November 22, 2024 06:42
Advertisement

-Advertisement-

ރަހޫމިސް: ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ލޯތްބާއި އަޅާލުން ދިނުމުގައި ނަމޫނާއެއް

ހަރުދަނާ ޖީލެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއްބަޔަކީ މުދައްރިސުންނެވެ.

އިޖުތިމާއީ ރައްކާތެރިކަމާއި، އިންސާނީ ހައްގުތައް ދިރުވާ ކުރިއެރުވުމުގެ ދާއިރާއިން، ޚާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނަށް ޚިދުމަތް ކުރުމުގައި ދެވަނައެއްނެތް ލޮބުވެތި މުދައްރިސެއް ކަމުގައިވާ، އިމާދުއްދީން ސްކޫލުގެ ލީޑިން ޓީޗަރެއްގެ މަގާމު އަދާކުރައްވަމުން އަންނަ ރަހުމާ އީސާ ނުވަތަ އެންމެން ދަންނަ ނަމުންނަމަ ރަހޫމިސް އަށް ޚާއްސަ މިކޮށްލަނީ 'ޒީޓައިމްސް' ގެ މިފަހަރުގެ ފަރުދުން ކެޓަގަރީއެވެ.

ރަހޫމިސް އަކީ 'މާސްޓަރސް އިން ސްޕެޝަލް އެޑިއުކޭޝަން' ގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ އެންމެންނާއި އެކުވެރި މިސް އެކެވެ.

Advertisement

ސްކައުޓް ހަރަކާތުގެ އިތުރަށް އިޖްތިމާއީ އެތައް މަސައްކަތެއް ކުރުމުގައި އަވަދިނެތި އުޅެމުންއަންނަ ރަހޫމިސް އަބަދުވެސް ފެންނަނީ ހިނިތުންވުމާއި އެކުގައެވެ. އާއިލާއާއިއެކު ކ.ވިލިގިލީގައި ދިރިއުޅެމުން އަންނަ ރަހޫމިސްގެ އުންމީދަކީ ގައުމަށް ހެޔޮލަފާ ދަރިންތަކެއް ނެރެދެއްވުމެވެ.

ރަހޫމިސް އޭނާގެ ދޮންތަ ވަލީދާ އީސާ އާއިއެކު

ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވިގޮތް

ކިޔަވައިދިނުމަށް ޝައުގުވެރިކަން އުފެދެންފެށީ ގްރޭޑް 8 ގައި އުޅުނު އިރުއެވެ. "އެއިރު އަވަށްޓެރި ގެތަކުގެ ކުދިންނަށް ކިޔަވައިދޭން ފެށުނު. އެކަންފެށުނީ އެކުދިންގެ ބެލެނިވެރިން ބުނި ބުނުމަކަށް. އަދި އެއިރު އަޅުގަނޑުގެ ދޮންތަ ވަލީދާ އީސާ ވަޒީފާ އަދާކުރަމުން ގެންދިޔައީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގައި. ވަޒީފާ ނިންމާފައި ގެއަށް އައިސް ކުދިންނަށް ކިޔަވައިދިނުމުގައި އުޅޭތީ އެކަމުގެ ތެރެއިންވެސް ޝައުގުވެރިކަން އުފެދުނު. ދޮންތަވެސް ހަމަ ރަހޫމިސް އާއި އެއްއަހަރެއްގައި ކިޔަވައިދިނުމުގެ ކޯސް ފުރިހަމަކުރި. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސެކަންޑަރީ ދިވެހި ކޯސް ފުރިހަމަކޮށް 1992 ގައި މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދެމުން ގެންދިޔަ ދުވަސްވަރު ވެސް ދޮންތަ ސްކޫލުން އައިސް ކުދިންނަށް ކިޔަވައިދޭނެ. އެޒަމާނަކީ ހުރިހާ ކުދިންނަށް ކިޔެވުމުގެމަގު ފަހިވެފައޮތް ޒަމާނެއް ނޫން. ދޮންތައާއި ދެމީހުންވެގެން ގޭދޮށު ކުދިން ގެނެސްގެން ގަސްދޮށުގައި ކިޔަވައިދިނީ". ވަރަށްގިނަ ކުޅިވަރާއި އެކިއެކި ހަރަކާތްތަކާއެކު ކުދިންނަށް ކިޔަވައިދިންކަމަށް ފާހަގަކުރައްވާ އެއިރުގެ ހަނދާންތައް ހިއްސާކުރެއްވިއެވެ.

އެންމެ ފުރަތަމަ ނަރުހަކަށް ވާން ބޭނުންވި ކަމުގައިވިޔަސް، އާއިލާއިން އެކަމަށް އެހާ ގަޔާނުވުމުން ރަހޫމިސް ޚިޔާލު ބަދަލުވިއެވެ. ޓީޗަރަކަށް ވެއްޖެނަމަ މުޖުތަމައަށް ވަރަށްގިނަ ކަންތައްތަކެއް ކޮށްދެވޭނެކަމަށް ވިސްނައި އަދި ރާއްޖޭގެ ކޮންމެތަނަކަށް ދާންޖެހުނު ކަމުގައިވިޔަސް ވަޒީފާގެ ފުރުސަތު ލިބޭނެކަހަލަ ދާއިރާއެއް ޚިޔާރު ކުރުމަށް ޓީޗިންގ ދާއިރާއިން ކުރިއަށްދިއުމަށް ނިންމެވީއެވެ. 

ބައެއް ދަރިވަރުންނާއެކު ރަހޫމިސް

ރަސްމީކޮށް ޓީޗަރެއްގެ މަޤާމު އަދާކުރަން ފެށުން

1993 ވަނަ އަހަރުން ފެށިގެން މިއަދާއިހަމައަށް މެދުނުކެނޑި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ރަހޫމިސް މިހާރު މަސައްކަތް ކުރައްވަނީ އިމާދުއްދީން ސްކޫލުގައެވެ. ފުރަތަމަ ތާޖުއްދީނު ސްކޫލުގައި 10 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ބަދަލުވީ އިމާދުއްދީނު ސްކޫލަށެވެ. އޭގެ 2 އަހަރު ފަހުން މުހިއްޔިއްދީން ސްކޫލަށް ބަދަލުވިއެވެ. އަނެއްކާވެސް 2006 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި މަސައްކަތް ކުރައްވަން ފެއްޓެވި އަދި އެންމެގިނަ ދުވަހު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައި ވަނީ އިމާދުއްދީން ސްކޫލުގައެވެ.

ޓީޗިންގ ދާއިރާގައި ކުރެވުނު ތަޖުރިބާ

ތާޖުއްދީން ސްކޫލުގައި މަސައްކަތްކުރައްވަމުން ގެންދެވިއިރު އެމާހައުލުން ދަސްވި އެންމެބޮޑު އެކައްޗަކީ އެކަކު އަނެކަކަށް އަޅާލުމާއި، ލޯތްބާއި އޯގާތެރިކަން ދިނުމެވެ. ތާޖުއްދީން ސްކޫލަކީ ހުރިހާ ހުނަރަކާ ގާބިލުކަމެއް ލިބުނުތަނެއް ކަމުގައި ރަހޫމިސް ސިފަކުރެއްވިއެވެ. ތާޖުއްދީން ދޫކޮށްފައި އިމާދުއްދީނަށް އަންނަންޖެހުމުން ފުރަތަމަ ދެރަވި ކަމުގައިވިޔަސް އިމާދުއްދީނަށް އައުމަށްފަހުގައި އުޅެން ލިބުނީ ހަމަ އެކަހަލަ އެކުވެރި މާހައުލެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

އިމާދުއްދީނުގައި 2004 ވަނަ އަހަރުން ފެށިގެން ޚާއްސަ އެއީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ފަށާފައި 2005 ވަނަ އަހަރު ވިލިގިލީގައި ހުންނަ މުހިއްޔިއްދީނު ސްކޫލަށް ބަދަލުވުމަށްފަހު ރަހޫމިސްގެ ދާއިރާ ބަދަލުވިއެވެ. އެކަމުގެ ސަބަބުން ވަރަށް ދެރަވެ އުދަގޫވިއެވެ. ސަބަބެއް ކަމުގައި ރަހޫމިސް ވިދާޅުވީ ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭންފަށާފައި އެކުދިންނާއި ވަކިވެގެން އަންނަން ޖެހުމެވެ. ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުން އެއީ ލިބޭ އުފަލެއްކަމުގައި ގަބޫލުކުރައްވާ ރަހޫމިސް މުހިއްޔިއްދީން ސްކޫލުގައި ވަޒީފާ އަދާކުރައްވަމުން ޕާރޓްޓައިމް ޓީޗަރެއްގެ ގޮތުގައި އަނެއްކާވެސް އިމާދުއްދީނަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ.

ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެއްވަން ނިންމެވީ ކީއްވެ؟

ރަހޫމިސް ވިދާޅުވިގޮތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކެރިއަރެއްގެ ގޮތުގައި އެދާއިރާއަށް ކުރިމަތިލީއެވެ. ވިލިގިލީގައި ދިރިއުޅެމުން މުހިއްޔިއްދީން ސްކޫލުގައި ވަޒީފާ އަދާކުރަމުން ޕާރޓްޓައިމް ޓީޗަރެއްގެ ގޮތުގައި މާލޭގައި ހުންނަ އިމާދުއްދީން ސްކޫލުގައި މަސައްކަތްކުރުމަށް ބޭނުންވީ ކެތްނުކުރެވިގެން ކަމުގައި ފާހަގަކުރެއްވިއެވެ.

"ތަފާތު ކުދިން ތިބޭއިރު އެކުދިންނަށް އުގަންނައިދިނުމުގައި ކަންކަން ކުރާނެގޮތް ވަރަށްބޮޑަށް ރާވައިގެން ކުރިއަށް ގެންދަންޖެހުނު. އެކިކަހަލަ ކުދިންތަކެއްގެ ތެރެއިން ޚާއްސަ އެހީތެރިކަމެއް ބޭނުންވާ ކުދިންނަކީ އެންމެ ރަނގަޅަށް ވިސްނޭނެ ކުދިން ކަމުގައި ބަލައިގެން އެކުދިންނަށް ވިސްނޭނެ ގޮތަކަށް ކުރިއަށްގެންދިޔުން އެއީ އެންމެބޮޑު ގޮންޖެހުން". 

ދަރިވަރުންނާއި އޮންނަ ގުޅުން

ރަހޫމިސް ދެކިލައްވާގޮތުގައި ކިޔަވައިދޭ ކުދިންނަކީ އަމިއްލަ ދަރިން ކަހަލަ ބައެކެވެ. "ޓީޗަރުންނަކީ ދެވަނަ މަންމަ ކަމުގައިވާއިރު އެހެން ނުވާންވީ ސަބަބެއްވެސް ނެތް. ނަސޭހަތެއްދިނަސް އަދި ކަމަކާ ހިތްހަމަނުޖެހުނަސް ތިބޭނީ ޓީޗަރުން. ކުދިންނާއި ޓީޗަރުންނާއި ދެމެދު އިތުބާރާއި ލޯބި ވަރަށްބޮޑަށް އޮވެގެން ނޫނީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ފަސޭހަކަމަކަށް ނުވާނެ. ކުއްޖާއާއި ޓީޗަރާއި ދެމެދު އޮންނަ އިތުބާރު ގާއިމު ކުރެވިއްޖެނަމަ ކުދިންގެ މަންމައަށްވުރެވެސް ބޮޑަށް ކަންކަން އެކުދިން ހިއްސާކުރޭ. މިސާލެއްގެގޮތުން ނަގާނަމަ 'އެބިއުސް ކޭސަސް' މިކަހަލަ ކަންކަމަކީ މަންމަމެންނާއި ހިއްސާކުރަން ވަރަށްބޮޑަށް ޖެހިލުންވާ ކަހަލަ ކަންކަން. ޓީޗަރާއި ދެމެދު އޮންނަ ގުޅުން ރަނގަޅުވެއްޖެނަމަ އެކަހަލަ އެތައްކަމެއް ކުދިން ހިއްސާކުރާނެ" ހުރިހާ ކުދިންނަކީވެސް ވަރަށް ގާތް ވަރަށް ލޯބިން ގެންގުޅުނު ކުދިންކަން ފާހަގަކުރައްވަމުން ރަހޫމިސް ވިދާޅުވިއެވެ.

ޑޮކްޓަރު ކަމުން ފެށިގެންގޮސް ވަރަށްގިނަ ދާއިރާތަކުގައި ރަހޫމިސްގެ ދަރިވަރުން މަސައްކަތްކުރާތަން ފެނުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ. "ޓީޗިން ދާއިރާއިންވެސް ރަހޫމިސްގެ ދަރިވަރުން ފެނޭ. ބައެއް ކުދިން ބުނޭ މިސް ޓީޗަރަކަށް އުޅޭތީއޭ ޓިޗަރުކަން ކުރާހިތްވީ. އެހެން ބުނީމަ ވަރަށް އުފާވޭ". ހިނިތުންވުމާއެކު ވިދާޅުވިއެވެ.

މިދާއިރާގައި އެންމެ ހަނދާނުން ފޮހެލަން ދަތި ދުވަސްތައް

ކޮންމެ ކުއްޖަކާވެސް ވަކިވާންޖެހޭ ދުވަހަކީ ވަރަށްދެރަވެ އަދި ހަނދާންހުންނަ ދުވަހެއްކަމަށް ވިދާޅުވިއެވެ.

" ބައެއްކުދިން އެބަހުރި އަބަދުގެ އަބަދަށް ވަކިވެގެން ގޮސްފަ. ސްކޫލުގައި އުޅެމުންނާއި ސްކޫލު ނިންމުމަށްފަހުވެސް ބައެއްކުދިން ނިޔާވި ވާހަކަ އަޑުއިވުމުން ވަރަށް ދެރަވޭ. މިދާއިރާއަށް އައިފަހުން އެންމެ ދެރަވީ ޑައުންސިންޑްރޯމް ކުއްޖަކަށް އުޅުނު އުޝާމާ ކިޔާކުއްޖެއް ނިޔާވި ދުވަހު. އެއީ ހުރިހާ ޓީޗަރުންނާއިވެސް ވަރަށް ގާތްކޮށް އުޅުނު ކުއްޖެއް. ހަމަ މިގޮތަށް ރައުދާ ކިޔާ ކުއްޖެއްވެސް ނިޔާވި ދުވަސް އެއީ ވަރަށް ހިތްދަތިވި ދުވަހެއް. ރައުދާ ނިޔާވީ ކެންސަރަށް ފަރުވާ ކުރުމުގެ ތެރޭގައި. މިކަހަލަ ހިތްދަތި އެތައް ވަގުތުތަކެއް އައި" ހިތްދަތި ހަނދާންތައް އާކުރަމުން ވިދާޅުވިއެވެ.

ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަކީ މުޖުތަމައުން ބާކީކޮށްނުލައި އެކުދިން ބަލައިގަންނަ މުޖުތަމައަކަށްވުން އެއީ ލިބިލެއްވި ހިތްހަމަޖެހުމެކެވެ. "ވަރަށްގިނަ މީހުން ބުނާނެ އެކުދިންނަށް ކޮންކަމެއްހޭ ވާނީ. އެކުދިންނަށް ކޮންއެއްޗެހޭ ދަސްވާނީ. އެކަމަކު ރަހޫމިސް އެކަމަށް ކުރިމަތިލީ ވަރަށްބޮޑު ޔަގީންކަމަކާއި އަޒުމެއް އޮވެގެން. މިއަދުގެ މުޖުތަމައަށް ބަލާލީމަ ވަރަށްއުފާވޭ އެކަހަލަ ކުދިން މުޖުތަމައު ތެރެއަށް ނެރެދެވުނީމަ. އޭގެތެރެއިން ބައެއްކުދިން އެބަތިބި ވަޒީފާގަވެސް. ބައެއް މައިންބަފައިންވެސް ހީކުރޭ ހަމަ ނުވާނެޔޭ. އެކަމަކު ޓީޗަރުންނާއި ހިއްސާކޮށްގެން އެކަންކަން ވާނެކަން ގަބޫލުކުރެވުނީމަ އެކަމަށް ހިތްވަރު ލިބިގެންދިޔަ ބެލެނިވެރިންވެސް ވަރަށްގިނަ" 

ފާހަގަކުރެވޭ ކާމިޔާބީ

އިޖުތިމާއީ ރައްކާތެރިކަމާއި، އިންސާނީ ހައްގުތައް ދިރުވާ ކުރިއެރުވުމުގެ ދާއިރާއިން ޚާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނަށް ޚިދުމަތް ކުރުމުގެ ރޮނގުން ގައުމީ އިނާމާއި، ޓީޗަރސް އެކްސެލެންސީ އެވޯޑާއި، ރިވެލި އެވޯރޑްވެސް ރަހޫމިސް އަށް ލިބިލެއްވިއެވެ.

" ޓީޗަރސް އެވޯރޑް ލިބުނު ދުވަހަކީވެސް ވަރަށް އުފާވި ދުވަހެއް. ޚާއްސަކޮށް ދާއިރާގައި ކުރި މަސައްކަތްތައް ސަރުކާރުން ބަލައިގެންފައިވާތީ ވަރަށް އުފާވި. މިކަމުން ދޭހަވީ މިމަސައްކަތް ގައުމު ބަލައިގެންފިކަން. އެއީ ވަރަށްބޮޑު ހިތްވަރެއް ލިބުނު".

ރިވެލި އެވާރޑް ލިބިލެއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އަދި ރަހޫމިސް

ކޮވިޑުގެ ސަބަބުން ސްކޫލަށް ނުދެވުމުން ދިވާމި ދަތިތައް

ރަހޫމިސް ވިދާޅުވިގޮތުގައި ކޮވިޑްގެ ސަބަބުން ދަރިވަރުން ސްކޫލަށް ހާޒިރުނުވެވުނު ދުވަސްތަކުގައި ވަރަށްގިނަ ދަތިތަކާއި ކުރިމަތިވިއެވެ. "ބައެއް ކުދިންނަކީ އަމިއްލަ ޝުޢޫރު ފާޅުކުރެވޭނެ ފަދަ ކުދިންނަށް ނުވުމުން އުނދަގޫވި. ދެން ކޮންމެ ކުއްޖަކާވެސް ވަކިވަކިން ގުޅައިގެން ކުރިއަށްގެންދިޔައީ. އަދި ބެލެނިވެރިންނާވެސް ގުޅިގެން. ބެލެނިވެރިންވެސް ސުވާލުކުރާނެ. ވަކިން ގުޅާފަ ކިޔައިދީ ދެން އިތުރަށް ހައްލުކުރަންޖެހޭ ކަންކަމާއި ގޮތްތައް ބުނެދެން. ހަފްތާއަކު އެއްފަހަރު މަސައްކަތް ހަވާލުކޮށްގެން ނުވަތަ ވީޑިއޯ ކޯލް ކޮށްގެންވެސް ކުރިއަށް ގެންދިޔައިން"

އާއިލާގެ ބައެއް މެންބަރުންނާއެކު

ނިންމުން

28 އަހަރު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ރަހޫމިސް  މެދުކެނޑުމެއްނެތި 17 އަހަރު މަސައްކަތްކުރެއްވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައެވެ. އެންމެބޮޑު އެއްބާރުލުމެއް ލިބުނީ ފިރިމީހާ އާއި އާއިލާގެ ފަރާތުން ކަމަށް ފާހަގަކުރެއްވިއެވެ. ދެން އެންމެބޮޑު އެއްބާރުލުމެއް ލިބުނީ ސްކޫލުގެ މެނޭޖުމެންޓާއި، އެކުގައި މަސައްކަތްކުރި މީހުންނާއި އަދި 'ޖުވެއިލްސްޓީމް' ގެ ފަރާތުންނެވެ.

ޓީޗަރަކަށްވުމަށް ބޭނުންވާ ކުދިންނަށް ދެއްވި ނަސޭހަތަކީ، ހިތްވަރު އެލުވާނުލާ ކުރާހިތުން ޝައުގުވެރިކަމާއެކު ކުރިއަށް ދިއުމަށާއި، ކުދިންގެ ހުނަރު ދެނެގަނެ އަދި ކުދިންދެކެ ވަރަށް ލޯބިވެގެން ވަރަށް ލޯބިދީގެން ނޫނީ ޓީޗަރަކަށް ވުމަކީ ފަސޭހަކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

+1
0
+1
20
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް