November 22, 2024 22:21
Advertisement

-Advertisement-

ޝާއިން: ޤުރުއާނުގެ 27 ފޮތް ހިތުދަސް، ދުނިޔެއިން 1 ވަނަ ހޯދި ހުނަރުވެރި ދަރިވަރެއް!

2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން ދިވެހިރާއްޖެއިން 1 ވަނަ ހޯދި 10 ދަރިވަރުންގެ ތެރޭގައި ހިމެނުނު ޝާއިން މުހައްމަދު ރިފްއަތަކީ ހުރިހާ ގޮތަކުން ވަރަށް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ބަޔޮލޮޖީ އިން މުޅި ދުނިޔެއިން 1 ވަނަ ހޯދި ޝާއިން އަކީ ކީރިތި ގުރުއާނުގެ 27 ފޮތް ހިތުދަސް ކުއްޖެކެވެ. އަދި ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން 2019 ވަނަ އަހަރު އަދާކުރި ޝާއިން އަށް ވަނީ އެއަހަރު ކިޔެވި ދަރިވަރުންގެތެރެއިން މުޅި ސްކޫލުން 2 ވަނަ ލިބިފައެވެ.

މާއްދާތަކުން ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އަދި އެޑިޔުކޭޝަން މިނިސްޓަރ

ކާމިޔާބު ލިބުނީ ކިހިނެއް؟

'ޒީޓައިމްސް' އަށް އިންޓަވިއު ދެމުން ޝާއިން ބުނީ މި ލިބުނު ކާމިޔާބީ އަކީ ގަދައަޅައި މަސައްކަތްކުރުމުގެ އިތުރަށް މަންމައާއި ބައްޕަގެ އެހީތެރިކަމާއި، ޓީޗަރުންނާއި އެކުވެރިންގެ އެއްބާރުލުމާއެކު ލިބުނު ކާމިޔާބެއް ކަމަށެވެ. ޝާއިން 9 މާއްދާއިން އޭސްޓަރ ހޯދިއިރު މީގެތެރެއިން ރާއްޖެއިން އެއްވަނަ ލިބުނީ މެތަމެޓިކްސް، ބަޔޮލޮޖީ، އަދި ފިޒިކްސް އިންނެވެ. 

Advertisement
ދުނިޔެއިން 1 ވަނަ ލިބިފައިވާތީ އެޑިޔުކޭޝަން މިނިސްޓަރ ސޮއިކުރައްވާ ދެއްވި ލިޔުން

" ޓިއުޝަން ނުނަގަން 8 މާއްދާއިން. ސްކޫލުގައި ނުކިޔަވާ މާއްދާއެއް ކަމަށްވާ އެކައުންޓުން އޯލެވެލްގައި ބައިވެރިވެ އޭ ސްޓަރ ލިބުނީ އެ މާއްދާއިން ޓިއުޝަން ނަގައިގެން. ދުނިޔެއިން އެއްވަނަ ލިބުނު މާއްދާއަކީ ވެސް ޓީޗަރުންގެ އެހީގެ އިތުރަށް އަމިއްލައަށް ޕާސްޓްޕޭޕަރު ހަދައިގެންނާއި ޔޫޓިއުބު ބަލައިގެން ކުރި މަސައްކަތުން ވަނަ ލިބުނު މާއްދާއެއް. ދުނިޔެއިން އެއްވަނަ ބަޔޮލޮޖީއިން ލިބުނީމަ އެންމެ ފުރަތަމަ ގަބޫލެއް ނުކުރެވުނު. އަދި އެއީ އަޅުގަނޑަށް އެންމެ އުދަގޫ މާއްދާ" ޝާއިން ބުންޏެވެ.

ފިލާވަޅުގައި ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ޓީޗަރުން ކައިރީގައި އަހާ އޮޅުންފިލުވުމަކީ ޝާއިން އަބަދުވެސް ކުރަމުން އައި ކަމެކެވެ. އަދި ވަރަށް ގިނަ ފަހަރު ޕާސްޓްޕޭޕަރު ހެދި ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޝާއިން އާއިލާގެ މެންބަރުންނާއެކު

ދަރިވަރުންނަށް ދޭން ބޭނުންވާ މެސެޖު

ޝާއިން ފާހަގަކުރިގޮތުގައި ކާމިޔާބު ލިބޭނީ ހިތްވަރާއެކު މަސައްކަތްކޮށްގެންނެވެ.

" ޕާސްޓްޕޭޕަރު ފުރަތަމަ ހަދާއިރު ރަނގަޅަށް ޖަވާބު ނުލިޔެވިދާނެ. ތަކުރާރުކޮށް ޖަވާބު ލިޔަން މަސައްކަތްކުރީމަ ކާމިޔާބު ލިބޭނީ"

ޝާއިން އަށް ތަފާތު މުބާރާތްތަކުން ލިބިފައިވާ ރަންވަނަތަކުގެ ތަފްސީލް ހިމެނޭ ލިޔުމެއް

އިތުރު ހަރަކާތްތައް

ޝާއިން އަކީ ޖަމާލުއްދީން ސްކޫލުގައި އިތުރު ހަރަކާތްތަކުގައި ފާހަގަކުރެވޭ ދަރިވަރެކެވެ. ޤުރުއާން މުބާރާތްތަކުން ރަން ވަނަތަކެއް ތަކުރާރުކޮށް ލިބުނުއިރު، އޭގެތެރޭގައި ސްކޫލުތަކުގެ މެދުގައި ބޭއްވުނު ޤުރުއާން މުބާރާތުން 16 އަހަރުން ދަށުގެ ބައިން 1 ވަނަ ވެސް ލިބިފައިވެއެވެ. ސްކޫލްތަކުގެ މެދުގައި ބޭއްވުނު ތާރީޚީ ސުވާލު މުބާރާތްތަކުން ވެސް ތަކުރާރުކޮށް ވަނަ ވަނީ ހޯދާފައެވެ. އަދި ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތް، އަދަބީ ގަވާއިދު ކްއިޒް، އަދި އަތުލިޔުމުން ވެސް ވަނަތައް ވަނީ ހޯދާފައެވެ. ޝާއިން އަކީ ވާހަކަދެއްކުމާއި ބަހުސް މުބާރާތްތަކުގައި ވެސް ފާހަގަކުރެވޭ ދަރިވަރެކެވެ.

ޝާއިން ފުލުހުންގެ އޮފިސަރެއްގެ އިންޓަވިއު ނަގަނީ

މަންމަ ދެކޭގޮތް

ޝާއިން އަކީ ބ އޭދަފުށީ ފާތިމަތު ނާސިހާ އާއި މުހައްމަދު ރިފްއަތުގެ (ތިންކުދިންގެ ތެރެއިން އެންމެ ހަގު) ދަރިފުޅެވެ. އޭނާގެ މަންމަ ވިދާޅުވީ ދުނިޔެއިން އެއްވަނަ މާއްދާއަކުން ލިބުނީމަ ވަރަށް އުފާވިކަމަށެވެ. އެކަމަށް އައީ ވަރަށް ބޮޑަށް އުންމީދުކުރަމުން ކަމަށެވެ.

" ގަދައަޅައި މަސައްކަތް ކުރި ކުއްޖެއް. ގްރޭޑް 1 އިން ފެށިގެން މަންމަ ނުޖެހޭނެ ކިޔަވަން ބުނާކަށް. އަމިއްލައަށް ކިޔަވަން މަސައްކަތްކުރަމުން އައީ. އެކަމަކު ވަރަށް ހިތްވަރުދީ ނަސޭހަތްދެން. ނަމާދުކޮށް ޤުރުއާން ކިޔަވަން. ޝާއިންގެ މިހާރު ދަސްނުވެ އޮތީ ޤުރުއާނުން 3 ފޮތް. އެއީ އަސްލު ކާމިޔާބުގެ އަސްލަކީ އަޅުގަނޑު ދެކޭގޮތުގައި." ޝާއިންގެ މަންމަ އުފަލާއެކު ފާހަގަކުރެއްވިއެވެ.

ޝާއިން ހޯދި ކާމިޔާބީ އާއިލާއިން ފާހަގަކުރަނީ

އުމުރުން 10 އަހަރުން ފެށިގެން ޤުރުއާން ހިތުދަސްކުރަމުން އައި ޝާއިން އަށް މުޅި ޚަތިމް ހިތުދަސްނުކުރެވި ލަސްވަމުން ދަނީ ކޮވިޑްގެ ސަބަބުން ޤުރުއާން ކްލާސްތައް އޮންލައިން ކުލާހަށް ބަދަލުވުމުގެ އިތުރަށް ސްކޫލުގެ ކިޔެވުމުގައި މާބިޒީވުމުން ކަމަށް އޭނާގެ މަންމަ ވަނީ ފާހަގަކޮށްފައެވެ. ސީއެޗްއެސްއީ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ޝާއިން އަކީ އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.

ޖަމާލުއްދީން ސްކޫލުގެ ދިވެހި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޝާއިންގެ މަންމަ އިތުރަށް ފާހަގަކުރެއްވިގޮތުގައި ޝާއިން އެންމެ ބޮޑަށް ދެރަވީ ސްކޫލުން އެއްވަނަ ނުލިބުމުންނެވެ.

ކުޑައިރުން ފެށިގެން ޝާއިން ދިޔައީ ކިޔެވުމާއި އަދަބީ ހަރަކާތްތަކުން ވަނަތައް ހޯދަމުން

" ގްރޭޑް 1 އިން ފެށިގެން 10 ނިންމީ މުޅި ގްރޭޑުން 1 ވަނަ ހޯދައިގެން. އެއީ ސްކޫލުގައި ކިޔެވި 8 މާއްދާއިން ޓިއުޝަން ނުނަގާ. ސްކޫލް ކެޕްޓަން ކަން ދަރިފުޅު އުންމީދުކުރިއަސް ލިބުނީ ޑެޕިއުޓީ ކެޕްޓަންކަން. ދެން މަސައްކަތް ކުރީ ސްކޫލުގެ ބެސްޓް އޯލް ރައުންޑްކަން ލިބޭތޯ. ވަރަށް ހިތްވަރު ކުރި. އެކަމަކު އެވެސް ކާމިޔާބު ނުވި. ވަރަށް ދެރަވި ޝާއިން އަށް 2 ވަނަ ލިބުމުން. އެކަމަކު ނާކާމިޔާބީ އަކީ ކާމިޔާބީގެ ތަޅުދަނޑި" ޝާއިންގެ މަންމަ ވިދާޅުވިއެވެ.

ޖަމާލުއްދީން ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ

ނިންމުން

ޖަމާލުއްދީން ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނުއިރު އެ ޖަލްސާގައި ޝާއިން ވަނީ ވާހަކަދައްކާފައެވެ.

" އަޅުގަނޑުގެ ހަނދާނަށް އަންނަނީ ސްކޫލުގައި އުޅުނު އެންމެފަހު އަހަރު. ސްކޫލުގެ އެކި ޕޯސްޓްތަކަށް ދަރިވަރުން ހޮވުމަށް ކުރެވުނު ކެމްޕެއިން. ސްކޫލް ކެޕްޓަނަކަށްވުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދޭތޯ ކުރެވުނު މަސައްކަތް. އެދުވަހު ނާކާމިޔާބީގެ ދިދަ އަޅުގަނޑު ތިރިކޮށްލީ އެއަށްވުރެ އުހަށް އެހެން ދިދައެއް ހިތްލާލުމުގެ ފޮނި ހުވަފެންތަކަކާއެކު. އެހުވަފެންތަކުގައި ހަގީގީކުލަޖެހި ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރެއްގެ ގޮތުގައި ޖަމާލުއްދީންގެ ނަން ހިމަނާލެވުނު ދަރިވަރަކަށް އަޅުގަނޑަށް ވެވުނީތީ އުފާކުރަން" ޝާއިންގެ ވާހަކައިގައި ފާހަގަކުރިއެވެ.

ޒީޓައިމްސް އިން އެދެނީ އިންޖިނޭރަކަށް ވުމަށް ހުވަފެން ދެކެމުން އަންނަ ޝާއިންއަށް ކާމިޔާބު މިންވަރު ކުރެއްވުމެވެ.

+1
7
+1
58
+1
12
+1
0
+1
4
+1
1
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް