September 20, 2024 19:42
Advertisement

-Advertisement-

އަޒްޔާންގެ ވޭނީ ދުނިޔެ: އެދެނީ ފަރުވާއަށް ދީލަތި އެހީއެއް!

ހަތަރު އަހަރުގެ މުހައްމަދު އަޒްޔާން އަލީ އަކީ އުފަންވީންސުރެ ނިދަން އުނދަގޫވާ ކުއްޖެއް ކަމަށް އޭނާގެ މަންމަ ބުނެއެވެ. "ފުރަތަމަ ހީކުރީ ގާތުން ރަނގަޅަށް ނުދެވޭތީއޭ. އެކަމަކު ގާތުން ރަނގަޅަށް ލިބެން ފެށީމަވެސް ނުނިދޭ" ކަމަށް އޭނާގެ މަންމަ ފާތިމަތު އިހްސާނާ ބުންޏެވެ.

ދަރިފުޅަށް ހަމަނިދި ނުލިބޭތީ އިހްސާނާ އާއި އޭނާގެ ފިރިމީހާއަށް ވެސް ހަމަނިދި ނުލިބި އަބަދުވެސް ކޮންމެވެސް އެކަކު ހުންނަންޖެހެނީ ހޭލައެވެ. ހޭލެވޭއިރަށް އަޒްޔާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެތީ އެކަމުގެ ބިރުގައެވެ.

ދެދަރިންގެ މައިންބަފައިން މިހެން އުޅޭތާ ހަތަރު އަހަރު ވީ ފަހުން މިއަދު އެ ދެމަފިރިން ބޭނުންވަނީ ހަގުދަރިފުޅު އަޒްޔާނަށް ރަނގަޅަށް ނިދޭނެ ފަރުވާއެއް ހޯދައިދިނުމަށެވެ. އެފަދަ ފަރުވާއެއް ކަމަށް އެ އާއިލާ އިން ގަބޫލުކުރާ 'ސްޓެމްސެލް ތެރަޕީ' ހެދުމަށް 13900 އެމެރިކާ ޑޮލަރު ބޭނުންވެއެވެ. މިވަރުގެ ބޮޑު ހަރަދެއް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީއަށް އެދެމުން އަންނައިރު އަޒްޔާން ގޮވައިގެން ކުރަމުންދާ ދަތުރު އިހްސާނާ ވަނީ ޒީޓައިމްސް އާއި ހިއްސާކޮށްފައެވެ.  

Advertisement

އަޒްޔާން އުފަންވީ ސްރީލަންކާގައެވެ. އޭރު ނަސީބު ދިމާކުރިގޮތުން އިހްސާނާގެ ދޮށީ އަންހެން ދަރިފުޅާއިއެކު ދިރިއުޅެމުންދިޔައީ ސްރީލަންކާގައެވެ. އަޒްޔާނަށް ނިދަން އުދަގޫވާތީ އުފަންވިތާ ހަފްތާއެއްހާ ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުމުން އިރުޝާދު ދިނީ ހިތާނުކުރުމަށެވެ. "އޭރު ވަރަށް ކުޑަވީމަ ހިތާނު ނުކުރަންވެގެން ކުޑަކުދިންގެ ޑޮކްޓަރަކަށް ދެއްކީމަ ބަނޑުގެ ސްކޭނެއް ހެދީ. ސްކޭން އިން އެނގުނީ އަޒްޔާން ބަނޑުގައި ވަރަށް ބައިވަރު ހިލަ ހުރިކަން. ޑޮކްޓަރު ބުނި ހިލަކަންތައްވެސް ރަނގަޅުވެދާނެއޭ ހިތާނު ކޮށްލާށޭ" އިހްސާނާ ބުންޏެވެ.

ހަތަރު މަހުގައި އަޒްޔާން ހިތާނު ކުރިއެވެ. އަދި ހިލަކަންތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ގޮސް އަހަރެއްހާ ދުވަހުން ބޭސްދީގެން އޮޕަރޭޝަނަކާއި ނުލާ ރަނގަޅުވިއެވެ. އެހެންނަމަވެސް ނިދަން ފަސޭހަ ނުވިއެވެ. ދަންވަރަށް ހޭލައިގެން ރޮވޭ ސަބަބެއް އިންޑިއާއިން ބެލި ޑޮކްޓަރުންނަކަށްވެސް ނޭނގުނެވެ. "އެމީހުން ބުނީ ވެދާނެއޭ އުފެދުމުގައިވެސް ހައިޕާ ކުއްޖެއްވީމަ ނިދި މަދުވަނީ ކަމަށް. ނިދިފަ ބާއްވާއިރަށް ތެދުވޭ. ވަރަށް އުނދަގުލުން ނިންދަވަނީ. އިރުއިރުކޮޅާ ހޭލާ" އިހްސާނާ ބުންޏެވެ.

އަޒްޔާންގެ ހާލަތު ބަޔާންކޮށް އައިޖީއެމްއެޗް އިން ދީފައިވާ ލިޔުން

ހޭލައިގެން ރޮވޭ ކޮންމެ ފަހަރަކު ހީވަނީ ދަރިފުޅު ބަނޑުހައިވެގެން ނުނިދިގެން އުޅެނީ ކަމަށެވެ. އެހެންވެ 4 މަހުގައި އަޒްޔާނަށް ކާންދޭންވެސް ފެށިއެވެ. އެކަމަކު ހަމަ ބަނޑުފުރުނަސް ރަނގަޅަކަށް ނުނިދެއެވެ. ހިލަ ކަންތަކަށް ފަރުވާކުރަންގޮސް އުޅުމުގެތެރޭގައި އިންޑިއާގައި 2 މަސްވީ ފަހުން ޓޮންސިލް އާއި އެޑެނޮއިޑް ދުޅަކަމަށް ޑޮކްޓަރުން އެންގިއެވެ. ލަންކާއަށް އެނބުރިގޮސް އަހަރެއްހާ ދުވަސް ފަހުން އެޑެނޮއިޑް ސާޖަރީ ކުރިއެވެ. އެހެންނަމަވެސް ހަލަނިކަމުން އަޒްޔާނަށް އައިވީ ނުގުޅިގެންނާއި ހުއްޓާނުލާ ރޮއިހަދާތީ ސާޖަރީއަށްފަހު 3 ގަޑިއިރު ނުވަނީސް ގެއަށް ފޮނުވާލީ ކަމަށް އިހްސާނާ ބުންޏެވެ. އެހެންކަމުން އަދިވެސް ހުރީ ޓޮންސިލް އޮފަރޭޝަން ނުކުރެވިއެވެ.

"އޭރު ދެން ހިތަށްއަރަނީ މިކަހަލަ އުނދަގޫތަކާއި ހެދިއޭ ނުނިދެނީ. ދެން 8 މަހުގައި އަޒްޔާން ބޮލުން ތަންތަނުގައި ޖަހަންފެށީ. ނިދާފަ އޮވެފަ ހޭލާފަވެސް އެނދުގައި ބޮލުން ޖަހާފާނެ. އެހިސާބުން ދެން ފާހަގަވީ އައި ކޮންޓެކްޓްވެސް ރަނގަޅު ނޫންކަން" މިއީ އަޒްޔާން އަކީ އާދަޔާ ޚިލާފު ކުއްޖެއްކަން އޭނާގެ މަންމައަށް ފާހަގަވި ހިސާބެވެ. އަޒްޔާނަށް ހިނގެން ފެށުމުން ފާރުގަ އާއި ތަށިމުށީގައިވެސް ބޮލުން ޖަހަން ފެށިއެވެ.    

އެންމެ ކުޑައިރު ދުވާލަކު 10-20 ވަރަކަށް ފަހަރު މިގޮތަށް ބޮލުން ތަންތަނުގައި ޖަހާކަމަށް ލަފާކުރެއެވެ. ފަހުން އިތުރުވަމުން އައިސް ދުވާލަކު ގާތްގަނޑަކަށް 300 އެއްހާ ފަހަރުވެސް ތަންތަނުގައި ބޮލުން ޖަހާފާނެ ކަމަށް އިހްސާނާ ބުންޏެވެ. މިކަން ނުހުއްޓުވިގެން ލަންކާއިން ސައިކޭޓްރިސްޓަކަށް ދެއްކިއެވެ. 

ސައިކޭޓްރިސްޓް ދިނީ ނިންދަވަން ބޭހެއް. ނިދާ ބޭސްދީގެންވެސް ކުޑަކުއްޖަކަށް އެންމެ ބޭނުންވާ މިންވަރަކަށް އަޒްޔާނަށް ނިންޖެއް ނުލިބޭ. ގާތްގަނޑަކަށް 12 ނުވަތަ 13 ވަރަކަށް މަހުގައި ޑޮކްޓަރުން ބުނި އަޒްޔާނަކީ އޭޑީއެޗްޑީ ހުންނަ ކުއްޖެއްހެންނޭ ބޮޑަށް ހީވަނީ" އަސަރާއިއެކު އިހްސާނާ ކިޔައިދިނެވެ.

އޭނާގެ އެއްބަނޑު އެއްބަފާ މީހެއްގެ އޭޑީއެޗްޑީ ހުންނަ ދަރިއެއް ހުންނާތީ އެކަމާއި ބެހޭ ބައެއް މައުލޫމާތު އިހްސާނާއަށް އޭރު އެނގެއެވެ. އަޒްޔާންގެ ވާހަކަ ދެއްކުން ލަސްވުމާއި، އައި ކޮންޓެކްޓް ރަނގަޅު ނުވުމާއި ގަދަ އަޑުތަކަށް އުނދަގޫވުން ފަދަ މައްސަލަތައް ހުންނާތީ އަޒްޔާނަކީ ނޯމަލް ކުއްޖެއް ނޫންކަން އިހްސާނާއަށް ވެސް އޭރު ފާހަގަވާން ފަށައިފިއެވެ. އެހެންނަމަވެސް އެކަންކަން ހިއްސާކުރުމުން އޭރު އޭނާގެ ފިރިމީހާއަށް އެކަންކަން ގަބޫލެއް ނުކުރެވުނެވެ. "އާދަޔާ ޚިލާފަށް ތަންތަނުގައި ބޮލުންޖަހާތީ އެނގިއްޖެ މިއީ އާދައިގެކަމެއް ނޫންކަން. ފިރިމީހާއާއި މި ވާހަކަތައް ހިއްސާކުރުމުން ވެސް އޭރު އޭނާވެސް ގަބޫލެއް ނުކުރި. އެހެންނަމަވެސް އަޒްޔާނަށް 14 މަހުގައި ޑޮކްޓަރުން ބުނީ އަޒްޔާނަކީ އޯޓިސްޓިކް ކުއްޖެކޭ. ތެރަޕީ ނަގަން ފަށާށޭ" އިހްސާނާ ބުންޏެވެ.

ލަންކާއިން އޯޓިޒަމް ކުދިންނަށްދޭ ތެރަޕީ ނަގަންފެށިއެވެ. ތެރަޕީ ނަގަމުންދިޔައިރު ވެސް ބޮލުން ތަންތަނުގައި ޖެހުމަށް ބަދަލެއް ނައުމާއި، މައުތު ސެންސަރީ ހުންނާތީ އެއްވެސް ވަރަކަށް ބޭސް ނުދެވޭކަން އިހުސާނާ ފާހަގަ ކުރިއެވެ. މިއަދާ ހަމައަށްވެސް ބޭސް ދެނީ ކިރުޕެކެޓަށް ނުވަތަ ޖޫސް ޕެކެޓަށް ބޭސް އަޅައިގެންނެވެ. އަދި ދޭންޖެހޭ ޑޯޒް ފުރިހަމައަށް ނުވެސް ދެވޭކަމަށް އިހުސާނާ ބުންޏެވެ. ނަމަވެސް ލަންކާއިން ތެރަޕީ ނަގަން ފެށިފަހުން ބަސްތައް ކިޔަން ފެށިއެވެ. އެ ތެރަޕީތަކުން ވެސް ނިންޖަކަށް އަސަރެއް ނުކުރުމުން އަނެއްކާވެސް ސައިކޭޓްރިސްޓަކަށް ދެއްކިއެވެ.

އަޒްޔާން އަށް ސްޕީޗްތެރަޕީ ދިނުމާގުޅޭގޮތުން ޑޮކްޓަރު ދީފައިވާ ލިޔުން

"ބުނީ އަޒްޔާނަށް ކޮންމެ ދުވަހަކު އޮކިއުޕޭޝަނަލް ތެރަޕީ (އޯޓީ) ބޭނުންވާކަމަށް. ލަންކާއިން ކޮންމެ ދުވަހަކަށް އޯޓީ ލިބޭގޮތެއް ނުވި. ޑޮކްޓަރުންގެ ލަފައާއި އެކު ދެން މެލޭޝިއާއަށް ބަދަލުވީ" އިހްސާނާ ބުންޏެވެ. އާދިއްތަ ނޫން ހުރިހާ ދުވަހެއްގައި މެލޭޝިއާ އިން ތެރަޕީ ނަގަން ފެށިއެވެ. މެލޭޝިއާގައި ހުރި އިރު އަޒްޔާނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް އިހްސާނާއަށް ފާހަގަ ކުރެވުނެވެ. "އޯޓީ ނަގަންފެށިފަހުން ބަދަލުއައި. އޭރުވެސް ނިދާބޭސް ދީގެން އަޒްޔާން ނިންދަވަނީ. ބޭސްދޭތާ ދެތިން ގަޑިއިރު ފަހުން ނިދޭ. އެކަމަކު ދަންވަރު 2-3 އާއި ދޭތެރޭ ތެދުވޭ. ދަންވަރު ހޭލައިގެން ބޮލުން ތަންތަނުގައި ޖަހާ ރޮއެހަދާ. ރޮނީ ކީއްވެގެންކަމެއް ހަމަ ނޭނގޭ. ދެން ބަނޑުގައި ބާމުކޮޅެއް ހާކާލާ ހޫނުކޮށްލާ އެކަހަލަ ކަމެއް ކުރެވެނީ" މެލޭޝިއާގައި އެކަނި އަޒްޔާން ގޮވައިގެން އުޅުނު ދުވަސްތައް ހަނދާން ކުރަމުން އިހްސާނާ ބުންޏެވެ. މާލީހާލަތު ހުރިގޮތުން ދަރިފުޅު ގޮވައިގެން އިތުރު އެހީތެރިއަކާއި ނުލާ މެލޭޝިއާގައި އުޅެންވެސް ވަރަށް ދަތިވިއެވެ. އެހެންނަމަވެސް އަޒްޔާނަށްޓަކައި އިހްސާނާ ހިތްވަރު ކުރިއެވެ.

8 މަސްދުވަހު މެލޭޝިއާގައި ހުރެގެން އަޒްޔާނަށް އޮކިއުޕޭޝަނަލް ތެރަޕީ ދެމުން އައިއިރު ކޮންމެ ތިންމަހަކުން މާލެ އަންނަން ޖެހެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާތީ މެލޭޝިއާއިން އަޒްޔާނަށް ވިސާ ނުދިނުމުގެ ސަބަބުންނެވެ. "މެލޭޝިއާގައި ތެރަޕީ ނަގަން މަހަކު 25 ހާސް ރުފިޔާ ތެރަޕީއަށްދޭ. ފިރިމީހާގެ ކޮއްކޮއެއް އަޒްޔާންގެ ތެރަޕީއަށް ހަރަދުކުރީ. ކޮވިޑާއި ހެދި މާލެއަށް އަންނަ ޖެހުނީ. އެކަމަކު މިހާރުވެސް ފުލްކޮށް ތެރަޕީނަގާ. ތެރަޕީ ނެގިޔަސް ވާހަކަދެއްކުން ނޫން ކަންތައްތަކުން ކުރިއެރުމެއް ނުލިބޭ" އިހްސާނާ ބުންޏެވެ.

"މާލެއިން 30،000 ރުފިޔާއަށް ތެރަޕީ ދެނީ. އެންސްޕާއިން ވަރަށްބޮޑު އިންސައްތައެއް ދޭ" ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އަޒްޔާނުގެ އަނެއް މައްސަލައަކީ "ވަރަށް ކުޑަކުޑައިރުންސުރެ ވަރަށް ތަޅާނެ. އަޒްޔާން އަނިޔާ ކުރާތީ ޖެހުނު ބޮލުގެ އިސްތަށިގަނޑު ބާލަންވެސް. ދަތް އަޅާތީ ދޮސްލާ ގޮތްގޮތްވާން ފެށީމަ. ދުވަހަކަށްވުރެ ދުވަހެއް ވައިލެންޓްބައި ދަނީ އިތުރުވަމުން. ކުރިން ޖަހަނީ އަތުން. މިހާރު އޭނާ އަތުގައި ޖެހުނު އެއްޗަކުން ޖަހާނީ. ސްކޫޓަރުންނާއި، ތަށިންނާ، ކުޅޭ އެއްޗެހިންނާ، ފޯނުންވެސް ޖަހާ" ކަމަށް އިހްސާނާ ބުންޏެވެ.

އެއްދުވަހުން އަނެއްދުވަހަށް އަޒްޔާން ބެލެހެއްޓުމަށް އުނދަގޫވާން ފެށުމުން އަނެއްކާވެސް ޑޮކްޓަރަކަށް ދެއްކިއެވެ. އެފަހަރު ޑޮކްޓަރު ބޭސް ދިނުމުން މަޑުމައިތިރިވެފައި އިރުގަނޑެއް ވަންދެން އަޒްޔާނަށް ހުރެވެއެވެ. ނަމަވެސް މަހެއްހާ ދުވަސްފަހުން އެ ބޭހަކަށްވެސް ނުގުޑިއެވެ. ދެގުނައަށް އަޒްޔާންގެ ހައިޕާކަން އިތުރުވިއެވެ.

އެލްކޭޖީގައި ކިޔަވަމުން އަންނަ އަޒްޔާން 3 ގަޑިއިރު ސްކޫލުގައި ހޭދަކުރަން ޖެހެއެވެ. އެކަމަކު ގަޑިއެއްހާއިރު އިނދެފައި ރޮއިގެން ގެއަށް އަންނަނީ ކަމަށް އޭނާގެ މަންމަ ބުންޏެވެ. "އާންޓީވެސް ބުނަނީ މިހާރު ވަރަށް އުނދަގުލޭ އަޒްޔާން ގެންގުޅެން. ސްކޫލުގައިވެސް ވައިލެންޓްވުންފަދަ ކަންކަން ހުރޭ" އިހްސާނާ ކިޔައިދިނެވެ.

ސްޓެމްސެލް ފަރުވާއަށްދާން ނިންމުމާއެކު ބްރޫޖު ސްކޫލުން ވަނީ އަޒްޔާންގެ ފަރުވާ ނިމެންދެން ސްކޫލު ފީ މާފުކޮށްދީފައެވެ. އެކަމަށްޓަކައި ސްކޫލުގެ މެނޭޖްމެންޓަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް އިހްސާނާ ބުންޏެވެ. 

ސްޓެމްސެލް ފަރުވާއާ ގުޅޭގޮތުން ދީފައިވާ ލިޔުން

ސްޓެމްސެލް ތެރަޕީއަށްދާން ނިންމީ ކީއްވެތޯ އެހުމުން އިހްސާނާ ބުނީ "ސްޕެޝަލްނީޑް ކުދިންގެ މަންމައިން މިފަރުވާ ހޯދައިގެން އައިސް ދޭ މައުލޫމާތުން ބައެއް ކުދިން އިމްޕްރޫވްވާކަން އެނގުނީމަ. އަދި އަޅުގަނޑުމެން ނެތް ދުވަހަކުވެސް އަޒްޔާނަށް އެކަނި އުޅެވޭވަރުކޮށްދޭން ބޭނުން" ކަމަށެވެ. އަޒްޔާނުގެ މި ފަރުވާގައި ޖުމްލަ 3 ޝޮޓްވަރު ދޭނެހެން ހީވާ ކަމަށާއި، ފުރަތަމަ ޝޮޓަށް ދަނީ 13،900 ޑޮލަރުކަމަށް އެ ފަރުވާ ހޯދަން ގަސްތުކުރާ ހޮސްޕިޓަލުން މިހާރު ވަނީ ބުނެފައެވެ.

މި ފުރުސަތުގައި އިހްސާނާ ވަނީ އޭނާގެ އާއިލާ އާއި ފިރިމީހާގެ އާއިލާގެ ފަރާތުން އަޒްޔާނުގެ ފަރުވާގެ ކަންކަމުގައި ދެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި މިހާތަނަށް ހެޔޮއެދޭ ފަރާތްތަކުންނާއި ގާތް ރައްޓެހިން ދީފައިވާ ދީލަތި އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރެއެވެ. އަދި އިހްސާނާގެ މަންމަ އަޒްޔާން ބެލުމަށް އެކި ގޮތްގޮތުންވެދޭ އެހީތެރިކަމަކީ އަގު ނުކުރެވޭނެ މަތިވެރި ހިދުމަތެއްކަން ފާހަގަކޮށް އެ މާމައަށްވެސް ޝުކުރު އަދާ ކުރިއެވެ. 

އިހްސާނާގެ އާއިލާއިން އެދެނީ މި ފަރުވާއަށް އެހީތެރިވެދެއްވަން ބޭނުންފުޅު ފަރާތްތަކުން އޭނާގެ ބީއެމްއެލް ރުފިޔާ އެކައުންޓް 7701153120101 ( ފާތިމަތު އިހްސާނާ) އަށް ނުވަތަ އަޒްޔާންގެ ބައްޕަގެ ޑޮލަރު އެކައުންޓް 7730000107811 (އަލީ އިބްރާހީމް) އަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަޒްޔާނަށް ހަމަނިދި ނިދޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މައިންބަފައިންގެ އެދުމަކީ އަޒްޔާނަށް ނިދަން ފަސޭހަކޮށްދިނުމަށް މި ފަރުވާއަށް ވީހާވެސް ގިނަބައެއްގެ ފަރާތުން ދީލަތި އެހީއާއި ހެޔޮދުއާ ލިބުމެވެ. އަދި މި ފަރުވާއަށްފަހު އެހެން ކުދިން އުޅޭހެން އަޒްޔާނަށްވެސް އާދައިގެ ދިރިއުޅުމެއް އުޅެން ފަސޭހަވުމެވެ.

+1
1
+1
0
+1
1
+1
0
+1
4
+1
0
+1
49

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް