November 26, 2024 04:38
Advertisement

-Advertisement-

ޑަބްލިއުއެޗްއޯގެ އިންޒާރު: އޮމިކްރޯން މާ ނުރައްކާ، ޗުއްޓީގެ ހަރަކާތްތައް ކެންސަލް ކުރޭ

އޮމިކްރޯން އަކީ އާދައިގެ ކަމެއްގެ ގޮތުގައި ކުރިން ބެލެވިފައި އޮތަސް އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް އާ ހޯދުންތަކުން ހޯދިއްޖެ ކަމަށާއި ޗުއްޓީގައި އޮންނަ ފެސްޓިވަލް ހަކަރާތްތައް ކެންސަލް ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ގޮވާލައިފިއެވެ. 
އޮމިކްރޯން ވޭރިއަންޓް ޑެލްޓާ ވޭރިއަންޓަށްވުރެ ހަކުވިކަމާއެކު ފެތުރެމުން އަންނަ ކަމަށާއި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި ކުރިން ކޮވިޑް ޖެހިފައި ރަނގަޅުވެފައިތިބޭ މީހުންނަށްވެސް އޮމިކްރޯން ވޭރިއަންޓް ޖެހޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.  
ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ސައިންޓިސްޓް ޑރ. ސޯމިއާ ސުވާމިނަތަން އިއްޔެ ވިދާޅުވީ އޮމިކްރޯން އަކީ ބޮޑުވަރު ނުވާ ވޭރިއަންޓެއް ކަމަށް ކުރީގެ ހޯދުންތަކުން ދެއްކި ނަމަވެސް އެއީ ގޯހެއް ކަމަށެވެ. އަދި އޮމިކްރޯން އަކީ މާ ނުރައްކާތެރި ވޭރިއަންޓެއް ކަމަށާއި، ދިފާއީ ނިޒާމުގެ ބާރު ދައްކޮށްލާ ވޭރިއަންޓެއް ކަމަށް ހޯދުންތަކުން ހޯދިފައިވާ ކަމަށެވެ. އަދި އޮމިކްރޯން ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު މި ވޭރިއެންޓްގެ ސަބަބުން ގައުމުތަކުގެ ސިއްޙީ ނިޒާމަށް ނުކަތާވަރުގެ އުނދަގޫ ހާލަތެއް މެދުވެރިވުންވެސް އެކަށީގެންވާ ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް ގައުމުތަކުން ވެކްސިން ދެމުން އަންނައިރު ބޫސްޓަރ ޕްރޮގްރާމް އަމާޒު ކުރަންވާނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށްވެސް ޑރ. ސްވާމިނަތަން ފާހަގަ ކުރެއްވިއެވެ.


ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވީ ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކަމާއެކު އޮމިކްރޯން ފެތުރޭކަމުގެ ސާބިތު ހެކި މިހާރު ހޯދިފައިވާ ކަމަށެވެ.
ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯން ނުރައްކާތެރިކަން ހޯދިފައިވާ ކަމަށާއި، އަދި ދެެވަނަ ފަހަރަށް އިންފެކްޓް ވުމުގެ ފުރުސަތު ފަސްގުނަ އިތުރުކަމަށް 'އިންޕީރިއަލް ކޮލެޖް އޮފް ލަންޑަން' އިން ހެދި ދިރާސާއިން ދައްކައެވެ. މިދިޔަ ހަފްތާގައި މި ދިރާސާ އާއި ހަވާލާދީ މި ގޮތަށް ކަނޑައަޅާފައިވާއިރު ޑަބްލިއުއެޗްއޯއިން ބުނީ ދިފާއީ ނިޒާމަށް ދެވޭ އެހެނިހެން ވެކްސިންތަކުން އިންފެކްޝަނުން ނުވަތަ ބަލިން ރައްކާތެރިވެވިދާނެ ކަމަށެވެ.
ޓެޑްރޮސް ވިދާޅުވީ ޗުއްޓީގައި އެކި ގައުމުތަކުގައި ގިނަ މީހުން އެއްވެގެން ބާއްވާ ފެސްޓިވަލް ހަރަކާތްތަކުން ކޭސްތައް އިތުރުވުމަށް މަގުފަހިވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ސިއްޙީ ނިޒާމަށް ބާރުބޮޑުވެ މަރުވާމީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ ޗުއްޓީގައި އޮންނަ ހަރަކާތްތައް ފަސްކުރުމަށް އޭނާ ވަނީ ގައުމުތަކަށް ގޮވާލައްވާފައެވެ. ޓެޑްރޮސް ވިދާޅުވީ މީހެއްގެ ފުރާނަ ގެއްލުމަށްވުރެ އެފަދަ ހަރަކާތްތައް ކެންސަލް ކުރުން މާ ރަނގަޅުކަމަށެވެ.


ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން ވަރުބަލިވެފައިވާ ދުނިޔެއަށް 2022 ވަނަ އަހަރަކީ ޕެންޑަމިކް ނިމުމަކަށް އަންނާނެ އަހަރުކަމަށް ލަފާކޮށް އެ އުންމީދު ގައުމުތަކަށް ދޭ ކަމަށް ޑަބްލިއުއެޗްއޯގެ ޓީމުން ބުނެއެވެ. ނިމިގެން މިދާ 2021 ވަނަ އަހަރަކީ ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވި އަހަރެވެ. ދުނިޔޭން 5.6 މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށް ކޮވިޑް ބަލީގައި ވަނީ މަރުވެފައެވެ.
2022 ގައި ޕެންޑަމިކް ނިމުމަކަށް އަންނާނެ ކަމުގެ އުންމީދު ޑަބްލިއުއެޗްއޯއިން ކުރަނީ ދެވަނަ އަދި ތިންވަނަ ޖެނެރޭޝަންގެ ވެކްސިން އުފެއްދުމާއި، 'އެންޓިމައިކްރޯބިއަލް ޓްރީޓްމެންޓް' ގެ ކުރިޔަށް ހުރި އުފެއްދުންތަކާއި އެހެނިހެން ސިއްޙީ ހޯދުންތަކުގެ މައްޗަށް ބަލައެވެ.
ޕެންޑަމިކް ނިމުމަކަށް ގެނެވޭނީ ބަލި ފެތުރޭ މިންވަރު ދަށްކުރެވިގެން ކަމަށާއި، މިކަމުގައި ކުރިއަށްދާން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމުކަމުގައިވާ ޗައިނާއިން ވައިރަހުގެ އަސްލާއި ގުޅޭ އިތުރު މައުލޫމާތާއި ޑާޓާ ހިއްސާކުރަން ޖެހޭކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.
"ވައިރަހުގެ އަސްލު އެނގެންދެން ކުރިއަށްދާން އެބަޖެހޭ، އިތުރަށް މިކަމަށް ގަދައަޅާ މަސައްކަތް ކުރަންޖެހެނީ މިފަހަރު ކަންތައްވީ ގޮތުން ކަންކަން ދަސްކުރަން ފިލާވަޅެއް ލިބިގަންނަން. އޭރުން މުސްތަގްބަލުގައި މިކަހަލަ އިތުރު ހާލަތެއް ކުރިމަތިވުމުން މިފަހަރަށް ވުރެ ރަނގަޅަށް ކަންކަން ކުރެވޭނީ" ޓެޑްރޮސް ވިދާޅުވިއެވެ.

Advertisement
+1
0
+1
0
+1
1
+1
2
+1
1
+1
0
+1
4

Advertisement

ގުޅުންހުރި ލިޔުންތައް