September 19, 2024 23:39
Advertisement

-Advertisement-

އޯކިޑްމަލަށް ލިބިފައިވާ ޚާއްސަކަންތައް އެނގެނީ ކިހާވަރަކަށް؟

މުޅި ދުނިޔެއަށް ބަލާއިރު، އެންޓާކްޓިކާ ނޫން ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އޯކިޑް ގަސް ހެދެއެވެ. ގިނަބަޔަކަށް އެނގިފައިވާ ގޮތުގައި އޯކިޑަކީ ޖަޒީރާ ގައުމުތަކުގައި ހެދޭ އެއްޗެކެވެ. އޯކިޑާއި ގުޅޭ މަޢުލޫމާތުތަކަށް ބަލާއިރު މިއީ ފަސޭހައިން ހެއްދޭ އަދި ހުރިހާ މޫސުމެއްގައިވެސް ހެދޭ މަލެކެވެ.

ކޮންމެ އޯކިޑް މަލަކީވެސް ހުރިހާ ފިޔަތަކެއް ބަހާލެވޭގޮތަށް އެއްގޮތަކަށް ނުވަތަ ސިމެޓްރިކަލް ޝޭޕަށް ހުންނަ މަލެކެވެ. ކޮންމެ އޯކިޑް މަލެއްވެސް ފުރިހަމައަށް ދެބަޔަށް ބަހާލެވެއެވެ. މިއީ އެހެން މާތަކާއި އަޅާބަލާއިރު އޯކިޑްމަލަށް ލިބިފައިވާ ޚާއްސަ ކަމެކެވެ. އަދި މިއީ އޯކިޑާއި ގުޅޭގޮތުން ގިނަ މީހުންނަށް ނޭނގޭ މަޢުލޫމާތެއްކަމަށް ސައިންސްވެރިންވެސް ބުނެއެވެ.

އޯކިޑްމަލުގެ 25،000 ބާވަތް ހުރިއިރު، މިއީ ދުނިޔޭގެ މާގަހުގެ އާބާދީއަށް ބަލާއިރު އެންމެގިނަ ބާވަތް ހިމެނޭ މަލެވެ. އަދި މިއީ ދުނިޔޭގެ ކޮންޓިނެންޓްތައް ބަހާލެވުމުގެވެސް ކުރިން ހެދެމުން އައިސްފައިވާ މަލެއްކަމަށް ދިރާސާތަކުން ދައްކައެވެ.

Advertisement

އެންމެބޮޑު ސައިޒްގެ އޯކިޑް މަލެއްގައި ސަތޭކައަށްވުރެ ގިނަ ޕައުންޑް ހުންނައިރު، އެންމެކުޑަ ސައިޒްގެ އޯކިޑް މަލެއްގެ ސައިޒަކީ އެންމެ ކުދި ސައިޒްގެ ވަކި ލާރީގައި ހުންނަ ސައިޒްއެވެ.

ތަފާތު ވައްތަރުގެ އޯކިޑްމާތަކެއް

ވެނީލާއަކީ އޯކިޑްގެ ބާވަތަކުން އުފުދޭ އެއްޗެއްކަމަށްވާއިރު، އޯކިޑްމާ ގަހުން ކެއުމުގައި ބޭނުންކުރެވޭ ހަމައެކަނި ބާވަތަކީވެސް ވެނީލާ ބީންސްއެވެ. އޯކިޑްމަލުގެ އޮށެއް އިންދުމުން ގާތްގަނޑަކަށް ގަސްހެދި މާއެޅުމާއި ދެމެދު 5 ނުވަތަ 7 އަހަރު ހޭދަވާއިރު، ފިހާރަތަކުގައި ވިއްކަންހުންނަ އޯކިޑަކީ މިގޮތަށް އެތައް އަހަރެއްގެ ތެރޭގައި ހެދިފައިވާ ގަސްތަކުގެ މާތަކެވެ. އަދި ގޭގައި އޯކިޑް ހެއްދުމުންވެސް އެތައް ފަހަރެއްގެ މަތިން މާ އަޅާކަމަށް ދިރާސާތަކުން ދައްކައެވެ.

ވެނީލާ އޯކިޑް

އޯކިޑްމާ އެލިފައި ހުންނަ ގޮތަކަށް އިންނަނީ މަލުގެ ބަރުދަނުގެ ސަބަބުންނެވެ. އަދި ފުރިހަމައަށް ފޮޅިފައިހުންނަ ހުރިހާ މަލެއްވެސް ހުންނާނީ އެކޮޅު ކޮޅުންނެވެ. އޯކިޑްމާ ގަހުގެ އޮށަކީ ވަރަށްކުޑަ އޮށެކެވެ. ކޮންމެ އޮށެއްގައި ގަސް އުފެދުމަށް ބޭނުންވާ 3 މިލިއަން އޮށް ހިމެނެއެވެ. އޯކިޑުމާ ގަހުގެ އޮށަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެކުޑަ ގަސްއިންދާ އޮށެވެ. އަދި މިއޮށް ފެންނާނީ ހަމައެކަނި މައިކްރޮސްކޯޕެއްގެ އެހީގައެވެ.

އޯކިޑްގެ އޮށް

އޯކިޑްމާ ގަސް ބައެއްފަހަރަށް 100 އަހަރު ވަންދެން މަރުނުވެ ހުރެއެވެ. އެހެންނަމަވެސް ބައެއް އޯކިޑްމާ ގަޑިއިރުތަކެއް ވަންދެކަށް ފޮޅިފައި މޯޅިވާއިރު، ބައެއް ބާވަތުގެ އޯކިޑް ގަހުގެ މާތައް މަހެއް ނުވަތަ އެތައް މަހެއް ވަންދެކަށްވެސް ފޮޅިފައި ހުރެއެވެ. މަލަށް ބައެއް މީހުން އެލާޖިކްވާއިރު، އޯކިޑް މަލަކީ މަލަށް އެލާޖިކްވާ މީހުންނަށް ގެންގުޅެވިދާނެ މަލެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން މަލަށް އެލާޖިކްވާނަމަ، މަލުގެ ވަސްދުވުމުން ކިނބިހި އެޅުން ހިމެނެއެވެ. އޯކިޑްމާ ބެލެވެނީ އެލާޖިކްނުވާ މަލެއްގެ ގޮތުގައެވެ.

ބެލެވޭގޮތުގައި އޯކިޑަކީ އަގުބޮޑު މަލެކެވެ. ސަބަބަކީ އޯކިޑް ހެދެނީ ވަކި ފަންގަސްއެއް ބޭނުންކޮށްގެންކަމަށް ވުމުންނެވެ. "މައިކޯރިޒާ" ފަންގަސް ބޭނުންކޮށްގެން އޯކިޑްމާ ގަސް ހެދޭއިރު، ޖެލެޓިންއެއް ކަމަށްވާ އަގަރް ބޭނުންކޮށްގެން ވެސް އޯކިޑްމާ ގަސް ހެއްދޭކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.

މިހާރަކަށް އައިސް ފަސޭހައިން އޯކިޑްމާގަސް ހެދި އޭގެ ވިޔަފާރިތައްވެސް އަންނަނީ ފުޅާވަމުންނެވެ. އެގޮތުން އެމެރިކާ، ޓައިވާން، ތައިލޭންޑް އަދި ނެދަލޭންޑްސް ފަދަ ގައުމުތަކުގައި މިހާރު އަންނަނީ އޯކިޑް މަލުގެ ވިޔަފާރިތައް ފުޅާވަމުންކަން ފާހަގަކޮށްލެވެއެވެ.

 

ނޯޓް: މައުލޫމާތު ނަގާފައިވަނީ އިންގްލިޝް ގަރޑެންސް، އޯކިޑްފެކްޓްސް

+1
0
+1
6
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް