November 23, 2024 00:21
Advertisement

-Advertisement-

ސައިމާ ކެއާ: އަމާޒަކީ ތެރަޕީތަކާއި ނަފްސާނީ ފަރުވާގެ މަތީފަންތީގެ ފެސިލިޓީއަކަށް ހެދުން!

ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކާއެކު ނަފްސާނީ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަންކަމަށް ފަރުވާ ދިނުމަށާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަކޮށްގެން ފަރުވާދޭ ތަންތަން ރާއްޖޭގައި ވަރަށް މަދެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްދޭ އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީގެ ހިދުމަތަކީވެސް މީގެ ކުރިން ރާއްޖޭން ބޭރަށް ގޮސްގެން އެފަދަ އާއިލާތަކުން ހޯދަމުން އައި ހިދުމަތްތަކެވެ.

ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ، ސައިކޯ ތެރަޕީ އަށް ޚާއްސަ ސައިމާ ކެއާއަކީ ދިވެހިންނަށް މި ހިދުމަތް ފޯރުކޮށްދީ މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކްލިނިކެކެވެ. ސައިމާ ކެއާގެ ޑިރެކްޓަރ ފާތިމަތު ހިލްމީ ވިދާޅުވީ ސައިމާ ކެއާ އުފެއްދީ ރާއްޖޭގައި މިބާވަތުގެ ފަރުވާ އެންމެ އެދެވޭ ގޮތެއްގައި ލިބެމުން ނުދާތީ އެހިދުމަތް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަމަށެވެ. އަދި ސައިމާ ކެއާގެ އަމާޒަކީ މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ އެންމެ މަތީ ފަންތީގެ ފެސިލިޓީއަކަށް އެތަން ބަދަލުކުރުން ކަމަށެވެ.

ސައިމާ ކެއާގައި މީހަކަށް ފަރުވާދެނީ

އަންނަ ފެބުރުއަރީ މަހުން ފެށިގެން ފާރޫގް ހެލްތް ކެއާއާއި ގުޅިގެން ފުވައްމުލަކު ސިޓީގައި ޕްރޮގްރާމެއް ފެށުމަށް ސައިމާ ކެއާއިން ދަނީ ރާވަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެނިހެން ހިސާބުތަކަށްވެސް ސައިމާ ކެއާގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އެބަދާކަމަށް ވަނީ މައުލޫމާތުދީފައެވެ.

Advertisement

މިހާރުވެސް އޮންލައިން ކޮންސަލްޓޭޝަނާއި ފޯން ކައުސިލިންގެ ހިދުމަތް ހުރިހާ އަތޮޅުތަކަށްވެސް ސައިމާ ކެއާއިން ފޯރުކޮށްދެއެވެ. ޚާއްސަކޯށް ކޮވިޑް-19 ޕެންޑަމިކް ފެށިގެން އައި ދުވަސްވަރު މި ހިދުމަތް ދިޔައީ އަތޮޅުތެރެއަށް ފުޅާވަމުންނެވެ. އަދި ލޮކްޑައުންގެ ހާލަތުގައި ގިނަބަޔަކަށް ހިލޭ ސާބަހަށްވެސް ކައުންސިލިން ފޯރުކޮށްދީފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ސައިމާ ކެއާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ސައިކޭޓްރިކް ކޮންސަލްޓޭޝަން، ކައުންސިލިން، ސައިކޮލޮޖިކަލް އެސެސްމެންޓް ހަދައިދިނުން، ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ހިމެނެއެވެ. ސައިކޭޓްރިކް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ އިންޑިއާގެ ސައިކޭޓްރިސްޓެކެވެ. ސްޕީޗްތެރަޕިސްޓަކީ ސްރީލަންކާގެ މީހެކެވެ. އޮކިއުޕޭޝަނަލް ތެރަޕިސްޓަކީ ޕާކިސްތާން މީހެކެވެ. ކައުންސިލިން ދެއްވަނީ ތަޖްރިބާކާރު ދިވެހި ކައުންސިލަރުންނެވެ. އަދި ސައިކޮލޮޖިސްޓަކީވެސް ދިވެއްސެކެވެ.

ސައިމާ ކެއާގައި ކުއްޖަކަށް ތެރަޕީ ނަގައިދެނީ

ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅޭގޮތުން ސައިމާ ކެއާއަށް ލިބޭ މައުލޫމާތަށް ބަލާއިރު ބަލި މީހުންގެ ހާލަތަށް ކުރިއެރުން ލިބޭކަމަށާއި، ޚާއްސަކޮށް ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ހޯދާ ކުދިންނަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭ ކަމަށް އެކުދިންގެ ބެލެނިވެރިން އުފަލާއެކު ފާހަގަ ކުރާކަމަށް ސައިމާ ކެއާއިން ބުނެއެވެ.

ފާތިމަތު ހިލްމީ ވިދާޅުވީ ކްލިނިކްގެ ހިދުމަތުގެ އަގުތައް މިދާއިރާއިން ލިބެންހުރި ހިދުމަތްތަކަށްވުރެ ބޮޑެއް ނުވާނެ ކަމަށެވެ. 2019 ވަނަ އަހަރުން ފެށިގެން މާލޭގައި ހިންގަމުން އަންނަ ސައިމާ ކެއާ އަކީ އޯޓިޒަމް ކުދިންނާއި އެނޫންވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދޭ ކްލިނިކެކެވެ.

+1
0
+1
0
+1
5
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް