ހަނާކުރި ކުކުޅު ތައްޔާރުކުރުމަށް ބޭނުންވާތަކެތި:
1400 ގްރާމް ކުކުޅެއް (ބޭނުންނަމަ ކޮށާފަ)
2 ބޮޑުފިޔާ
6 ލޮނުމެދު
8 ރޯމިރުސް
4 ކަރަންފޫ
6 ކާފޫރުތޮޅި
4 މޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ 2 މޭޒުމަތީ ސަމުސާ ތެޔޮ
2 ހިކަނދިފަތް
2 އިންޗީގެ 6 ރާނބާފަތްކޮޅު
6 މޭޒުމަތީ ސަމުސާ ހަނާކުރި ކޮތަނބިރިހަވާދު
ރަހަލާވަރަށް ލޮނު
50 ގްރާމް ކަނަމަދު ފަޅާފަ
30 ގްރާމް ހިކިމޭބިސްކަދުރު
2 އިނގިލި ކުރިން ހިފޭވަރުގެ އޯބަތްކޮޅެއް
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ކުކުޅު ސާފުކޮށް ދޮވެލާށެވެ. ލޮނުފެން ގިރާލުމަށްފަހު އުނގުޅާލާށެވެ. ދެން ފިޔާ، ލޮނުމެދު ދިގަށް ކޮށުމަށްފަހު ރޯމިރުސްވެސް އަޅާށެވެ. ކުކުޅު ހަނާކުރަން ބޭނުންވާ ތެލި ނުވަތަ ތާސް އުނދުންމައްޗަށް އުދުމަށްފަހު ގިތެޔޮއަޅާ ހޫނުވުމުން ފިޔާ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް، ކަރަންފޫ، ކާފޫރުތޮޅި އަޅާ ފިޔާ މީރުކުރާށެވެ. ފިޔާކޮޅު ކުޑަކުޑަކޮށް މިލާލީމަ ހަވާދު އަޅާފަ ކުޑައިރުކޮޅަކު ކައްކާލުމަށްފަހު ލޮނު ހެޔޮވަރުކޮށް އުނދުންމަތިން ބޭލުމަށްފަހު ހިހޫވުމުން ކުކުޅުގައި ހަވާދުކޮޅު އުނގުޅާ ހަމަ އެތެލި ނުވަތަ އެތާސް ތެރެއަށް ކުކުޅުއަޅާ މައްޗަށް ކަނަމަދު ކޮޅާއި ހިކިމޭބިސްކަދުރު އަޅާފަ މަތިޖަހައި މަޑުގިނީގައި ކުކުޅު ރޯފިލަންދެން ކައްކާށެވެ.
ކުކުޅު ކޮށައިގެން ހަނާކުރާނަމަ ހަވާދުކޮޅު ކެކުމުން ކުކުޅުކޮޅު އަޅާ ހަވާދާއި އެއްކޮށްލުމަށްފަހު މަތިޖަހައިގެން މަޑުގިނީގައި ކައްކާށެވެ. މިކުކުޅަކީ ވަރަށް ދިވެހިވަންތަ ވަރަށް މީރު ކުކުޅެކެވެ.
ނޯޓް: މިއީ 60 ގެ އަހަރުތަކުގައި އަޅުގަނޑުގެ ބައްޕަ ހަނދުވަރުހޮޓާ ހިންގިއިރު ހައްދަވާއުޅުއްވި ކުކުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު
Kothanbiri havaadhu recipe ves share kohllan dhehvumah edhen
ކޮމެންޓްސް ބަންދުކުރެވިފައި