އެމީހެއްގެ ރުއިމުގެ އަޑު އަނެއްކާވެސް ގަދަވަމުން ގޮސް ކުއްލިއަކަށް ހުއްޓިއްޖެއެވެ. އަހަރެންގެ ހިތަށް ވެރިވަމުންދިޔަ ހާސްކަމާއި ބިރުވެރިކަން ކޮޅުންލައިފިއެވެ. ލަމްހާ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހުއްޓެވެ. ދެމީހުންވެސް ތިބީ ބިރުންނެވެ. ނާޒިމް ފެނޭތޯ އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. ގުގުރީގެ އަޑުވެސް ގަދަވަމުންދާން ފަށައިފިއެވެ. ކުއްލިއަކަށް މީހެއްގެ ހިލަމެއްވީހެން ހީވިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަނބުރާ އައިކޮޅަށް ދާން ހިނގައިގަންނަންވެސް ބޭނުންވިއެވެ. ނަމަވެސް އަދިވެސް ނާޒިމް ފެނޭތޯ ހިނގަން ފެށީމެވެ.
ކުއްލިއަކަށް ލަމްހާ ހަޅޭލަވައިގަތެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ލަމްހާ ބިރުން ރޯން ފެށިއެވެ. ބޮޑު ކަޅު ހިޔަންޏެކޭ ކިޔައިފައި އަހަރެންގެ އަތުގައި ހިފައި ދަމަން ފެށިއެވެ. ވާރޭވެހެން ފަށައިފިއެވެ. ހިޔާވާންވެސް ވަންނާނެ ތަނެއް ނެތެވެ. ދެމީހުން މަސައްކަތް ކުރީ އައިކޮޅަށް ދިއުމަށެވެ. ނަމަވެސް އައިކޮޅަށް ދާން ނޭނގިގެން ދަބަހުން ފޯނު ނަގާފައި ބައްޕަމެންނަށް ގުޅަން މަސައްކަތް ކުރީމެވެ. ނަމަވެސް އެކަކުގެ ފޯނަށްވެސް ރޭންޖެއް ނުލިބެއެވެ. ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ވެހޭ ވާރޭގައި ހިނގަމުން ދިޔައީމެވެ.
ދެމީހުންވެސް މަސައްކަތް ކުރީ ނާޒިމް ފެނޭތޯއެވެ. މަގަށް ނިކުންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވެގެން މަޑުކޮށްލީމެވެ. އަނެއްކާވެސް ހިތްވަރުކޮށްފައި ބައްޕަމެންނާ ހަމައަށް ދެވޭތޯ މަސައްކަތް ކުރީމެވެ. ގަޑިއެއްހާއިރު ފަހުން މަގުކޮޅަށް ނުކުމެވިއްޖެއެވެ. މާދުރުން ބަޔަކު ހިނގާފައި އަންނަތަން ފެނެއެވެ.
ލަމްހާގެ ބައްޕައާއި އަހަރެންގެ ބައްޕަ ހިނގާފައި އައިސް އަހަރެމެންނާ އަރާ ހަމަވިއެވެ. އަހަރެމެން ފެނިފައި އެމީހުންވެސް ހާސްވިއެވެ. "ދަރިފުޅާ ސަހާ، ބައްޕަމެން ދަރިފުޅުމެން ހޯދާތާ ހާދައިރެއް ވެއްޖެޔޭ." ކިރިޔާއެއްނު ބިރުން ހަލާކުނުވީ" ބައްޕަގެ ވާހަކަ ނުނިމި އުޅެނިކޮށް އަހަރެންނަށް ރޮވިއްޖެއެވެ. "ބައްޕާ އަހަރެން މަސައްކަތް ކުރީ ނާޒިމް ފެނޭތޯއޭ. އަޅެ ބައްޕަމެން ދާންވީއެއްނު ނާޒިމް ފެނޭތޯ ބަލާލަން." އެހެން ބުނުމުން ބައްޕަ ބުނެފިއެވެ. "ދަރިފުޅާ ސަހާ ބައްޕަމެންނަށް ވެސް ނާޒިމް ހޯދަން ހާދަ މަސައްކަތެއް ކުރެވިއްޖެޔޭ. އަދިވެސް އެކަން ކާމިޔާބުވާ ގޮތް ނުވެގެން މިއުޅެނީ. ރަށު އޮފީހަށް ވެސް އަންގައިފިން މިހާރު.. ވިއްސާރަ ކަމުން އެމީހުންނަށް ނާދެވިގެން އެއުޅެނީ. މިރަށުގައި މަޑުކޮށްލެވޭ ގޮތަށް ހަދާފައި ހުރި ގެއެއްވެސް ހުރި ނަމަތާ ދޯ" ބައްޕަ އިތުރަށް ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރިއެވެ.
ގުގުރީގެ އަޑު ގަދަވެގެންގޮސް ވިދާ ގުގުރުންވެސް ދަނީ އިތުރަށް ގަދަވަމުންނެވެ. "ބައްޕާ ކޮބާތަ ކުދިންކޮޅު... އަހަރެމެން މިދަނީ މަންމައާއި ކުދިންކޮޅު ތިބި ދިމާއަށް އަނެއް ފަރާތަށް" ބައްޕަގެ ވިސްނުން ހުރީ އެހެން ގޮތަކަށެވެ. "ދަރިފުޅުމެން ރަށަށްދާންވީއެއްނު. ބައްޕައާއި އަލިފުޅުބޭ މަޑުކުރާނީ ރަށު އޮފީހުން އަންނަންދެން. ޕޮލިހަށްވެސް އަންގައިފިން މިހާރު" އަހަރެން އެގޮތް ބޭނުން ނުވިއަސް ކުދިން ގޮވައިގެން މިކަހަލަ ފަޅު ރަށެއްގައި ތިބުން އެހާ ރައްކާތެރި ކަމަކަށް ނުވާތީ އެކަމާ ދެކޮޅުނުހަދާ ބައްޕަގެ ވާހަކައާއި އެއްބައިވެލީމެވެ.
އަހަރެންނާއި ލަމްހާ މަންމަމެން ތިބި ފަރާތަށް ދިޔައިރު މަންމަމެން ތިބީ ވަރަށް ހާސްވެފައެވެ. ކުދިންވެސް ތިބީ ބިރުގަނެ އަދި ހާސްވެފައެވެ. ވިދާ ގުގުރަންޏާ އަހަރެންގެ ކުދިން ވަރަށް ބިރު ގަންނާނެއެވެ. މަންމަ އަހަރެން ފެނުމާއެކު ބުނެލިއެވެ. "ދަރިފުޅާ އަދިވެސް ނާޒިމް ނުފެނޭތަ" އެހެން ބުނެވުނުތަނާ މަންމައަށް ރޮއިގަނެއްވިއްޖެއެވެ. ކުދިންކޮޅު ހީކަރުވައިގެން ގޮސް ތުރުތުރުއަޅަނީއެވެ. ގަޑި ބަލާލިއިރު ހަވީރު 5 ވެސް ޖަހައިފިއެވެ. ކައްޕިއަށް ގޮވާލާފައި ރަށަށް ދެވޭތޯ އުޅުމަށް މަސައްކަތް ކުރީމެވެ. ކަނޑު ގަދަކަމުން ކައްޕި އެދުނީ އިރުކޮޅަކު މަޑުކޮށްލުމަށެވެ.
އެހެންނަމަވެސް އަހަރެން މަސައްކަތް ކުރީ ވީހާވެސް އަވަހަކަށް ފުރޭތޯއެވެ. ވާރޭ ހުއްޓާތޯ ބަލަން އެތާހުރި ގެގަޑު ތެރޭގައި މަޑުކޮށްލައިގެން އިނީމެވެ. ކުއްލިއަކަށް ފެނުނީ ޕޮލިސް ލޯންޗް ފަޅުތެރޭގައި އޮއްވައެވެ. ލަމްހާ އަހަރެން ކައިރި ނުވެސްބުނެ ޕޮލިސް ލޯންޗް ގެނައެވެ. މިކަހަލަ ދަނޑިވަޅެއްގައި ރައްކާތެރި ކަމަކީ ވަރަށް މުހިއްމު އެއްޗެއްކަމަށް ވާތީއެވެ. ޕޮލިސް ލޯންޗް އައުމާއެކު ހުރިހާ ކުދިން ގޮވައިގެން އަހަރެންނާއި މަންމަމެން ރަށަށް ދިޔައީމެވެ.
ރަށަށް ދިޔައިރު ހުރީ އިރުއޮއްސި ރަތް ވިލާތައް ފާއްދާލާފައެވެ. އަހަރެންގެ ހިތަށް ފިނިކަމެއް ލިބޭނީ ނާޒިމްއަށް ވީ ނުވީއެއް އެނގުމުންނެވެ. އަދިވެސް އުޑުމަތި ފެންނަނީ ބަނަކޮށެވެ. މިރޭ ވިއްސާރަ އަލިކުރާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަނެއްކާވެސް ހިތް ނުތަނަވަސް ކަމާއި ހާސްކަމުގެ ތެރޭގައި ހަޔާތުން ދުވަހެއް ނިމިގޮސް ރޭގަނޑުގެ ހަމަހިމޭންކަމަށް މަރުހަބާ ކިޔައިފިއެވެ. ކިތަންމެ ބޮޑު ހާސްކަމެއްގެ ތެރޭގައި އުޅެން ޖެހުނަސް އަހަރެންނަކީ ޒިންމާތަކެއްގެ ތެރޭގައި އުޅެންޖެހިފައިވާ މީހަކަށްވާތީ ހިތްވަރުކުރުން ނޫންގޮތެއް ނެތެވެ. ހަޔާތުގެ މިހާތަނަށް އައިރުވެސް އަހަރެންނަކީ އުފާވެރި ކަމުގެ ހުވަފެންދެކި އެހުވަފެންތަކުގައި ކުލަ ޖެހިގެން ކުރިއަށް ދިއުމުގެ ނަސީބު ނެތް މީހެކޭ ހިތަށް އަރައެވެ. ހިތާ ހިތުން ޝަކުވާ ކުރެވެއެވެ. އެޝަކުވާތަކުގެ އަޑު އަހާނެ މީހެއްގެ ނަސީބު އަތުގައި ހިފާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް ވަރުބަލިވެއްޖެއެވެ. މިކަހަލަ ހިޔާލު ތަކެއްގެ ތެރެއަށް ގެއްލިފައި އިދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.
ގަޑިން 7 ޖަހަން ކައިރިވިއިރު ވެސް ޖެހި ބުދެއްހެން ހަމަ އިނީއެވެ. ކުދިންނަށް ކާންދޭނެ ހިތްވަރެއް ވެސް އަހަރެންގެ ގަޔަކު ނެތެވެ. ނާޒިމަށް ވީނުވީއެއް ނޭނގޭތީ ހާސްވަނީއެވެ. ބައެއްފަހަރު ހިތަށް އަރަނީ ކަނޑުވީ ބާވައެވެ. ނޫނީ ޖިންނިއެއް އޭނާ ގެންދިޔައީ ބާވައެވެ. ބައްޕަމެންގެ ޚަބަރެއްވެސް ނުވެއެވެ. ޕޮލިހުންވެސްވީ އެރަށަށް ގޮހެވެ.
އަހަރެން އަވަސްވެގަތީ ކާންދިނުމަށްފަހު އަލްޔާ ނިންދަވާލާށެވެ. ކުދިންނަށް ކާން ތައްޔާރުކޮށްލުމަށްފަހު އަލްޔާ ގޮވައިގެން ކޮޓަރިއަށް ވަދެ ނިންދަވަން އޮތީމެވެ. "ސަހާ ހާދައަވަހަކަށް ނިދަން ތިއޮތީ ނުވެސް ކަނީތަ މިރޭ" އަހަރެންނަށް ކުއްލިއަކަށް އިވުނީ ނާޒިމްގެ އަޑެވެ. ސިއްސައިގެން ގޮސްފައި ކުޑަދޮރާއި ދިމާލަށް ބަލާލެވުނެވެ. މީހަކު ފެންނާކަށް ނެތެވެ. ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ބިރުންގޮސް މީހާ ތުރުތުރު އަޅަން ފެށިއެވެ. އޭރު އަލްޔާއަށް ނިދެމުން ދިޔަ ނަމަވެސް އަހަރެންގެ ހަޅޭކުގެ އަޑަށް އަލްޔާވެސް ސިއްސައިގެން ގޮސްފައި ރޯންފެށިއެވެ.
އަހަރެންގެ ހަޅޭކުގެ އަޑަށް މަންމައައިސް ވަނެވެ. "ދަރިފުޅާ ސަހާ ކިހިނެއްވީ"؟ ގަނެފައި ހުރި ބިރެއްގެ ސަބަބުން އަހަރެންނަށް ވާހަކަ ދައްކަން އުދަގޫވިއެވެ. "މަންމާ ނާޒިމް ދެންމެ މިތަނަށް އައި" އަހަރެންނަށް ރޮމުން ރޮމުން ވާހަކަދެއްކުނެވެ. "ދަރިފުޅާ ތިވާނީ ހުވަފެނަކަށް. މާބޮޑަށް ވަރުބަލިވެފައި ހުރުމުން ނިދިޖެހުނު ވަގުތު ދަރިފުޅަށް އެހެން ހީވީ ކަންނޭގެ. އަލްޔާ ނިންދަވަން މަންމަ އަތަށްދީ. ދަރިފުޅު ގޮސް ބައްޕައަށް ގުޅޭތޯ ބަލާބަލަ". މިހެން ބުނުމަށްފަހު މަންމަ އަލްޔާ ގޮވައިގެން ކޮޓަރިއަށް ވަނެވެ.
އަހަރެން ބިރުންހުރި ކަމުގައިވިޔަސް ހަމަގައިމުވެސް އެއީ ހުވަފެނެއް ނޫނެވެ. އަހަރެންނަށް ކޮންމެވެސް ގޯސް ކަމެއްވާން އުޅޭ ކަމުގެ އިހްސާސްތަކެއް ކުރެވެންފެށިއެވެ. ބޭއިޚްތިޔާރުގައި އަނެއްކާވެސް ރޮއިގަނެވުނެވެ. ފޯނު ނަގާފައި ބައްޕައަށް ގުޅަން ޑައިލްކޮށްލީމެވެ. އަނެއްކާވެސް އަހަރެންނަށް މީހަކު ގޮވާލިއަޑު އިވުނުހެން ހީވެގެން ބަލާލީމެވެ. ކައިރީގައި ހުރީ ލަމްހާ އެވެ. "ސަހާ ހާދަ ބޮޑަކަށް ބިރުގަނެފައި ކިހިނެއްވީ އަނެއްކާ" ލަމްހާ މިހެން ބުނުމުން ވެގެން އުޅޭގޮތް ކިޔާދިނީމެވެ. ލަމްހާ އަހަރެންގެ ވާހަކައިގައި ބައިވެރިވަމުން ބުނެލިއެވެ. ތިޔަވާނީ މިއަދު އަހަރެމެންނަށް ވަލުތެރެއިން ދިމާވި ކަންތައްތަކާއި ގުޅުމެއް ހުރި ކަމަކަށް ކަންނޭނގެ ދޯ"
ކޮންމެއަކަސް މިކަންކަމަކީ އެހެން މީހަކަށް ކިޔާދިނަސް އިހްސާސް ކުރަން ދަތި ކަންތަކެކެވެ. "ލަމްހާ އަދިވެސް މިއުޅެނީ ބައްޕަމެންގެ ޚަބަރެއްވެސް ނުވެގެން. އެރަށަށް ދިޔަ ޕޮލިސް މީހުންގެ ޚަބަރެއް ވެއްޖެތަ؟" އަހަރެން ލަމްހާ ގާތުގައި މިވާހަކަ އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން އަހާލީމެވެ. ލަމްހާގެ މޫނުމަތިންވެސް ފެންނަމުންދަނީ ނުތަވަނަސްކަމެވެ. ބައްޕަގެ ފޯނަށް އަނެއްކާވެސް ގުޅާލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ރޭންޖް ނުލިބޭތީ ފޯނަށް ގުޅޭގޮތް ނުވެގެން އެކަމާ އިތުރަށްހާސްވިއެވެ. ލަމްހާ ކައިރީ ބުނެގެން ޕޮލިސް މީހުންގެ ފޯނަށް ގުޅޭތޯ ބަލާލީމެވެ. ދެތިން ފަހަރަކު ގުޅަން އުޅެގެން ގުޅިއްޖެއެވެ. ފޯނު ނަގާފައި ހަލޯއޭ ބުނެލުމަށްފަހު އިރުކޮޅަކުން ގުޅާލަދޭނެ ކަމަށް ބުނެފައި ފޯނު ބާއްވައިފިއެވެ.
އަހަރެމެން ވާހަކައިގައި ތިއްބާ މަންމަ އައިސް މަޑުކޮށްލުމަށްފަހު ބައްޕައަށް ގުޅުނުތޯ ސުވާލުކޮށްލިއެވެ. "މަންމާ ބައްޕަގެ ފޯނަށް ރޭންޖް ނުލިބޭތީ އަދި ގުޅޭގޮތް ނުވެގެން މިއުޅެނީ. ލަމްހާލައްވާ ޕޮލިސް މީހެއްގެ ފޯނަށް ގުޅާލުމުން ވަރަށް އަވަހަށް އެބަ ގުޅަމޭ ބުނުމަށްފަހު ފޯނު ބާއްވައިފި." އަނެއްކާވެސް ވަރަށް ބާރަށް ގުގުރިއެއް ޖަހާލުމަށް ފަހު ކުއްލިއަކަށް އަލިފާން ކަނިތަކެއް ބުރައިގެން ދިޔަތަން ފެނުނެވެ. މަންމައަށް އެމަންޒަރު ފެނުމުން ތުރުތުރުއަޅަން ފެށިއެވެ.
ކުއްލިއަކަށް ވާރޭ ބޯކޮށްލުމުން އަހަރެމެން 3 މީހުންވެސް ގޭތެރެއަށް ވަނީމެވެ. ދޮރުމަތިން ހީވީ މީހަކު ހުރަސް ކުރިހެންނެވެ. އަހަރެންނަށް ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ސިޓިންރޫމުގެ ސޯފާގައި އިންއިރު މަންމަގެ މޫނުމަތިން ފެންނަމުންދިޔަ މާޔޫސް ކަމުގެ ސަބަބުން އަހަރެން އިތުރަށް ދެރަވިއެވެ. "މަންމާ ކިހިނެއްވީ. އަނެއްކާ މަންމަ ކީއްވެ އެހާ ބޮޑަށް ތިހާސްވަނީ" މަންމައަށް އެއްވެސް ބަހެއް ނުބުނެވުނެވެ. ގިސްލަ ގިސްލާފައި ރޯންފެށިއެވެ." ދަރިފުޅާ މިގޮތަށް އަލިފާން ކަނިތަކެއް ބުރައިގެން ދިޔަތަން ފެނުނު މަންޒަރުން މަންމަ ވަރަށް ބިރުގަނޭ އެބަ. މިކަހަލަ ހާދިސާއެއް ދިމާވި ރެއެއްގައި ދަރިފުޅުގެ މާމަ ނިޔާވީވެސް ކުއްލިއަކަށް. ދެންމެ ދެންމެ ވީ ކަމެއްހެން އެމަންޒަރު ސިފަވަމުންދާހެން ހީވާން ފަށައިފި. މަންމައަށް ހީވަނީ މީ އެހާ ރަނގަޅު ނިޝާނެއް ނޫންހެން. މާމަވެސް ވަރަށް ރީއްޗަށް ހުރެފައި ކުއްލިއަކަށް ނިޔާވީ. އެއީ ވަރަށް އަސަރުން ފުރިގެންވާ ރެއެއް. މާޒީގެ ތެރެއިން ހަނދާން ނައްތާލަން އެންމެއުދަގޫ ދުވަސް. ހަޔާތުގައި ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ތޫފާން." މިހުރިހާ ވާހަކައެއް ކިޔާދީ ނިމުނުއިރު މަންމަގެ ގައިގައި ކޮޅަށް ހުންނާނެ ވަރުވެސް ނެތެވެ.
މަންމައަށް ވަމުންދާގޮތް ފެނިފައި އަހަރެން ބިރުގަންނަން ފަށައިފިއެވެ. ބައްޕަގެ ރަހްމަތްތެރި ކުޑަތުއްތު ކޮބައިތޯ ބަލާލުމުގެ ވިސްނުމެއް އަހަރެންގެ ހިޔާލަށް އައެވެ. އެގެއަށް ގޮސް ކުޑަތުއްތު ހޯދަން ވިސްނީމެވެ. ނަމަވެސް ވެހޭ ވާރޭގެ ސަބަބުން ބޭރަށް ނުނުކުމެވޭތީ ވާރޭ ހުއްޓާނެ ގަޑިއަކަށް އިންތިޒާރު ކުރީމެވެ. އަނެއްކާވެސް ބައްޕަގެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރީމެވެ. މިފަހަރު ގުޅިއިރު ބައްޕަ ފޯނު އޮތީ ނިވިފައެވެ. މަންމައަށް ގޮވާލީމެވެ. ނިދިފަ އޮއްތޯ ބަލާލުމަށެވެ. ނަމަވެސް މަންމަ އޮތީ ހަމަ ތުރުތުރުއަޅައެވެ. ވާނުވާނޭނގޭ ކަންތައްގަޑެއްގައި ތިބެންޖެހުމުން ހާސްކަންވެސް ދަނީ އިތުރުވަމުންނެވެ. ކުއްލިއަކަށް މާދުރުން ބައްޕަގެ އަޑު އިވިއްޖެއެވެ. "ދަރިފުޅާ ސަހާ. ދަރިފުޅާ ސަހާ" މިހެން ގޮވާލިއަޑު އިވެން ފެށީ ވަރަށް ދުރުންނެވެ. އަހަރެން އެއަޑު އަންނަ ދިމާލަށް ދުއްވައިގަތީމެވެ..
ނުނިމޭ...