November 23, 2024 00:11
Advertisement

-Advertisement-

އަޢްރާފުގެ އަހުލުވެރިންގެ ވާހަކަ

އަޢްރާފޭ ބުނުމުން އަހަރެމެން ކޮންމެ މުސްލިމެއްގެ ހިތަށް އަރާނީ އެއީ ސޫރަތުލް އަޢްރާފުގެ ވާހަކަ ކަމަށެވެ. މިއީ ސޫރަތުލް އަޢްރާފުގެ ވާހަކައެއްނޫނެވެ. ނަމަވެސް، މިއީ އެ ސޫރަތުގައި ބަޔާން ކުރައްވާފައިވާ އަޢްރާފުގެ އަހުލުވެރިންގެ ވާހަކައެވެ. އަޢްރާފުގެ މާނައަކީ އުސްކޮށް ނުވަތަ މަތިކޮށް ހެދިފައިވާ ތަނެވެ. އުފުލިގެންވާތަނަށްވެސް އަޢްރާފޭ ކިޔެއެވެ. ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ އަޢްރާފަކީ ސުވަރުގެއާއި ނަރަކައާއި ދެމެދުގައި ހުންނަ އުސް ފަރުބަދައަކަށް ކިޔޭ ނަމެކެވެ. އަޢްރާފުގެ އަހުލުވެރިންނޭ ކިޔުނީ ޤިޔާމަތް ދުވަހުން ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމަށްފަހު، އަދި ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވަނުމަށްފަހު، މުސްލިމުންގެ ތެރެއިން ބަޔަކު މީހުން މި އަޢްރާފުގައި ތިބެންޖެހޭތީއެވެ. އަދި އެބައިމީހުންނަށް ސުވަރުގޭގެ އަހުލުވެރިންނާއި ނަރަކައިގެ އަހުލުވެރިން ފެންނާނެތެވެ. އަދި އެދެބައިމީހުންގެ ހާލަތު ދެކެމުންދާނެތީއެވެ. އަދި އެދެބައިމީޙުންގެ ޞިފަތައްވެސް ދެނެގަނެވޭނެއެވެ. މިބައިމީހުންގެ ވާހަކަ ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " وَبَيْنَهُمَا حِجَابٌ " މާނައީ: "އެ ދެބައިމީހުންގެ ދެމެދުގައި، (އެބަހީ: ސުވަރުގޭގެ އަހުލުވެރިންނާއި ނަރަކައިގެ އަހުލުވެރިންގެ ދެމެދުގައި) ފަރުދާއެއްވެއެވެ. "وَعَلَى الْأَعْرَافِ رِجَالٌ" މާނައީ: "އަޢްރާފު މަތީގައި (އެބަހީ: ސުވަރުގޭގެ ފާރުމަތީގައި) މީހުންތަކެއް ވެއެވެ." "يَعْرِفُونَ كُلًّا بِسِيمَاهُمْ " އެއުރެންނަށް (އެބަހީ: އަޢްރާފުގައި ތިބޭ މީހުންނަށް) އެ ދެބައިމީހުންގެ (އެބަހީ: ސުވަރުގެ ވަންތަވެރިންނާއި ނަރަކަވަންތަވެރިންގެ) ޢަލާމަތްތަކުން، އެ ދެބައިމީހުން އެނގެއެވެ." 

އަޢްރާފުގައި ތިބޭ މީހުންނަށް ސުވަރުގެވަންތަވެރިން ފެނުމުން އެބައިމީހުންނަށް ގޮވާނެއެވެ. އަދި އެމީހުންނަށް ސަލާމްގޮވާނެއެވެ. ސުވަރުގޭގެ ނިޢުމަތްތަކާއި، އެތަނުގެ އަހުލުވެރިން ސުވަރުގެވަންނަތަން ފެނުމުން، އެތަނަށް ވަނުމަށް ދަހިވެތިވާނެއެވެ. މިކަން ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَنَادَوْا أَصْحَابَ الْجَنَّةِ أَن سَلَامٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ"(އަޢްރާފު 46). މާނައީ: " އަދި އެއުރެން (އެބަހީ: އަޢްރާފުގައި ތިބޭ މީހުން) ސުވަރުގޭގެ އަހުލު ވެރިންނަށް ގޮވައިލާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. އެއުރެން (އަޢްރާފުގައި ތިބޭ މީހުން) ތިބޭނީ ސުވަރުގެއަށް ނުވަދެވި، އެކަމުގެ ދަހިވެތިކަމުގައެވެ."

އަޢްރާފުގައި ތިބޭ މީހުންނަށް ސުވަރުގޭގެ އަހުލުވެރިން ނިޢުމަތުގައި އުޅޭ މަންޒަރު ފެންނާނެއެވެ. އަދި އެތަނަށް ދިއުމަށް ދަހިވެތިވެ އެކަމަށް އެދޭނެއެވެ. އަދި އެތަނަށްވަނުމުގެ އުންމީދުގައި ތިބޭނެތެވެ. އަޢްރާފުގައި އެބައިމީހުންނާއި މެދު ކަންތައްވާނެ ގޮތަކާއިމެދު އިންތިޒާރުގައި ތިބޭނެއެވެ. އެވަގުތުގައި ނަރަކައިގެ އަހުލުވެރިން އެބައިމީހުންނަށް ފެންނާނެއެވެ. އެމީހުންނަށް ދެވޭ ޢަޛާބެވެ. އެ ބިރުވެތިކަމެވެ. އެ ނާމާންކަމެވެ. ނަރަކައިގެ އަހުލުވެރިންގެ ތެރޭގައި ނުލެއްވުމަށް އެދި އެމީހުން މާތްﷲގެ ޙަޟްރަތުގައި ދުޢާ ކުރާނެތެވެ. އެކަން ބަޔާންކުރައްވައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَاءَ أَصْحَابِ النَّارِ قَالُوا رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ" (އަޢްރާފު 47). މާނައީ: "އަދި އެއުރެންގެ ލޯތައް ނަރަކައިގެ އަހުލު ވެރިންނާ ދިމާއަށް އަނބުރައިލާހިނދު، އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ!"  

Advertisement

އަޢްރާފުގެ އަހުލުވެރިންނަށް، ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދުނިޔޭގައި މުދާވެރިކަމާއި ޝަރަފުވެރިކަމުގައި އުޅުނުބަޔަކު ފެންނާނެތެވެ. އެމީހުންގެ ބައި ގިނަކަމުގެ މައްޗަށް ބޮޑާވެގެން ދުނިޔެމަތީގައި އުޅުނު މީހުންނެވެ. އެބައިމީހުންގެ ޝަރަފުވެރިކަމާއި މަޤާމުގެ ގޮތުން ދުނިޔެމަތީގައި މަޝްހޫރު މީހުންނެވެ. ބާރުގަދަ މީހުންނެވެ. ނަމަވެސް، އެ ބާރާއި ޖާހަކުން އެމީހުން ނަރަކައިން މިންޖެއް ނުވެއެވެ. ދުނިޔެމަތީގައި ޝަރަފުވެރިކަމާއެކު އުޅުމަކުން ނަރަކައިން މިންޖެއް ނުވެއެވެ. މުދާވެރިވެގެންވެސް އެދުވަހުން މިންޖެއްނެތެވެ. މިންޖުވުންވަނީ މާތްﷲއަށް އީމާންވެ ތިބާކުރި ހެޔޮ ޢަމަލުތަކުންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَنَادَىٰ أَصْحَابُ الْأَعْرَافِ رِجَالًا يَعْرِفُونَهُم بِسِيمَاهُمْ قَالُوا مَا أَغْنَىٰ عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ" (އަޢްރާފު 48) މާނައީ: އަދި އަޢްރާފުގެ އަހުލުވެރިން، އެބަޔެއްގެ ޢަލާމާތުން އެއުރެން ދަންނަ މީހުންތަކަކަށް ގޮވައި ބުނާނެތެވެ. ތިޔަބައިމީހުންގެ ބައިގިނަކަމާއި، ތިޔަބައިމީހުން ކިބުރުވެރިވެ އުޅުނުކަން (ނަރަކައިގެ ޢަޛާބުން) ތިޔަބައިމީހުން މިންޖެއް ނުކުރިތާއެވެ! "

އަޢްރާފުގައި ތިބެންޖެހެނީ ކޮންބައެއްކަން ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ. ބައެއް ބޭކަލުން ވިދާޅުވަނީ، އެއީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނެވެ. އެބޭކަލުން ތިއްބަވަނީ ސުވަރުގެއާއި ނަރަކައަށް ވެއްދޭ މީހުން ދުށުމަށެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ އެބައިމީހުންގެ މައިންބަފައިންގެ ނުރުހުމުގައި ޖިހާދަށް ނިކުމެ، މާތްﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވެގެންދާ މީހުންނެވެ. މިގޮތުން ވަރަށް ގިނަ ރަޢުޔުތަކެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް، ދަލީލުތަކުގެ ޢަލީގައި ބޮޑަށް ބުރަވެވެނީ އެބަޔަކީ ހެޔޮ ޢަމަލާއި ނުބައި ޢަމަލު ހަމަހަމަވެގެންވާ މީހުންނެވެ. އެބައެއްގެ ތިލަފަށް އެއްވެސް ފަރާތަކަށް ބުރަ ނުވާ މީހުންނެވެ. ޠަބަރީ ވިދާޅުވަނީ: “އިންސާނާ ކޮށްފައިވާ ނުބައި ޢަމަލުތަކަށްވުރެ އެންމެ ހެޔޮ ޢަމަލެއް އިތުރުވިޔަސް އެމީހަކު ސުވަރުގެ ވައްދަވާ ހުއްޓެވެ. އަދި އިންސާނާ ކޮށްފައިވާ ހެޔޮ ޢަމަލުތަކަށްވުރެ އެންމެ ނުބައި ޢަމަލެއް އިތުރުވާ މީހާ ނަރަކައަށް ވައްދަވާނެތެވެ. އަދި ވިދާޅުވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَالْوَزْنُ يَوْمَئِذٍ الْحَقُّ فَمَن ثَقُلَتْ مَوَازِينُهُ فَأُوْلَـئِكَ هُمُ الْمُفْلِحُونَ وَمَنْ خَفَّتْ مَوَازِينُهُ فَأُوْلَـئِكَ الَّذِينَ خَسِرُواْ أَنفُسَهُم). ވީމާ، ހެޔޮ ޢަމަލާއި ނުބައި ޢަމަލު އެއްވަރުވާ މީހުންނަކީ އަޞްޙާބުލް އަޢްރާފެވެ.

ސުވަރުގެއަކީ އެތަނެއްގެ ނިޢުމަތްތަކުގެ ވާހަކަ އަޑު އިވުމުން ދަހިވެތިވާ ތަނެކެވެ. ހަމަމިފަދައިން ނަރަކައިގެ ވާހަކަ އަޑު އިވުމުން އެތަނަށް ދިއުމަށް ހިތް ބިރުވެތިވާ ތަނެކެވެ. މިފަދަ ހާލަތެއްގައި ވާ އިންސާނާއަށް ހަމަލޮލަށް އެމަންޒަރުތަށް ފެނިގެންދެއެވެ. މި ވަގުތުގައި ހިތް އެދޭނީ ސުވަރުގެ ވަނުމަށެވެ. ނަރަކައިގެ އަޛާބުން މިންޖުވުމަށެވެ. ޢަމަލުގެ ތިލަފަތް ހަމަހަމަވުމުގެ ސަބަބުން އެއްވެސް ފަރާތެއްގައި ލައްވައިނުލައި އިންތިޒާރެއްގައި ހުންނަން ޖެހުމަކީ ބޮޑުކަމެކެވެ. ހިތް  ނުތަނަވަސްވެގެންދާނެ ވަގުތުތަކެކެވެ. އިންތިޒާރުގެ މި ވަގުތު ނިމޭނެ އިރެއްގައި އަޢްރާފުގެ އަހުލުވެރިންގެ ކެތްތެރިކަން ކުޑަވެގެންދެއެވެ. އެހިނދު މާތްﷲ ރަޙުމަތުން ފަހު ވަގުތުގައި އަޢްރާފުގެ އަހުލުވެރިން ސުވަރުގެވައްދަވައެވެ. އެންމެފަހުން ސުވަރުގެ ވަދެވޭ މީހުންގެ ތެރެއިން އެއްބަޔަކީ އަޢްރާފުގައި ތިބޭ މީހުންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "أَهَٰؤُلَاءِ الَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ اللَّهُ بِرَحْمَةٍ ۚ ادْخُلُوا الْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَا أَنتُمْ تَحْزَنُونَ" މާނައީ: "އެއުރެންނަށް اللَّه ރަޙުމަތެއް ނުލައްވާނޭކަމަށް ތިޔަބައިމީހުން ހުވާކުޅަ މީހުންނަކީ މިތިބީހެއްޔެވެ؟ (އެއުރެންނަށް އަންގަވާނެތެވެ.) ސުވަރުގެއަށް ތިޔަބައިމީހުން ވަންނާށެވެ! ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ."(އަޢްރާފު 49).

އެންމެ ފުރަތަމަ ސުވަރުގެ ވަދެވޭ މީހުންގެ ތެރޭގައި ވުމަށް އެދޭ މީހާ، ހެޔޮ ޢަމަލުތަށް ގިނަކުރާށެވެ. ހެޔޮކަމުގެ ތިލަފަތް ބަރުކުރާށެވެ. ކިތަންމެ ކުޑަ ހެޔޮ ކަމެއްވެސް ދޫނުރާށެވެ. އެއީ ތިބާގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދޭ ވަޞީލަތެވެ. އެއީ ތިބާ ސުވަރުގެ ވަނުމަށް ލިބޭ ފުރުޞަތެވެ. އެ ފުރުޞަތު ނަގައިނުލާށެވެ.

+1
0
+1
7
+1
2
+1
3
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް