November 23, 2024 01:37
Advertisement

-Advertisement-

އެވޭލާ ބިރުވެރި ހާދިސާ: ޖިންނި އަވަލުމުން ނާދިރަށް ދިމާވިގޮތް

މިއީ މީހުން އުޅެ މިހާރު ފަޅުވެފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައި ދިމާވި ބިރުވެރި އަދި އެހާމެ ހިތާމަވެރި ހާދިސާއެކެވެ. އެއީ ގދ. ހުޅުވާރުލު ކިއާ ރަށެކެވެ. މިއީ ކުރީޒަމާނުގައި ނުލާހިކު މީހުންގިނަ އެހާމެ އާބާދީ ބޮޑު ރަށެކެވެ. ވަރަށް އެކުވެރި މުޖުތަމައެއްގެ ވެރިބައެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގައި އެދުވަސްވަރު ނަމޫނާ ރަށެކެވެ. މިރަށުގެ ކޮތަންމާގޭ އަލީ އަކީ ކިއްސަރު ވަޑާމާއި ތެދުއިވަޑާމުގައި މަޝްހޫރު މީހެކެވެ. މިދެންނެވި އަލީއަށް ލިބިފައިވަނީ ދެދަރީންނެވެ. ނާދިރު އާއި ނަޒީރާ އެވެ. ނާދިރުގެ އުމުރަކީ ނުވައަހަރެވެ. ނަޒީރާއަކީ ހަތްއަހަރުގެ ކުއްޖެކެވެ.

ނާދިރަކީ އޭނަގެ ބައްޕަ ފަދައިން ވަރަށް މުރާލި މަސައްކަތްތެރި ކުއްޖެކެވެ. އަމިއްލައަތުން ކުދިވެރިން ކުޅެއުޅޭ ބައެއްސާމާނު ހަދާ އެވިއްކަމުންދާ ކުއްޖެކެވެ. އެއްމެގަޔާވެ ހަދަމުންދަނީ އާދައިގެ މަޑިއެވެ. މަޑުމަޑުން ތަރައްގީ ކުރަމުން ގޮސް އާދައިގެ މަޑި ރާރާ މަޑިއަށް ބަދަލުވެ ޒުވާނުންގެ މެދުގައި މަގުބޫލްވެ މަޑި އެރުވުމުގެ ފޯރި ރަށުގައި ގަދަވެއްޖެއެވެ. މިކުޅިވަރު ކުޅެން ވަކިމޫސުމެއް އެރަށަކު ނޯވެއެވެ. ވައިޖެހެންޏާ ކޮންމެ ދުވަހަކުވެސް ހަވީރު އަތިރިމަތީގައި އުފަލާއި މަޖަލުގައި މިކުޅިވަރު ކުޅެމުންދެއެވެ. ނާދިރު ހިތަށްއެރިއެވެ. ކުދިވެރިން މިހާފޯރީގައި މިކުޅިވަރު ކުޅެމުންދާއިރު އަހަރެންވެސް މިކުޅިވަރުގައި ބައިވެރިވާނަމަވެ. މިހެން ހިތަށްއެރުމާއެކު ވަރަށް ރީތި ރާރާ މަޑިއެއް ހަދާ އޭގައި ބަރަނި އައްސާ ތައްޔާރުކޮށްފިއެވެ. އަދި އެހެން ކުދީންނަށްވުރެ ކުރިން ދާން ނިންމައިފިއެވެ. އަދި ކުރިން ނުކުރާކަމެއް ކުރުމަށް އަޒުމް ކަނޑައަޅައިގެން އޮވެ އެރޭ ނިދައިފިއެވެ.

ޖެހިގެން އައިދުވަހު ހަވީރު ފަހެއްޖެހިއިރު ނާދިރު މަޑިއާއި ފިރުއަށި ހިފައިގެން އަތިރިއަށް ހިނގައްޖެއެވެ. އެއިރު އަދި އެހެން ކުއްޖަކު ނުދެއެވެ. ނާދިރު ފިރުއަށި ރަނގަޅުކުރުމަށްފަހު ވައިގެތެރެއަށް މަޑި އެއްލާލިއެވެ. މަޑީގައި ރާރާގެ އަޑު ވަރަށްގަދަ އެވެ. މިއަޑަށް އެހެން ކުދިންވެސް އައިސް މަޑި އަރުވަން ފަށައިފިއެވެ. އިރުކޮޅަކުން ފެނުނީ މަޑިއަށްވުރެ މަތީން ބާޒެއް ހޯރަ އަޅަމުންދާ މަންޒަރެވެ. އިރުއިރުކޮޅާ ތިރިއަށް އައިސް މައްޗަށް ގޮސް މަޑިތަކާއި އެއްވަރަށް ބާޒު ވެސް ކުޅެމުން ދެއެވެ. އިރުކޮޅެއްފަހުން ބާޒު ނާދިރުގެ މަޑީގެ މަށްޗަށް ތިރިކޮށްފިއެވެ. އެވަގުތު މަޑީގެ ވާގަޑު ކަޑައިގެން ގޮސް ކައިރީގަ އޮތް ފަޅުރަށަކަށް ވެއްޓިއްޖެއެވެ. ނާދިރުވެސް އަވަސް އަވަހަށް މީތި ނެގުމަށްޓަކައި އެރަށަށް ހިނގައްޖެއެވެ. ނަމަވެސް އޭނައަކަށް މަޑިއެއް ނުފެނުނެވެ. ވަރަށް ދެރަވެ ބޯވަތަށް ޖަހައިގެން ރަށަށްދާން ދަނިކޮށް ގޮނޑުދޮށުން ނާދިރުގެ ކުރިމައްޗަށް އައިސް ތިރިކުރީ ދެމާކަނާ އެވެ. ނާދިރު ފަރުވާކުޑަގޮތަކަށް ދޭތި ފައްސާލުމަށްފަހު މޫދަށް އެރިގެން ރަށަށް ދާން ހިނގައިގަތެވެ.

Advertisement

ރަށުގެ ތުނޑިއަށް އެރިއިރު ހަމަ ދެމާކަނާ ނާދިރުގެ ކުރިމަތީގައި އިނެވެ. މިފަހަރުވެސް ފަރުވާކުޑަގޮތަކަށް އަތަށް ހެޔޮވަރުގެ ދެތިން ގާގަނޑު އެއްލާލައިފިއެވެ. އެއްގާގަނޑު މާކަނައެއްގެ ފިޔާގައި ޖެހުނެވެ. ނާދިރު އެދިޔަގޮތަށްގޮސް ގެއަށްވަނީއެވެ. މަޑި ގެއްލުނުކަމުގެ ހިތާމައިގައި ގެއަށް ވަދެ ދެވަނަ މަޑިއެއް ހެދުމުގެ މަސައްކަތުގައި އުޅެންފަށައިފިއެވެ. ކުރިއަށްވުރެ ރީތިކޮށް މިފަހަރު މަޑި ހަދާ ނިންމުމަށްފަހު ނިދަން އޮށޯތެވެ. އެވަގުތު ފެނުނީ ކުރިމަތީން ރީތިވަރުގެ ދެކޮކާލެވެ. އެނދުގެ ކައިރިންނެވެ. އެ ކޮކާ ހިފޭތޯ އަތްހޫރާލިއެވެ. އަތުގައި ހީވީ މީހަކު ހިފެހެއްޓިހެންނެވެ. ނަމަވެސް މީހަކު ނެތެވެ. މިގޮތަށް ތިންފަހަރު އަތްދިއްކުރީމަވެސް ކޮކާލެއް އަތަކު ނުޖެހުނެވެ. ނުފެންނަ އަތަކުން ނާދިރުގެ އަތުގައި ހަމަ ހިފަހައްޓަނީއެވެ.

ނާދިރު ވަރަށް ކަންބޮޑުވެއްޖެއެވެ. ނިދޭތޯވެސް އުޅެފިއެވެ. ހަމަ ލޯ މަރާލާ ކޮންމެފަހަރަކު ހިތަށް ފެންނަނީ އޭނައާއެއްވަރުގެ ޒުވާން ދެ އަންހެންކުދީންނެވެ. ގަޑިން ދޭއްޖަހައިފިއެވެ. ނާދިރު ކުޑަކޮށް ނިދުނު ވަގުތު މި ދެކުދީން އައިސް ބުނަން ފަށައިފިއެވެ. ތެދުވާށެވެ. މިހާރު ފަތީސްވަނީއެވެ. އަވަހަށް އަތިރިއަށް ދަމާހިނގާށެވެ. އެތަނުގައި އަހަރެމެންގެ ވެރިމީހާ ކަލެއަށް އިންތިޒާރު އެބަކުރެއެވެ. ފަޖުރުގެ ކުރިން ކަލޭ ގެނެސްދޭން އޭނަ އެދިފަ އެބައޮތެވެ. ނާދިރު އަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. ތެދުވެ މަންމައަށް ގޮވާލައިފިއެވެ. ބުނަންފެށިއެވެ. އަހަރެން ބޮޑުކަމު ދާން އަތިރިއަށް ދަނީއެވެ. އެއިރު ގަޑިން ތިނެއްޖެހީއެވެ. އިރުމަތިފަރާތުން ބޮޑު ތަރިއެއް އަރާފަ ހުއްޓެވެ. ނާދިރު އަށް ވިސްނުނީ އެއީ ފަޖުރުތަރިކަމަށެވެ. އަތިރިއަށް ގޮސް ދޮންވެލި ގަނޑުގައި ދެފައި ޖެހުނު ވަގުތު ބޮޑު އަލިގުޅައެއް އައިސް ނާދިރުގެ ކުރިމަތީގައި ޖެހުނެވެ. އެއްކަލަ ދެއަންހެން ކުދިން ނެތެވެ. ހީލަތްތެރި ދެކުދިންތާއެވެ. އެވަގުތު އަލިގުޅައިގެ ތެރެއިން ތޭރަ ސާދަ އަހަރުގެ އަންހެން ކުއްޖަކު ފާއްދާލިއެވެ. އަދި ބުނަންފެށިއެވެ. އަހަރެންގެ ހަތަރު އެކުވެރިން ކަލޭގެ ކައިރިއަށް ފޮނުވީމެވެ. ފުރަތަމަ ދެނާއިބުންނެވެ. އެތަނުން އެކަކުގެ ގައިގާ ކަލޭ ޖެހީމުނޫންހެއްޔެވެ. އެވަގުތުވެސް އަހަރެން އިނީ ބަލާށެވެ. ފަހުން ދިޔައީ އަރެން ބުނިގޮތަކަށް ކަލޭ ގެނެވޭ ވަރުގެ ބާރުގަދަ ދެމިތުރުންނެވެ. އެދެމީހުން ބުނިގޮތަށް ކަލޭ ނުހެދިނަމަ ވާނެގޮތް އެނގޭނީ އަހަރެންގެ ބައްޕައަށެވެ.

ނާދިރު ބިރުން ތުރުތުރުއަޅަނީއެވެ. އަދިވެސް ހާ ގޮވާ އަޑެއް ނީވެއެވެ. އެއްކަލަ ބޮޑުތަރި ފެންނާކަށް ނެތެވެ. ރަނގަޅަށް ވަށައި ހޯދާލިއެވެ. ކަމަކުދާކަށް ނެތެވެ. މިހުރެވުނީ އަމިއްލަ ރަށުގައެއް ނޫނެވެ. އެއްކަލަ ކުޑަ ފަޅުރަށުގައެވެ. ނާދިރު ތިހީކުރީ ރަނގަޅަށެވެ. މިއީ އަހަރެމެންގެ ރަށެވެ. ނާދިރުގެ ރަށެއްނޫނެވެ. މިރަށް ކުޑައެއްކަމަކު މިއީ އަޖައިބުން ފުރިގެންވާ ރަށެކެވެ. ނާދިރު އަށް ނޭނގޭ ވަރަށްގިނަ ސިއްރުތަށް މިރަށުގައި އެބަވެއެވެ. މިހާރު އެއުޅެނީ ފަޖުރުލާށެވެ. ރަށަށް ދާން ބޭނުންނަމަ ފަޖުރުގެ ކުރިން މިރޭ ދެވިދާނެއެވެ. ނަމަވެސް މިއީ ފަހުގެ ފުރުސަތެވެ. މީގެފަހުގައި ހީވެސް ނުކުރާ ގޮތަކަށް ނާދިރުއާއި މެދު ކަންތަށް ވަމުންދާނެއެވެ. ނާދިރު އަނިޔާކުރި ނާއިބު އެކަންތަކާއިގެން ކުރިއަށްދާނެއެވެ. އަހަރެންގެ ބައްޕަގެ އިރުޝާދާއިއެކުގައެވެ.

މިހާރު ނާދިރު އެހުރީ އޭނާގެ އަމިއްލަ ރަށުގައެވެ. ނާދިރު އަތިރިމައްޗަށް ބަލާލިއިރު މަޑި އަރުވާކުދިން ތިއްބެވެ. ނަމަވެސް ނާދިރު އެތާގައި ހުންނަން ބޭނުން ނުވިއެވެ. ބޭނުންވަނީ މިހިނގަމުން މިދާ ގޮތްނޭނގޭ ބިރުވެރި ކަންތަކުގެ ވާހަކަ މައިންބަފައިންނަށް ކިޔާދޭށެވެ. ގެއަށްގޮސް މަންމަގެ ކައިރީގައި މިވާހަކަ ދައްކައިފިއެވެ. އެވަގުތު ނާދިރު އަނބުރައިގެން ވެއްޓުނެވެ. މަންމަ ދުވެގޮސް ބައްޕައަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ. ބައްޕަ މީހަކު ގޮވައިގެން އައިސް ފެންމަތުރާފައި ފެންޖަހަން ފެށިއެވެ. ނަމަވެސް ދަރިފުޅު ނާދިރު ހެއެއްނޭރިއެވެ. ބައްޕަ ގޮސް އެހެން މީހަކު ގެނެސް ފެންމަތުރާފަ ޖަހަންފެށުމުން ނާދިރު ކުޑަކޮށް ވާހަކަ ދައްކަން ފަށައިފިއެވެ. ބުނަންފެށިއެވެ. ބައްޕާ އަހަރެން އެރަށަށް ދިޔަދޭށެވެ. ބައްޕަ ދަރިފުޅު ކޮންރަށަކަށްތަ؟ އާނ! ބައްޕާ އެފަޅު ރަށަށެވެ. އަހަރެންގެ މަޑި މަތީގައި ރާރާ ގޮއްވި ބާޒު (ރީތި އަންހެންކުއްޖާ) އުޅެނީ އެރަށުގައެވެ. އެވަގުތުން ފެށިގެން ނާދިރުގެ ބައްޕައަށް މިއީ ޖިންނިއެއްގެ ފަރާތުން އޭނައަށް ދިމާވެގެން އުޅޭކަމެއްކަން އެނގިއްޖެއެވެ.

އެކަމަކު ރަށުގެ އެކިމީހުން ލައްވާ އެކަމަށް ފަރުވާކޮށް އެއްވެސް ޝިފާއެއްނުލިބި ނާދިރުގެ ހާލު ދުވަހަކަށްފަހު ދުވަހެއް ދަނީ ދަށަށެވެ. ވާހަކަވެސް ނުދައްކާ އުޅެނީ މޮޔައެއްހެނެވެ. އަބަދުވެސް ބޭނުންވަނީ މޫދަށް އެރިގެން ދާށެވެ. ކުރާ ބޭހަކަށް ކިޔަވާ ފެނަކަށް އަޅާ ތަވީދަކަށް އެއްވެސް ޝިފާއެއް ނުލިބޭތީވެ ނާދިރުގެ މައިންބަފައިން ވަރަށް ކަންބޮޑުވެ ހިތާމަކުރަމުންދެއެވެ. ރަށުގެ ޒުވާނުންނާއި އޭނާގެ އެކުވެރިންވެސް ނާދިރަށް އަވަސް ޝިފާއެއް ދެއްވާތޯ ދުޢާ ދަންނަވައެވެ.

އެއްރޭގެ ދަންވަރެވެ. ނާދިރުގެ ކައިރީގައި މަންމަ އާއި ބައްޕަ ތިއްބާ ނާދިރު ތެޅިފޮޅެން ފަށައިފިއެވެ. ތިހެން ނަހަދާށެވެ. އަހަރެންގެ އަތް ބިންދާނުލާށެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ. ޖަވާބު ދެނީވެސް އަމިއްލައަށެވެ. ކަލޭގެ ކުށަކީ އަހަރެމެންގެ ވަޒީރުގެ ގައިގާ ޖެހުމެވެ. ދެވަނަ ކުށަކީ އަހަރެމެންގެ ވާހަކަ ކަލޭގެ މައިންބަފައިންގެ ކައިރީގައި ދެއްކުމެވެ. އަދި ބުނަންހެއްޔެވެ ތިކިޔަވާ ފެނަކުން އަޅާ ތަވީދަކުން އަދި ކުރާބޭހަކުން އަހަރެމެންގެ ކައިރީން ސަލާމަތެއް ނުވެވޭނެއެވެ. ވަރަށް މަސައްކަތުން ނޫނީ އަހަރެންގެ ބައްޕަގެ ރުހުން ތިކަމަކަށް ނުދޭނެއެވެ. އޭނާގެ ރުހުން ލިބިގެން ނޫނީ ސަލާމަތެއްނުވާނެއެވެ.

އެ އަންހެން ޖިންނީގެ ވާހަކަ ނާދިރު ކިޔާދެމުން ދިޔައިރު ދިޔައީ ރޮމުން ގިސްލަމުންނެވެ. ހިތާމައާއި ކަންބޮޑުވުމުގެ ތެރޭ ނާދިރުގެ ބައްޕަ (އަލީ) ހުއްޓާ ދަތުރު ކުރަމުންދިޔަ އުޅަދެއް ހުޅުވާރުލަށް އައިސް ކާރިކޮށްފިއެވެ. އެއީ ފުވައްމުލަކު އުޅަދެކެވެ. ދޫޑޭރި އަލިދީދީގެ އުޅަދެކެވެ. ވިޔަފާރި ދަތުރެއްގައި ތިމާގެ މީހުންނާއި ބައްދަލުކޮށް އަދި ގެނައި އެތިކޮޅު ވިއްކުމަށް އައިސް މިރަށަށް ކައިރިކުރީއެވެ. ވެށުމާއި އާރޮސް(ލަޑޯ) އަދި ދޮންއަނބު ބައިވަރު އޮތެވެ. އެސާމާނު ވިއްކުމަށް އެ ދޯނީގެ މީހުން ރަށުތެރޭ އުޅެމުންދަނިކޮށް ނާދިރުގެ ބައްޕައާއި އެތަނުން މީހަކާއި ދިމާވެއްޖެއެވެ. އަދި ދިމާވެގެން އުޅޭ ހިތްދަތި ހިތާމައިގެ ވާހަކަ އެމީހާއަށް ކިޔާދިނެވެ. އެމީހާ އަކީ ކުޑަކޮށް އަލީ ދަންނަ މީހަކަށް ވުމުން މިދިމާވެގެން އުޅޭ ކަމުގައި އެހީތެރިކަމެއް ފޯރުކޮށް ދެވިދާނެތޯ ދެންނެވިއެވެ. އެމީހާއަކީ ޤުރުއާން ދަސްކޮށްގެން ހުރި ހާފިޒެކެވެ.

އެމީހާ: އިރާދަކުރެއްވިއްޔާ ތިކަމަށް ކޮންމެވެސް ކަމެއްކޮށްދޭނަމެވެ. މިވާހަކަ އެއްކަލަ ޖިންނި އަހެންކުއްޖާގެ ފަރާތުން ނާދިރަށް އެނގިއްޖެއެވެ. މިމީހާ ގޮވައިގެން ނާދިރުގެ ބައްޕަ (އަލީ) ގެއާއި ދިމާލަށް އަންނަން ފެށުމުން ނާދިރު ގެއިން ނުކުމެގެންދާން ތެޅިފޮޅެނީއެވެ. އަޑުގަދަކޮށް ހަޅޭލަވާން ފަށައިފިއެވެ. ދޫކޮށްލާށެވެ. އަހަރެން ދިޔަދޭށެވެ. އަހަރެން މި އުޅެނީ އެކަންޏަކުނޫނެވެ. އަހަންނާއެކު އެތައްބަޔަކު އެބައުޅެއެވެ. އިރުކޮޅަކުން ނާދިރުގެ ބަނޑު ފުފެން ފަށައިފިއެވެ. ކައިރީގައި ބަލަހައްޓަން ތިބި މީހުން ބިރުން ރޯންފަށައިފިއެވެ. ނާދިރު އަމިއްލައަށް ގައިގަ ވަކިއަޅަން ފަށައިފިއެވެ. މުޅިގައިން ލޭފައިބަނީއެވެ. މިގޮތަށް ކަންތައް ވަމުންދަނިކޮށް ކުރިން ދެންނެވި ފުވައްމުލަކު މީހާއާއި ނާދިރުގެ ބައްޕަ އައިސް ގެއަށް ވަންނަނީއެވެ. މުލަކުމީހާ (ދޫޑޭރި ހުސިންދީދީ) ފެންކިޔަވާފައި ޖެހުމުން ތެޅިތެޅިއޮތް ނާދިރުގެ ތެޅިފޮޅުން ހުއްޓިއްޖެއެވެ. އެއާއެކު ހޭނެތިއްޖެއެވެ. މީހުން ނާދިރު ނަގައިގެން ގޮސް ގޭގެ އެނދުމަތީ ބޭއްވުމަށްފަހު ނާދިރުގެ ބައްޕަ އާއި ހުސިންދީދީ ފިޔަވައި އެހެން ހުރިހާމީހުން ގޭތެރެއިން ނެރެލިއެވެ.

ހުސިންދީދީ ދެވަނަ ފެންތަށި ޖެހުމަށްފަހު ނާދިރުއާއި ވާހަކަ ދައްކަން ފެށިއެވެ. ނާދިރު ގުޑިއަރުވަން ދިޔަ ދުވަހުން ފެށިގެން އެދުވަހާ ހަމައަށް އޭނަޔަށް ދިމާވި ހުރިހާ ކަމެއްގެ ވާހަކަ ކިޔައިދީފިއެވެ. އަޑުއަހަންތިބި ދެމީހުންވެސް އަނގައިން ކުޅުހިކުނެވެ. މިހާރު ނާދިރުއަށް ދިމާވި ކަންތައްތައް އެދެމީހުންނަށް ރަނގަޅަށް އެގިއްޖެއެވެ. ތިންވަނަ ފަހަރަށް ހުސިންދީދީ ނާދިރުއަށް ރަނގަޅުކުރެވޭތޯ ކުރި މަސައްކަތުން އެބޮޑުވި ބަނޑު ކުޑަވެ ލޯހުޅުވައި ހަމަހޭގައި އެނދުމައްޗަށް ތެދުވެ ބައްޕައަށް ގޮވާލައި ފެންފޮދަކަށް އެދުނެވެ. އެވަގުތު މަތުރާފައިހުރި ފެން ދިނުމުން ބޯލައިފިއެވެ. ހުސިންދީދީ ބޭރަށް ނުކުމެ މުޅި ގޭވަށައި ކިޔަވާފަ ފެން އެޅުމަށްފަހު ދެން އިތުރު ގޯހެއް ނެތްކަމަށް ބުނުއްވިއެވެ.  

 

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. މި ހާދިސާ އަށް ވާނީ އަސްލު ނުގެއްލޭގޮތަށް ބަދަލު ގެނެސްފައެވެ.

+1
1
+1
2
+1
3
+1
4
+1
16
+1
2
+1
4

Advertisement

ގުޅުންހުރި ލިޔުންތައް