ނ. މަނަދޫ ބޮޑުކެކުރިގޭ އަބުދުއްސަމަދު އަބްދުﷲ އަކީ މޫދަށް ޚާއްސަ ލޯއްބެއް ޖެހިފައިވާ ކުރިއަރަމުން އަންނަ ޒުވާން ކައިޓް ސާފަރެކެވެ.
'ކައިޓް ސާފިން' އާއި 'ފަން ބޯޑިން' އަދި ރާޅާ އެޅުމުގެ ހުނަރު ހުރި މި ޒުވާނާގެ ޝައުގުވެރިކަން ކައިޓް ސާފިން އަށް ދެވުނުގޮތް 'ޒީޓައިމްސް' އާއި ހިއްސާ ކުރަމުން އޭނާ ބުނީ މިއީ ހުސްވަގުތު ކުރަން ފެށުނުކަމެއް ކަމަށެވެ.
ސޮނޭވާޖާނީގެ ބޯޓް ކެޕްޓަނެއްގެ ވަޒީފާ އަދާކުރާ ސަމަދު މިކުޅިވަރަށް ހިތްދޫވީ އަޖައިބެއްފަދަ ހުނަރުވެރިން އުދުއްސާލާ މޫދު ތެލަނގަތައް ސޮނޭވާ ޖާނީގެ ގޮނޑުދޮށުން އޭނާއަށް ފެންނަން ފެށި ހިސާބުންނެވެ.
ސްކޫލު ނިންމާފައި ފުރަތަމަ ވަޒީފާއެއްގެ ގޮތުން ރެސްޓޯރެންޓެއްގެ ވެއިޓަރު ކަމާއި، ކޭޝިއަރުކަން ކުރުމަށްފަހު 2016 ވަނަ އަހަރު ސޮނޭވާޖާނީގެ ޓްރާންސްޕޯޓް ޓީމާއި ގުޅުނު ސަމަދަށް މިކަން ދަސްކޮށްދިނީވެސް އެ ރިސޯޓުގެ އެކުވެރިއެކެވެ. "ޖޯޖް ދަސްކޮށްދިނީ، އޭގެ ފަހުން މަނަދޫ އިރުޝާދު މޫސާ (އިރޭ) ކައިޓް ސާފިންގެ ވަރަށްގިނަ އެއްޗެހި ކިޔައިދިން. އިރޭގެ ފަރާތުން ވަރަށްބޮޑަށް މިކަން ދަސްވި" ކަމަށް ސަމަދު ބުންޏެވެ.
ސަމަދު ވަނީ 'ނަކަތު ކޮޅި އުކުޅަސް 2022' ގެ ނަމުގައި މި ޖެނުއަރީ މަހު އއ.އުކުޅަހުގައި ބޭއްވި އިވެންޓެއްގައި އޭނާގެ އުފަން ރަށް ފުރަތަމަ ފަހަރަށް ތަމްސީލުކޮށްދީފައެވެ. މިއީ ކައިޓް ސާފިން އިވެންޓެއްގައި މަނަދޫ ކައުންސިލުގެ އެހީއާއެކު އެރަށް ތަމްސީލުކުރި ފުރަތަމަ ޒުވާން ކައިޓް ސާފަރެވެ.
ސަމަދު ބުނީ މިއީ 2021 ވަނަ އަހަރު ލިބުނު ފުރުސަތެއް ކަމަށެވެ. "އުކުޅަހުގައި މިކަން އިންތިޒާމްކުރި ފަރާތްތަކުގެ ތެރެއިން އިސްމީހަކު އަޅުގަނޑަށް ގުޅާފަބުނީ އަންނަ އަހަރު އޮންނާނެއޭ އިވެންޓް، ބައިވެރިވާން ވާނެއޭ. ރަށުގެ އެއްވެސް މީހަކަށް ނޭނގި ދާން އުޅުނީ. އެކަމަކު އެކޮޅުން އެންގީ ދިދައެއް ބޭނުންވާނެއޭ."
ކައުންސިލްގެ ރައީސްއާއި މަޝްވަރާ ކުރުމަށްފަހު މަނަދޫގެ ސްޕޯސްޓް ދިދަ ބޭނުންކުރުމަށް އެދުމުން ކައުންސިލުން އެކަން ހަމަޖައްސައިދީ ސަމަދަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދިނެވެ.
ނަކަތުކޮޅި އުކުޅަސް އިވެންޓުންވެސް ގިނަ ކައިޓް ސާފަރުންނާ ދިމާވިއިރު ސަމަދަށް ވަނީ އަންނަ ފެބުރުވަރީ މަހު ބ. ގޮއިދޫގައި ބާއްވާ "ރޭޑްބުޑް ވިންޑް ރައިޑާސް" ގައި ބައިވެރިވުމަށް ފުރުސަތު ލިބިފައެވެ.
މިއީ އެންމެމޮޅު 60 ކައިޓްސާފަރުން ބައިވެރިކޮށްގެން ރާއްޖޭގައި ބާއްވާ ކައިޓް ސާފިންގެ މިފަދަ އެންމެބޮޑު ގައުމީ މުބާރާތެވެ. ޖޫނިއާ ވޯލްޑް ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ މަޝްހޫރު ކައިޓް ސާފަރ ލޫކާ ޕިޓޮޓްގެ އިރުޝާދުގެ ދަށުން ބައިވެރިން ކައިޓް ސާފް ކުރުމަށް ހަމަޖެހިފައިވާ މި މުބާރަތަށް ދިއުމަކީ ސަމަދުގެ ވަރަށްބޮޑު އުންމީދެކެވެ.
ރިސޯޓްގައި ބިޒީ ދުވަސްވަރެއްކަމުން މި މުބާރާތައް ނުދެވިދާނެތީ މާޔޫސްވެފައި ހުރި ސަމަދު ބުނީ ފެބުރުވަރީގައި ކ. މާފުށީގައި އޮތް މުބާރާތަކުންވެސް އޭނާއަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.
ކަނޑުމައްޗަށް ޝައުގުވެރި ކުރުވީ ބައްޕަ
"އަޅުގަނޑު ކުޑައިރު ވަރަށް ކަނޑުގަދަ ދުވަހެއްގައި ރިޔަލު ދޯންޏެއްގައި ބައްޕައާއި އެކު ނިކުތީ ކެޔޮޅުކަމު. އެއީ އެގޮތަށް ކަނޑުމައްޗަށް ނިކުތް ފުރަތަމަ ދުވަސް. ކަނޑުމައްޗަށް އާވީމަ ހޮޑުވެސް ލެވުނު. ބައްޕަ ބުނީ ދަރިފުޅާ ކަނޑުމަތީގައި މިހެން އުޅެގެންނޭ ކަންކަން ދަސްވާނީ. ފިރިހެން ކުއްޖެއްވިއްޔާ ޖެހޭނެއޭ ކަނޑުމަތީގައި އުޅެން ދަސްކުރަން. ވަރަށް ހަނދާން އެބަހުރި އެބަސްތައް." ސަމަދު އެދުވަހުގެ ހަނދާން އާކުރަމުން ބުންޏެވެ.
ކަނޑުމަތީގައި އުޅެން ދަސްކުރަން އެދުވަހަށްފަހު އޭނާ އަޒުމު ކަނޑައެޅިއެވެ. އެއަޒުމުުގައި ހުރި ސަމަދު ނ. އަތޮޅު މަދަރުސާއިން އޯލެވެލް އާއި ހަމައަށް ކިޔަވާ ނިންމިއިރު ކުރިއަށްދާނެ ވަކި ދާއިރާއެއް ހިތަކަށް ނާރައެވެ. ލިބުނު ފުރުސަތެއްގައި ނިޔަމިކަން ކިޔަވައިގެން ބޯޓު ދުއްވުމުގެ ލައިސަންސް ލިބުމުން ކަނޑުމައްޗަށް ނިކުތީއެވެ.
ކައިޓް ސާފިންގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާއަށް ލާން ފެށުމުން އާއިލާއާއި އެކުވެރިންގެ ފަރާތުން ސަމަދަށް ވަރަށްބޮޑު ތަރުހީބެއް ލިބެން ފެށިއެވެ. "ވަރަށްގިނަ މީހުން ކޮމެންޓްކުރޭ، ވަރަށް ސަޅިއޭ، ކުރިއަށްދާށޭ، ވަރަށްބޮޑު ސަޕޯޓެއް އެއީ" ސަމަދު ބުންޏެވެ.
ސަމަދު ބުނީ އޭނާ ވަޒީފާ އަދާކުރާ ރިސޯޓްގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓްގެ އެންމެންވެސް އޭނާއަށް މިކަމުގައި ވަރަށްބޮޑު އެއްބާރުލުމެއްދޭ ކަމަށެވެ. "ޓައިމް މެނޭޖް ކުރެވެނީ އެފަރާތްތަކުގެ ސަބަބުން. އަނބިމީހާގެ ފަރާތުން އަދި އާއިލާ އެންމެންގެ ފަރާތުންވެސް ވަރަށްބޮޑު އެއްބާރުލުމެއް ލިބޭ ކުރިއަށްދާން."
ރިސޯޓްގައި އުޅޭއިރު ރީތި ވައިހުރި ދުވަހެއްވިއްޔާ ސަމަދުގެ ހުސްވަގުތުތައް ފުރާލަނީ ކައިޓް ސާފިންގައެވެ. ވައިނެތް ރީތިރާޅު ނަގާ ދުވަހެއްވިއްޔާ ރާޅާއަޅާ މަޅުމަތީގައެވެ. އެއިން އެއްވެސް ކަމެއް ނުކުރެވޭނަމަ ހަވީރު ދަނީ އެކުވެރިންނާއިއެކު ބެޑްމިންޓަން ކުޅޭށެވެ.
"ރަށަށް ގޮއްސަ ކައިޓަށް ދާށޭ މިއުޅެނީ ބުނާއިރަށް އަންހެނުންގެ އެއްބާރުލުން ލިބޭ، އެއީ ލައިފްގައި އެންމެ އުފާވާ ކަމަކީ" ސަމަދު ބުންޏެވެ.
ސަމަދު ބުނީ ރާއްޖޭގެ ނިސްބަތުން ކައިޓްސާފިންގައި ދެވޭ އެންމެ މައްޗަށް ދިއުމަކީ ވަރަށްބޮޑު އުންމީދެއް ކަމަށެވެ. އަދި ބޮޑެތި މުބާރާތްތަކުގައި ވާދަކޮށްލުމަކީ އޭނާގެ އަޒުމެއް ކަމަށެވެ. މީގެ އިތުރުން ސަމަދު ދެކެމުން އަންނަ ހުވަފެނަކީ އޭނާގެ އަންހެން ދަރިއަކު ރާއްޖޭގެ ވޯޓާ ސްޕޯޓްސް ދާއިރާގައި ހަރަކާތްތެރިވާ މީހަކަށް ހެދުމަށެވެ. "އަޅުގަނޑުގެ ތިބީ ތިން އަންހެން ދަރިން. ހުވަފެނަކީ އެ ކުދިންގެ ތެރެއިން މަދުވެގެން އެއްކުއްޖަކު މިދާއިރާއަށް ނެރުން".
ސަމަދާއި އޭނާގެ އެކުވެރިން ވަނީ މަނަދޫގައި ވޯޓަރ ސްޕޯޓްސް ކުޅިވަރު އާލާކުރުމަށްވެސް މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން 2020 ގައި "މޫދު ތެލަނގަ" ކިޔާ ކައިޓް ސާފިން ޓީމެއް ހަދައިގެން މަނަދޫގެ ކުޑަކުދިންނަށް ކައިޓް ސާފިން ދަސްކޮށްދިނެވެ. ސަމަދު ބޭނުންވަނީ ވީހާވެސް ގިނަ ކުޑަކުދިންނަށް މިކަން ދަސްކޮށްދިނުމަށެވެ.
ރަށްރަށުގައި މިކަން ކުރިއަރުވަން ބަލާއިރު އޮތް ގޮންޖެހުމަކީ މީހުން ދިރިއުޅޭ ރަށްރަށުގައި މޫދު ކުޅިވަރަށް ބޭނުންވާ ވަސީލަތްތައް ނެތުންކަމަށް ސަމަދު ފާހަގަކުރިއެވެ. "މިކަން ކުރާހިތްވިޔަސް ފެސިލިޓީސް ނެތި ކުރިއަށްދާން ވަރަށް އުނދަގޫވާނެ. އެއީ ވަރަށްބޮޑު ޗެލެންޖެއް."
ސަމަދު އިންޓަވިއު ނިންމާލީ ސްކޫލު ނިންމާލައިގެން މުޖުތަމައަށް ނިކުންނަ ކުދިންނަށް ދޭ މެސެޖަކުންނެވެ. "ސްކޫލު ނިންމާފަ ބައެއްކުދިން ގިނަފަހަރަށް މިތިބެނީ ކުރާނެ ވަކިކަމެއް ނޭނގިފަ، ފޯނުން ގޭމު ކުޅުން ފިޔަވާ. އެކުދިންނަށް ބުނެލަން ބޭނުންވަނީ ތިޔަހެން ނުތިބޭށޭ. ވަށައިގެން މިއޮތީ މޫދޭ، ސްޕޯޓްސްގެ ދާއިރާއިން މޫދުތެރެއަށްވެސް ނިކުންނާށޭ. މަނަދޫއިން ވެއްޖެއްޔާ އަޅުގަނޑުމެންނާއި ސީދާ ވާހަކަ ދައްކައިގެން މިކަމުގެ ތެރެއަށް އަންނާށޭ. އަޅުގަނޑުމެން މިތިބީ ކޮންމެ ޒުވާނަކަށްވެސް އެހީވާން ތައްޔާރަށޭ."
ސަމަދު ބުނީ މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އިކުއިޕްމެންޓް ދީގެންވެސް ދަސްކޮށްދޭން އޭނާ އާއި އޭނާގެ ރައްޓެހިން ތިބީ ތައްޔާރަށް ކަމަށެވެ.
ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު
Thank you SAMADH For making me the person i am today 🤙🏽🌊
Alhugandah ves kite surfing dhaskohdheegen mihaaru mihuri hisaabah nerun meehakii hama samadhube 💙🤘
Samadh akee manadhoo fahruverivaa dharieh. Keep it up
ކޮމެންޓްސް ބަންދުކުރެވިފައި