November 23, 2024 06:40
Advertisement

-Advertisement-

ދެފަހަރު ބޯފަޅައިގެންދިޔަ، ފަސްނުޖެހި ކުރި ހިތްވަރުން ރާއްޖެއިން 1ވަނަ!

ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ ޝޯޓްބޯޑް ކެޓެގަރީގެ ޗެމްޕިއަންކަން މިއަހަރު ނޮވެންބަރު މަހު ހޯދި ހޫދު އަހްމަދު ބުނާގޮތުން އޭނާ ވިހެއީ ވެސް ކަނޑުމައްޗަށެވެ. އަދި އުޅެ ބޮޑުވީވެސް ކަނޑުގައެވެ. ކާމިޔާބީގެ ފަހަތުގައިވާ ސިއްރުތައް އޭނާ ވަނީ ތަފްސީލްކޮށް 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ.

ގދ. ގައްދޫ އަށް އުފަން ހޫދު ދިރިއުޅެމުންދާ އޭނާގެ މައިންބަފައިންގެ ގެ ހުންނަނީ ގޮނޑުދޮށާ ވަރަށް ކައިރީގައެވެ. ކޮންމެ އަހަރެއްގެ ޖޫން ޖުލައިމަހު އުޅެންޖެހެނީ އެއްގަމަށް ރާޅުއަރާތީ ރާޅުގެތެރޭގައެވެ. އަދި ގެ ދޫކޮށްފަ އެހެން ގެއެއްގައި އުޅެންޖެހޭ ފަހަރުވެސް އާދެއެވެ. ގޭގެ ވަޅުގައި ލޮނުފެން ހުންނާތީ ބައެއްފަހަރަށް ފެންވަރަން ޖެހެނީ ވެސް ލޮނު ފެނުންނެވެ. އޭނާގެ ބަހުންނަމަ އުމުރުން 30 އަހަރު ވީ ލޮނުގަނޑުގެ ތެރޭގައެވެ.

" ސްކޫލަށް ގޮއްސަ ގެއަށް އައިސް ކިރިޔާ ވަގުތެއްވިއްޔާ މޫދުގައި އުޅެނީ. ފިލާކޮޅެއް ލިބުނަސް އެ ހިފައިގެން މޫދުގައި އުޅެއުޅެ ވަރަށް ފިޓްވެފަ ހުރީ. އެހެންވެ ބިރެއްނުގަނޭ މޫދަށްދާން"

Advertisement
ހޫދު އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިނާމް ދެއްވަނީ

ރާޅާއަޅަން ފެށުނީ ކިހިނެއް؟

ރާޅާއަޅަން ފެށުނީ 2004 ވަނަ އަހަރު ސުނާމީގެ ފަހުންނެވެ. ހޫދުގެ ތިމާގެ މީހަކު ރަށަށް ގެންދިޔަ ބޯޑެއް ހިފައިގެން ރާޅާ އަޅަން އުޅެނިކޮށް ފުރަތަމަ ކުރެވުނު އިހުސާސް ވަނީ ކިޔައިދީފައެވެ.

" އެއްދުވަހެއްގައި އަމިއްލައަށް މަސައްކަތްކޮށްގެން ރާޅެއް އެޅުނީ. އެއިރުވެސް ގައްދޫ ކައިރިއަށް ސަފާރީތައް އާދޭ. އެއިރު އެކުރެވުނު އިހުސާސް ހަނދާން އެބަހުރި. އެރާޅު ފެންނަހެން ހީވޭ. ސަފާރީއެއްގެ ފަތުރުވެރިއެއް ހޫދު އަށް ދިނީ ސަރފިންބޯޑެއް. ހޫދު ކުރި މަސައްކަތް ފެނިފަ އަދި ހުނަރު ފެނިފަ އެފަތުރުވެރިޔާ އެ ބޯޑު ދިނީ. އަސްލު ރާޅާއަޅަން ފެށުނީ އެހިސާބުން"

ފުރަތަމަ އެޅުނު ރާޅާއެކު ހޫދު ހިތްވަރުއާކުރިއެވެ. ދިޔައީ އަމިއްލައަށް ހުނަރު ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމުންނެވެ. މޫދަށް ގޮސްގެން ލިބުނު އަނިޔާއަކަށް ފަހެއް ނުޖެހެއެވެ.

" ބޭބެމެން ތިބެނީ ބިރުން. ހީކުރަނީ ކަމެއް ވެދާނެކަމަށް. ރާޅު ބޮޑު ގަޑިއެއްގައި އެބޯޑު ހިފައިގެން ގޮއްސިއްޔާ ބޯޑު ފޮރުވާލާނެ. ދެން ރޮއެ އާދޭސްކޮށްގެން ބޯޑު ހޯދައިގެން ދިޔައީ ރާޅާއަޅަން. އެ ބޯޑުން އަމިއްލަ ބޯ ފަޅައިގެން ދިޔަ. ޖުމްލަ 2 ފަހަރު ބޯ ފެޅުނު އެގޮތަށް. ވަރަށް ބައިވަރު އަނިޔާ ލިބުނު މޫދަށް ގޮސްގެން"

އާއިލާއިން ދެކޮޅުހެދިއަސް ހޫދު މަސައްކަތްކުރީ ރާޅާއެޅުމުގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. ސަފާރީން އަންނަ ފަތުރުވެރިން ރާޅާއަޅާތަން ބަލަންގޮސް އެންމެފަހުން އެ ސަރަހައްދުން ދިމާވި ދިވެހި ސަރފްގައިޑުންނާ ރަހުމަތްތެރިކަން އުފެދުނުކަމަށް ބުންޏެވެ.

" ގައިޑުންނާ ރަހުމަތްތެރިވި ހިސާބުން ސަރފްގައިޑިން އަކީ ކޮބައިކަން އެނގުނު. އެހިސާބުން ބޭނުންވީ ސަރފްގައިޑަކަށް ވާން. އެއިރުވެސް މަންމަމެން ދިޔައީ ޕްރެޝަރ ކުރަމުން ސްކޫލަށްގޮސް ރަނގަޅަށް ކިޔަވައިގެން މޮޅު މީހަކަށް ވާން" ހެވިލާފަ ބުންޏެވެ. 

ރާޅާއެޅުމުގެ ދާއިރާގެ ވަޒީފާ ފެށުނުގޮތް

ހޫދު ރާޅާއެޅުމުގެ ދާއިރާއަށް ނެރުމަށް އެންމެބޮޑަށް މަސައްކަތްކުރި އެކަކުގެ ގޮތުގައި ވަހީދު އިސްމާއީލްގެ ނަން ވަނީ ފާހަގަކޮށްފައެވެ.

" އެއީ ސަފާރީއެއްގައި އުޅޭ މީހެއް. އަހަރެން މިހެން އުޅޭތަން ފެނިގެން ފުރަތަމަ ގެންދިޔައީ ރޫމްބޯއީ އަކަށް. ދެން ވަޒީފާ ދޫކޮށްފަ ރަށަށް ދިޔައީމަ ދެން ގެންދިޔައީ ސަރފްގައިޑަކަށް. އޭނާ ދެއްކި މަގުން ކުރިއަށްދިޔައިމަ ވަޒީފާގައި މިހިސާބަށް އާދެވުނީ"

ހޫދު މިހާރު މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖޭގެ ކުންފުންޏަކާއި އޮސްޓްރޭލިއާގެ ކުންފުންޏެއް ގުޅިގެން ރާއްޖޭގައި ދުއްވާ ސަފާރީއެއްގައެވެ. 2018 ވަނަ އަހަރުން ފެށިގެން އަދާކުރަމުންދާ މި ވަޒީފާގެ ތަފްސީލް ދެމުން ބުނީ " މުޅި އަހަރު މަސައްކަތް ކުރަންޖެހެނީ ގދ. އަތޮޅުގައި އެމީހުންގެ ސަފާރީއެއްގައި. ކޮންމެ އަހަރަކު 8 ނޫނީ 9 މަސް ދުވަހު އުޅެންޖެހޭނެ އެ ސަފާރީގައި. ސަރފްގައިޑަކަށް މަސައްކަތް ކުރަނީ. ރަށު ކައިރީގައި މަސައްކަތް ކުރާތީ ވަރަށްގިނައިން ރަށަށް ދެވޭ." ކަމަށެވެ.

ހޫދު ބުނާގޮތުން އޭނާ އަދާކުރާ ވަޒީފާއަކީ ވަރަށް ހިތްހަމަޖެހޭ މީހާވެސް ފިޓުކޮށް ހުންނަން އެހީތެރިވެދޭ މަސައްކަތެކެވެ.

" ފަތުރުވެރިން ކުރާ ސުވާލުތަކަށް ޖަވާބުދީ 3 އިރު ކައިގެން ހިތްހަމަޖެހޭވަރަށް ރާޅާއަޅާފަ ރޭގަނޑު ނިދާފަ އަނެއްކާވެސް ފަތިހު ހޭލައިގެން ހަމަ ދުވަސްދާނީ މިގޮތަށް. ވަރަށް ސިއްހަތު ރަނގަޅުކޮށް އުޅެވޭ ކުޅިވަރެއް މިއީ. ލިބޭ އާމްދަނީ ވެސް ވަރަށް ރަނގަޅު. އާއިލާއަށް ވަގުތުދެވޭ" ހިތްހަމަޖެހުމާއެކު ފާހަގަކުރިއެވެ.

ފަރަހިކި ޗެލެންޖްގެ ކާމިޔާބާއެކު ހޫދު

ލިބުނު ކާމިޔާބީ

2018 ވަނަ އަހަރު ބޭއްވި 'ފަރަހިކި ޗެލެންޖް' އިން ވެސް ހޫދު އަށް ވަނީ 1 ވަނަ ލިބިފައެވެ.

2019ވަނަ އަހަރު ބޭއްވި 'ގައްދޫ ޕްރޯ' އިން 2 ވަނަ ލިބުނު ހޫދު އަށް ވަނީ ' މިއަހަރު ކުރިއަށްގެންދިޔަ ބާރ2000ފަރަމަންތަ ޗެލެންޖް' އިން 3 ވަނަ ލިބިފައެވެ.

މިދިޔަމަހު ބޭއްވި ރާޅާއެޅުމުގެ ގައުމީ މުބާރާތް 'ސީސްޕޯޓްސް ރަންނަމާރި ޗެލެންޖް' ގައި ޝޯޓްބޯޑް ކެޓެގަރީ އިން ހޫދު އަށް އެއްވަނަ ލިބުމާއެކު ވަނީ ގައުމީޓީމުގައި ހިމެނިފައެވެ. ފައިނަލް ހީޓް ހޫދު ކާމިޔާބު ކުރީ 10.26 ޕޮއިންޓުންނެވެ. ހޫދު އަމާޒު ހިފާފައިވަނީ ކުރިއަށް ދެވެންއޮތް އެންމެ ބޮޑަށް މިދާއިރާއިން ކުރިއަށް ދިއުމަށެވެ.

އުފަންރަށުގައި ކާމިޔާބީ ފާހަގަކުރަނީ

ނިންމުން

އިންޓަވިއު ނިންމާލަމުން ހޫދު ވަނީ ހުރިހާ ބެލެނިވެރިންގެ ކިބައިން ކަމަކަށް އެދިފައެވެ.

" ބުނަން ބޭނުމީ ކުޑައިރު މައިންބަފައިން ހޫދު ހިފެހެއްޓިގޮތަށް, ހުނަރު ކުރިއަރުވަން ކުދިން ކުރާ މަސައްކަތް ނުހުއްޓުވާށޭ. މިހާރު އެބަތިބި ވަރަށް ރަނގަޅު ބެލެނިވެރިންވެސް ކުދިންގެ ހުނަރު ކުރިއަރުވަން އެހީތެރިވެދީ. ކުޑައިރު ކުދިންގެ ހުނަރު ދަނެގަނެ މައިންބަފައިން މަސައްކަތް ކޮށްދޭންވީ އެހުނަރު ކުރިއަރުވަން. ހުރިހާ ކުޅިވަރެއްގައި ބައިވެރިކުރަންވީ. މޫދަށްވެސް ގެންދަންވީ. ރާޅާއަޅަން ވެސް ގެންދަންވީ. ހުނަރު ހުރިއްޔާ ނުހިފަހައްޓާ އެތުލީޓެއްގެ ގޮތުގައި ބޮޑުކުރަން މަސައްކަތްކުރާށޭ"

ހޫދު އޭނާގެ މަންމަ އަދި ބައްޕައާއި އެކު

އިންޓަވިއު ނިންމާލަމުން ވަނީ މަންމަ އާއި ބައްޕަގެ އިތުރުން އަންހެނުން ޒަހުވާ އާއި އެހީތެރިވެދިން އެންމެންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. މިލިބުނު ބޮޑު ކާމިޔާބީއަށްފަހު ގައްދޫއަށް ދިއުމުން ހޫދުއާއި ޓީމަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ކިޔާފައެވެ.

+1
1
+1
12
+1
4
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ހޫދުގެ ކާމިޔާބީއަށް ވަރަށް އުފާލާއެކު މަރުޙަބާއާއި ތަހުނިޔާކިޔަން….. ތިޔަ ހޯދައިދިނީ ރަށަށް ވަރަށްވެސް ބޮޑު ޝަރަފެއްކަމުގައި ނާޞިޙުބެ ދެކެން… ތިމާގެ ބޭބެއެއްގެ ހައިސިއްޔަތުން އަދިވެސް އެއްފަހަރު ހޫނު މަރުޙަބާއެއްކިޔަން.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް