މިއީ ތާރީޚުގައިވެސް މީގެ ކުރިން އެރަށަކާއި ބޭހޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ދެކެވިފައިވާ ރަށެއް ނޫނެވެ. ދުވަހަކުވެސް ބަޔަކު ދިރިއުޅެފައިނުވާ ފަޅުރަށެކެވެ. މީގެ އެތައް އަހަރުގެ ކުރީންވެސް ވަރަށް އެކަހެރި ކުރެވިފައިވާ ރަށެކެވެ. ވަރަށް ކުރީގެ މީހުންވެސް ދަތުރުކުރުމަށް ފަސްޖެހިފައިވާ ރަށެކެވެ. އެރަށަކީ ދެކޮޅަށް ހިމަވެފައި މެދަށް ފުޅާކޮށް އޮންނަ މަލަމަތި ރީތި ރަށެކެވެ. އެންމެ ހައިރާން ކުރުވަނިވި ކަމަކީ އެރަށުގެ މެދުގައި ސަތޭކަ ފޫޓު ފުޅާ ސަތޭކަ ފޫޓު ދިގު ފެންގަނޑެއް (ކުޅިއެއް) އޮންނަކަމެވެ. އެކަމަކު މީހުންނަކަށް އެކަމެއް ނޭނގެއެވެ. ސަބަބަކީ އެރަށަކީ މީހުން ގޮސް އައިސް އުޅޭ ރަށަކަށް ނުވާތީއެވެ. މިރަށާއި ބެހޭގޮތުން ގިނަ ކަންތައްތަކެއް މީހުންނަށް އެނގިފައިނެތަސް އަހަރެން ދެކޭގޮތުގައި މިއީ އެތަކެއް އަޖައިބުތަކުން ފުރިގެންވާ ރޫހާނީ ރަށެކެވެ.
ކުރިން މިދެންނެވި ފެންގަނޑަކީ ހައިރާން ކުރުވަނިވި އެއް އަޖައިބެވެ. އެ ބޮޑު ފެންގަނޑުގެ ވަށައިގެން ފެހި ގަސްތައް ހެދިފައިވާއިރު އެންމެ ކުޑަމިނުން ފެންގަނޑުގެ ތެރެއިން އެންމެ ކުނިކޮޅެއްވެސް ފެންނަންނެތެވެ. ފެންގަނޑުގެ އަޑި ހީވަނީ ލޯކަދައެއް ހެންނެވެ. ބޯކަށިގަސްތަކުގެ މާތަކުން އެފެންގަނޑުގެ ވަށައިގެންވާ ސަރަހައްދު ވަނީ މީރުވަހުން ޒީނަތްވެފައެވެ. އެކި ވައްތަރުގެ ކަނބިލި ތަކުގެ އަޑު އެހާރީތިވެފައި ފުރިހަމައެވެ. މިރަށަކީ ފެހެލާ އާއި މާފުއްޓާއި ދެމެދު އިރުމަތީ ފުއްޓަރުގައި އޮންނަ ރަށެކެވެ. ރަށުގެ ނަމަކީ މެދުރެހާ އެވެ.
މިދެންނެވި ދުވަސްވަރަކީ ރާއްޖޭގައި ކޮންމެވެސް ވަރަކަށް މަލިކު މީހުން އުޅެމުން ދިޔަ ދުވަސްވަރެކެވެ. އެއްރެއަކު މަލިކު ހަސަންބޭ ކިޔާ މީހަކު މާލޭ ކަކާގޭ ފެންޑާމުގައި ނިދަން އޮއްވާ މީހަކު ގޮވި އަޑަށް ހޭލެވުނެވެ. ބޭރު ބަލާލިއިރު ހުވަދު އަތޮޅު އަލިފުތާ ކިޔާ މީހަކު ހުއްޓާ ފެނުނެވެ. އަލިފުތު ބުނެލިއެވެ. "ހަސަންބޭއެވެ. އަހަރެމެންނާއެކު ހުވަދު އަތޮޅަށް ދާންކެރޭނެ ހެއްޔެވެ؟ ހަސަންބޭ އަކީ އެއްރަށުން އަނެއްރަށަށް ދަތުރުކޮށް މީހުން އުޅެމުން އަންނަ ގޮތް ހޯދާ ބަލާހިތްވާ ވަރަށް މުރާލި މީހެކެވެ. އެހެންވުމުން އަލިފުތު ބުނިބުނުމަށް ވަރަށް އަވަހަށް އާއެކޭ ބުނެލިއެވެ. ހަސަންބޭ އެއްޗަކަށް އަންނައުނު އަޅައިގެން އަލިފުތާއެކު ގުރާބު ތުނޑިއަށް ހިނގައްޖެއެވެ.
އެއިރު ހުވަދު އަތޮޅު އޮޑި އޮތީ ފުރަންވެފައެވެ. އަލިފުތަކީ ހަސަންބެ ދަންނަ މީހަކަށްވުމުން ދެމީހުން އެކުގައި އޮޑިއަށް އެރުމުން ފަތިހު ހަތަރެއް ޖެހިއިރު އޮޑި ފުރައިފިއެވެ. އެދުވަހު ހެނދުނު ކަކާގެ ބޭފުޅުން ތެދުވެ ހަސަންބެ ކޮބައިތޯ ބެލިއެވެ. ހަސަންބެއެއް ނުފެނުނެވެ. ވީތަނެއްވެސް ނޭނގުނޭވެ. ހަސަންބެ ނިދި އުނދޯލިމަތީގައި އޮތް ޖަބުރޯލް ފަތެއްގައި ލިޔެފައި އޮތެވެ. އަހަރެން މިދަނީ ހުވަދު އަތޮޅަށެވެ. ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ. އެވަގުތުން ފެށިގެން ކަކާގެ ބޭފުޅުން ހަސަންބޭ ހޯދަން ނޫޅެއެވެ. އޮޑި ދަތުރު ކުރަމުން ދަނީ އޭގެ އެންމެ ހަލުވި ދުވެލީގައެވެ. ތިންރެއާއި ދެދުވަހުގެތެރޭ އޮޑި ގޮސް ބަދަރުކުރީ ގއ. ވިލިގިލީ ގައެވެ. އެކަމަކު އަލިފުތާއި ހަސަންބޭ ފޭބީ އެއަތޮޅު މާމެންދުއަށެވެ.
އަލިފުތަކީ ފަޅުރަށެއްގެ ރަށްވެރިއެކެވެ. އެހެންވުމުން އަނެއްދުވަހު ބޮއްކުރައެއްގައި ދެމީހުން ފުރައިގެން ދިޔައީ އެރަށަށެވެ. އެއީ މައްތުރެހާ ކިޔާރަށެކެވެ. އެއިރު އެރަށުގައި އަލިފުތުގެ ފަރާތުން ދިހަ މީހުން ތިއްބެވެ. އެއީ ރުއްތައް ސާފު ކުރުމަށާއި ރަށް ބެލެހެއްޓުމަށް ތިބޭ ބަޔެކެވެ. މީހުން އުޅޭގޮތް ފެނިފައި ހަސަންބޭ މިރަށުގައި އެމީހުންގެ ކައިރީގައި އުޅޭހިތްވެއްޖެއެވެ. އަލިފުތުވެސް މިކަމާއި އެއްބަސްވެއްޖެއެވެ. ހަސަންބެ އަކީ ސާޅީސް އަހަރުގެ ވަރަށް ބިރުކުޑަ ކަންކަމަށް ވަރަށް ޖެހިލުންކުޑަ މީހެކެވެ. އަލިފުތު އަނެއްދުވަހު އެރަށުން އެހެން މީހަކު ގޮވައިގެން ފުރައިފިއެވެ. ދެން އަންނާނީ އެއްމަސް ދުވަހުން ކަމަށް ބުންޏެވެ. ހަސަންބެއަކީ ރޭގަނޑު ނިދާ މީހެއް ނޫނެވެ. އެކަނި ރޭގަނޑުގައި ރަށް ވަށައި ބުރުއެޅުމަކީ އޭނަގެ އާދައެކެވެ. މިބުރު އެޅުމުގެ ތެރޭގައި އެއްރެއަކު ހަސަންބެ އަށް ފެނުނީ މެދުރެހާއި ދިމާލުން އަލިގުޅަ ތަކެއް އެރަށުގެ މައްޗަށް ތިރިވާ ތަނެވެ. މިކަމާއި ފިކުރު ބޮޑުވުމުން އަނެއްދުވަހު އެރަށުން ނޫކަށިފުރައިގެ ފަންސަވީސް އަހަރުގެ ކުއްޖަކު ގޮވައިގެން އެދުވަހު ހަވީރު މެދުރެހާއަށް ހިނގައްޖެއެވެ. ރަށުތެރޭގެ އެކިދިމަދިމާލުން ދަނިކޮށް އަންހެން ކުދިބަޔަކު ވާހަކަ ދައްކާ އަޑު އިވުމުން އެދިމާލަށް ހިނގައިގަތެވެ. މި އަޑުތަކެއް އިވެނީ ކުރީގެ މިދެންނެވި ފެންގަނޑުގެ ކައިރީންނެވެ. ހަސަންބެ އާއި ގާސިމް ގަހެއްގެ ނިވަލުގައި ފިލައިތިއްބާ ފެނުނީ އަޖާއިބު ކުރުވަނިވި މަންޒަރެކެވެ. ބައެއް ކުދީން މައްޗަށް އުދުހެނީއެވެ. އަނެއްބައި ކުދިން ފެންގަނޑަށް ތިރިކުރަނީއެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކު ދައްކާ ވާހަކައެއް އޮޅުންފިލާ ވަރެއް ނުވެއެވެ. ކުދިންގެ ރީތިކަމާއި ފުރިހަމަ ކަމާ މެދު ހައިރާންވާހާ ވެއެވެ. ކަށި މަލުގެ ވަހާއި އުނިމަލުގެ ވަހުން މުޅި އެހިސާބު ވަނީ ޒީނަތްވެފައެވެ. ކަނބިލީގެ އަޑާއި ފަނިފަކްސާގެ އަޑު އެހިސާބުގައިވަނީ ގުގުމާލައި ފައެވެ.
އެވަގުތު ގާސިމް ދުވެފައި އެތަނުން ދާން ގަސްތު ކުރިއެވެ. ނަމަވެސް ހަސަންބޭ ބުނީ ދާނެކަމެއް ނެތެވެ. މިތާގައި މަޑުން ހުންނާށެވެ. ގަޑިން ހަތަރުގަޑިބައި ވީއެވެ. ގާސިމް ފިލައި އޮއްވާ ކުޑަކޮށް ލޯމެރޭ ގޮތްވިއެވެ. ނަމަވެސް ފެންނަ ކުދިންގެ ޗާލު ކަމާއި ފަރިކަން ދެކެ އެދިމާލަށް ކަޅި ޖަހާނުލާ ބޮދާ އޮއްވާ ކުޑަކޮށް ނިދިއްޖެއެވެ. ހަސަންބެ ކަށިކެޔޮ ގަހަކަށް އަރާ ފިލާ އޮއްވާ ފެންގަނޑުގެ ތެރެއިން ދެކުއްޖަކު ގާސިމް ނިދިފަ އޮތް ގަހުގެ ކައިރިއަށް ގޮސް ހޭން ފަށައިފިއެވެ. ކުއްލިއަކަށް ގާސިމް ލޯ ހުޅުވައި ބަލާލިއިރު ޗާލުކަމާއި ފަރިކަމުގެ ދެ އަންހެން ކުދިން ތިއްބެވެ. ގާސިމް ތެދުވެ ދުއްވައިގަންނަން ހިޔާލު ކުރިއެވެ. ނަމަވެސް އެތަނުން އެއްކުއްޖަކު އަތުގައި އޮތް އެއްޗަކުން ފެންވިއްސާލުމާއެކު ގާސިމް އެއްކޮށް ބިރުކެނޑިއްޖެއެވެ. ގާސިމް މަޑުމަޑުން ބުނެލިއެވެ. ތިއީ ކޮން ކުދިންނެތްތަ؟ އަދި މިރަށަށް ތިޔައައީ ކޮންތާކުން ކީއްކުރަންތަ؟ ނަމަކީ ކޮބައިތަ؟ މިއީ އެކުދީންނަކީ ކޮން ރަށެއްގެ އަދި ކޮންތާކުން އައި ކުދިބައެއްކަން ނޭނގުމުން ކުރި ސުވާލު ތަކެކެވެ. އެވަގުތު އެތަނުން ކުއްޖަކު ބުނަންފެށިއެވެ. "އަހަރެންނަކީ ޕަރީޒާދީ އެވެ. މިހުރީ މަލިކާ ޗާންދަނީ އެވެ. އަހަރެމެން މިރަށަށް މިއަންނަނީ މިފެންގަނޑަކީ އަހަރެމެންގެ ބައްޕަ ޗަންދުރު ފީރޯޒު އަހަރެމެންގެ އަވަށުގެ އަންހެން ކުދިން ފެންވަރަން ތައްޔާރު ކުރި ފެންގަނޑަކަށް ވާތީ ފެންވެރުމަށެވެ. އަހަރެމެންނަކީ ބަލްގީސް އަވަށުގެ ކުދީންނެވެ. ކޮންމެދުވަހަކު ހަވީރު އަދި ހެނދުނު އަހަރެމެންގެ ތެރެއިން ކޮންމެވެސް އެއްބަޔަކު މިތަނުގައި ތިބޭނެ އެވެ.
ތިޔައީ ކޮންކުއްޖެއް ހެއްޔެވެ." ގާސިމް ބުންޏެވެ. އަހަރެންނަކީ މިރަށު ކައިރީގައި އޮންނަ މައްތުރެހާ ކިޔާ ފަޅުރަށެއްގައި އުޅޭ ކުއްޖަކީމެވެ. މިއަދު މިރަށަށް އާދެވުނީއެވެ. އެންމެ ރަނގަޅެވެ. ދެން އަވަހަށް މިރަށުން ދާން އުޅޭށެވެ. އަހަރެމެން ބަލަހައްޓާ މާރިދު އަންނަން ގާތްވަނީއެވެ. މިހެން ބުނުމާއެކު އެދެކުދިން ގެއްލިއްޖެއެވެ. އެއިރުވެސް މަލިކު ހަސަންބޭ ގަހުގާ އޮތެވެ. އިރުކޮޅެއް ފަހުން ވައިބާރުވާން ފަށައިފިއެވެ. އެގަދަ ވަޔާއެކު ބޮޑު މާރިދަކު އެތަނަށް އަތުވެއްޖެއެވެ. ގާސިމަށް ތަންކޮޅަކަށް ނުދެވިގެން އުޅެނިކޮށް މާރިދު އޭނާގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ބަރު އަޑަކުން ބުންޏެވެ. އަހަރެންނަށް ފިލަން ނުދުވާށެވެ. އެކަމެއް ނުވާނެއެވެ. އެވަގުތު ގާސިމް ވެއްޓުމާއެކު ހޭނެތިއްޖެއެވެ. މާރިދުވެސް އުދުހިފަ ދިޔަތާކަށް ހިނގައްޖެއެވެ. އެވަގުތު ހަސަންބެ ގަހުން ފައިބާގެން އައިސް ގާސިމް ނަގާ ކޮޑުމަތީ ބާއްވައިގެން މައްތުރެހާ އަށް ހިނގައްޖެއެވެ.
އޭގެ ދެދުވަސް ފަހުން ގާސިމް ބަޑަހަ ގޭގެ ބޭރުގައި ހުއްޓާ ގާސިމަށް ފެނުނީ ރަތް ހެދުމެއްގައި ހުރި އަންހެނެކެވެ. ބިމުގައި ފައެއްނުޖެހެއެވެ. ގާސިމު ބިރުން ތުރުތުރުލާން ފެށިއެވެ. ވަރަށް ބާރަށް ހަސަންބެ އަށް ގޮވާލިއެވެ. އެވަގުތު ހަސަންބޭ ތަންކޮޅެއް ދުރުގަ ހުއްޓަސް އަޑުއިވިގެން އަތުވެއްޖެއެވެ. ކަމަކުދާކަށް ނެތެވެ. ގާސިމް ތެޅިފޮޅެނީއެވެ. އަނގައިން ފޮނު ފައިބަނީއެވެ. މުޅި އެހިސާބުގައި މާބުރުތައް އުދުހެނީއެވެ. އެކި ކުލައިގެ މާބުރުތަކެވެ. ހަސަންބެ އަށް މިވަނީ ކީއްކަން އެނގުނަސް ކުރެވޭނެ ކަމެއްނެތެވެ. އެވަގުތު އެއްމަސްވެގެން އަލިފުތުވެސް އެރަށަށް އައިސް ވަންނަނީ އެވެ. ވެގެން އުޅޭގޮތް އަލިފުތު ހަސަންބެ ކުރެން އޮޅުންފިލުވިއެވެ. އަލިފުތު ފަންވަތެއް ލިޔެ އޭގައި ހަތަރު ގޮށް ޖަހާފައި ގާސިމްގެ މުލައްދަޑީގައި އެޅުމުން މާބުރުތައް(ޖިންނީން) ހިނގައްޖެއެވެ. އޭގެ ފަހުގައި އަލިފުތު ގެނައި ކާޑުކޮޅު ބޭލުމަށްފަހު ގާސިމް ގޮވައިގެން ފުރައިފިއެވެ. ފުރައިގެންގޮސް އަރޭގައްތާ ހަމަވިތަނުން ގާސިމްގެ ދޫ ނުކުންނަން ފަށައިފިއެވެ. ބޮއްކުރައިގެ ހުރި ބާރު ދުވެލީގައި ގޮސް ނިލަންދޫ އާއި ހަމަވިތަނާ ގާސިމް ގަދަޔަށް ރޯން ފަށައިފިއެވެ. އަދި ބުނަމުން ދަނީ އަހަރެން މަރުވަނީއެވެ. އަހަރެން ދޫކޮށްލާށެވެ. އަހަރެން ސަލާމަތް ކޮށްދޭށެވެ. ރޮއި ހަޅޭލަވަމުން ދަނިކޮށް އަލިފުތަށް ފެނުނީ ގާސިމްގެ އަނގައިން ލޭ ފޭބިތަނެވެ. އެއިރު މާމެންދު އާއި ކައިރިވެއްޖެއެވެ. ނަމަވެސް ގާސިމް ބަސްހުއްޓިފައި އޮތީއެވެ. ރަށަށް ކާރިކޮށް ފައިބަން އެންގުމުންވެސް ގާސިމްގެ ޚަބަރެއް ނުވުމުން އަލިފުތު ގޮސްބަލާލިއިރު ގާސިމްވަނީ މަރުވެފައެވެ.
މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލު ގެނެވިފައިވާނެއެވެ.