September 20, 2024 14:42
Advertisement

-Advertisement-

އެވޭލާ ހާދިސާ: ބިރުވެރި ރޭގަނޑެއްގައި ކޯމަހުގެ އެހީތެރިކަން ދެބަފައިންނަށް

މިހާރު އަހަރު ދުވަސް ވަނީއެވެ. މާލެދަތުރު އަވަސް ކުރަންވީއެވެ. އެކަމަކު ކުރައްދޫ މީހުންގެ ހިތްހެޔޮކަމާއި އޯގާތެރިކަމުން ދާންނުކެރިހުއްޓާ އެރަށާއި ދިމާލަށް ހުދުރިޔާނެގި އޮޑިއެއް އަންނަތަން ފެނުނެވެ. މިފަހަރު ޟަމީރުގެ މައްޗަށް ހިތްގަދަވެއްޖެއެވެ. ކަނޑައަޅައިފީމެވެ. މިއޮޑި ކުރައްދުއަށް ކައިރި ކޮށްފިއްޔާ އެއިން އުތުރަށް(މާލެއަށް) ދާނަމެވެ. ކަންދިމާވީވެސް އެގޮތަށެވެ. މަޑުމަޑު ވައިރޯޅިއެއްގައި އައިސް މިއޮޑި މިރަށަށް ބަނދަރުކޮށްފިއެވެ.

ޚަބަރު ބަލާލީމެވެ. ހަމަހީކުރެވުނީ ރަނގަޅަށެވެ. އެއީ މާލެ ދާން އުޅޭ އޮޑިއެކެވެ. އޮޑިއަށް ފެންބަރުކުރުމަށްޓަކައި މިރަށަށް ބަނދަރުކުރީއެވެ. އަހަންނަށް މާލެ ދެވިދާނެތޯ އެހީމެވެ. އަހަންނަކަށް ނޭނގޭ. ދޮންބެއްޔާގެކަލޯ ކުރެން އަހާށެވެ. އޮޑީގެ ފަޅުވެރިއަކު ބުނެލިއެވެ. ހަސަންބޭ މަޑުމަޑުން ދޮންބެއްޔާގެކަލޯ ކުރެން އަހައިފިއެވެ. ހަސަންބެ އެދުނު ކަންތައް އޮޑީގެ ނެވިމީހާ ފުއްދަދީފިއެވެ. އޮޑި ފުރުން އޮތީ މެންދަމު 12 ޖެހީމައެވެ. ހަސަންބެ ގެއައްގޮސް ފޮށިތަންމަތި ބަނދެގެން އައިސް އޮޑިއަށް އަރައި ނިދައިފިއެވެ. އަދި ހޭލެވުނީ މުޅި ހަށިގަނޑު ފިނިވީމައެވެ. ހުވަދޫ ކަނޑުގެ ބިޔަ ރާޅުތަކުގެ މަތިން ދުވެލާފައި އޮޑި ދަތުރު ކުރަމުންގޮސް ދެދުވަސް ފަހުން ބަދަރު ކުރީ ލ. އިސްދޫ އަށެވެ. އެރަށުގައި ތިންދުވަސް ނުފުރި ލަސްވިއެވެ. އެއީ ވައިމަޑުވުމުންނެވެ.

ހަތަރުވަނަ ދުވަހު އޮޑި ފުރަން ތައްޔާރުވުމުން ހަސަންބޭގެ ޚަބަރެއް ނުވިއެވެ. ހޯދާހޯދާ ނުފެނުމުން ނާއިބުގެއަށް އަންގާފަ އޮޑި ފުރައިފިއެވެ. އެވަގުތު ހަސަންބޭ އޮތީ އެރަށު ކަޅު އަޒީޒު ނަމަކަށް ކިޔާމީހެއްގެ ގޭގައެވެ. އޮޑި ފުރިޚަބަރު ހަސަންބެއަށް ލިބުމުން ވަރަށްދެރަވެފައި ދުވަސްކޮޅަކު އަޒީޒުގެ ގޭގައި މަޑުކުރަންޖެހުނެވެ. މިމަޑުކުރުމުގައި ހަސަންބޭ އޭނަގެ އާދައިގެ މަތީން އެރަށުގެ އެކިމީހުންނަށް ދިމާވެފައިވާ ހާދިސާތަކާއި ތާރީޚީ ބައެއްކަންކަން އޮޅުން ފިލުވިއެވެ.

Advertisement

ކަޅުއަޒީޒަކީ އުމުރުގެ ގޮތުން ހަސަންބެއާއި އެއްވަރުގެ މީހެކެވެ. އަޒީޒު ބުނެލިއެވެ. ހަސަންބޭއެވެ. "އަހަންނަށް މެދުވެރިވި ހިތާމަވެރި ހަގީގީ ވާހަކައެއް ކިޔާދޭނަމެވެ. ހަސަންބެ ފޯރިއާއެކު ދަތުރުނާމާ ހުޅުވާލިއެވެ. އަޒީޒު ބުންޏެވެ. އަޑުއަހާށެވެ. އަހަރެންނަކީ މިރަށު ފަރުމަސް ކެޔޮޅަކީމެވެ. އެއްރެއަކު ކެޔޮޅުކަމު ކަނޑުއޮޅިއަށް ނުކުތީމެވެ. އަހަންނާއި އަހަރެންގެ ތޭރަ އަހަރުގެ ކުއްޖަކާއި ދެމީހުންނެވެ. މަހެއް އަތުނުވެ ގިނަވަގުތު ހޭދަކުރަން ޖެހުނެވެ. ރަށަށް އަންނަން ޚިޔާލުވެސް ކުރީމެވެ. ނަމަވެސް މަހެއްނުބޭނޭތީވެ މަޑުކުރެވެނީއެވެ.

އެރޭގެ ބާރަޖަހާ ބޮޑުވެއްޖެއެވެ. އެންމަސްގަޑު ބުޅީގަ އަޅާފައި އެއްލައިލީމެވެ. ހަމައެއްލުމާއެކު މަސްގަންނަން ފަށައިފިއެވެ. އިސާހިތަކު ބޮއްކުރާގެ ދެވަތް އެކީފުރިއްޖެއެވެ. އަހަރެންގެ ދަރިފުޅު ބައްޕަ ދެންހުއްޓާލާށޭ ބުނުމާއެކު އެންމެ މަހެއްވެސް ނުބާނަމެވެ. ރަށަށް ދާން ބޮއްކުރާގެ ވައުނަގަން އުޅެއުޅެ ވަލެއް ނުނެގުނެވެ. ކަނޑުއަޑިން ރެދަންއަރާ ބޮއްކުރާ ވަށާލިއެވެ. ދަރިފުޅު ބުނެލިއެވެ. ބައްޕަ މިތިލަވަނީ ކޯއްޗެއްތަ؟ އަހަންނަށް ބާރަށް ޝަހާދަތް ކިއުނެވެ. ދަރިފުޅު ރޯން ފަށައިފިއެވެ. ބޮޑު ދާއްބައެއް ތިލަވަނީއެވެ. ބޮއްކުރާގެ ވައު ބުރިކޮށްފަ ފަލިޖަހަން ތައްޔާރުވިތަނާ ބޮއްކުރާ ބާރަށް ދުވަން ފަށައިފިއެވެ. ރަށާއި ދޮޅުމޭލެއްހާދުރެވެ. ބޮއްކުރާ ދުވަމުން މިދަނީ ރަށާ ދިމާލަށްހެންހީވެއެވެ. އެވަގުތު މަގޭ ދަރިފުޅު މަޅުމައްޗަށް ދެމިއްޖެއެވެ. ހީވަނީ ދެންމެދެންމެ ބޮއްކުރައަށް އެއެތި އަރާފާނެހެންނެވެ. އިރުކޮޅަކުން ބޮޑު ރާޅުބާންޏެއް އައިސް ބޮއްކުރާއެކީ އަޑިއަށް ހިނގައްޖެއެވެ. ބާނާފަހުރި ހުރިހާ މަސް ބޮއްކުރާގެ ތެރޭ ދުވަންފަށައިފިއެވެ. ޖެހި ރާޅަކާއެކު މަޅުމަތީގަ އޮތް ދަރިފުޅު ކަނޑަށް ހިނގައްޖެއެވެ. އަހަރެން (އަޒީޒު) ވެސް އޮތީ ކަނޑުގައެވެ. ދަރިފުޅަށް ވީގޮތެއް ނޭނގުނެވެ. އިރުކޮޅަކުން އެއްޗެއްގަ ފައި ޖެހުނެވެ. އޭގައި ރަނގަޅަށް ފައި ހަރުކޮށްފީމެވެ. ދަރިފުޅު ހޯދަން މަސައްކަތް ކުރީމެވެ. ނަމަވެސް ދަރިފުޅު ނުފެނުނެވެ. ކަނޑުގައި އަހަރެން ހަރުލާފަ ހުރިއެތި ދުވަން ފަށައިފިއެވެ. ބައިގަޑިއެއްހާއިރު ނުވަނީސް ރާޅުކަފަމުންގޮސް ގޮނޑުދޮށާއި ކައިރި ކޮށްފިއެވެ. އަހަރެން ގޮނޑުދޮށާއި ކައިރިކޮށްދިނީ ކޯއްޗެއްތޯ ރަނގަޅަށް ބަލާލީމެވެ. ބަލާލިއިރު އެއީ ބޮޑު ކޯމަހެކެވެ.

އަހަރެން ﷲ އަށް ޝުކުރުކުރީމެވެ. އަހަރެން ސަލާމަތްވިއިރު ދަރިފުޅު ގެއްލުނީމާ ހިތާމައިގެ ކޮޅެއްނެތެވެ. ކޯމަސްގައިގަ ފިރުމާލާފަ އޭތި ފޮނުވާލީމެވެ. ކޯމަސް މެދުވެރިކޮށް އެބޮޑު ބިރުވެރިކަމުން ﷲ އަހަރެން ސަލާމަތް ކުރައްވައިފިއެވެ. ކުޑަކޮށް ވަރުބަލި ފިލުވާލުމަށް ގޮނޑުދޮށުގައި އިށީނީމެވެ. އެއިރު އަހަރެން އަންނަންދެން މަސްގަތުމަށް އަތިރިމަތީގައި ބަޔަކުމީހުން ތިއްބެވެ. އަހަރެން ފެނިފައި އެމީހުން ހައިރާންކަމާއެކު އަހާލިއެވެ. ބޮއްކުރައާއި ދަރިފުޅު ކޮބައިތަ؟ އަހަންނަށް ގިސްލުމާއެކު ރޮވިއްޖެއެވެ. ދިމާވި ހުރިހާ ވާހަކައެއް ކިޔާދެވުނުއިރު އަހަރެންގެ ޚަބަރު ހުސްވެއްޖެއެވެ. ގެއަށް ދެވުނީ ކިހިނެއްކަމެއް ނޭނގުނެވެ. ފަހުން ހަމަހޭޖެހުމުން އެނގުނީ އަތިރީގައި ތިބި މީހުންގެ އެހީތެރިކަމާއެކު ގެއަށް ގެނައީކަމެވެ. ގޭތެރެއަށް ނަޒަރުހިންގާ ބަލާލިއިރު އެންމެފުރަތަމަވެސް ފެނުނީ ބޮއްކުރާމަތިން ގެއްލުނު މަގޭދަރިފުޅު ގޭގައި ހުއްޓައެވެ. އޭނަކުރެން ރަށަށް އާދެވުނުގޮތް އޮޅުންފިލުވުމުން ބުނީ ރަށަށް އާދެވުނީ ކޯމަހެއްގެ އެހީގައި ކަމަށެވެ. ބައްޕައަށް ވީގޮތެއްނޭނގި މަންމަ ރޮނީއެވެ. އަދި ދެއަތް މައްޗަށް ނަގާ ﷲ އަށް ދުއާ ދެންނެވުމުގައި ސާބިތުވެހުންނެވީއެވެ. އެވަގުތުވެސް ﷲ އަށް އަހަރެން ޝުކުރުކުރީމެވެ. އެއީ އަހަރެމެންގެ ދެބަފައިންނަށް ނުދަންނަ "މަޚުލޫގެއްގެ (ކޯމަހެއްގެ) މަދަދު ލިބުނީތީއެވެ.

ބޮއްކުރާ ކައިރިން ތިލަވި އެއްޗަކީ ކަނޑު ދާއްބައެކެވެ. އެދުވަހުގެފަހުން އިސްދޫގެ އެދުވަސްވަރުގެ ގިނަމީހުން އަހަންނަށް ކިޔާއުޅެނީ ކޯމަސް އަޒީޒުގެ ނަމުންނެވެ. ކޯމަހަކީ މިހާރުވެސް އިންސާނުންނާއި ވަރަށް ގާތްގުޅުމެއް އޮންނަ އެހީތެރިއެކެވެ". ވާހަކަ ނިންމާލަމުން އަޒީޒު ބުންޏެވެ. ހަސަންބޭ، މިއީ އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ބިރުވެރި ހާދިސާއެވެ. ތިއީ ކިތަންމެހާވެސް އިބުރަތްތެރި އަދި އެހާމެ ބިރުވެރި ހާދިސާއެކެވެ. ހަސަންބެ ބުނެލިއެވެ.

 

ނޯޓް: މިއީ މަލިކު ހަސަންބޭގެ ހުވަދޫ ދަތުރުގެ ހާދިސާއެކެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލު ގެނެވިފައިވާނެއެވެ.

+1
3
+1
12
+1
4
+1
5
+1
15
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް