November 22, 2024 18:34
Advertisement

-Advertisement-

ހިތި ތަޖުރިބާ 10

ބައްޕަގެ އަޑު އަންނަ ދިމާލަށް ދުއްވައިގަތީ ހާސްކަމާއި ބިރުވެރި ކަމެއްގައި ހުރެގެންނެވެ. ބައްޕަ އަހަރެން ފެނުމުން ދަރިފުޅާއޭ ކިޔައިފައި ރޮއިގަނެފިއެވެ. ވެގެންއުޅޭ ގޮތަކާއި ވާންވީގޮތެއް ނޭނގިގެން އަހަރެން ބިރުގަތެވެ. "ނާޒިމް ފެނިއްޖެތަ" އަހަރެންނަށް މިހެން އަހާލެވުނެވެ. ބައްޕައަށް ވާހަކަދެއްކޭ ވަރެއް ނުވިއެވެ. ރޮވޭވަރުންނެވެ. އަހަރެން އިތުރަށް ހާސްވާން ފެށިއެވެ. "ދަރިފުޅާ ނާޒިމް، ދަރިފުޅާ ނާޒިމް.... " މިހާ ހިސާބަށް ބުނެވުނު ތަނާ ބައްޕަ އަނެއްކާވެސް ހުއްޓުން އެރިއެވެ. އަހަރެން ބައްޕަ އަތުގައި ހިފާލާފައި ބުނެލީމެވެ " ބައްޕާ ނާޒިމަށް ކިހިނެއްވީ އަނެއްކާ؟" ބައްޕަގެ މޫނުމަތިން ފެންނަމުންދިޔާ ހާސްކަމާއި ނުތަނަވަސް ކަމުން އަހަރެންގެ ސިކުނޑި ސުމަކަށްދާ ވަރުވިއެވެ. "ދަރިފުޅާ ނާޒިމް ފެނިއްޖެ އެކަމަކު ނާޒިމް...." މިހެން ބުނެފައި ބައްޕަ އަހަރެންގެ ކޮނޑުގައި ބޯ އަޅާލާފައި ގިސްލަންފެށިއެވެ.

އަހަރެން ހާސްވެގެންގޮސް އަހާލީމެވެ. "ބައްޕާ ނާޒިމް ކޮބާތަ؟ އަނެއްކާ ނާޒިމް މަރުވީތަ؟" މިހެން އަހާލުމަށް ފަހު އަހަރެންނަށް ވެސް ރޮއިގަނެވުނެވެ. ދުވަމުން ދުވަމުން ލަމްހާ އައިސް އަހަރެންގެ ގައިގާ އޮޅުލައިގަނެފައި ބުންޏެވެ. "ސަހާ ނާޒިމް ގެންގޮސްފި ހޮސްޕިޓަލަށް ހިނގާބަލަ އަވަހަށްދާން". ބައްޕަގެ ވާހަކަ އަޑުއަހާފައި ވަރަށްބޮޑު ކަމެއްވެގެން އުޅޭކަން އިހްސާސްވެއްޖެއެވެ. ގޭތެރެއަށް ވަދެ މަންމަ ކޮބައިތޯ ބަލާލީމެވެ. މަންމައަށް ނިދިފައި އޮތުމުން އުދަގޫ ނުކުރަންވެގެން އަވަސް އަވަހަށް ހޮސްޕިޓަލަށް ދެވޭތޯ ގެއިން ނުކުމެގެން ލަމްހާ އާއި ދެމީހުން ބާރު ބާރަށް ހިނގައިގަތީމެވެ.

އަހަރެންގެ ހިތުގެ ހިގުން އަވަސްވިއެވެ. ވެގެން އުޅޭގޮތެއް ނޭނގޭތީއެވެ. ބިރުވެރިކަމާއި ހާސްކަމުގެ ތޫފާނެއް ކުރިމަތިވެގެން އުޅޭކަހަލަ އިހްސާސްތަކެއް އަހަރެންގެ ކުރިމަތީގައި ސިފަވަމުންދާން ފަށައިފިއެވެ. ހޮސްޕިޓަލަށް ވަދެވުމާއިއެކު ނާޒިމް އޮތީ ކޮން ވާރޑެއްގައިތޯ ބަލާލުމަށް އަވަސްވެގަތީމެވެ. ކަމަކުދާކަށް ނެތެވެ. އަހަރެންނަށް ނާޒިމް ފެނުމާއި އެކު ބިރުން ތުރުތުރު އަޅައިގެން ދިޔައެވެ. ނާޒިމް ބާއްވާފައި އޮތީ އަވަސްފަރުވާދޭ ކޮޓަރީގައެވެ. ނާޒިމްގެ ހަށިގަނޑުން ފެންނަންހުރި ޒަހަމްތަކަކީ އިންސާނެއްގެ ހިތަށް ބަލަން ކެތްވާވަރުގެ ކަމަކަށް ނުވާނެކަން ޔަގީނެވެ. ވެގެން އުޅޭ ގޮތް އަދިވެސް އަހަރެންނަކަށް ނޭނގެއެވެ. ކައިރީގައި ހުރި ޑޮކްޓަރު ކައިރިން ސުވާލެއް ކޮށްލަން ބޭނުންވި ކަމުގައިވިޔަސް އެކަން ކުރާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ނާޒިމްގެ މުޅި ހަށިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. ހަމަ ގައިމުވެސް ނާޒިމް އޮތީ ހަމަ ހޭގައި ކަމެއް ނޫން ކަމެއްވެސް ނޭނގެއެވެ.

Advertisement

ނާޒިމް އާއި ކައިރިވެލަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް ޑޮކްޓަރ އެންގީ ކުޑައިރުކޮޅަކު ބޭރުގައި މަޑުކޮށްލުމަށެވެ. އަހަރެންގެ ހިތް ހީވަނީ ކުދިކުދި ވެދާނެ ހެންނެވެ. ނާޒިމަށް ވެގެން އުޅޭގޮތް ކިޔާލަދޭނެ މީހަކު މިވަގުތަކު އަހަރެންގެ ކައިރީގައި ނެތެވެ. އެކަމާވެސް އަހަރެން ހާސްވާން ފެށިއެވެ. އިރުކޮޅަކުން ޕޮލިހުން އައިސް ވަންތަން ފެނުނެވެ. އަހަރެން ކައިރިން ސުވާލުކޮށްލިއެވެ. "ނާޒިމަކީ އެއްވެސް ކަހަލަ ނަފްސާނީ ބައްޔެއް ހުންނަ ބޭފުޅެއްތޯ؟" ޖަވާބުގައި އަހަރެން ބުނެލީމެވެ. "އެއްވެސް އިރެއްގައި އެކަހަލަ ކަމެއް ދިމާވެފައެއް ނެތް އިނގޭތޯ". އަހަރެންގެ ޖަވާބު އަޑުއަހާފައި އަނެއްކާވެސް ޕޮލިސްގެ އިސް ބޭފުޅަކު އަހަރެންނާ ވާހަކަ ދެއްކިއެވެ. "ނާޒިމް ފެނުނުއިރު ކިރިޔާ ނޭވާލަނީ. މިރޭ އަހަރެމެންނަށް ނުފެނުނުނަމަ ނާޒިމް ދިރިހުއްޓާ ފެނުމުގެ ނަސީބެއް ނުލިބޭނެ" މިކޮޅުން ފަރުވާ ނުދެވިއްޖެ ނަމަ އެމަޖެންސީކޮށް ނާޒިމް ޖެހޭނީ މާލެ ގެންދަން"

އަހަރެން ހުރީ ބަސްހުއްޓިފައެވެ. "ނާޒިމްއަށް މިހެން ދިމާވާން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ؟" މިހެން އަހާލެވުނު ނަމަވެސް އެކަމުގެ ޖަވާބު ޕޮލިހުންނަށް އެނގޭނެބާ އެވެ؟ ހުދު އަހަރެންނަށްވެސް ނޭނގޭތާއެވެ. އިރުކޮޅަކުން ބައްޕަ އައިސް ވަނެވެ. ބައްޕަ އައިސް ޕޮލިހުންނާ ވާހަކަދެއްކިއެވެ. " ކޮބާތޯ މިހާރު ކިހިނެއްތޯ މިވަނީ؟" ޕޮލިހުން ބައްޕަގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ބުނެލިއެވެ. އެހާބޮޑަށް ކަންބޮޑުނުވޭ. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށް މިބަލަނީ". ޑޮކްޓަރ ގޮވާލިއަޑަށް އެންމެންވެސް ސިއްސައިގެން ގޮސްފައި ބަލާލިއެވެ. "ނާޒިމްގެ ހާލު ވަރަށް ސީރިއަސް. އަވަސް ގޮތެއްގައި މާލެ ގެންދަން އެބަޖެހޭ". ޑޮކްޓަރުގެ އެޖުމްލައިން އަހަރެންގެ ހިތަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ޕޮލިހުންގެ އެންމެއިސް ބޭފުޅަކަށް ހުންނެވި ބޭފުޅާ ބުނުއްވިއެވެ. "ވީއެންމެ އަވަހަކަށް އަހަރެމެން ނާޒިމް މާލެ ގެންދިއުމުގެ ހުރިހާ ކަމެއް ހަމަޖައްސާނަން". މިހެން ބުނުމަށްފަހު އެބޭފުޅުން އެކަމުގެ ޒިންމާ ނެންގެވިއެވެ.

އަހަރެން ޑޮކްޓަރާއި ވަރަށް ސުވާލު ކުރީމެވެ. ޑޮކްޓަރ ވިދާޅުވަނީ ހަމަޖެހުމަށެވެ. އަހަރެން ޒަމީރު އެކަމަކަށް ތަނެއް ނުދިނެވެ. ހަމަޖެހޭނީ ކިހިނެއްހެއްޔެވެ. ނާޒިމް އެއޮތީ މަރުގެ ތުންފަތްމަތީގައެވެ. އަހަރެން ގެއަށް ދިއުމަށް ހިގައިގަތީމެވެ. ނާޒިމް ގޮވައިގެން މާލެ ދިއުމަށް ތައްޔާރުވެލުމަށެވެ. ލަމްހާވެސް އަހަރެންނާއެކު މާލެ ދާނެ ވާހަކަ ބުންޏެވެ. ލަމްހާ އަހަރެންނާއެކު ދާނެ ވާހަކަ ބުނުމުން ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ގެއަށް ދިއުމާއެކު މަންމައަށް ގޮވާލާފައި ވެގެންއުޅޭ ގޮތް ކުޑަގޮތަކަށް ކިޔާލަ ދިނުމަށްފަހު އެމަޖެންސީގައި ނާޒިމް މާލެ ގެންދަންޖެހޭ ކަމަށާއި އަހަރެންނާއި ލަމްހާ ނާޒިމް ގޮވައިގެންދާ ވާހަކަ ބުނުމަށްފަހު ކޮޓަރިއަށްވަދެ ތައްޔާރުވެލީމެވެ.

މަންމަވެސް ވަރަށް ބޮޑަށް ދެރަވެލާފައި ބުނެލިއެވެ. "ދަރިފުޅާ ނާޒިމަށް ވެގެން އުޅޭގޮތް ރަނގަޅަށް އޮޅުންފިލުވައި ނާޒިމަށް ދެވެން ހުރި އެންމެ ރަނގަޅު ފަރުވާއެއްދޭތިއިނގޭ" އަހަރެންގެ ހިތުތެރޭގައި އަރާ ފައިބަމުންދާ އެތަކެއް ސުވާލު ތަކެއް އެބަހުއްޓެވެ. އެސުވާލުތަކަށް ޖަވާބެއް ލިބޭނެކަމުގައި އުންމީދު ކުރިނަމަވެސް އަދިވެސް މިކަމުގައި އެއްވެސް އަލިމަގެއް ނުފެނެއެވެ. ނާޒިމް މާލެ ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ޕޮލިހުންނެވެ. މިހާރު ގަޑިން ފަތިހު 5 ޖަހަން ކައިރިވަނީއެވެ. ނާޒިމް ގޮވައިގެން ފުރަން ކިތަންމެ އަވަހަށް ބޭނުންވި ކަމުގައިވިޔަސް މިކަމުގައި އަހަރެމެންނަށް ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިތޯ ބަލާލީމެވެ. ފުރަން ތައްޔާރުވެފައިވާ ދިމާލަށް ދިއުމަށްޓަކައި އަހަރެންނާއި ލަމްހާވެސް ޕޮލިސް ޖިޕުގައި ދިޔައީމެވެ. ހޮސްޕިޓަލުން ނާޒިމާއެކު ނަރުހަކާ ޑޮކްޓަރެއްވެސް ދިއުމަށް ހަމަޖެހުނެވެ.

ކަނޑުމަތީގައި އައިވީ ގުޅާފައި މާލެއާއި ހަމައަށް ދިއުމަށްޓަކައި ރާވާލެވިފައިވާ ރޭވުންތަކުން ޑޮކްޓަރުންގެ ކުޅަދާނަކަން ފާހަގަވިއެވެ. ލޯންޗް ތެރޭގައިވެސް އަހަރެންނަށް އިރުއިރުކޮޅަކާ ނާޒިމާއި ދިމާލަށް ބެލެއެވެ. ހިތް އަވަސްވެފައިވާ ވަރުން އަހަރެން އިންނަނީ އަބަދުވެސް ބިރުގަނެފައެވެ.  2 ގަޑި އިރުގެ ދަތުރަކަށްފަހު ނާޒިމް ގޮވައިގެން މާލެ އާދެވުނެވެ. އެމްބިއުލާންސުގައި ނާޒިމް އައިޖީއެމްއެޗަށް ގެންދެވުނެވެ. ނާޒިމް އަހަރެން ވަރިކޮށްލާފައި ފޮނުވާލިފަހުން މާލެއަކަށް ނާންނަމެވެ. މާލެ މިއާދެވުނީ އެތައް އަހަރެއް ފަހުންނެވެ. މާޒީގެ ހިތި ހަނދާންތަކާއި ގުޅިފައިވާ ތަނެއްގެ ގޮތުގައި އަހަރެން އަބަދުވެސް ސިފަކުރާ ތަނަކީ މާލެއެވެ. އެހަނދާން ތަކަކީ މާޒީން ފަނޑުވެގެން ދިޔަ ނަމަވެސް އަހަރެން ހިތުގައި އަބަދުވެސް އާވެއާވެ ހުންނަ ހަނދާންތަކެކެވެ. ނާޒިމް ހޮސްޕިޓަލަށް ގެންދެވުމާއެކު އެމަޖެންސީ ރޫމްގައި ފަރުވާދޭން ފެށުނެވެ. އަހަރެންނާއި ލަމްހާ އެމަޖެންސީ ރޫމްގެ ބޭރުގައި މަޑުކޮށްލައިގެން ތިބީ ޑޮކްޓަރުންގެ ބަހެއް ލިބޭނެ ވަގުތުކޮޅަކަށެވެ. އުންމީދު ކުރަމުން ދިޔައީ މިކަމުގައި އަލިމަގެއް ފެންނާނެ ވަގުތުކޮޅަކަށެވެ.

 މާލެ ގެނެވުނު އިރުވެސް ނާޒިމް ހޭނާރާކަމަށް ޑޮކްޓަރު ބުނުއްވިއެވެ. ވެގެން އުޅޭގޮތް ރަނގަޅަށް އޮޅުންފިލާތޯ ވަރަށް މަސައްކަތް ކުރީމެވެ. ނާޒިމްގެ ހަށިގަނޑު ފެންނަމުން ދިޔައީ އެއްވެސް ދިރުމެއް ނެތް އުންމީދެއް ނެތް ގޮތަކަށެވެ. އަހަރެންގެ ހިތުތެރޭގައި އަރާ ފައިބަމުންދާ އެތަކެއް ސުވާލުތަކެއް ހުރި ނަމަވެސް އެކަމުގައި އެހީވެވޭނެ މީހަކީ ކާކު ހެއްޔެވެ؟. މަންމަ އާއި 4 ކުދިން ހަވާލުކުރުމަށްފަހު މާލޭގައި ހުންނަންޖެހުމުން ހިތަށް ކުރަމުންދާ އިހްސާސް އެނގޭނީ ކާކަށްތޯއެވެ. އަހަރެންގެ ހަޔާތުގައި ދިމާވާ ގިނަ ކަންތައްތަކަކީ ނުތަނަވަސް ކަމާއި ވޭނުން ފުރިގެންވާ ކަންތައްތަކެވެ.

ހިޔާލުގެތެރެއަށް ގެއްލިފައި ހުއްޓަސް އެ ހިޔާލުތަކުން ބޭރަށް ނުކުމެލަން ފުރުސަތު ލިބުނީ ޑޮކްޓަރުގެ ގޮވާލުމުގެ އަޑުންނެވެ. "ނާޒިމްގެ ހާލު ސީރިއަސް ނަމަވެސް ބޮލަށް ލިބިފައިވާ ބައެއް ޒަހަމްތަކުން ބޮޑަށް ބެލެވެނީ ސިކުނޑީގެ މައްސަލައެއް ހުރިކަމަށް. ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވޭ. ޑޮކްޓަރުގެ ވާހަކައިން އަހަރެން އިތުރަށް ހާސްވިއެވެ. ނާޒިމަކީ ސިކުނޑީގެ އުނިކަމެއް އެއްވެސް އިރެއްގައި ހުރި މީހޭއް ނޫނެވެ. އެހެންނަމަވެސް ޑޮކްޓަރުގެ އެވާހަކައަށް އަހަރެން ބުނާނީ ކީކޭ ބާވައޭ ހިތަށް އެރިއެވެ. ލަމްހާ އަހަރެން ކައިރީގައި ހަމަޖެހުމަށް އެދެމުންދިޔައެވެ. ނާޒިމް އެހާލުގައި އޮންނަތަން ބަލަން ކެތްވާނީ ކާކަށްތޯއެވެ. ކޮންމެއަކަސް ޑޮކްޓަރުންގެ ޓީމަކުން ބެއްލެވުމަށްފަހު ނާޒިމްގެ ޓެސްޓުތައް ހެދުމަށްޓަކައި މަސައްކަތް ކުރެވެން ފެށިއެވެ. ސީޓީ ސްކޭން ހެދުމަށްފަހު ނަތީޖާ ލިބޭނެ ވަގުތަކަށް އިންތިޒާރު ކުރެވެމުން ދިޔައެވެ.

މާލެއައުމަށް ފަހު އަހަރެންނާއި ލަމްހާ އަދިވެސް ތިބީ ކާއެއްޗެއް ކާންވެސް ހަނދާން ނެތިފައެވެ. ނާޒިމަށް ވަމުންދާގޮތް ފެނިފައި ކެއުމަށް ސަމާލުކަން ދެވޭވަރެއް ނުވިއެވެ. ވާރޑުގައި މަޑުކޮށްލައިގެން އަހަރެން އިންއިރު ކުއްލިއަކަށް ސަހާއޭ ކިޔާފައި މީހަކު ގޮވާލި އަޑު އިވުނެވެ. ބަލާލިއިރު ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުރީ އަހަރެންނާއެކު އެއް ސެކްޝަނެއްގައި މަސައްކަތްކުރި ނަރުހެކެވެ. އޭނާ އަހަރެން ފެނުމުން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. "އެތައް ޒަމާނެއް ވަންދެން ވީނުވީއެއް ނޭނގި ސަހާ ގެއްލިގެން ހޯދަން ވަރަށް މަސައްކަތްކުރިން. ކާކު ބާއްވައިގެން ތިއުޅެނީ؟" ޝަކުވާގެ ރާގެއްގައި ހުރެ ޒަހާ އަހަރެންނާއި ވާހަކަދައްކަން ފެށިއެވެ. ޒަހާއަކީ ވަރަށް ސީނިއާ ވަރަށް ގިނަދުވަސްވީ ނަރުހެކެވެ. ވެގެންއުޅޭގޮތް ކުޑަގޮތަކަށް އަހަރެން ޒަހާއަށް ކިޔާލަދިނީމެވެ. ޒަހާގެ ފަރާތުން އެނގުނު ގޮތުގައި މިވަގުތު އައިޖީ.އެމް.އެޗުގައި މަސައްކަތް ކުރަންހުރި ޑޮކްޓަރަކީ ވަރަށްމޮޅު ޑޮކްޓަރެއްކަން އެނގުނެވެ. އެވާހަކަ އަޑު އިވުމުން ހިތަށް ކުޑަކޮށް ފިނިކަމެއް ލިބުނެވެ.  

ސީޓީ ސްކޭންގެ ނަތީޖާ ލިބޭނެ ވަގުތަކަށް އިންތިޒާރު ކުރަމުންދިޔައީ ނުހަނު ކެތްތެރިކަމާއި އެކުގައެވެ. ޒަހާގެ ފަރާތުން އެނގުނު ގޮތުގައި ނަތީޖާ ލިބެން އަދިވެސް 2 ގަޑިއެއްހާއިރު ނަގާނެއެވެ. ޒަހާ އެދުނީ އޭނާއާއި އެކު އެއްޗެއް ކާލަން ކެންޓީނަށް ދިއުމަށެވެ. އަހަރެންނާއި ލަމްހާ ވެސް މިތިބީ މާލެ އައިފަހުން އެއްވެސް އެއްޗެއް ކާނެ ވަގުތެއް ނުލިބިފައެވެ. ކެއުމަށްވުރެ ނާޒިމަށް ވަމުންދާ ގޮތް ނޭނގޭތީ އެކަމާމެދު ފިކުރު ބޮޑުވެފައެވެ. ދެމީހުންވެސް ޒަހާ އާއި އެކު ކެންޓީނަށް ދިއުމަށް ހިނގައިގަތީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ފުރޮޅުލީ ގޮޑިއަކަށް ލައިގެން ދުއްވާފައި އަންނަ މީހެކެވެ. އެމީހާއާއި އަރާ ހަމަ ނުވަނީސް އެމީހަކު އަހަރެންނަށް ވަރަށް ރީއްޗަށް ގޮވާލިއެވެ. "ސަހާދޯ ތީ؟.... އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާންވެ އަންތަރީސްވެގެން ބަލަން ހުރެވުނެވެ.

ނުނިމޭ...

+1
3
+1
9
+1
1
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް