މީހުންގެ ތެރެއަށް ނުކުންނަށް ޖެހިލުންވާނެ. މީހުންނާ ވާހަކަދައްކާ އުޅެން ފަސްޖެހޭނެ. އެކަމަކު މިހާރު ވަރަށް ރަނގަޅު އަދި ކިޔެވުމުގައި ވަރަށްބޮޑަށް ތަފާތު ފެނުނު މިޕްރޮގްރާމްގެ ސަބަބުން." މަނާލްގެ މަންމަ ފާހަގަކުރެއްވިއެވެ.
ދިރިއުޅުމުގައި ބޭނުންކުރެވޭނެ އެކި ފަންނުތައް ޕްރޮފެސަރ ޑރ. ހަސަން އުގެއިލް އަދި ޓިއުޓަރސް ކިޔައިދެއްވާއިރު މި ޕްރޮގްރާމަކީ ކޮންމެ ކުއްޖަކުވެސް ސްކޫލު ދައުރު ނިމުމުގެ ކުރިން ބައިވެރިކުރަން ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށް ދިވެހިބަސް އުގަންނައިދެއްވުމުގެ މަސައްކަތް ކުރައްވާ ނުޢުމާ ފާހަގަކުރެއްވިއެވެ.
" ހުރިހާ މަސައްކަތްތަކަކީ ވެސް ކްރިޓިކަލް ތިންކިންގ އާ ވަރަށްބޮޑަށް ގުޅޭ ކުއްޖާ އޭގެތެރެއަށް ވައްދާފަހުންނަ މަސައްކަތްތަކެއް. އެކި ދިމަދިމާޔަށް ކަންތައްތަކާމެދު ފުޅާކޮށް ވިސްނާނެގޮތް ދަސްވުން ވަރަށް މުހިންމުވާނެތާ ކުއްޖާ ކިޔަވާ ނިންމާފަ ވަޒީފާއަށް ދާއިރުވެސް. ހަނިކޮށް ނުވިސްނާ ފުޅާކޮށް ވިސްނީމަ ކަންކަމުގައި ހައްލު ހޯދަން ފަސޭހަވާނެކަން ދަސްކޮށްދޭ." މަނާލްގެ މަންމަ އިތުރަށް ފާހަގަކުރެއްވިއެވެ.
ނޯޓް: އިލްމާއި ހިލްމު ކެޓަގަރީގައި އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންގެ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.