September 19, 2024 23:42
Advertisement

-Advertisement-

ތަފާތު 15 ވައްތަރުގެ ފައިދިގުމަކުނު: އަންހެން މަކުނުގެ ޝައުގުވެރިކަން ހޯދަން ނަށާ މަކުނުވެސް އުޅޭ!

ޖަނަވާރުންގެ ތެރޭގައިވެސް ތަފާތު ވައްތަރު ޖަހާ އެއް ބާވަތެއްގެ ޖަނަވާރު ހުންނައިރު، ވަރަށް ތަފާތު ގޮތްގޮތަށްވެސް މި ތަކެތި ހުންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މަސްތަކާއި ދޫނީގެ އިތުރުން ރާމާ މަކުނާއި ފައިދިގު މަކުނުގެ ތަފާތު ގޮތްގޮތަށް ހުންނަ އެއްޗެހި ހުރެއެވެ.

ފައިދިގު މަކުނުގެ ތެރޭގައިވެސް ވަރަށް ތަފާތު ސިފަ ހުންނަ އެއްޗެހި ހުރެއެވެ. އެގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ފައިދިގު މަކުނުތަކަށް ބަލާއިރު ވަރަށް ތަފާތު 15 ބާވަތެއްގެ ފައިދިގުމަކުނު ވަނީ ފެނިފައެވެ.

އެންމެ ތަފާތު ވައްތަރެއް ޖަހާ 15 ފައިދިގުމަކުނުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ "ބާޑް ޑަންގް ކްރެބް ސްޕައިޑާ" ތަފާތުވާ ސަބަބަކީ އޭގެ ކައިރިން ދުވާ ނުބައި ވަހެއްގެ އިތުރުން ދޫނީގެ ނަޖިހުން ދުވާ ވަސް އަދި ދޫނީގެ ނަޖިހެކޭ އެއްފަދަ ނަޖިސް މި ފައިދިގު މަކުނުވެސް ބޭރުކުރުންކަމަށް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. މިބާވަތުގެ ފައިދިގު މަކުނު ފެނިފައިވަނީ ޗައިނާ، ޖަޕާން، ސްރީ ލަންކާގެ އިތުރުން ޓައިވާނުންނެވެ.

Advertisement

"ލޯންގް ހޯންޑް އޯބް ވީވާ" ގެ ނަމުން ނަންދީފައިވާ ފައިދިގު މަކުނަކީވެސް ވަރަށް ތަފާތު ބާވަތެކެވެ. އިންޑިއާގެ އުތުރު އިރުމަތީގެ ޖަންގަލީގެ ސަރަހައްދުން މިބާވަތުގެ ފައިދިގު މަކުނު ވަނީ ފެނިފައެވެ. މީގެ އިތުރުން ބަންގްލަދޭޝްއާއި ޗައިނާގެ ޔުނާންއާއި، ތައިލެންޑް، މިޔަންމާ، ވިއެޓްނާމް، މެލޭޝިޔާގެ ދި ޕެނިންސިއުލާގެ އިތުރުން ބޯނިއޯއިންވެސް ވަނީ ފެނިފައެވެ. މިބާވަތުގެ ފައިދިގު މަކުނުގެ އަންހެން އެއްޗެހީގެ ދަޅު ދިގުކޮށް އިންނައިރު، މަކުނުގެ ކުލަ ވެސް ގަދަކަން ފާހަގަކޮށްލެވެއެވެ.

ލޯންގް ހޯންޑް އޯބް ވީވާ

"ޖަމްޕިންގް ސްޕައިޑާ" ގެ 6000 ބާވަތެއް ހުރެއެވެ. މި ބާވަތުގެ ފައިދިގު މަކުނު ގިނައިން އުޅޭކަމަށް ރެކޯޑުކުރެވިފައިވަނީ ޖަޒީރާ ގައުމުތަކުގައެވެ. ނަމަވެސް ފަރުބަދަ ހުންނަ ގައުމުތަކުގަޔާއި ހަނަފަސް ސަހަރާތަކުގައިވެސް މިބާވަތުގެ މަކުނު އުޅެއެވެ. ވަރަށް މަޑުން ހިނގައި އުޅުން ނަމަވެސް ދުރަށް ފުއްމުމުގެ ޤާބިލްކަން މި މަކުނަށް ލިބިގެންވެއެވެ. މިއީ ވަރަށް ކުޑަ ފައިދިގު މަކުނެކެވެ. މީގެ ބޮޑު މިނުގައި ހުންނަނީ ގާތްގަނޑަކަށް 0.04 ނުވަތަ 0.08 އިންޗިއެވެ.

ޖަމްޕިންގް ސްޕައިޑާ

"އެއިޓް ސްޕޮޓެޑް ކްރެބް ސްޕައިޑާ" ހިމެނެނީ އެންމެ ކުލަގަދަ ފައިދިގު މަކުނުގެ ލިސްޓުގައެވެ. މި ފައިދިގު މަކުނުގައި ރީނދޫ ކުލައެއް ހުންނައިރު ގައިގައި ކަޅު ކުލައިގެ ވަށްބޮޅުތަކެއް ހުރެއެވެ. ފައިތަކުގައިވެސް ރީނދޫ ކުލަ ހުރެފައި ފައިގެ ކޮޅުގައި ހުންނަނީ ކަޅު ކުލައެވެ. މި ފައިދިގު މަކުނަށް ނަންދެވިފައިވަނީ އޭގެ ގައިގައި ހުރި ކަޅު ވަށްބޮޅުތަކާއި ގުޅުވާފައެވެ.

"މިރޯ ސްޕައިޑާ" އަކީ މިހާތަނަށް ދުނިޔެއިން ފެނިފައިވާ އެންމެ ރީތި ފައިދިގު މަކުނުކަމަށް ބެލެވެއެވެ. ސީކުއިންޑް ސްޕައިޑާގެ ނަމުންވެސް ނަންދެވިފައިވާ މި ފައިދިގު މަކުނުގެ ބޮޑު މިނަކީ 0.15 އިންޗިއެވެ. މި ފައިދިގުމަކުނުގެ ރީތިކަން ހާމަކޮށްދެނީ އޭގެ ގައިގައި ހުންނަ ރިހި ކުލައިގެ ޑިޒައިންއަކުންނެވެ. އޭގެ ގައިގައި ހުންނަ ލޯގަނޑެއްގެ ޑިޒައިނަށް ހުންނަ ރިހި ޑިޒައިނަކުން މި ފައިދިގު މަކުނުގެ ރީތިކަން އިތުރުކޮށްދެއެވެ. މީގެ މަކުނު އޮސްޓްރޭލިއާގެ އެކި ހިސާބުތަކުން ވަނީ ފެނިފައެވެ.

މިރޯ ސްޕައިޑާ

އޮސްޓްރޭލިއާގެ ހުޅަނގުގައި އޮންނަ ކުއީންސްލޭންޑްގެ އިތުރުން ނިއު ސައުތު ވޭލްސް އަދި އޮސްޓްރޭލިއާގެ ޓެސްމޭނިއާއިން ފެނިފައިވާ "ޕީކޮކް ސްޕައިޑާ" އަކީ ވެސް ފުއްމާ ފައިދިގު މަކުނުގެ ބާވަތެކެވެ. 0.2 އިންޗި ހުންނަ މި ފައިދިގު މަކުނަކީ ވަރަށް ރީތި ޑިޒައިންތަކަކާއި ވަރަށް ކުލަގަދަ ފައިދިގުމަކުނެކެވެ. ތަފާތުކަމަކީ މީގެ ފިރިހެން ފައިދިގު މަކުނު އަންހެން ފައިދިގު މަކުނުގެ ޝައުގުވެރިކަން ހޯދުމަށް ނަށާކަމެވެ.

"ގްރީން ލިންކްސް ސްޕައިޑާ" އަކީ އުތުރު އެމެރިކާ އަދި ޖަމައިކާ އިން ފެނިފައިވާ ފެހިކުލައިގެ ފައިދިގު މަކުނެކެވެ. ހުދު ލޮލެއް އިންނަ މި ފައިދިގު މަކުނަކީވެސް ވަރަށް ރީތި މަކުނެކެވެ. އަންހެން މަކުނު 0.87 އިންޗިއަށް ބޮޑުވާއިރު ފިރިހެން އެއްޗެހީގެ ގައިގައި ހުންނަނީ 0.47 އިންޗިއެވެ.

ގްރީން ލިންކްސް ސްޕައިޑާ

"ޕޮލްޓީސް ކޮލަމްނާރިސް" މަކުނު އެންމެ ވައްތަރީ ފިލާގެ ބަޔަކާއެވެ. އިންޑިއާ، ސްރީލަންކާ، ސުމަޓްރާ އަދި ޖަޕާނުން ފެނިފައިވާ މި ފައިދިގު މަކުނުގެ ކުލައިގެ ސަބަބުން ފިލާގަނޑެއްގެ ބަޔަކާއި ވައްތަރެވެ. ފިލާގަނޑާއި އެއްކުލައިގައި އިނުމުން އެއްޗެއް އިންނަކަން ނޭނގެއެވެ. މި ފައިދިގުމަކުނަށް އޭގެ ޝިކާރަވެރިންގެ ކިބައިން ސަލާމަތްވުމަށް މިކަމުން މަގުފަހިވެއެވެ.

ޕޮލްޓީސް ކޮލަމްނާރިސް

"ސްކޯޕިއަން ޓެއިލްޑް ސްޕައިޑާ" އިންނަނީ ވަރަށްވެސް ތަފާތު ގޮތަކަށެވެ. ނަގުލަންދާޓެއްގެ ބައްޓަނަށް އިންނަ މި ފައިދިގު މަކުނު ފެނިފައިވަނީ އޮސްޓްރޭލިއާއިންނެވެ. މިބާވަތުގެ ފައިދިގު މަކުނު ބޮޑުވަނީ ގާތްގަނޑަކަށް 0.6 އިންޗިއަށެވެ. މިބާވަތުގެ ޅަ އެއްޗެހީގެ ކުލަ ރީތިވެފައި އޭގައި ހުންނަ ކުލައަކީ ޗޮކްލެޓް ކުލައާއި ކަޅުކުލައިގެ އިތުރުން ރީނދޫ ކުލައެވެ.

ސްކޯޕިއަން ޓެއިލްޑް ސްޕައިޑާ

"އޯގް ފޭސްޑް ސްޕައިޑާ" ގެ ތަފާތުކަމަކީ ރޭގަނޑު އެޔަށް ފެންނަ ފެނުން އަލިވުމާއި ދިގު ފައިތަކެއް ލިބިފައި ވުމެވެ. މިބާވަތުގެ ފައިދިގު މަކުނު ފެނިފައިވަނީ އޮސްޓްރޭލިއާ، އެފްރިކާ އަދި އެމެރިކާއިންނެވެ.

އޯގް ފޭސްޑް ސްޕައިޑާ

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް، ވިކްޓޯރިޔާ އަދި ކުއީންސްލޭންޑް އިން ފެނިފައިވާ "ވިޕް ސްޕައިޑާ" އަކީ ވަރަށްވެސް ތަފާތު ބާވަތެކެވެ. ސިލްކު ހުންނަ ސަރަހައްދުތަކުން މިބާވަތުގެ ފައިދިގު މަކުނު ފެންނަކަމަށް ވަނީ ރެކޯޑުކުރެވިފައެވެ. މި ބާވަތުގެ ފައިދިގު މަކުނަށްވެސް އިންނަނީ އޭތި އުޅޭ މާހައުލާ ދާދި އެއްކުލައެއްގައެވެ. އެހެންކަމުން އޭތި އިންނަކަން ނޭނގޭ ފަހަރުވެސް އާދެއެވެ.

ވިޕް ސްޕައިޑާ

"ނޮދާން ޖުވެލްޑް ސްޕައިޑާ" އަކީވެސް އޮސްޓްރޭލިއާގެ ކުއީންސްލޭންޑްއިން ފެނިފައިވާ ފައިދިގުމަކުނެކެވެ. މީގެ ގައިގައި ބަނޑާދިމާލުގައި 6 ރޮގު އިނދެއެވެ. އަންހެން ފައިދިގު މަކުނެއްގެ ގައިގައި 1 އިންޗި ހުންނައިރު، ފިރިހެން އެއްޗެހީގައި ހުންނަނީ 0.4 އިންޗިއެވެ.

ނޮދާން ޖުވެލްޑް ސްޕައިޑާ

"މިރްމަރަޗްނޭ ޕްލެޓެލިއޮއިޑްސް" އަކީވެސް ފުއްމާ ފައިދިގު މަކުނުގެ ބާވަތެކެވެ. މި ބާވަތުގެ ފައިދިގު މަކުނު އެންމެ ވައްތަރީ ކަނޑައަކާއެވެ. އިންޑިއާ، ޗައިނާ، ސްރީލަންކާގެ އިތުރުން އޭޝިއާގެ ދެކުނު އިރުމަތީގެ ސަރަހައްދުތަކުގައި މިބާވަތުގެ ފައިދިގު މަކުނު އުޅެއެވެ. ކަނޑާ ފަދައިން ގަސްތަކާއި ވިނަ ހުންނަ ސަރަހައްދުތަކުގައި މިބާވަތުގެ ފައިދިގު މަކުނު އުޅެއެވެ. ކަނޑާއާއި އެކު އުޅޭ މި ފައިދިގު މަކުނު އެތަކެއްޗާއި އެކު އުޅެނީވެސް ކަނޑާ އަކީ ވަރަށް ބާރަށް ދަތްއަޅާ އެއްޗަކަށް ވުމުން ކަމަށް ރެކޯޑުކުރެވިފައިވެއެވެ.

މިރްމަރަޗްނޭ ޕްލެޓެލިއޮއިޑްސް

"ލޭޑީ ބާޑް މިމިކް ސްޕައިޑާ" އިންނަނީ ހަމަ ލޭޑީ ބާޑެއް ހެންނެވެ. ކުޑަ ކުޑަ މި ފައިދިގު މަކުނުގެ ގައިގައި އިންނަނީ ގާތްގަނޑަކަށް 0.19 ނުވަތަ 0.23 އިންޗިއެވެ. މީގެ ފައިދިގު މަކުނު ފެނިފައިވަނީ ޗައިނާ، ޖަޕާން އަދި ޓައިވާނުންނެވެ.

ލޭޑީ ބާޑް މިމިކް ސްޕައިޑާ

"ޕޮއެސިލޯތެރިޔާ މެޓަލިކާ" ކިޔާ ފައިދިގު މަކުނަކީ ބޮޑެތި މަކުނުގެ ބާވަތެކެވެ. ގާތްގަނޑަކަށް 8 އިންޗި ހުންނަ މި ފައިދިގު މަކުނަކީ އެންމެ ކުލަގަދަ މަކުނުތަކުގެ ތެރޭގައިވެސް ހިމެނޭ އެއްޗެކެވެ. މި ބާވަތުގެ ފައިދިގު މަކުނު އިންޑިއާގެ ދެކުނުގެ ސަރަހައްދުގެ ތެރެއިން ފެނިފައިވެއެވެ.

ޕޮއެސިލޯތެރިޔާ މެޓަލިކާ

މިއީ މިހާތަނަށް ދުނިޔެއިން ފެނިފައިވާ އެންމެ ބޮޑެތި ފައިދިގު މަކުނުގެ ތެރޭގައި ހިމެނޭ އެއްޗެއްކަމުން މިބާވަތުގެ ފައިދިގު މަކުނު ހިފައި ޖަނަވާރުންގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އުނދަގޫ މިބާވަތުގެ ފައިދިގުމަކުނަށް ވަނީ ކުރިމަތިވެފައެވެ.  

 

ފޮޓޯ ނަގައިފައިވަނީ: ޝަޓަރސްޓޮކް، ޕީޓަރ ވްޑަރޑް

+1
0
+1
3
+1
0
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް