September 19, 2024 23:44
Advertisement

-Advertisement-

މިސް ޔުނިވާސް އަށް ހޮވުނު ހަރްނާޒް އަކީ ފާހަގަކުރެވޭ ހުނަރުވެރިއެއް!

އިންޑިއާގެ ޗަންދިގަރަށް އުފަން އުމުރުން 21 އަހަރުގެ ހަރްނާޒް ސަންދުއަށް މިސް ޔުނިވާސް 2021 ގެ މަޤާމް ލިބުނުއިރު، 70 ވަނަ މިސް ޔުނިވާސް ހޮވުމުގެ މުބާރާތް ބާއްވާފައިވަނީ އިސްރާއީލްގެ އެލިއާތްގައެވެ. ހަގު އުމުރެއްގައި މޮޑެލް ކުރުމުގެ ދާއިރާއަށް ނިކުމެފައިވާ ހަރްނާޒަށް 2017 ވަނަ އަހަރު މިސް ޗަންދިގަރު ވަނީ ލިބިފައެވެ. އަދި މިއީ އޭނާގެ މޮޑެލް ކެރިއާގައި ލިބުނު ފުރަތަމަ ކާމިޔާބީއެވެ.

ހަރްނާޒް އަށް މިސް ޔުނިވާސް ޓައިޓަލް މިލިބުނީ، 2000 ވަނަ އަހަރު ލާރާ ދައްތާއަށް މިސް ޔުނިވާސް ލިބުނުތާ 21 އަހަރު ފަހުންނެވެ. އެހެންވުމުން އިންޑިއާއަށް މި ޓައިޓަލް މިލިބުނީ 21 އަހަރުގެ ދިގު މުއްދަތަކަށްފަހުގަ އެވެ. ރީތީގެ މުބާރާތްތަކުގައި ބައިވެރިވުމުގެ އިތުރުން ހަރްނާޒް އަންނަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަންއިން މާސްޓާސް ޑިގްރީ އަށް ކިޔަވަމުންނެވެ.

ހަރްނާޒް ބުނާގޮތުންނަމަ އޭނާއަށް ދިރިއުޅުމުގައި ކަންތައްތަކާއި ކުރިމަތިލާން ހިތްވަރު ލިބެނީ އޭނާގެ މަންމަގެ ފަރާތުންނެވެ. މަންމަ އަކީ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ. އޭނާ ބުނާ ގޮތުންނަމަ ބޮޑުވެގެން އައިސްފައިވަނީ މަންމަ އާއި އެކު އެކިކަހަލަ ކޭމްޕްތަކުގައި މަންމައަށް އެހީތެރިވުމަށް ގޮސް އުޅުމުގެ  ތެރޭގައެވެ. މީގެތެރޭގައި އަންހެނުންގެ ސާފުތާހިރުކަން ހުންނަންޖެހޭ ގޮތްތަކާއި ބެހޭގޮތުން ހިންގޭ ކޭމްޕުތަކުގައި ބައިވެރިވެފައިވެއެވެ. މަންމަ ކައިރިން ހިތްވަރު ލިބިގެން އޭނާވެސް މިހާރު އަންނަނީ އަންހެނުންގެ ހައްގުތަކާއި އަންހެނުންނަށްވެސް ފިރިހެނުންނާއި އެއްފަދައިން ތަޢުލީމް ހާސިލްކުރުމަށް މަގުފަހިވާންޖެހޭނެ ފަދަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

Advertisement

ހަރްނާޒް ބުނާގޮތުންނަމަ، އެކްޓިންއަކީ އޭނާގެ ޕްރޮފެޝަން ނަމަވެސް، ރީތީގެ މުބާރާތްތަކަށް އިންސްޕިރޭޝަންއަކަށްވީ މިސް ވޯރލްޑް 2000 ވަނަ އަހަރު ހޯދި ޕްރިޔަންކާ ޗޯޕްރާގެ ފަރާތުންނެވެ.

އެކުވެރިންނާއި އެއްކޮށް ވަގުތު ހޭދަކުރުމާއި، ޔޯގާ، ނެށުން، ކެއްކުން އަދި އަސް ދުއްވުމަށް ޝައުގުވެރިކަން ހުންނަ ހަރްނާޒް ރާޒުވާވެސް ކުޅެއެވެ. ހަރްނާޒް ބުނާ ގޮތުންނަމަ، ބޮޑެތި ކަންތައްތައް ވާނީ އެކަންތައްތައް ވާނެކަމަށް ޤަބޫލުކޮށް އެކަމަށް މަސައްކަތް ކުރާ މީހުންނަށެވެ. ކެނޑިނޭޅި މަސައްކަތްކުރުމާއި، އުނގެނުމާއި އަދި ޝުކުރުވެރިވުމަށް އޭނާގެ ބައޯގައި ބުނެފައިވެއެވެ.

ޕަންޖާބީ ބަހުން ޅެން ލިޔުމާއި ތަފާތު މީހުންގެ އަޑުން ވާހަކަ ދެއްކުމުގެ އިތުރުން ހަރްނާޒް އަކީ ވަރަށް ރީތިކޮށް ލަވަވެސް ކިޔާ މީހެކެވެ.

މިސް ޔުނިވާސްއަށް ހޮވިފައިވާ ފަރާތަށް ލިބިފައިވާ އިނާމްތަކަށް ބަލާއިރު، 250،000 އެމެރިކާ ޑޮލަރު (1.89 ކަރޯޑު އިންޑިއާ ފައިސާ) ހިމެނެއެވެ. މިއަހަރުގެ މިސް ޔުނިވާސްއަށް ލިބިފައިވާ ތާޖަކީވެސް މިހާތަނަށް މިސް ޔުނިވާސްއަށް ހޮވޭ ފަރާތްތަކަށް ދެމުން އަންނަ ތާޖް ތަކާއި އަޅާބަލާއިރު އެންމެ އަގުބޮޑު އެއް ތާޖުކަމަށްވެސް މިސް ޔުނިވާސް 2021 ގެ ތާޖް ފަރުމާކުރި ފަރާތުން ހާމަކޮށްފައިވެއެވެ.

މިސް ޔުނިވާސްގެ ތާޖު

ބައިނަލްއަގްވާމީ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިސް ޔުނިވާސްގެ ތާޖަކީ 5 މިލިއަން އެމެރިކާ ޑޮލަރު (37 ކަރޯޑު އިންޑިއަން ފައިސާ) ގެ ތާޖެކެވެ. މިސް ޔުނިވާސްގެ ތާޖަކީ ޖުމްލަ 1،725 ހުދު ޖަވާހިރު އަދި 3 ރަން ކެނެރީ ޖަވާހިރު ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ތާޖެކެވެ. ތާޖުގައި ހިމެނޭ ޖަވާހިރުތަކުގެ ބަރުދަނުގައި 62.83 ކެރެޓް ހިމެނެއެވެ.

މީގެ އިތުރުން މިސް ޔުނިވާސްއަށް ހޮވޭ ފަރާތައް އެމެރިކާގެ ނިއުޔޯކުގައި މިސް ޔޫ.އެސް.އޭއާއި އެކު އެޕާޓްމަންޓްއެއްގައި 1 އަހަރު ވަންދެކަށް ހުރެވެއެވެ. އަދި މިމުއްދަތުގެ ތެރޭގައި އެފަރާތައް ބޭނުންވާ އަންނައުނާއި ކާބޯތަކެތި ފޯރުކޮށްދެނީ މިސް ޔުނިވާސް އޯގަނައިޒޭޝަންއިންނެވެ. އަދި މިސް ޔުނިވާސް ބައިވެރިވާ ހުރިހާ ހަރަކާތްތަކަށް އޭނާ ތައްޔާރުކުރުމަށް ޕްރޮފެޝަނަލް މޭކަޕް އާޓިސްޓުންނާއި ހެއާރ ޑިޒައިނަރުންނާއި ފޮޓޯ ނެގުމަށްވެސް ޕްރޮފެޝަނަލް މީހުން އައްޔަންކޮށްފައި ތިބެއެވެ.

 

+1
1
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް