November 23, 2024 01:52
Advertisement

-Advertisement-

އެވޭލާ ހާދިސާ: ޖަރީ ކަމަނާގެ ގިގުނި

ފަލާހު އަކީ ވަރަށް ހިތްވަރުގަދަ ޒުވާނެކެވެ. ޖެހިލުން ކުޑަކަމުން ޒުވާނުންގެ ތެރޭގައި ފަލާހު ވަނީ ވަރަށް ކެރޭ ހިތްވަރުގަދަ ކުއްޖަކަށެވެ. އެހެން ޒުވާނުންވެސް ކަމެއްކުރަން ވެއްޖެނަމަ އެންމެ ފުރަތަމަ ހޯދަނީ ފަލާހު އެވެ. ފަލާހު އަކީ އަންހެކުދިންނާއި ވަރަށް ދޯހަޅި އެހާމެ ފަރިދައްކާ ކުއްޖެކެވެ. އަދި ހަމަ އެއާއެކު އަހެންކުދިންނަށް އެކިވައްތަރުގެ މާމެލާމެލި ގެންގޮސްދޭ ކުއްޖެކެވެ. ފަލާހުގެ ގޭގެ މީހުންނަށްވެސް އޭނަ މިކަންކުރާކަން އެނގެއެވެ. ނަމަވެސް ދަރިފުޅު ކުރާކަމަކާއި މަންމަމެން ނުބެހެއެވެ. އޭނަ އެކަން ކުރާތީ އެއްވެސް މީހެއްގެ ނުރުހުމުގެ ޝަކުވާއެއް ދުވަހަކުވެސް އައިސްފައެއް ނެތެވެ. މީހުންނަށް އެކަންވަނީ ވަރަށް މަޖާ ކަމަކަށެވެ. ފަލާހު ދެކެ އެކަކުވެސް ރުޅިއެއްނާދެއެވެ. އޭނާ އަކީ ތަނަވަސް އާއިލާގެ ހުރި އެންމެ ފިރިހެން ދަރިފުޅެވެ. ފަލާހު އެކި ގޮތްގޮތުން ޒުވާން ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެހެންވުމުން އެނާއަކީ ރަށުގައި ހުރި އެންމެ ރަނގަޅު ކުއްޖާކަމަށް މީހުން ބުނެއެވެ.

ދުވަސްވަރަކީ އަށާރަ ސަތޭކަ ބައްތިރީސް ވަނަ އަހަރުގެ ރަމަޟާންމަހު ފަހުދިހައިގެ އެކާވީސް ވަނަ ރެއެވެ. ރަށުގެ ދެއަވަށުގެ މެދުގައި ވަރަށް ފޯރީގައި ކުރަމުން އަންނަކަމަކީ "ޢީދު މަޅި" ލުމުގެ މަސައްކަތެވެ. ދެ އަވަށުގެ ކުދިންގެ މެދުގައި ވަރަށް ފޯރީގައި މިމަސައްކަތަށް ބޭނުންވާ ފަނާއި އަދި އެނޫންވެސް ތަކެތި ހޯދާ އޭގެ ކައިރީގައި ރޭގަނޑު ފޯރިއަށް ތިބެއެވެ. ފަލާހު އޭނާ ނިސްބަތްވާ އަވަށުގެ ކުދިންނަށް ޖޫސް ދުފުން އަދި އެނޫނަސް އެހީވެދެއެވެ. ޢީދު މަޅިއަށް ބޭނުންވާ ދުނބުރިގަސް ކަނޑަނީ ރަމަޟާންމަހު ފަހު ދުވަހުގައެވެ. ފަލާހު އަކީވެސް ރޭގަނޑު ފޯރިމަރަން ހޭލާ ހުންނަ ކުއްޖެކެވެ. މެންދަމުގެ ވަގުތު ޖެހެނީއެވެ. ޑިއުޓީގައި ހުރީ ފަލާހު އެކަނިއެވެ. ގަޑިއަކުން ކުއްޖަކު ބަދަލުވާގޮތަށެވެ. މިއީ ފަލާހުގެ ގަޑިއެވެ.

މަޑުމަޑު ފިނި ވަޔެއް ޖެހެމުން ދިޔަ ރެއެކެވެ. އުޑުމަތި ސާފުވެފައި ކަފަ ވިލާކޮޅެއްވެސް ނެތެވެ. ރޭގަނޑުގެ ފިނިކަމާއި އުޑުމަތީގައިވާ ތަރިތަކުގެ ފިޔަޖެހުން ފަލާހަށްވީ ވަރަށް ހިތްހަމަޖެހޭ ކަމަކަށެވެ. މިގޮތަށް މިމަންޒަރު ބަލަންއިންދާ ފަލާހަށް ފެނުނީ ހަތަރުފަރާތުން ހަތަރު 'ޝޫޓިން ސްޓަރ' ދިޔަ މަންޒަރެވެ. އެއީ ވަރަށް އާދައިގެ ކަމެއްކަމަށް އޭނާއަށް ހީކުރެވުނެވެ. ނަމަވެސް އޭނާއާއި ވަރަށްކައިރިން ގިގުނިއެއްގެ އަޑު އިވެން ފެށިއެވެ. ފަރުވާތެރިވެ އެދިމާއަށް ބަލާލެވުނެވެ. ޗާލުކަމާއި ފަރިކަމުގެ ލާމަސީލު އަންހެން ސޫރައެއް ފެނުނެވެ. "ފަލާހަށް ހީކުރެވުނީ އެއީ ތިބުރޯޒުގޭ މޫމިނާ ކަމަށެވެ. ވައްތަރީވެސް ހަމަ މޫމިނާ އާއެވެ. މިދަންވަރު މޫމިނާ މިތާ ތިކުރަނީ ކީއްތަ؟ މާ ނަލަހެދިގެން ތިއުޅެނީ ކީއްވެ؟ "ފަލާހު ބުނެލިއެވެ. ނޫކުލައިގެ ވިދާ ހެދުމެއްގައި ހުރި ފަރިކަމަނާ ބުނަންފެށިއެވެ. "އަހަރެން މަޖާކުރަމުން އައިސް މިތަންވެސް ބަލާލީއެވެ. އަބަދުވެސް އަހަރެން ބޭރަށް ދަނީ ނަލަހެދިގެންނެވެ. ފަރިކަމަނާގެ ގިގުނީގެ އަޑު ނުކެނޑެއެވެ.

Advertisement

ފަލާހު ގޮސް ކައިރިވިއެވެ. އަތްދިއްކޮށްކޮށް އަތެއް ނުލެވުނެވެ. ފަހުން ފަލާހު ބުނަންފެށިއެވެ. "ކައިރިއަށް އައިސްބަލާށެވެ. އަހަރެންގެ އަތުން މާގޮއްޓެއް ދޭނަމެވެ." ފަލާހު މޫމިނާއާއި ކައިރިވެލަން ދުއްވައިގަތެވެ. ވަރުބަލިވިއިރުވެސް އޭނައާއި ކައިރި ނުވެވުނެވެ. އަތްލެވޭ ނުލެވޭ ހިސާބުގައި ހުރެއެވެ. ނަމަވެސް އަތެއް ނުލެވުނެވެ. ފަލާހަށް މަގު އޮޅިއްޖެއެވެ. ދުވެފައި ދެވުނީ ކިހާ ހިސާބަކަށް ކަމެއް ނޭނގުނެވެ. މީހެއްގެ ހިލަމެއްނުވެއެވެ. ހަމައެކަނި ފެންނަނީ "މި މޫމިނާއެވެ" މޫމިނާ ކަމަށް ކުރެވުނު އުއްމީދު ފަނޑުވާން ފެށިއެވެ. މިހާރު މާދުރަށް އާދެވިއްޖެއެވެ. އެނބުރި ޑިއުޓީއަށް ދާން ޚިޔާލު ކުރިއެވެ. ނަމަވެސް މަގުއޮޅިއްޖެއެވެ. ފަލާހު ބަލާލާ ކޮންމެ ދިމާއަކުންވެސް ފެންނަނީ މިފަރިކަމަނާއެވެ. އިވެނީ އޭނަގެ ގިގުނީގެ އަޑުތަކެވެ. ނާއުއްމީދުވެފައި ހުރި ފަލާހާއި މުޚާތަބުކޮށް އެފަރިކަމަނާ ބުނަންފެށިއެވެ. ފަލާހު ބޭނުންވާ ދިމާލަކަށް ގެންގޮސްދޭނަމެވެ. ފަލާހު އެއަޑަކާއިދިމާލަށް ބަލާލިއެވެ. ނަމަވެސް މީހަކު ނުފެނުނެވެ. އިވެނީ ގިގުނީގެ އަޑެވެ. އަހަރެން ބޭނުމީ ޑިއުޓީއަށްދާށެވެ. އެހެންވިއްޔާ މިއަޑުއިވޭ ދިމާލަށް ދާށެވެ. ފަލާހު ހިނގައިގަތެވެ. އޭނަގެ ކުރީގައި ހުރެގެން އެއަޑުދެއެވެ. ފަނަރަވަރަކަށް މިނިޓް ވީތަނާ ފަލާހު ޑިއުޓީގައި ހުރި ހިސާބަށް އާދެވިއްޖެއެވެ. ގަޑިވެސް ޖެހިއްޖެއެވެ. އަދިވެސް ޑިއުޓީ ބަދަލުކުރަން ކުއްޖަކު ނާދެއެވެ. ގަޑިން ރޭގަނޑު ތިނެއްޖަހަނީއެވެ. ފަލާހުގެ ސިކުނޑިވަނީ އެކިއެކި ވިސްނުމާއި ތަފާތު ވަސްވާސްތަކުން ފުރިފައެވެ.

އެއީ ހަމަ ތިބުރޯޒުގޭ މޫމިނާ ބާވައެވެ. މޫމިނާގެ މިޒާޖުވެސް ފަލާހަށް ރަނގަޅަށް އެނގެއެވެ. އެކަމަކު މިދަންވަރު...؟ ކުޑައިރުކޮޅެއްގެ ތެރޭގައި ޑިއުޓީ ބަދަލުވެއްޖެއެވެ. ފަލާހު ވަރަށް ބޮޑު ވިސްނުމެއްގައި ހުރެ ގެއާއި ދިމާލަށް ހިނގަންފެށިއެވެ. ނިދި އައިސްފަ ހުރުމުން ހިނގަނީވެސް ދެފަރާތަށް އަރި އަޅަމުންނެވެ. ގެއަށް ގޮސް ބޭރު އުދޯލީގައި އޮށޯތުމާއެކު ނިދުނީއެވެ. ހޭލެވުނީވެސް ހެނދުނު ނުވަގަޑި ތިރީހުގައެވެ. ފަލާހު އަވަސްވެގަތީ ތިބުރޯޒު ގެއަށް ދާށެވެ. ރޭގެ ހާދިސާ ސާބިތު ކުރުމަށެވެ. ވަގުތުން މޫމިނާ އާއި ބައްދަލުކުރި އެވެ. "ރޭގެ ދަންވަރު ބޭރުގައި އުޅުނިންތަ؟" ނޫން، ނުދަން! މޫމިނާ ބުނެލިއެވެ.

ފަލާހު: ކޮން ގިގުނިއެއްގެ އަޑެއްތަ އެއިވުނީ. މޫމިނާ! ނޭނގޭ، އަހަރެންގެ އަތުގައި އެކަހަލަ އެއްޗެއް ނުވެސް އޮވޭ. ފަލާހު: އަހަރެން ރޭގެ ދަންވަރު މޫމިނާ ދުށިން، މޫމިނާ: ނުފެންނާނެ، އަހަރެން އެއްވެސް ތާކަށް ނުދަން ދޯ މަންމާ! މަންމަ: "އާ! ފަލާހު މޫމިނާ ރޭގަ އެއްވެސް ތާކަށް ނުދޭ" ފަލާހު ވިސްނަން ހުރެފައި އެންމެ ރަނގަޅު، ދައްތަ ބުނިބަސް އަހަރެން ގަބޫލޫ ކޮށްފިން. އެރޭގެ އެދިމާވި ހާދިސާގެ ވާހަކަ ފަލާހު އެކުވެރިންނަށް ކިޔާދިނުމުން ބައެއްކުދިންނަށް އެކަންވީ ޖޯކަކަށެވެ. ނަމަވެސް ފަލާހު ހުރީ ވަރަށް ސީރިއަސްވެފައެވެ. ކޮންމެއަކަސް މަޅިލުމުގެ ދުވަސް ކައިރިވެއްޖެއެވެ. މާދަމާ އަކީ ޢީދު ދުވަހެވެ. މިރޭގެ ފަތިހު ޢީދު މަޅިލުމަށް ވާންހުރި ތައްޔާރީތަށް ވަނީ ނިމިފައެވެ. ހުރިހާ ކުދިންވެސް ތިބީ ދުނބުރިގަސް (މަޅި) ކައިރީގައި ފޯރިއަށެވެ. މެންދަމެވެ. އަތިރިމަތީގަ ހުރި ގަސްތަކުގެ ތެރެއިން ތޫލި އަޑުތަކެއް އިވޭން ފެށިއެވެ. ޒޫމު........ޒޫން. ބައެއްފަހަރު ތުނބުންފުމޭ އަޑުވެސް އިވެއެވެ. ބައެއްފަހަރު ހީލާ އަޑުވެސް އިވެއެވެ. ހީހީހި. ހީރު ގޮވާ އަޑަށްވުރެ ފަލަ އަޑެކެވެ. ފަތިސްދަމު ފިނިރޯޅިއާއެކު ގަސްތައް ތެޅޭހެން ގަސްތައް ވިހުރޭން ފެށިއެވެ. ކުދިން ކައިރީގައި ބުނެފައި ފަލާހު ދިޔައީ ގެއަށެވެ. ވަކިހިސާބަކަށް ދެވުނުތަނާ އިވޭންފެށީ އެއްކަލަ ގިގުނީގެ އަޑެވެ. ފަލާހު ބަލާލިއެވެ. ހަމަ އޭނައެވެ. އެއަޑެވެ. އެފަރިކަމާއި ޝާއްބު ކަމެވެ. ފަރިވެ ފޮޅިފައިން މަލެއްފަދައެވެ. އެހާވެސް ރީއްޗެވެ.

ޖެހިލުމެއްނެތި ފަލާހު ބުނެލިއެވެ. ދުރުގަ ހުރެގެން މައްލަވަ ނުކުރާށެވެ. ނިކަން ކައިރިއަށް އައިސްބަލާށެވެ. އެ ފަރިކަމަނާ މަޑުމަޑުން ކައިރިވާން ފެށިއެވެ. ކައިރިއަށް އައިސް ގަދަ ފުމުމެއްގެ ވައި ފޮނުވާލިއެވެ. އެވަގުތު ފަލާހު ވެއްޓުނެވެ. ތެދުވެ ދާހިތެއް ނުވިއެވެ. ނިދުނީ ކަމެއް ހޭނެތުނީ ކަމެއް ނޭނގެއެވެ. އެއިރު ހަތަރެއް ޖަހަނީއެވެ. ފަލާހުމެންގެ ދޯނި މަހަށް ފުރަނީ އެވެ. ކެޔޮޅުބޭ ތެދުވެ އަތިރިއަށް ދިޔަ މަގުމަތިން ފަލާހު ވެއްޓިފަ އޮއްވާ ފެނިގެން ނަގައިގެން ގޮސް ގެއަށް ވައްދާފައި ޒަރީނާއަށް ގޮވާފަ ބުނެލިއެވެ. ފަލާހަށް މިއޮތީ ގޮތެއްވެފައެވެ. ޒަރީނާ އައިސް ބަލާލިއިރު ދަރިފުޅު ފަލާހު އޮތީ ލޯމެރިފައެވެ. އަނގައިން ހާސަރުތަކެއް ކިޔައެވެ. ގިގުނި، ފަރި ކަމަނާ، މޫމިނާ، ނޫން އެއީ ހަންޑިއެއް. ހާދަ ރީއްޗޭ. މިބާވަތުގެ ބަސްތަކެކެވެ. ހީވަނީ މަގޭ ދަރިފުޅު މޮޔަވީހެންނެވެ. ޒަރީނާ ފަލާހުގެ ބައްޕައަށް ގޮވާފަ މިވާހަކަ ބުނެލިއެވެ. ބައްޕަ (ފަހީމް) ކަންބޮޑުވެއްޖެއެވެ. އެއީ ފަލާހު މޮޔަ ގޮވާތީއެވެ. މިހުރިހާ ދުވަހު މަސައްކަތް ކުރުމަށްފަފު މަގޭ ދަރިފުޅަށް ޢީދު މަޅި ލުމުގެ ފުރުސަތުވެސް ނުލިބުނީތާއެވެ. މި ދަރިފުޅާ އަވަލީ ކޮން ޝައިޠާނެއްބާވައެވެ.

އޭގެ ހަމަސް ކުރިން އެރަށަށް ގޮސް އުޅުނު ހަސަންބޭ (މަލިކު ހަސަންބޭގެ) ކަންފަތަށްވެސް އިސާހިތަކު މިއަޑު އަރައިފިއެވެ. އޭނަ އުޅެނީ ގިއުޅުލާށިގޭގައެވެ. އެގޭގެ ވެރިމީހަކީ އިދުރީސް އެވެ. ފަހީމް އިދުރީސް ގޮވައިގެން އައިއިރު ހަސަންބޭވެސް އައެވެ. އިދުރީސް ކުރިކަމަކުން ވަގުތުން ފަލާހަށް ރަނގަޅުވެއްޖެއެވެ. އެވަގުތު ޢީދުމަޅިލައި ނިމި މީހުން ތިބީ ޢީދު ނަމާދުގައެވެ. އެދުވަހުގެ ޢީދު ކުޅިވަރުގައި ފަލާހު ބައިވެރިވިއެވެ. ނަމަވެސް މީހާ ހުރީ ފާޑަކަށެވެ.

 

ނޯޓް: މިއީ މަލިކު ހަސަންބޭގެ ހުވަދޫ ދަތުރުގެ ތިންވަނަ ހާދިސާ އެވެ. އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލު ގެނެވިފައިވާނެއެވެ.

+1
1
+1
0
+1
4
+1
5
+1
0
+1
1
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް