September 20, 2024 17:20
Advertisement

-Advertisement-

ސަސްޓެއިނަބިލިޓީ އެކައުންޓިންގ- ވިޔަފާރިތަކުގެ މާލީ ހިސާބުތަކުގައި ހިމެނުން މުހިންމު ބައިތަކެއް

މޫސުމީ ބަދަލުތަކާއި ހަމަހަމަކަމުގެ އިތުރުންވެސް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ދިމާވާ އެކިއެކި ޕްރެޝަރުތަކާއެކު "ސަސްޓެއިނަބިލިޓީ" މިހާރު ވެފައިވަނީ ވަރަށް މުހިންމު ލަފުޒަކަށެވެ. ދެމެހެއްޓެނިވި ތަރައްގީ އާއި ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މިހާރު އެފަރާތްތަކުން ތައްޔާރުކުރާ މާލީ ހިސާބުތަކުގައި ހިމަނާ ކަންކަމުގެ އިތުރުން، އެފަރާތްތަކުން ހިންގާ ހަރަކާތްތަކުގެ ނުވަތަ ކުރާ ކަންކަމުގެ ސަބަބުން މުޅި މުޖުތަމައުއަށް ނުވަތަ ފަހުގެ ޖީލުތަކަށް ކުރާނެ އަސަރުތައް އެނގޭނެގޮތަށް ހިސާބުތަކުގައި ހިމެނިފައި އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޒަމާނީ އެކައުންޓިންގ ސްޓޭންޑަރޑްތަކާއި ޕްރެކްޓިސްތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ.

2019 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19 ގެ ހާލަތާއި ދުނިޔޭގެ ފިނިހޫނުމިނަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔެއަށް އިޖުތިމާއީގޮތުން އަދި އިގްތިސާދީގޮތުން ކޮށްފައިވާ އަސަރުތަކުގެ ސަބަބުން، ގިނަ ވިޔަފާރިތަކަކަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ. މި ހާލަތްތަކުގެ ސަބަބުން މީހުންނަށް ލިބެމުންދާ އާމްދަނީއަށް ކުރާ އަސަރާއި އިޖުތިމާއީ އަދި ނަފުސާނީގޮތުން ގިނަ އަސަރުތަކެއް ކޮށްފައިވެއެވެ. ދުނިޔެއަށް ދިމާވާ މިފަދަ ހާދިސާތަކުން ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަކީ މުހިންމުކަމެކެވެ. މީގެ އިތުރުން، ޒަމާނާ އެކު ދުނިޔެއަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމަށާއި، ލިބިފައިވާ ވަޞީލަތްތައް ބޭނުންކުރުމުގައި އެތަކެތި މުސްތަގުބަލައް ރައްކާތެރިކަމާއެކު ވާސިލްކޮށްދެވޭނެ ގޮތަކަށް ބޭނުންކުރުމަށާއި، ވަސީލަތްތަކަށް ކުރާނެ އަސަރު ކުޑަވާ ގޮތްތަކަށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމަށް ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން 1987ގައި ނެރެފައިވާ ބްރަންޑްލޭންޑް ރިޕޯޓުގައި ގޮވާލާފައިވެއެވެ.

ލިބިފައިވާ ވަސީލަތްތައް ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ބޭނުންކުރެވޭނެ އުސޫލުން ދެމެހެއްޓުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއްކަމަށް ބަލައިގެން އުޅުމުގެ ބަދަލުގައި، އެންމެންގެވެސް ޒިންމާއެއް ކަމަށް ބަލަންޖެހެއެވެ. ކަސްޓަމަރުންގެ ހައިސިއްޔަތުން އަހަރެމެން ބޭނުންކުރާ ތަކެތި އިސްރާފުވިޔަ ނުދިނުމަށްޓަކައި ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަދަލުތައް ގެނައުމާއި ވިޔަފާރިތަކުން ގެންނަ ބަދަލުތަކަކީ މިގޮތަށް ކުރެވޭ ކަންކަމެވެ.

Advertisement

އެކައުންޓިންގ އަކީ ހަމައެކަނި ލިބޭ ފައިސާ އާއި ހަރަދުކުރެވޭ ފައިސާގެ އިތުރުން ތަނުގައި ހުރި މުދަލާއި ދަރަނީގެ ހިސާބުކުރުން ކަމަށް ބަލާމީހުން މިޒަމާނުގައި މަދުން ނަމަވެސް އެބަތިއްބެވެ. އެހެންނަމަވެސް، މިހާރަކަށް އައިސް، ހަމައެކަނި ތަނަށް ލިބޭ ފައިސާ އާއި ހަރަދުކުރެވޭ ފައިސާގެ އިތުރުން، އެ ފައިސާ ހޯދުމަށް ކުރެވޭ ކަންކަމުގެ ސަބަބުން މުޖުތަމައުއަށް ނުވަތަ ގުދުރަތީ ވަސީލަތްތަކަށް ކުރާ އަސަރާއި، އެ ކަންކަމުގެ ސަބަބުން ފަހުގެ ޖީލުތަކަށް ކުރާނެ އަސަރުތަކަކީވެސް ވިޔަފާރިތަކުގެ ހިސާބުތަކުން ފެނުން މުހިންމު ކަންކަމެވެ. މިސާލަކަށް ބަލާނަމަ، ފެކްޓަރީއެއްގައި ހިންގާ ވިޔަފާރިއަކުން އެ ވިޔަފާރިއަށް ފައިދާ ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އޯޒޯން ފަށަލައަށް ނުވަތަ ދުނިޔޭގެ ހޫނުމިނަށް ކުރާނެ އަސަރާއި، އެ ފެކްޓަރީތަކުން ބޭރުކުރާ ކެމިކަލްތައް ކޯރުތަކަށް ނުވަތަ މޫދަށް ދޫކުރުމުގެ ސަބަބުން ފަރުތަކަށް ކުރާނެ އަސަރުތަކަކީވެސް މިއަދު ހިސާބުކޮށް ރިޕޯޓް ކުރަންޖޭހޭނެ ކަންކަމެވެ.

ސަސްޓެއިނަބިލިޓީ އެކައުންޓިންގ އަކީ ވިޔަފާރިތަކުން ކުރާ ކަންކަމުގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އަދި މޫސުމަށްވެސް ކުރާނެ އަސަރު ދެނެގަނެ، މިނައި، ދިރާސާކޮށް އެކަންކަން ރިޕޯޓްކުރުމެވެ.

ސަސްޓެއިނަބިލިޓީ އެކައުންޓިންގ ސްޓޭންޑަރޑްސް ބޯޑުގެ ފަރާތުން ލިޔެފައިވާ ތަފާތު 77 ސްޓޭންޑަރޑް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ވަނީ ޝާއިއުކޮށްފައެވެ. މި ސްޓޭންޑަރޑް ތަކަކީ ދުނިޔޭގެ ހުރިހާ ސަރަހައްދަކަށްވެސް ބޭނުންކުރެވޭ  ވަކިވަކި ސިނާއަތްތަކަށް ފެތޭނެގޮތަށް ޑިވެލޮޕްކުރެވިފައިވާ ސްޓޭންޑަރޑްތަކެކެވެ. އަދި އެ ސްޓޭންޑަރޑްތަކުގެ ސަބަބުން، ކޮންމެ ސިނާއަތެއްގައި މަސައްކަތްކުރާ ވިޔަފާރިއަކުންވެސް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން އަދި މާލީގޮތުން ކުންފުނިތަކަށް މުހިންމު ކަންކަމަށް އަލިއަޅުވާލާފައިވެއެވެ.

ސަސްޓެއިނަބިލިޓީގެ ތަފާތު 5 'ޑައަމެންޝަނެއް' މި ސްޓޭންޑަރޑްތަކުގެ ތެރޭގައި ހިމެނޭއިރު، މި 7 ދާއިރާއަށް ނިސްބަތްވާ ގޮތަށް ޖުމްލަ 27 އަށް ވުރެ ގިނަ ކަންކަމަށް އަލިއަޅުވާލާފައިވެއެވެ.

ސަސްޓެއިނަބިލިޓީ އެކައުންޓިންގ ސްޓޭންޑަރޑްތަކުން އަލިއަޅުވާލާފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި:

  • އެންވަރަންމެންޓް

މި މައިގަނޑު ދާއިރާގެ ދަށުން ތަފާތު 6 ކަމެއް ފާހަގަކޮށްފައިވެއެވެ. މިގޮތުން ގްރީން ހައުސް ގޭސް ބޭރުކުރާ މިންވަރާއި، ވައިގެ ކޮލިޓީ، އެނަރޖީ މެނޭޖްކުރުން، ފެނާއި ނަރުދަމާ މެނޭޖްކުރުން، އަދި ފަރުތަކަށް ދިމާވާ އަސަރު ދެނެގަތުން ހިމަނާފައިވެއެވެ.

  • ސޯޝަލް ކެޕިޓަލް

މި މައިގަނޑު ދާއިރާގެ ދަށުން، އިންސާނީ ހައްގުތަކާއި މުޖުތަމައުގެ ގުޅުން، ކަސްޓަމަރުންގެ ސިއްރުތައް ދެމެހެއްޓުން، ޑޭޓާ ސެކިއުރިޓީ، އެކްސެސިބިލިޓީ، މުދަލުގެ ކޮލިޓީ އާއި ރައްކާތެރިކަން، ކަސްޓަމަރުންގެ ރައްކާތެރިކަން އަދި ތަކެތި ވިއްކުމާއި ލޭބަލްކުރުން ހިމަނާފައިވެއެވެ.

  • އިންސާނީ ވަސީލަތްތައް

މިބައިގެ ދަށުން ހިމަނާފައިވާ ކަންތައްތަކަށް ބަލާއިރު، މުވައްޒަފުންނާމެދު އަމަލުކުރާ ގޮތް، މުވައްޒަފުން ރައްކާތެރިކުރުން އަދި މުވައްޒަފުންގެ ބައިވެރިވުމާއި ތަރައްގީކުރުން ހިމެނެއެވެ.

  • ވިޔަފާރި ހިންގާ މޮޑެލް އަދި އިނޮވޭޝަން

މި މައިގަނޑު ބައިގެ ތެރޭގައި ލައިފްސައިކަލް މެނޭޖްކުރުމާއި ޕްރޮޑަކްޓް ޑިޒައިންކުރުން، ބިޒްނަސް މޮޑެލް ރެސިލިއަންސް، ސަޕްލައި ޗެއިން މެނޭޖްކުރުން، ވަސީލަތްތައް ހޯދުމާއި ރަނގަޅުގޮތުގައި ބޭނުންކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ މާއްދީ އަސަރުތައް ހިމެނެއެވެ.

  • ލީޑަރޝިޕް އަދި ގަވަރނަންސް

މިބައިގައި ވިޔަފާރީގެ ނަޒާހަތްތެރިކަން، ވާދަވެރި ދިރިއުޅުމުގެ ވައްޓަފާޅި، ޤާނޫނީ މާހައުލު މެނޭޖްކުރުން، މުހިންމު ހާދިސާތައް މެނޭޖްކުރުމުގެ އިތުރުން ސިސްޓަމެޓިކް ރިސްކް މެނޭޖްކުރުންވެސް ހިމަނާފައިވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ފަރާތުން އަލަށް ތައާރަފްކުރުމަށް ނިންމާފައިވާ 'ލައިފްސައިކަލް ކޮސްޓް އެކައުންޓިންގ' އަދި 'ހަކަތަރި ޕްރޮކިއުމަންޓް' ނިޒާމަކީ މިފަދަ އުސޫލަކުން ތައާރަފްކުރާ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން މި ސިސްޓަމުގައި ތަކެތި ގަތުމަށް ފުރަތަމަ ހަރަދުކުރަންޖެހޭ ހަރަދަށް ބެލުމުގެ ބަދަލުގައި އެ މުދާ ބޭނުންކުރެވޭނެ މުއްދަތާއި، އެ މުއްދަތުގައި މުދާ ބޭނުންކުރުމަށްޓަކައި ކުރަންޖެހޭ ހަރަދުތަކާއި، އެ ތަކެތީގެ ސަބަބުން ކަރަންޓް ނުވަތަ އެނާރޖީ ބޭނުންކުރެވޭނެ މިންވަރު ދެނެގަންނަންޖެހެއެވެ. މިގޮތަށް ތަކެތި ހޯދައި މަސައްކަތްތައް ކުރުމުގެ ސަބަބުން، ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން ފަހުގެ ޖީލުތަކަށް ކުރާނެ އަސަރުތަކާއި، ވިޔަފާރި ނުވަތަ އިދާރާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވިގެންދާނެއެވެ.

 

ނޯޓް: މިއީ ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމެންޓަލް ސްޓަޑީޒް (ފިޑްސް) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ވިޔަފާރި ދާއިރާއާއި ގުޅުންހުރި ތަފާތު ރިޕޯޓްތައް ޒީޓައިމްސް އިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް