އީމާންތެރިކަމާއި، އިސްލާމްދީނުގެ ރިވެތި ނަމޫނާ ދެއްކެވުމުގައި އަރާ ހުންނެވި ހަތަރު އަންހެން ޞާހިބާއިންގެ ތެރެއިން ހިނމެނިވަޑައިގަންނަވާ ކަމަނާއަކީ ފިރުއައުނުގެ އަނބިކަމަނާ އާސިޔަތުގެފާނެވެ. މާތްﷲ ޞުބުޙާނަހޫ ވަތަޢާލާވަނީ އާސިޔަތުގެފާނު މާތް ކުރައްވައި މަތިވެރި ކުރައްވާފައެވެ. ދުނިޔޭގައި ލައްވާފައިވާ އެހެން އަންހެން ކަމަނާއިންނަށް ނުދެއްވާ ދަރަޖައެއް އެކަމަނާއަށް ދެއްވިއެވެ. މަތިވެރި ދަރަޖައެއް ދެއްވިއެވެ. އަދި މުއުމިނުތަކުންނަށް މިސާލު ޖައްސަވައި ކީރިތި ޤުރްއާނުގައި އެކަމަނާއަށް ތަޢުރީފުގެ ބަސްފުޅު ވަޙީ ކުރައްވާފައިވެއެވެ.
އެކަމަނާއަކީ، މިޞްރުގެ ފިރުޢައުނުގެ އަނބިކަނބަލުންނެވެ. މިޞްރުގެ ވެރިއަކަށް އޭރު ހުރި ފިރުޢައުނަކީ ނުފޫޒުގަދަ މީހެކެވެ. ޖައްބާރު ވެރިއެކެވެ. އަދި އޭނާއަކީ ކަލާނގެކަމަށް ބުނެ އުޅުނެއެވެ. އަދި ޢާލަމުތަކުގެ ވެރި ރަސްކަލާނގެކަމަށް ޤަބޫލު ކުރުމަށް މިޞްރުގެ މީހުންނަށް މަޖުބޫރު ކުރިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ) މާނައީ: "ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ." (ނާޒިޢާތު 24). މިސަބަބާހުރެ މިޞްރުގެ އަހުލުވެރިން އަޅުކަން ކުރަމުން ދިޔައީ ފިރުޢައުނަށެވެ. އެބައިމީހުންގެ ކަލާންގެއަކީ ފިރުޢައުނުކަމުގައި ދެކިގެންނެވެ.
ފިރުޢައުނު ކަލާންގެ ކަމަށް ދަޢުވާކުރުމުން، އެކަމަނާ އެ ދަޢުވާއާ ދެކޮޅު ހެއްދެވި އެވެ. ދެން ފިރުޢައުނު އެކަމަނާއަށް އަދަބުދެއްވައި އަނިޔާކުރެއްވި އެވެ. ނަމަވެސް އެކަމަނާ މާތް ﷲ އަށް އީމާންވުންމަތީ ސާބިތުވެވަޑައިގެންނެވި އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. (وَضَرَبَ اللَّهُ مَثَلا لِّلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ) އައްތަޙުރީމު:11 ) މާނައީ، "އަދި ފިރުޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިސާލެއް ޖެއްސެވި އެވެ. (އެއީ) އެކަމަނާ ވިދާޅުވި ހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށް އިބަރަސްކަލާންގެ ޙަޟުރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުޢައުނާއި، އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!"
ފިރުޢައުނުގެ ގަނޑުވަރުގައި ހިނގާ ކަންކަން ކައިރިން ބެއްލުވުމުގައި އާސިޔަތުގެފާނު އުޅުއްވިއެވެ. އަދި އެކަމަނާ މޫސާގެފާނާއި ހާރޫނުގެފާނަށް ތަބަޢުވެވަޑައިގަތެވެ. އަދި މޫސާގެފާނުގެ ރިސާލަތު ތެދުކުރެއްވިއެވެ. މާތްﷲ އަށް އީމާންވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާއަށް މިހައި މަތިވެރި ދަރަޖައެއް ލިބުމުގެ ސަބަބަކީވެސް އެއީއެވެ. އެފަދަ ނުބައި ޖައްބާރު މީހެއްގެ އަންބެއްގެ ގޮތުގައި ހުންނަވައި އެކަމަނާ މާތްﷲގެ މަގުގައި ޘާބިތުވެވަޑައިގަތުމެވެ. ހިތްވަރު ކުރެއްވުމެވެ. އާސިޔަތުގެފާނަކީ ޚުލްޤު ހެޔޮ އަންހެން ކަނބަލެކެވެ. އެކަމަނާއަށް އީމާންވެވަޑައިގަތުމުން އެކިއެކި އަނިޔާއާއި ޢަޛާބު ދެއްކެވުނެވެ. ފިރުޢައުނުގެ އަނިޔާތަކަށް އެކަމަނާ ކެތްތެރިވެވަޑައިގަތެވެ.
ޠަބަރީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. "މޫސާގެފާނާއި ހާރޫނުގެފާނު ކަލާންގެއަށް އާސިޔަތުގެފާނު އީމާންވެވަޑައިގަތެވެ. އެހިނދު މަރުވަންދެން އެކަމަނާއަށް އަދަބު ދީ އަނިޔާކުރުމަށް ފިރުޢައުނު އަމުރުކުރިއެވެ. ނުވަތަ އެކަމަނާ އެބުނާ ބަސް އަނބުރާ ގެންނަންދެނެވެ. ނަމަވެސް، އެކަނމަނާ އެކަމަށް (އެބަހީ: ފިރުޢައުނު އެއީ ކަލެއްކަމަށް) އިންކާރު ކުރެއްވިއެވެ. އެހިނދު އެކަމަނާގެ ހަށިކޮޅުގެ މަތީގައި އެންމެ ބަރު ހިލައެއް ބޭއްވުނެވެ. އެހިނދު އުޑުމަތިން އެކަމަނާއަށްޓަކައި ސުވަރުގޭގައި ތައްޔާރު ކުރެވިފައިވާ ގެގޮޅު ދެއްކެވުނެވެ. އަދި އެއަށްފަހު އެކަމަނާގެ ފުރާނަފުޅު ހިތްޕެވުނެވެ.
އާސިޔަތުގެފާނުގެ ވާހަކައިން ލިބޭ އިބްރަތަކީ ކޮބައި ހެއްޔެވެ؟
ޙައްޤު ގޮތުގައި ޘާބިތުވެ ހުރުމަށްޓަކައި ހިތްވަރާއި ކެތްތެރިކަން ބޭނުންވާކަމެވެ. އަދި މާތްﷲގެ ދީނުގައި ޘާބިތުވާންޖެހޭނެކަމެވެ. ދުނިޔެމަތީގައި ދިމާވާ ދުއްތުރާތަކާއި އަނިޔާޢަށް ކެތްތެރިވެ މި ދީނުގައި ޘާބިތުވެއްޖެ މީހާގެ ދަރަޖަ މާތްﷲ އުފުއްލަވާނެކަމެވެ. އަދި އެމީހަކަށް ލުއި ފަސޭހަކަން އިޙްސާސްވާނެ ފަދަގޮތަކަށް އެމީހެއްގެ މަރު ހިތްޕަވާނެކަމެވެ. އަދި ދީނުގައި ޘާބިތުވެ ހުރުމަށް ދެއްކޭނެ ބަހަނާއެއް ނެތްކަމެވެ.