November 23, 2024 19:33
Advertisement

-Advertisement-

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް – ހަރުދަނާކުރަންޖެހޭ މުހިންމު ފަންނެއް

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10 ވަނަ ބާބުގައި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހިންގާނެ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދީފައިވީ ނަމަވެސް، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ޕްރޮކިއުމަންޓާއި ގުޅޭ 2105 ތަފާތު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވެއެވެ. މިއީ މި މުއްދަތުގައި އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ %37 މައްސަލައެވެ.

ޕްރޮކިއުމަންޓްގެ މަސައްކަތް ފެށެނީ އިދާރާތަކަށް ހޯދަންޖެހޭ ތަކެތީގެ ޕްލޭނެއް ނުވަތަ ސްޓްރެޓެޖިކް ޕްރޮކިއުމަންޓް ޕްލޭނެއް ތައްޔާރުކުރާ ހިސާބުންނެވެ. ސްޓްރެޓެޖިކް ޕްރޮކިއުމަންޓް ޕްލޭނެއް ތައްޔާރުކުރެވުމުން ދެން ކުރިއަށް ގެންދަންޖެހެނީ އެތަކެތި ނުވަތަ ޚިދުމަތްތައް ބޭނުންވާ މުއްދަތުގައި ބޭނުންވާ މިންވަރަށް ހޯދުމުގެ މަސައްކަތެވެ. މީގެ އިތުރުން، އިދާރާތަކަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމުގައި ބޭނުންވާ ފެންވަރުގެ ތަކެތި އެންމެ ހެޔޮ އަގުގައި ހޯދުމަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަށްވެސް ދިމާވެފައިވާ ދަތިކަމެކެވެ. އެހެންކަމުން ދައުލަތުގެ ޕްރޮކިއުމަންޓްގެ ނިޒާމުގައި ދިމާވެފައިވާ ބައެއް ކަންކަމަށް ބަލައިލަން ޖެހެއެވެ. މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓްގެ ވައްތަރުތަކުގެ މައްޗަށާއި ދައުލަތުގެ ޕްރޮކިއުމަންޓްގެ ނިޒާމުން ހާޞިލް ކުރަން ބޭނުންވާ ކަންކަމާއި ޕްރޮކިއުމަންޓްގެ ނިޒާމު ހިންގުމުގައި ބަލަންޖެހޭ މައިގަނޑު ކަންކަމުގެ މައްޗަށެވެ.  

ތަކެތި ހޯދޭނެ ތަފާތު 4 ގޮތެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން "ސިންގަލް ސޯސް ޕްރޮކިއުމަންޓް"، "ޝޮފިންގ އުޞޫލް" ، ރެސްޓްރިކްޓަޑް ޓެންޑަރިންގ" އަދި "އޯޕަން ޓެންޑަރ" އުޞޫލުން ތަކެތި ހޯދުމުގެ އުޞޫލުތަކެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކޮށްފައިވެއެވެ.

Advertisement

ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރުމުގައި އެންމެ ރަނގަޅު އަދި އެންމެ ގިނަ މީހުން ދަންނަ އުޞޫލަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.31ގައި ބަޔާންކުރާ އޯޕަން ޓެންޑަރ ނުވަތަ އާއްމުކޮށް ހުޅުވާލައިގެން ތަކެތި ގަތުމުގެ އުޞޫލެވެ. ދައުލަތަށް ހޯދަންޖެހޭ އެއްވެސް މުދަލެއް ނުވަތަ ޚިދުމަތަކީ 35,000 ރުފިޔާއަށްވުރެ ބޮޑު ޢަދަދެއްނަމަ މި އުޞޫލުން ތަކެތި ހޯދުމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި މިގޮތަށް ކުރުމުގައި ދެފަހަރަށް އިއުލާނު ކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، ދެފަހަރަށް އިއުލާނުކުރުމުންވެސް އެކަމަށް ޝަރުތު ހަމަވާ ފަރާތެއް ކުރިމަތިނުލައިފިނަމަ އެފަދަ މަސައްކަތްކުރާ ފަރާތްތަކަކާއި ވާހަކަދައްކައިގެން ކުރިއަށް ގެންދެވިދާނެކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އިއުލާނުކޮށްގެން ކުރާ ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގައި އާއްމުކޮށް ދިމާވާ އެންމެ ބޮޑު މައްސަލައެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަނީ ރަނގަޅު ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް އެއް ތައްޔާރު ކުރެވިފައި ނުވުމާއި  ބީލަންތައް ހުށަހެޅުމުގައި ބީލަންވެރިންނަށް ފުރިހަމަ މައުލޫމާތު ނުލިބުމުގެ އިތުރުން ޕްރޮކިއުމަންޓް އިވެލުއޭޓް ކުރުމުގައި ދިމާވާ ބައެއް އިދާރީ މައްސަލަތަކުގެ އިތުރުން ކޮލޫޝަން ( ގުޅިގެން ހިންގާ ބައެއްކަހަލަ ކަންކަން) ހިންގުމުގެ ސަބަބުން ވަކި ފަރާތެއް ނޫން އެހެން ފަރާތަކަށް އެ ބީލަން ކާމިޔާބު ނުކުރެވޭ ހާލަތްތަކެއް ދިމާވުމެވެ.

އާއްމުކޮށް ހުޅުވާލައިގެން ހިންގާ ޕްރޮކިއުމަންޓް އުޞޫލުގެ އިތުރުން ދެން ގިނަ ފަރާތްތަކަކަށް މައްސަލަ ދިމާވެފައިވަނީ ރެސްޓްރިކްޓަޑް ޓެންޑަރިންގ ނުވަތަ އާއްމުކޮށް ހުޅުވާލުމުގެ ބަދަލުގައި ހަމައެކަނި ވަކި ފަރާތްތަކަކަށް ބައިވެރިވެވޭނެ ގޮތަށް ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމެވެ. މިގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ އާއްމުކޮށް އިއުލާނުކުރިނަމަވެސް އެކަށީގެންވާ ވާދަވެރިކަމެއް ނުލިބިދާނެ ހާލަތެއްގައިވެސް ޕްރޮކިއުމަންޓްގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. ރެސްޓްރިކްޓަޑް ޓެންޑަރިންގ އާއްމު އުޞޫލުން ކުރިއަށް ގެންދެވޭނެ ހާލަތްތަކެއްގެ ގޮތުގައި އެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ހޯދަން ބޭނުންވާ ތަކެއްޗަކީ މަދު ފަރާތްތަކަކުން ފޯރުކޮށްދޭ ޚިދުމްތައްތަކެއް ނުވަތަ ޓެކްނިކަލް ޚިދުމަތްތަކެއްގެ ތެރެއިން ވަކި ފަންނެއް ނުވަތަ ޓެކްނިކަލް އެކްސްޕީރިއެންސެއް ނެތި ކުރިއަށް ނުގެންދެވޭ ކަންކަމާއި ކުއްލި ހާލަތުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި، އާއްމުކޮށް ހުޅުވާލައިގެން ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދާނަމަ، ވަގުތަށް މަސައްކަތް ނިންމާނުލެވި، އަދި ކުރަންޖޭ ޚަރަދަށްވުރެ ބޮޑު ޚަރަދެއް ކުރަންޖެހިދާނެ ހާލަތްތަކުގައެވެ. މިގޮތަށް ކަންކަން ކުރިއަށް ގެންދާއިރުވެސް ދިމާވާ ބޮޑެތި މައްސަލަތަކެއް ހުރެއެވެ. މިގޮތުން ކުއްލި ހާލަތުގެ ގޮތުގައި ތަކެތި ގަންނަންޖެހޭ ގޮތް އެ ގަވާއިދުގެ 10.26ގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ ފުޅާކޮށް މާނަކޮށް ތަކެތި ގަތުން ކުއްލި ހާލަތުގައި ގަތުމަށް ރެސްޓްރިކްޓަޑް ޓެންޑަރިންގ ބޭނުންކުރުމާއި، ގަންނަ ތަކެތި ނުވަތަ ހޯދާ ޚިދުމަތްތައް އިވެލުއޭޓް ކުރުމުގައި އެންމެ ރަނގަޅު މިންގަނޑަށް އިވެލުއޭޓް ނުކުރެވުމުގެ މައްސަލަތައް ދިމާވެފައިވެއެވެ.

އޯޕަން ޓެންޑަރ ނުވަތަ ރެސްޓްރިކްޓަޑް ޓެންޑަރިންގ އުޞޫލުން ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަކީ ކުދި ރަށްރަށުގައި ވަރަށްވެސް ދަތި އަދި އެ އުޞޫލުތަކަށް ކަންކަން ކުރިއަށް ގެންދާނަމަ، ބައެއް ރަށްރަށުގައި ދަތިތަކަކާއި ކުރިމަތިލާންޖެހޭ ކަންކަމެވެ. މިގޮތުން މިކަންކަމަށް ހައްލެއް ލިބިދާނެ އުޞޫލެއްގެ ގޮތުން "ސިންގަލް ސޯސް ޕްރޮކިއުމަންޓް"  ސިންގަލްސޯސް ޕްރޮކިއުމަންޓަކީ ރެސްޓްރިކްޓަޑް ޓެންޑަރިންގ އުޞޫލެކޭވެސް އެއްގޮތަށް ވާދަވެރިކަމަކާއި ނުލާއި ތަކެތި ހޯދުމެވެ. އެހެން ނަމަވެސް ރެސްޓްރިކްޓަޑް ޓެންޑަރިންގ އުޞޫލުން ތަކެތި ހޯދުމަކީ ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމެވެ. މި އުޞޫލުން ތަކެތި ގަތުމުގެ މައިގަނޑު މަޤްޞަދަކީ ވާދަވެރި ބީލަމަކަށް ވަގުތުނެތް ހާލަތްތަކުގައި ނުވަތަ އޭގެ އަގުގެ ގޮތުން ވާދަވެރި މާހައުލެއްގައި އެ ބީލަމަކަށް ތަރުހީބު ލިބިދާނެކަމަށް ނުފެންނަ ހާލަތްތަކުގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ޚިދުމަތެއް އެކަށީގެންވާ ގޮތެއްގައި ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް ބޭނުންކުރެވިދާނޭ އުޞޫލެކެވެ.

އެހެންނަމަވެސް މި އުޞޫލު ބޭނުންކުރުމުގެ ކުރިން އެ އުޞޫލުން ތަކެތި ހޯދުމަށް ނުވަތަ ޚިދުމަތް ހޯދުމުގައި، އެ އުޞޫލުގައި ބަޔާންކުރާ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. މިގޮތުން ސިސްގަލްސޯސް އުޞޫލުން ތަކެތި ނުވަތަ ޚިދުމަތް ހޯދޭނެ ތަފާތު 6 ހާލަތެއް ބަޔާންކޮށްފައިވެސް ވެއެވެ. އެހެންކަމުން ސިންގަލް ސޯސް ޕްރޮކިއުމަންޓް އުޞޫލުން ކަންކަން ކުރިއަށް ގެންދިއުމުގައި މިދެންނެވި 6 ހާލަތަށް ފެތޭތޯ ނުވަތަ ނޫންތޯ ބަލަންޖެހެއެވެ.

ޕްރޮކިއުމަންޓްގެ ގިނަ މައްސަލަތަކުގައި ގިނައިން ދިމާވަނީ ޕްރޮކިއުމަންޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި މި ދެންނެވި ޕްރޮކިއުމަންޓްގެ ވައްތަރުތައް ރަނގަޅަށް ނޭނގި އެ އުޞޫލުތަކާއި ބީރައްޓެހި ނުވަތަ ގަވާއިދުގައި އެ ކަންކަން ކުރިއަށް ގެންދަން އޮންނަ ހާލަތްތަކާއި އުޞޫލުތަކުގެ ބޭރުން ބައެއް ކަންކަން ކުރިއަށް ގެންދެވުމެވެ. އަދި ދެންނެވުނު އުޞޫލުތަކުގެ ތެރެއިން ކޮންމެ އުޞޫލެއް ބޭނުންކުރި ނަމަވެސް، އެ އުޞޫލު ބޭނުންކުރުމުގައި ބަލަންޖެހޭ ހަމަތަކާއި ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމުގެ ކުރިން ބަލައި އެކަމަށް އަޅަންޖެހޭ ފިޔަވަޅެއް އަޅަންޖެހެއެވެ. ހަމަ އެހެންމެ، ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ ޕްރޮކިއުމަންޓްގެ އުޞޫލުތަކުގެ ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.02 ގައި ބަޔާންކުރާ އުޞޫލުތަކާއި އެއްގޮތަށެވެ. އެގޮތުން އެކަމަށް ޤާބިލް ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ދިނުމާއި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތައް ނޫން އެހެން އެއްވެސް އުޞޫލަކުން ތަފާތުކުރުމެއް ނުގެންގުޅުމާއި ޕްރޮކިއުމަންޓްގެ މުވައްޒަފުންގެ މަސްއޫލިއްޔަތާއި ޢަމަލުތަކުގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާފައިވާ އުޞޫލުން ބެހެއްޓުމެވެ.

އަދި ޕްރޮކިއުމަންޓް ވައްތަރުތަކުގެ ތެރެއިން ވަކި ވައްތަރެއް އިޚްތިޔާރުކުރުމުގައި، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބަލަންޖެހޭނެކަމަށް ބުނެފައިވާ ކަންކަމަށް ރިޔާއަތްކުރަންޖެހެއެވެ. މިގޮތުން ވާދަވެރި މާހައުލެއްގައި އިޤްތިޞާދީގޮތުން އެންމެ ފައިދާހުރި އަދި ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރުމާއި، ބީލަންވެރިންގެ މެދުގައި ހަމަހަމަކަމާއި އިތުބާރާއެކު ތަފާތުކުރުމެއްނެތި ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދެވޭނެކަމުގެ ޔަޤީންކަން ހޯދައިދިނުމާއެކު އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ބީލަމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކާއި މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން ހޯދައިދިނުން ހިމެނެއެވެ. މިކަންކަމަށް ރިޔާއަތްކޮށް މަސައްކަތް ކުރިއަށް ގެންދެވޭނަމަ، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ކޮރަޕްޝަން ނުވަތަ ހިޔާނާތް ހިނގާ މިންވަރު މަދުވެގެންދާނެ ކަމަށް ބެލެވެއެވެ.

 

ނޯޓް: މިއީ ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމެންޓަލް ސްޓަޑީޒް (ފިޑްސް) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ވިޔަފާރި ދާއިރާއާއި ގުޅުންހުރި ތަފާތު ރިޕޯޓްތައް ޒީޓައިމްސް އިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް