September 20, 2024 15:39
Advertisement

-Advertisement-

އެންމެ ހެޔޮ މީހުންނަކީ ތައުބާވާ މީހުންކަން ތިބާއަށް އެނގޭތަ؟

މާތްﷲ އިންސާނުން ޚަލްޤު ކުރައްވާފައިވަނީ ކުށް ކުރެވޭ ބައެއްގެ ގޮތުގައެވެ. މައުޞޫމު ބައެއްގެ ގޮތުގައި އެކަލާނގެ ޚަލްޤު ކުރެއްވީ މަލާއިކަތް ބޭކަލުންނެވެ. އެބޭކަލުންނަކީ މާތްﷲގެ އެއްވެސް އަމުރުފުޅަކަށް އުރެދޭނެ ބޭކަލުންނެއްނޫނެވެ. ވީމާ، އިންސާނުން ކުށް ކުރާނެއެވެ. އެއްވެސް މީހަކަށް ތިމަންނައީ ކުށް ނުކުރާ މީހެކޭ ނުބުނެވޭނެއެވެ. ސަބަބަކީ އާދަމުގެފާނުން ފެށިގެން ޤިޔާމަތާއި ޖެހެންދެން މާތްﷲ ދުނިޔެއަށް ފޮނުއްވި ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހަކަށްވާތީއެވެ. އެއީ ކިތަންމެ ބޮޑު ޢިލްމުވެރިއެއްކަމުގައި ވިޔަސް މެއެވެ. އަދި ތަޤްވާވެރި ޞާލިޙު އަޅުވެރިއެއްކަމުގައި ވިޔަސް މެއެވެ.

އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެއެވެ. އެކި މީހުން ކުރާ ކުށް ތަފާތުވާނެއެވެ. ބައެއް މީހުންނަކީ ކުދިކުށް ކުރާ މީހުންނެވެ. އަނެއްބައި މީހުންނަކީ ބޮޑެތި ކުށައް އަރައިގަންނަ މީހުންނެވެ. އަދި ބައެއް މީހުން އެއްކުށެއް އެތަށް ފަހަރަކު ތަކުރާކު ކުރެއެވެ. އިންސާނުންގެ ޠަބީއަތް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެކުށުން ބަރީއަވާނެ ގޮތްވެސް ބަޔާންކޮށް ދެއްވާފައިވެއެވެ. އެއީ ފާފަތަކުން ތައުބާވުމެވެ. ކީރިތި މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ. "التَّائِبُ مِنْ الذَّنْبِ كَمَنْ لَا ذَنْبَ لَهُ" މާނައީ: "ފާފަތަކުން ތައުބާވާމީހާ ފާފައެއް ނުވާ މީހެއްފަދައެވެ." އެއީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވާ މީހުންނެވެ. އެއީ ކުރެވުނު ކުށާއި މެދު ހިތާމަކޮށް ދެރަވާ މީހުންނެވެ. އަދި ދެން އެ ކުށައް އަރައިނުގަތުމަށް ޢަޒުމް ކަނޑައަޅައިގެން ޙަޔާތުގެ ދުވަސްތައް ވެއިތިކުރާ މީހުންނެވެ.

ފާފައެއް ކުރެވުމުން އެއާއި ވިދިގެން އަވަހަށް ހެޔޮކަމެއް ކުރާށެވެ. އެއީ ކުރެވުނު ފާފަ ފުއްސަވައިދޭނެ ވަޞީލަތެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ" މާނައީ: "ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ."(ހޫދު 114). އެންމެ ބޮޑު ހެޔޮކަމަކީ ކޮބައިކަން ބަޔާންކުރައްވައި ކީރިތި މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. "ތިބާއަށް ނުބައިކަމެއް ކުރެވިއްޖެނަމަ، އެއާއި ވިދިގެން ހެޔޮ ކަމެއްކުރާށެވެ. ކޮންމެ ހެޔޮ ކަމަކީ ދިހަ ހެޔޮކަމެވެ. އެހިނދު އަބީ ޛައްރުގެފާނު ސުވާލު ކުރެއްވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ.  لاَ إِلَهَ إِلاَّ اللَّهُ އަކީ ހެޔޮކަމެއް ހެއްޔެވެ؟ (އެބަހީ: އެހެން ކިޔުމަކީ ހެޔޮ ކަމެއް ހެއްޔެވެ). ހަދީޘްކުރެއްވިއެވެ. "އެއީ ހެޔޮ ކަންކަމުގެ ތެރެއިން އެންމެ ރަނގަޅު ހެޔޮކަމެވެ." (رواه ابن أبي شيبة). ވީމާ، ހެޔޮ ބަހެއް ބުނެގެން، އެހެން މީހަކަށް އެހީތެރިވެދީގެން ނުވަތަ ސުންނަތް ނަމާދުކޮށްގެން ރޯދަ ހިފައިގެން ވިޔަސް ފާފަ ފުހެލާށެވެ. ހަމައެހެންމެ ތިމާއަށް ކުރެވުނު ކުށާއިމެދު ދެރަވެ ހިތާމަ ކުރުމަކީވެސް ފާފަ ފުއްސަވާކަމެކެވެ. ރަސޫލުﷲ ޙަދީޘްކުރައްވާފައިވެއެވެ. "ކުރެވުނު ކަންތަކާމެދު ދެރަވެ ހިތާމަކުރުމަކީ ތައުބާއެކެވެ." (ރަވާހު އަޙްމަދު).

Advertisement

ފާފައިގެ ބޮޑުކަމާއިމެދު ހިތާމަ ނުކުރާށެވެ. މާތްﷲގެ އޯގާވަންތަކަމާއިމެދު ވިސްނާށެވެ. މައިން އެމީހުންގެ ދަރިންގެ ދެކެ ލޯބިވާވަވަރަށްވުރެ ބޮޑަށް، އެކަލާނގެ އަޅުތަކުންދެކެ ލޯބިވެވޮޑިގެންވެއެވެ. އެހެންކަމުން އިންސާނާ ފާފަ ކުރަމުން ގޮސް އެފާފަތަށް ގިނަވެ އުޑާއި ހަމައަށް ފޯރިއަސް އެކަލާނގެ ޙަޟްރަތުގައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެ މީހެއްގެ ފާފަ ފުއްސަވައެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "ތިބާ ފާފަ ކުރަމުން ގޮސް އެ ފާފަތަކުގެ ގިނަކަމުން އުޑާއި ހިސާބަށް ފޯރައި، އެއަށްފަހު ﷲ ގެ ޙަޟްރަތުގައި ތިބާ ތައުބާވި ނަމަވެސް އެކަލާނގެ ތިބާގެ ފާފަތައް ފުއްސަވާނެތެވެ." (އިބްނު މާޖާ 4248).

ތިބާގެ ޙަޔާތުގައި ކިތަންމެ ގިނަ ފާފައެއް ކުރެވުނަސް ހިތާމަ ނުކުރާށެވެ. ތައުބާގެ ދޮރަކީ ކޮންމެ އިންސާނަކަށްވެސް ހުޅުވިފައިވާ ދޮރެކެވެ. އެ ދޮރުގައި ޓަކި ދޭށެވެ. އޭރުން އިޖާބަ ދެއްވާނެއެވެ. ކުރެވިފައިވާ ފާފައިގެ ގިނަކަމުން މާތްﷲ ގެ ރަޙުމަތުން މާޔޫސް ނުވާށެވެ. އެއީ ޝައިޠާނާގެ ސިފައެކެވެ. މާތްﷲ ވަޙީކުރައްވާފައިވާ ވަޙީބަސްފުޅެއްގެ މާނައިގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ."(ޒުމަރު 53).

ފާފައެއް ކުރެވުމުން އެކަމުގެ މަތީގައި ދެމިނުހުރެ އަވަހަށް ތައުބާވެއްޖެ ކޮންމެ މީހަކީ ޝައިޠާނާގެ މައްޗަށް ކުރި ހޯދައިފި މީހެކެވެ. އިންސާނާއަށް ފާފައެއް ކުރެވުމުން ޝައިޠާނާގެ މަސައްކަތަކީ އެމީހަކު މާޔޫސްކުރުމެވެ. ކުރެވުނު ފާފައިގެ ބޮޑުކަން ވިސްނައިދީގެންނެވެ. ނުވަތަ ތައުބާވުން ލަސްކުރުވައިގެންނެވެ. ވީމާ، ޝައިޠާނާގެ މަޅީގައި ނުޖެހި އަވަހަށް ﷲ ގެ ޙަޟްރަތުގައި ތައުބާވާށެވެ. އެކަލާނގެ ހުރިހައި އަޅުންގެ ތައުބާ ޤަބޫލު ކުރައްވައެވެ. ޝައިޠާނާއަކީ ތިބާގެ ޢަދުއްވެއްކަން ދަންނާށެވެ.

ފާފަ ތަކުރާރުކޮށް ކުރެވުނަސް އަވަހަށް ތައުބާވާށެވެ. އެތަށް ފަހަރަކު އެއްކުށެއް ތަކުރާރުވެއްޖެ މީހަކަށް އޮތީ އެކުށުން ތައުބާވުމެވެ. ތިބާގެ ހެދުން ދައުވީމައި ދޮންނަ ފަދައިން ފާފައެއް ކުރެވޭއިރަށް ތައުބާވާށެވެ. މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެންވަނީ ގިނަގިނައިން ތައުބާވާ އަޅުން ދެކެއެވެ. ކިތަންމެ ވަރަކަށް ތައުބާ ވިޔަސް އިޚްލާޞްތެރިކަމާއެކު އެދިއްޖެ މީހެއްގެ ފާފަ ފުއްސަވާނެތެވެ. މާތްﷲ އަކީ އޯގާވަންތަ ރަސްކަލާނގެއެވެ. ވިސްނާލަބަލަށެވެ. އަހަރެމެން އިންސާނުންނަށް އެއްކުށެއް އެތައް ފަހަރަކު ތަކުރާރު ކުރެވިއްޖެނަމަ، އެމީހަކާ މެދު ހިތުގައި ނަފްރަތު އުފެދެއެވެ. އަދި އެމީހަކީ ދުވަހަކުވެސް ރަނގަޅު ނުވާނެ މީހެއްކަމަށް ނިންމައި ލޭބަލު ކުރެއެވެ. އަދި މާފުކުރަން އިންސާނުންނަށް އުނދަގޫވެއެވެ. މިއާއި ޚިލާފަށް މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެންވަނީ ތައުބާ ލެއްވުމަށެވެ. ފާފަ ފުއްސެވުމަށެވެ.

އަހަރެމެން ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ ބަޔަކަށް ވާތީ، އަނެކުންގެ ކުށް ހޯދައި އެމީހުން ފަޟީޙަތް ކުރަން މަސައްކަތް ނުކުރާށެވެ. އޭގެ ބަދަލުގައި ތިމާގެ އަމިއްލަ ކުށްތަކަށް އިޢްތުރާފުވެ އިޞްލާޙުވާށެވެ. އެއީ ކުށް ކުރެވޭކަން ޤަބޫލުކުރުމަކީ އިޞްލާޙުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. އެއީ ތިބާގެ ދުނިޔެއާއި އާޚިރަތަށް މާފައިދާ ބޮޑުކަމެކެވެ. އެހެނީ މާތް ސުވަރުގެ ލައްވާފައިވަނީ ކުށުން ބަރީޢަވެފައިވާ މީހުންނަކަށް ނޫނެވެ. މާތްﷲ ސުވަރުގެ ލައްވާފައިވަނީ އެންމެ ހެޔޮ މީހުންނަށެވެ. ދުނިޔޭގައި ރަނގަޅަށް އުޅޭ މީހުންނަށެވެ. އެމީހުންނަކީ ކުށެއް ނުކުރާ މީހުންނެއްނޫނެވެ. އެންމެ ހެޔޮ މީހުންނަކީ ކުށެއް ކުރެވުމުން ތައުބާވެ އިޞްލާޙުވާ މީހުންނެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "ކޮންމެ އާދަމުގެ ދަރިއަކީ، ކުށްކުރެވޭ މީހެކެވެ. އަދި ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ، ތައުބާވާ މީހުންނެވެ." (އައްތިރްމިޛީ).

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް