September 20, 2024 16:58
Advertisement

-Advertisement-

ތިބާގެ ހެޔޮ ޢަމަލުތައް ގެއްލި ނެތިގެންދާނެ ފަދަ ޢަމަލުތަކުން ރައްކައުތެރިވާށެވެ!

އަހަރެމެން ކޮންމެ މީހަކީވެސް އާޚިރަތަށް މަސައްކަތް ކުރާ ބަޔެކެވެ. އެ ދުވަހުގައި ކާމިޔާބު މީހަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރެއެވެ. އަދި ދަތި އުނދަގުލާއި ބުރަ އުފުލުމާއެކު ނަރަކައިން މިންޖުވެ ސުވަރުގެ ވަނުމަށް މަސައްކަތް ކުރެއެވެ. ހެޔޮ ޢަމަލު ކުރުމުގައި ވަގުތު ހޭދަ ކުރެއެވެ. ބައެއް މީހުން ބުނެއެވެ. "އަހަރެން ދުވަހަކުވެސް ބޮޑު ފާފައަކަށް އަރައެއް ނުގަންނަމެވެ." އޭނާގެ ނަޒަރުގައި ބޮޑު ފާފައަކީ ޒިނޭ ކުރުމެވެ. ނަމާދު އެޅުމެވެ. ޤަސްދުގައި ރޯދަ ދޫކުރުމެވެ. ރާ ބުއިމެވެ. ޖުވާ ކުޅުމެވެ. ވަރަށްވެސް ރަނގަޅު ވާހަކައެކެވެ. އެއީ ބޮޑެތި ފާފަތަކެވެ. މާތްﷲ ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. އެކަމުގެ އަދަބު ކަނޑައެޅިފައިވާ ކަންކަމެވެ. ނަމަވެސް، އަހަރެމެން މި ހުރިހައި ކަމަކާއި އެއްވަރަށް ވިސްނަންޖެހޭ އެހެން ކަމެއް އެބަ އޮތެވެ. އެއީ އަހަރެމެންގެ ވަގުތާއި ހަށިގަނޑު ވަރިބަލިކޮށްގެން މި ކުރާ ހެޔޮ ޢަމަލުގެ ޚަޒާނާ އެހެން މީހަކަށް ދޭން ނުޖެހިވޭތޯ ބެލުމެވެ. އަހަރެމެންގެ މި އުފުލާ ބުރައިގެ ފޮނި މީރުކަން ގެއްލި ނުދާނެ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމެވެ. އެފަދަ ގޮތަކީ ކޮބައި ހެއްޔެވެ. އެއީ ހެޔޮ ޢަމަލު ކުރުމާއެކު އެ ޢަމަލެއް މާތްﷲ ޤަބޫލު ކުރައްވާފަދަ ޢަމަލަކަށް ހެދުމެވެ. އަދި އެ ޢަމެއް ބާޠިލު ނުވާނެ ފަދަ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމެވެ. ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވެ ނުދިއުމަށް އެދޭ މީހާ، އެ ޢަމަލުތައް ބާޠިލުވާ ކަންކަން ދެނެގަތުން މުހިންމެވެ.

ފުރަތަމަ ކަމަކީ: އިޚްލާޞްތެރިކަން ނެތުން ނުވަތަ ދެއްކުންތެރިކަން؛ އަހަރެމެން ކުރާ ކޮންމެ ޢަމަލެއްވެސް ޤަބޫލުވެވެނީ އެ ޢަމަލުގައި އިޚްލާޞްތެރިވުމުންނެވެ. އެބަހީ ކުރާ ކޮންމެ ކަމަކީވެސް މާތްﷲގެ ޘަވާބާއި ދަރުމައަށް އެދި ކުރާ ޢަމަލަކަށްވުމެވެ. މާތްﷲ އަށްޓަކައި ކުރާ ޢަމަލެއްވާނީ ދެއްކުންތެރިކަން ނެތް ސާފު ޠާހިރު ޢަމަލަކަށެވެ. އެހެން މީހެއްގެ ފަރާތުން ތަޢުރީފުގެ ބަހަކަށް ނޭދޭނެއެވެ. ޘަނާ ކިޔުމަކަށް ނޭދޭނެއެވެ. އަދި އަނެކާގެ ފަރާތުން ބަދަލަކަށްވެސް ނޭދޭނެއެވެ. އެ މީހެއްގެ ހުރިހައި އެދުމެއް ގުޅިފައިވާނީ މާތްﷲ ގެ ޘަވާބާއި ދަރުމައަށެވެ. އާޚިރަތުގައި ލިބޭނެ ދަރުމައަށެވެ. ދަހިވެތިވާނީ މާތްﷲ ގެ ރުއްސެވުމަށެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރަކަށްވެސް ތިމަންމެން ނޭދެމުއެވެ." (އަލްއިންސާން 9).

ޝައިޚް ފަޟްލޫން ބިން މުޙައްމަދު ވިދާޅުވެފައިވެއެވެ. "އެންމެ ބޮޑުވެގެންވާ މުޞީބާތަކީ ޢަމަލުތަކުން އިޚްލާޞްތެރިކަން ނެތިގެންގޮސް އެކަންކަމުގެ ޙަޤީޤީ މަޤްޞަދު ގެއްލިގެން ދިއުމެވެ. އޭގެ ސަބަބުން އިންސާނާ އެ ޢަމަލުތަކުގައި އޭނާގެ ނަފްސު ވަރުބަލިކުރި ކަންކަމުން ގެއްލުމެއް މެނުވީ އޭނާއަށް ނުލިބެއެވެ."

Advertisement

ދެވަނަ ކަމަކީ: ކަލަގޮވުން ނުވަތަ އުނދަގޫ ދިނުން: ކުރާ ޢަމަލުގައި އިޚްލާޞްތެރި ނުވުމުގެ ސަބަބުން އަނެކާއަށް ކޮށްދޭ ހެޔޮ ކަންތައްތަކުގެ ވާހަކަ ދެއްކެއެވެ. ބައެއް މީހުން ކަންތައް ކޮށްދެނީ އަނެކާ ފަރާތުންވެސް އޭނައަށް ކަންތައް ކޮށްދިނުމަށް އުއްމީދުކޮށްގެންނެވެ. އަނެއްބައި ފަހަރު އަނެކާއަށް ކަންތައްކޮށްދީފައި ހިތްހަމަނުޖެހޭ ވަގުތެއް ނުވަތަ ދެބަސްވާ ވަގުތުގައި، ކޮށްދީފައި ހުންނަ ކަންތައްތަކުގެ ވާހަކަ ދެއްކެއެވެ. މިފަދައިން ވާހަކަ ދެއްކުމުގެ ސަބަބުން އެ ކުރި ހެޔޮ ޢަމަލެއް ނެތިގެންދެއެވެ. އުފުލި ބުރައާއި ކުރި މަސައްކަތް ބޭކާރު އެއްޗަކަށްވެގެން ދެއެވެ. ތިބާ އާޚިރަތަށް ގެންދާނެ ހެޔޮ ޢަމަލެއް ނެތް މީހަކަށް ނުވާށެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލު ނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިޘާލެއް ފަދައިންނެވެ. اللَّه އަށާއި އާޚިރަތް ދުވަހަށް އޭނާ އީމާނެއް ނުވެތެވެ. ފަހެ، އޭނާގެ މިޘާލަކީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުއްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ މިޘާލެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ ޢަމަލަށް އާޚިރަތް ދުވަހުން އެއުރެންނަކަށް އެއްވެސް ޘަވާބެއް ނުލިބޭ ހުއްޓެވެ.) ކާފަރު ވެގެންވާ ޤައުމަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ." (ބަޤަރާ 264).

ތިންވަނައީ: ޙަސަދަވެރިވުމެވެ. އިންސާނުންނަށް ދެއްވާ ކޮންމެ ނިޢުމަތަކީ ރިޒްޤެވެ. އަދި މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުންގެ މެދުގައި ރިޒްޤުވަނީ ބައްސަވާފައެވެ. އެއީ ފައިސާ ކަމުގައިވިޔަސް، ދަރިން، ގެދޮރު ނުވަތަ މުދާ އަދި އަނބިންކަމުގައިވިޔަސް މެއެވެ. މި ހުރިހައި ތަކެތި ބައްސަވާފައިވަނީ އެކި މީހުންނަށް އެކި ވަރަށެވެ. ބައެއް މީހުންނަށް އިތުރުކޮށްދެއްވިއެވެ. އަދި އެ އިތުރު ކޮށްދެއްވުމަކީވެސް އިމްތިޙާނެކެވެ. ބައެއް މީހުންނަށް މަދުން ދެއްވިއެވެ. އެއީވެސް އިމްތިޙާނެކެވެ. މިއީ މާތްﷲގެ ނިންމެވުމެވެ. އެކަލާނގެ މިންވަރުކުރެއްވި ގޮތެވެ. މިއީ ޤަޟާ ޤަދަރެވެ. ވީމާ، ތިބާގެ އަޚާ ނުވަތަ އުޚްތާޢަށް ލިބޭ އެއްވެސް ނިޢުމަތަކަށް ހަސަދަވެރިވާ މީހާއަކީ ޤަޟާ ޤަދަރަށް އީމާންނުވެވޭ މީހެކެވެ. މާތްﷲގެ މިންވަރުފުޅަށް އެއްބަސްނުވާ މީހެކެވެ. އެފަދަ މީހުންގެ ޙަސަދައިގެ ސަބަބުން އޭނާ ކުރާ ހެޔޮ ޢަމަލުތައް ނެތިގެން ދެއެވެ. ބޭކާރު ޢަމަލަކަށްވެގެން ދެއެވެ. عَنْ أَبِي هُرَيْرَةَ صلى الله عليه وسلم قَالَ: قَالَ رَسُولُ اللَّهِ ﷺ: الْحَسَدَ يَأْكُلُ الْحَسَنَاتِ كَمَا تَأْكُلُ النَّارُ الْحَطَبَ. (أَخْرَجَهُ أَبُو دَاوُدَ.) މާނައީ: އަލިފާނުން ދަރު އަންދާ ފަދައިން ހަސަދައިގެ ސަބަބުން ހެޔޮ ޢަމަލުތައް ނެތިގެންދެއެވެ."

ހަތަރުވަނަކަމަކީ: ޣީބަ ބުނުމާއި ދެބައޮޑުވުމެވެ. އެއްވެސް މިންވަރަކަށް އަނެކާ ނެތް ތަނެއްގައި އެމީހަކު ނުރުހޭ ވާހަކައެއް ދެއްކުމަކީ ޙަރާމްކަމެކެވެ. ތިބާ ވަރަށް ގިނަ ހެޔޮ ޢަމަލުތަކާއެކު ﷲ ޙަޟްރަތަށް ދިއުމަށްފަހު އަނެކާއަށް އެ ޢަމަލުތައް ދޭންޖެހޭނެ ފަދަ ޢަމަލެކެވެ. އަނެކާ އެއްވެސް ބުރައެއް ނުއުފުލާ ތިބާގެ ޢަމަލުތައް އަތުލާނެ ދުވަހެކެވެ. މިފަދަ ކަންކަމުން ރައްކައުތެރިވާން ޖެހޭނެއެވެ. ޣީބަ ބުނުމަކީ ކޮބައިކަން ބަޔާން ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. "ޣީބައަކީ ކޮން އެއްޗެއްކަން ތިޔަބައި މީހުންނަށް އެނގޭ ހެއްޔެވެ! އެހިނދު ޞަޙާބީން ދެންނެވިއެވެ. "އެންމެ މޮޅަށް ދެނެ ވޮޑިގަންނަވަނީ ﷲއާއި އެކަލާނގެ ރަސޫލާއެވެ." ރަސޫލާ ޙަދީސް ކުރެއްވިއެވެ. "އެއީ ތިބާގެ އަޚާ ނުރުހޭވާހަކަ (އެބަހީ: އޭނާ ނެތްތަނެއްގައި)  ދެއްކުމެވެ." ޞަޙާބީން ސުވާލު ދެއްނެވިއެވެ! "ތިމަންމެން ބުނާ ސިފަތައް އެމީހެއްގެ ކިބައިގައި ހުންނަނަމަ ހުއްދަވާނެތޯއެވެ؟" ހަދީސް ކުރެއްވިއެވެ. "އެމީހެއްގެ ކިބައިގައި އެސިފައެއް ވާނަމަ އެއީ ޣީބައެވެ. އަދި އެސިފައެއް އެމީހެއްގެ ކިބައިގައި ނުވާނަމަ އެއީ ބުހުތާން ދޮގެވެ." (رواه أبو داود).

ވީމާ، ޣީބަ ބުނުމާއި ޙަސަދަވެރިވުމާއި ދެބައޮޑުވުމާއި އަދި ދެއްކުންތެރިކަން ފަދަ ތިބާގެ ހެޔޮ ޢަމަލުތައް ފުހެލާ ކަންކަމުން ދުރުވާށެވެ. އެހެނީ، އެ ޢަމަލުތަކަކީ މި ދުނިޔެމަތީގައި ތިބާގެ ބުރަ މަސައްކަތުން ޢާޚިރަތަށް އެއްކުރާ ޚަޒާނާއެކެވެ. އެ ޚަޒާނާ ހޯދުމަށް ތިބާ އޮހޮރުވި ދަލާއި، ވަގުތާއި، ކެތްތެރިވި ކެތްތެރިވުން ބޭކާރު އެއްޗަކަށް ނަހަދާށެވެ. އެކަމުގެ ހިތާމަ ފަހުން ކުރަން ޖެހޭނެއެވެ.

+1
0
+1
2
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް