ޖެހެމުންދިޔަ ގަދަވަޔާއި ވާރޭގެތެރޭ ތެމި ފޯވެގެން އެހެރަދަނީ ހަމަ އޭނާއެވެ. ލޫޅާފަތި، ބުރުސޫރަ ރީތި ރާޅުބާނީގެ އިސްތަށިގަނޑުގެ ވެރިޔާއެވެ. މަގުގެ ދެކޮޅު ބަލަމުން ބޯކެރީގެ ތެރެއިން އެދަނީ ކޮންމެވެސް ބިރުވެރިކަމެއް ފެނިގެން ކަމަށް ވެދާނެއެވެ. ޖަހާ ގުގުރީގެ އަޑު ގަދަވުމުން ހީވަނީ ކަންފަތުގެ އިވުން ހިނގައިދާނެހެންނެވެ. ވިދާލާއިރު ލޮލުގެ ނޫރުވެސް ދަނީހެން ހީވެއެވެ. ވިދުވަރުން ކުރިމަތީން ތަންތަންފެނި ގެއްލެމުން ދެއެވެ. ކުޑަކޮށްވެސް ބިރު ކުޑައެއް ނުވެއެވެ. މިދެވެނީ ކޮންތާކަށްކަން ކުޑަކޮށްވެސް ނޭނގެއެވެ. އަދިވެސް ވާރޭ ނުހުއްޓައެވެ. އަހަރެން ވާރޭ ހިޔާވާން ވަންނާނީ ފަހެ ކޮންތާކަށް ހެއްޔެވެ. ކަޅު އަނދިރި ރެއެއްގެ ދަންވަރެވެ. ބިރުން ފިއްކަޑައިގެން ދަނީއެވެ.
އެދެމީހުން މައުސޫމް ފަރަހަނާޒު މަރާލިއެވެ. އަހަރެންގެ ކުރިމަތީގައެވެ. ފަރަހަނާޒް އާއި އަހަރެމެން ދެމީހުން އެރޭގެ ނުވައެއްޖެހިއިރު ގޭގެ ދޮރާށި ކައިރީގައި ތިއްބާ މޫނު ނިވާކޮށްގެން ތިބި ދެމީހަކު އައިސް އަހަރެމެން ގެންދިޔައީއެވެ. ސަލާމަތަށް އެދި ގޮވަން އުޅުމުން މޫނާއެކު އަނގަމަތީގައި ބާރަށް ފޮތިގަނޑަކުން ބަދެލައިފިއެވެ. ދެންގަތީ އަމަށަކު ބިރެއް ނޫނެވެ. ލޮލަށްފެންނަ އެއްވެސްތަނެއް ނެތެވެ. އަހަރެމެންގެ އާދޭހުގެ އަޑުއަހާނެ ކަންފަތެއް ނެތެވެ. އެފަދަ ބިރުވެރި ހާލަތުގައި އެދެޚާއިނުން އަހަރެމެން ގޮވައިގެން ގޮސް މޫދަށް ތިރިކުރީއެވެ. ހީވީ ދެން މިއުޅެނީ އަހަރެމެން ކަނޑުފައްތާ މަރާލާންހެންނެވެ.
ކޮންމެވެސް ކަހަލަ އުޅަދަކަށް އަރުވައިގެން ކޮންމެވެސް ތަނަކަށް ދާން ނައްޓާލީއެވެ. ގިނައިރުތަކަކަށްފަހު ފަރަހަނާޒު ވަރަށްބާރަށް ރޮއިގަތެވެ. ޝަހާދަތް ކިޔާފަ އާދޭސް ކުރަނީއެވެ. އެކަމަކު އެއާދޭސް އަޑުއަހާނެ ކަންފަތެއް އެތާކުނެތެވެ. އެއްޗެއް މޫދަށް ވެއްޓުނުހެން ހީވިއެވެ. ފަރަހަނާޒުގެ އަޑުކެނޑިއްޖެއެވެ. އަހަރެންގެ މޫނު ނިވާކޮށްފަ ހުރުމުން އެފަކީރަށް ވީ ކީއްކަމެއް ނޭނގުނެވެ. އޭގެ ފަސްވަރަކަށް މިނިޓް ފަހުން އެމީހުން އަހަރެންގެ މޫނުގައި އައްސާފައިވާ ފޮތިގަނޑު ނައްޓައިފިއެވެ. އެފަކީރު (ފަރަހަނާޒު) އޮތީ މަރާލާފައި ކަނޑުގައެވެ. އެއިރުވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެނީއެވެ. ބިރުންހުރެ އެތައްފަހަރަކު އާދޭސްކުރީމެވެ.
އެންމެފަހުން އެތަނުން އެކަކު އަހަރެންގެ ކަންފަތްމަތީ ޖެހުމުން އަނބުރައިގެންފަ ވެއްޓުނީ މޫދަށެވެ. ނަމަވެސް އަތްފައިގެ ހަރަކާތާއެކު އަދި ގަދަވަޔާއި އޮޔާއެކު އަހަރެން ގެންގޮސް ލަތްވީ ބޮޑުރަށެއްގެ ގޮނޑުދޮށަށެވެ. ބިރެއްގެ މައްޗަށް ބޮޑުބިރެކެވެ. ކުޑަކޮށްވެސް އެއީ ކޮންރަށެއްކަމެއް ނޭނގެއެވެ. ވިދާލިވިދުވަރާއިއެކު ހަނި ދިގުމަގެއް ފެނުނެވެ. އެމަގުން ދެވޭ ނުދެވޭތަނެއް ނޭނގި ކުރިއަށްދަނިކޮށް ފެނުނީ ބޮޑު ގަހެކެވެ. ބިރުން ފިތްކެނޑެނީއެވެ. އެހީއަކަށް އެދި ގޮވާނީ ފަހެ ކާކަށް ހެއްޔެވެ. މިހަގީގަތް ނޭނގޭ ރަށުގައި ދަންވަރުގަޑީގައި ތެމިފޯވެގެން ހުރެ ފަހެ ދާނީ ކޮންތާކަށް ހެއްޔެވެ. ގެއެއް ކީއްކުރަންތޯ ޖިފުޓިގަނޑެއްވެސް ނުފެނެއެވެ. ސުބުހާނަﷲ، ވިދާލިވިދުވަރާއެކު ހޮނުއެޅީއެވެ. އެއާއެކު ވަރަށް ކުޑަކޮށް އަލިކަމެއް ފެންނަން ފެށިއެވެ.
ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން އެއަލިވާ ދިމާލަށް ދާން ފަށައިފީމެވެ. ގޮސްބަލާލިއިރު އެއީ ޖިފުޓިއެކެވެ. ކުޑަ ވޮށެއްގެ އަލި އެތެރެއިން ފެންނަން ހުއްޓެވެ. ބިރުން ދޮރުކައިރީގައިހުރެ ބާރަށް ރޮއިގަނެވިއްޖެއެވެ. އެއާއެކު މީހަކު އައިސް ދޮރު ހުޅުވިއެވެ. "މިއޮތްގަދަ ވިއްސާރާގައި މިދަންވަރުގައި މިފަޅުރަށުގައި މިތަނަށް ތިއާދެވުނީ ކިހިނެއްހެއްޔޭ. ތިއީ އަނެއްކާ އިންސިއެއްހެއްޔެވެ. ނޫނީ ޖިންނިއެއް ހެއްޔެވެ." ތަސްލީމާ ރޮއެގެންފަ ބުންޏެވެ. މިއީ ދިވެހި ކުއްޖަކީމެވެ. ބަޔަކުމީހުން އަހަރެން ކަނޑަށް އެއްލާލީމަ އައިސް މިރަށަށް ލެއްގީއެވެ. އޭގެފަހުގައި ދެވޭނުދެވޭ ތަނެއް ނޭނގި މިތަނަށް އާދެވުނީއެވެ. އެއީ ކޮންމެވެސް ހިޔާވައްސެއް ބޭނުންވާތީއެވެ. ތަސްލީމާ މިހެން ބުނުމާއެކު އޭނާ އެގެއަށް ވައްދާފިއެވެ. އަދި ތެތްބޭލުމަށްޓަކައި ފޮތިގަނޑެއް ދިއްކޮށްލިއެވެ. އެއިރު ގަޑީން ހަތަރުގަޑިބައި ވީއެވެ. ވެފައި ހުރި ވަރުބަލިކަމާއި ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ތެރޭގައި އެގޭ ތެރޭގައި ހުރި އަށިގަޑެއްގެ މަތީ އޮށޯތުމާއިއެކު ކުޑަކޮށް ނިދިއްޖެއެވެ. އަނެއްދުވަހު ނާސްތާއެއް ކުރުމަށްފަހު އެގޭގައިހުރި އަހުމަދަށް އޭނާއާއި ގުޅޭ އިތުރު މައުލޫމާތު ކިޔައިދިނެވެ.
ޖެހިގެން އައިދުވަހު ތަސްލީމާއި ފަރަހަނާޒުގެ މައިންބަފައިން އެކުދިން ގެއްލިގެންއުޅޭ ވާހަކަ އެރަށުގެ އޮފީހަށް ހުށަހަޅައިފިއެވެ. އެދުވަސްވަރުގެ ގޮތުން އެފަދަ މައްސަލައެއް ބެލޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. ދުވަސްވަރަކީ ބޭރުގެ އިސްތިޢުމާރެއްގެ ދަށުވެ ރާއްޖެ އަޅުވެތިވެފައިވާ ދުވަސްވަރެކެވެ. މުޅިރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެރިކަން ކުރަމުން ދަނީ ޕޯޗްގީޒުންނެވެ. އެފަދަބައެއްގެ ވެރިކަމުގެ ދަށުން މިފަދަ ހާދިސާއެއްގެ ނަސްރު ލިބުމަކީ ނާދިރު ކަމެކެވެ. ކޮންމެއަކަސް މިމައްސަލަ ހުށަހެޅުމުން ތަހުގީގު ކޮމެޓީއެއް އައްޔަން ކުރެވުނެވެ. އެކޮމެޓީގައި ހިމެނުނީ ޕޯޗްގީޒުންގެ ދެމީހަކާއި ރާއްޖޭގެ މީހެކެވެ. އެއީ ލޯރަންސާއި ޗާލީސޫރު ކިޔާމީހަކާއި އަދި ކާތިބު މުފީދެވެ. މި ތިންމީހުން މުޅިރަށްބަލާ ފާސްކުރުމުން ވެސް މިމައްސަލާގެ ތުހުމަތު ކުރެވޭ އެކަކުވެސް އެރަށުން ނުފެނުނެވެ. "ހީވަނީ މިކަމާއި ގުޅުންހުރި މީހަކު މިރަށުގައި ނެތީހެންވެ." ލޯރަންސް ބުނެލިއެވެ. އެދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އަންނަ ހަފްތާގައި އިތުރު ހޯދުން ހޯދުމަށް އެއްބަސްވެވުނެވެ. އެދުވަހުގެ މަސައްކަތް ނިމި އެރޭގެ ދިހައެއްޖެހިއިރު ކޮމެޓީގެ މީހުން ގެއަށްދިޔައީއެވެ.
ހަމަ އެރޭގެ އެގާރަޖެހިއިރު ތަސްލީމާ އާއި އަހުމަދު ކުޑަ ބޮއްކުރައެއްގައި ތަސްލީމާ މެންގެ ރަށަށް ދިޔައެވެ. އަހުމަދު ވަރަށް ސިއްރުން ތަސްލީމާގެ މައިންބަފައިންނަށް އޭނާ ރައްދުކުރިއެވެ. އަދި ތަސްލީމާ ފެނުނު ކަމުގެ ވާހަކަ ރަށުތެރޭގައި އެއްގޮތަކަށްވެސް ނުދައްކާށޭ ބުންޏެވެ. "ތަސްލީމާ ފޮރުވައިގެން އުޅޭ. އަހަންނަކީ ކާކުކަން އަދި އޮޅުން ފިލުވުމަށް ނޭދޭ. އަހަރެން މިދަނީ ކަމުގެ ސީރިއަސްކަން ދެނެހުރެ އެނބުރި އައުމަށް. އިރާދަކުރެއްވިއްޔާ ފަރަހަނާޒުގެ ގާތިލް ހޯދާނަން."
ތަސްލީމާ އެކުދިންނާއި ކުރިމަތިވި ކަންތަކުގެވާހަކަ ތަފްސީލުކޮށް މައިންބަފައިންނަށް ކިޔާލަދިނެވެ. އަހުމަދުގެ ރަގަނޅުކަމާއި އޯގާތެރިކަމަށް ޝުކުރު ދެންނެވުމަށްފަހު އޭނާގެ މަސައްކަތަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މަންމަމެން ކުރެން އެދުނެވެ. އަހުމަދު މިހާރު ރަށުތެރޭގައި ބާސޯޓްބުރިއަކާއި ވީދިފަ އޮތް ގަމީހެއްލައިގެން ކަނު އަނދިރީގައި އެކިގޭގޭ ކައިރީން ހިނގަމުން ދަނީއެވެ. ގަޑިން އެއްގަޑިބައި ވީއެވެ. ގެއެއްގެ ތެރެއިން އަލިފާން އަންދާތީ ފެނުމުން ވަރަށް ސިއްރުސިއްރުން މީހުންނަށް ނުފެންނަ ގޮތަށް އެގެއާއި ކައިރިވެލައިފިއެވެ.
އެގެއަކީ ލޯރަންސް މެން ދިރިއުޅޭގެއެވެ. ނުފެންނަ ގޮތަށް އަދިވެސް ކައިރިވެލިއެވެ. ލޯރަންސް އާއި ޗާލީސޫރު މަޖާ ވާހަކަތަކެއް ދައްކަމުން ދަނީއެވެ. ކައިރީގައި ކުޑަމޭޒަކާއި ދެތަށި ރާހުއްޓެވެ. އިރުއިރުކޮޅާ އަލިފާން ގަނޑުގެ ތެރެއަށް ދަރު އަޅަމުން ދެއެވެ. މޭޒުމަތީގައި ގަނޑުތަކެއް ހުއްޓެވެ. ދެމީހުން އެކުގައި ކޮންމެވެސް ތާކަށް ވަދެއްޖެއެވެ. އެވަގުތު އަހުމަދު ވަދެ އެގަނޑުތައް ނަގައި ފޮރުވައިފިއެވެ. އަދި ދުންމަޅިވެސް ނަގާ ބޭރުކޮށްފިއެވެ.
ގޭގެ ބޭރުގައި އަހުމަދު ފިލާހުއްޓާ ބައިގަޑިއިރު ފަހުން އެމީހުން އައިސް ބަލާލިއިރު އެމީހުން ޕްލޭންކުރި ކަރުދާސް ތަކާއި ދުންމަޅި ނެތެވެ. މިދަންވަރު މިތަނަށް އައީ ކާކުތަ؟ ލޯރަންސް ބުނެލިއެވެ. ޗާލީސޫރު އާއި ލޯރަންސް ތެޅިފޮޅެނީއެވެ. މިމީހުންގެ ރޭވުންތައް ހާމަވެދާނެތީ ބިރުންނެވެ. ދެމީހުން އެއްފަހަރާ ބޭރަށް ނުކުމެއްޖެއެވެ. އެތަނުން އެކަކު އެއްފަރާތައް ޖެހުނުވަގުތު އަހުމަދު އަތުގައި އޮތް ގާގަޑަކުން ޖެހިޖެހީނުން ލޯރަންސްގެ ބޯފަޅާލިއެވެ. ލޯރަންސް ބާރަށް ރޮއިގެންފިއެވެ. އެއަޑަށް ޗާލީސޫރު ލޯރަންސް އާއި ކައިރިވީވަގުތު ދަރުގަނޑަކުން ޖެހިޖެހީނުން ޗާލީސޫރުގެ ކަށިމަތި ފަޅާލިއެވެ. ދެމީހުން އެއްފަހަރާ މިހިރީ މިހިރީއޭ ކިޔާފައި ހަޅޭލަވައިގައްތަނާ އަހުމަދު އެއްކަލަ ކަރުދާސް ހިފައިގެން ދުވެފިލައިފިއެވެ.
ޖެހިގެންއައި ދުވަހު އަހުމަދު އެކަރުދާސް ބަލާ ޗެކުކުރިއެވެ. ނަމަވެސް ނޭނގޭ ވަރަށްގިނަ މައުލޫމާތު ހުރުމުން މިކަމާއި ވަރަށް ކަންބޮޑުވިއެވެ. މިމައުލޫމާތު އޮޅުންފިލުވުމަށް ދާނީ ފަހެ ކާކުގެ ކައިރިއަށްހެއްޔެވެ. މިއީ އެމީހުން (ލޯރަންސް)ގެ ބަހުން ލިޔެފައިވާ ލިޔުންތަކެކެވެ. މިބަސް ދަންނަ ދިވެހިން މިރަށުގައި ވަރަށް މަދެވެ. ޚަބަރު ލިބޭގޮތުގައި ލޯރަންސް މެންގެ ކޮމިޓީގައި އުޅޭ މުފީދު މިބަހަށް ވަރަށް މޮޅެވެ. ނަމަވެސް އޭނާއަކީ މިމައްސަލަ ބަލާ ކޮމިޓީގެ މީހެކެވެ. ނަމަވެސް މިމައުލޫމާތު ސާފު ކުރާނަމެވެ. އަހުމަދު އަޒުމްކަނޑައެޅިއެވެ.
ހަމައެދުވަހު ލޯރަންސް އާއި ޗާލީސޫރު އޮފީހަށް ނުދާތީ މުފީދު އެދެމީހުން އުޅޭ ގެއަށް ދިޔަ މަގުމަތީން އަހުމަދު އާއި ދިމާވެއްޖެއެވެ. އަދި މުފީދު އާއި އަހުމަދު އަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. އަހުމަދު ނޫރީގެއަށް ޖައްސާލާތި މިރޭ މުފީދު ކައިރީގައި ބުނުމަށްފަހު އެވަގުތު ދެމީހުން ވަކިވީއެވެ. މުފީދު ގޮސް ލޯރަންސް މެންނާއި ބައްދަލު ކުރިއިރު އެކަކުގެ ބޮލުގައި ވަނީ ބޭސްއަޅާފައެވެ. އަނެކަކުގެ ކަށިމަތީގައި ފޮތިބަދެފައެވެ. ކިހިނެއްވީކަމެއްތޯ މުފީދު ސުވާލުކުރުމުން ލޯރަންސް ބުނީ ރޭގެ ދަންވަރުގައި އައި މީހަކު ކުރިކަމެކެވެ. އެއީ ކާކުކަން ނޭނގެއެވެ. ހީވަނީ އަހަރެމެންނަށް އެމީހަކު ފާރަލީހެންނެވެ. ރަށުގައި އަމުރު މައުރޫފް ހިންގާ މީހުންނަށް މިފަދަ ހަމަލާއެއް ދިނީ ކާކުބާވައޭ މުފީދު ހިތާހިތާ ސުވާލުކޮށްލިއެވެ. މުފީދުވެސް އެދެމީހުންނާއި ވާހަކަ ދެއްކުމަށްފަހު ދިޔައީ އޮފީހަށެވެ. މުފީދުގެ ފަރާތުން ލޯރަންސް މެންނަށް މީހަކު އަނިޔާކުރިކަމުގެ ވާހަކަ އިސާހިތަކު މުޅި ރަށު ތެރެއަށް ފެތުރިއްޖެއެވެ.
ނުނިމޭ...
ނޯޓް: މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ވާނީ ބަދަލުގެނެވިފައެވެ. މި ހާދިސާގެ ފަހުބައި އަންނަ ހޯމަ ދުވަހު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފޮޓޯ: ޔޫއެންއޯޑީސީ