September 20, 2024 13:31
Advertisement

-Advertisement-

ދަލޭކައާއި އަވަލީ 2 ޖިންނިއަށް ވީގޮތް

ރައްޓެހިން ނެތުމުން އަހަރެން އުޅެމުންއައީ ވަރަށް އެކަނިވެރި ގޮތެއްގައެވެ. ހަމައެކަނި ހުރިމީހަކީ އަޒީޒުއެވެ. އެއީ ތެދުވެރި އެހީތެރިއެކެވެ. އަދި ވަރަށްގާތް އަޚެކެވެ. އޭނަގެ އޯގާވަންތަކަމަށް އަހަރެން ޝުކުރުކުރަމެވެ. އެއްދުވަހަކު އަޒީޒު އާއިއެކު ކަޅައިދޫއަށް އަހަރެން ދިޔައީމެވެ. އަބަދުވެސް އަހަރެންގެ ދަތުރުނާމާ އަތުގައި އޮވެއެވެ. އެހެންވެ މިއަދުވެސް އެފޮތް ގެންދިޔައީމެވެ.

އަޒީޒުގެ އެހީތެރިކަމާއެކު ކަޅައިދޫގެ ވަރަށް އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް ވަދެވިއްޖެއެވެ. އެގޭގައި އުޅެނީ ވަރަށް މުސްކުޅި ދެމަފިރިންނެވެ. ފިރިހެންމީހާގެ އުމުރަކީ 85 އަހަރެވެ. އަންހެންމީހާގެ އުމުރަކީ 90 އަހަރެވެ. އަޒީޒު އެދެމީހުންނަށް އަހަރެން ތައާރަފް ކޮއްދިނެވެ. އަހަރެންނަކީ މަލިކު މީހެއްކަމަށާއި ނަމަކީ ހަސަނު ކަމަށް ބުނެދިނެވެ. އެމުސްކުޅިމީހާ ބުނެލިއެވެ. "ތިޔައީ އަހަރެމެންގެ ކާފަ ރަށުގެ ކުއްޖަކީމުތާއެވެ. އަދި ބުނެލިއެވެ. ދަރިފުޅު ހަސަނާ ނިކަން ބޭބެގެ ކައިރިއަށް އައިސްބަލާށެވެ. ކޮބާތަ ގެރަވަލު އާދަނު، ބުރަންމާނިގޭ މޫސާ ދުނިޔޭގައި އެބައުޅޭތަ؟ އެދެމީހުން ބޭބެއަށްވުރެ 20 އަހަރު ޅަވާނެއެވެ." "އެދެމީހުން ހާލު ރަގަނޅު ދުނިޔޭގައި އެބަތިބި. ހަސަންބޭ ބުނެލިއެވެ." ދެން އެމުސްކުޅި ބޭބެ (އެތެރެފަލު ރެކިބޭބެގެ) އަންހެނުން (ދަލޭކާ) ކުޑަ ނާސްތާއެއް ތައްޔާރުކުރުމުން ދަނޑިމޭޒު ކައިރިއަށް ގޮސް ނާސްތާކޮށްފީމެވެ. އެއީ ކުއްޅަވަކާއި ހުންޏާއި ދިޔާހަކުރެވެ. އަހަންނަށް އެއީ ވަރަށްމީރު ކެއުމަކަށް ވިއެވެ. ރެކިބޭބެ އަޒީޒު ކުރެން އެރަށަށް އައިބޭނުން އޮޅުންފިލުވިއެވެ.

އަޒީޒު: މިއީ ހަސަންބޭ ފޫހިވާތީ އައި ދަތުރެކެވެ. ރެކިބޭބެ: ދަރިފުޅު ހަސަނާ ބޭބެ ކޮށްދޭންވީ ކޮންކަމެއްތޯއެވެ. ހަސަންބޭ: މާބޮޑުކަމެއް ކޮށްދޭނެކަމެއްނެތެވެ. ބޭބެއާއި ދިމާވި ނުވަތަ މިރަށުގެ ތާރީޚުގައި ހިގާފައިވާ ހާދިސާއެއް ބޭބެއަށް އެނގޭނަމަ ކިޔާދެއްވާށެވެ. ރެކިބޭބެ ބުންޏެވެ. ވަރަށްގިނަ ހާދިސާތައް ދަސްހުއްޓެވެ. ނަމަވެސް މިހާރު އެހާދިސާތައް ވަނީ ހަނދާންނެތިފައެވެ. އެހެންވެސް ވާނެތާ މިހާރު ބޭބެ މިވަނީ މުސްކުޅިވެފައިވިއްޔާ. ދޯ އަޒީޒު. ނަމަވެސް ބޭބެގެ އަންހެނުންނާއި ދިމާވި ވަރަށްބޮޑު ހާދިސާއެއް ކިޔާލަދޭނަމެވެ.

Advertisement

ހަސަންބޭ އޭނަގެ ދަތުރުނާމާ ހުޅުވައިލިއެވެ. އަދި ރެކިބޭބެގެ ކުރެން އެހާދިސާ ކިޔާދިނުމަށްއެދުނެވެ. ރެކިބޭބެ ދަލޭކައަށް ގޮވާލައިފިއެވެ. ދަލޭކަ އައުމުން އަށިގަނޑުގައި އިށީންނާށޭ ބުންޏެވެ. އަދި އަހަރެން މިކިޔާދޭ ވާހަކައިގަ ކުށެއްވާނަމަ އަހަރެން ހަނދާން ކޮށްދޭށެވެ. ދަރިފުޅު ހަސަނާ ލިޔާށެވެ. "އެއްރެއަކު ބޭބެ އިޝާނަމާދުން ފައިބައިގެން ގެއަށްއައި މަގުމަތީ ދަލޭކައާއި ދިމާވިއެވެ. އެއިރު އޭނަގެ އުމުރަކީ 20 އަހަރެވެ. ބޭބެގެ އުމުރުން 15 އަހަރެވެ. އެއައި މަގުމަތީގައި ކަޅު ބުޅަލެއް ފެނުނެވެ. އިރުކޮޅަކުން އަނެއްކާ ކަޅުކުލައިގެ ކުކުޅެއް ފެނުނެވެ. އިޝާނަމާދު ވަގުތުގައި މަގުމަތިން ކުކުޅު ފެނުމަކީ ވަރަށް ނާދިރުކަމެކެވެ. ކުކުޅުގެ ގޮވުން ހާލު އަޑަށް ބަދަލުވެއްޖެއެވެ. ބުޅަލުގެ އަޑު އިންސާނެއްގެ އަޑަށް ބަދަލުވެއްޖެއެވެ. އިރުކޮޅަކުން އަހަންނަށް މިދެވެނީ ކޮންތާކަށްކަމެއް ނޭނގުނެވެ. ދަލޭކަ ގެއްލިއްޖެއެވެ. މަގުމަތީން މީހަކުވެސް ނުފެނެއެވެ. އަނދިރިވުމުން ތަންދޮރު ސާފުވާވަރެއްވެސް ނުވެއެވެ.

އަހަރެން ބިރެއް ނުގަނެއެވެ. އެވަގުތު ޤުރުއާން ކިޔަވަން ފެށީމެވެ. ނަމަވެސް ދަލޭކަ ނުފެނުމުން ދެރަވިއެވެ. މަގުމަތި ސާފުވެ އެކި ތަންތަން ފެންނަން ފަށައިފިއެވެ. މަގުމަތިން ބަލާލާ ކޮންމެދިމާލަކުން ވެސް ފެންނަނީ ދަލޭކައެވެ. އެތަނުން ހަގީގީ ދަލޭކަ އަކީ ކޮބައިކަމެއް ނޭނގެއެވެ. މިހާރު ގެއާއި ވަރަށް ކައިރިވެއްޖެއެވެ. ގެއަށް ވަންނަ ދޮރުމަތީގައި ދަލޭކަ ވެއްޓިފަ އެބައޮތެވެ. ކައިރިވެފަ އަތުގައި ކޮއްޓާލީމެވެ. ދަލޭކަ އަނގައިން ނުބުންޏެވެ. ނަމަވެސް އިޝާރާތުން ކައިރިނުވަން އެންގިއެވެ. ތަންކޮޅެއް ދުރަށްޖެހިލީމެވެ. ނަމަވެސް މަގޭ ދަލޭކަ އެހެން އޮއްވާ މަށަށްދުރުގަ ހުރެވޭނެހެއްޔެވެ.؟ އަނެއްކާވެސް ކައިރިވެލީމެވެ. އެވަގުތު ދަލޭކަގެ އަސްލު ސޫރަ ނޫން އެހެން ސޫރައެއްގައި އޭނާ ތެދުވެއްޖެއެވެ. ހީވަނީ ބަޑިއެދުރު ކަލޭގެހެންނެވެ. އެވަގުތު އަހަރެން ބިރުގަތެވެ. އެއިރު ދަލޭކައަށް ހެދިގެން އުޅުނުއެތި އަހަރެންނާއި ދުރަށްޖެހެމުން ދިޔައެވެ.

އަހަރެން ދުވެފަގޮސް މިދިލި ދޮންފުތާއަށް ގޮވައިގެނެސްފީމެވެ. އޭނައަށް ދަލޭކަގެ ހާލަތު ދައްކާފީމެވެ. އޭނަގޮސް އެއެއްޗަކާ ކައިރިވެލާފައި ވަރަށް ކިޔަވާފިއެވެ. މަޑުމަޑުން އެއެތި ދަލޭކަގެ އަސްލު ސިފައަށް ބަދަލުވާން ފަށައިފިއެވެ. ދޮންފުތާ ބުނެލިއެވެ. ރެކިފުތާއެވެ. މިއަށްވުރެ އިތުރަށް ރަނގަޅުކުރަން އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް މިއަތޮޅު ގަލުގާއުޅޭ އެދުރުގޭ އިދުރީސް ގެންނާށެވެ. އޭނައަށް ރަނގަޅުވެދާނެއެވެ. އޭނައަކީ ވަރަށްމޮޅު މީހެކެވެ. ރެކިބޭ ދެތިންދުވަހުގެ ތެރޭ އިދުރީސް ގެސްފިއެވެ. އިދުރީސް އަށް އެގޭ ފެނުމާއެކު އެއީ ކުށުވެރި ގެއެއްކަން އެނގިއްޖެއެވެ. އަދި ބުނެލިއެވެ. ދަލޭކާއަށް ރަނގަޅު ކޮށްދޭނަމެވެ. އެކަމަކު ހަފްތާއެއްވަރު ވާނެއެވެ. އިދުރީސް އަހަރެންގެ ދަލޭކައަށް ރަނގަޅުވާނެދޯއެވެ. ރެކިބޭބެ ބުނެލިއެވެ. އިދުރީސް: އިރާދަކުރެއްވިއްޔާ އަހަރެންކުރާ މަސައްކަތަށް ﷲ ޝިފާދެއްވާނެއެވެ. އިދުރީސް މަސައްކަތް ފަށައިފިއެވެ.

ފުރަތަމަ ދުވަހު ދަލޭކަ ކުރެން އޭނައަށް ދިމާވި ކަންތައްތައް އޮޅުންފިލުވިއެވެ. އެތަނުން ބައެއްކަންކަން ދަލޭކަ ކިޔާދިނެވެ. ދެންހުރި ކަންތައް ކިޔައިދީފިނަމަ އަހަރެންނަށް އަނިޔާކުރާނެވާހަކަ ބަޔަކު (ޖިންނީން) އެބަބުނެއެވެ. އެހެންވީމަ އެވާހަކަތައް ބުނަން ނުކެރޭނެއެވެ. މިހާރު އެމީހުން ކޮބާހެއްޔެވެ.؟ އިދުރީސް ބުނެލިއެވެ. މިހާރުވެސް ވަރަށް ކައިރީގައި އެބަތިއްބެވެ. އިދުރީސް: އެމީހުން ކައިރީގައި ބުނެބަލަ އެމީހުން ބޭނުންވަނީ ދުނިޔޭގައި ތިބުންހެއްޔެވެ.؟ ނޫނީ މަރުވަންހެއްޔެވެ.؟ ދަލޭކަ: އެމީހުން ބޭނުންވަނީ ދުނިޔޭގައި އުޅޭށެވެ. އިދުރީސް އެހެންވިއްޔާ ހުރިހާ ވާހަކައެއް ކިޔާދޭށެވެ. ދަލޭކަ: އެމީހުން ބުނަނީ މާދަމާރޭ އިޝާވަގުތުގައި ކިޔާދޭނަމެވެ. އެވަގުތަށް އިދުރީސް ތައްޔާރުވެ ދަލޭކަ ހޭނައްތާލިއެވެ.

އިދުރީސް ކައިރީގައި ރެކިބޭބެ ހުއްޓެވެ. އެވަގުތު ދަލޭކަ އޭނައަށް ދިމާވި ވާހަކަ ކިޔާދޭން ފެށިއެވެ. "އަހަރެންގެ އުމުރުން ދިހަ އަހަރުގެ ތެރޭގައި ނުދަންނަ ދެމީހަކު އަހަންނާއި ރައްޓެހިވިއެވެ. އެކަކު އަންނަކަމެއް އަނެކަކަށް ނޭނގެއެވެ. އަހަރެން އަބަދުވެސް ނުގަބޫލުކަން އެދެމީހުންނަށް އަންގަމެވެ. ނަމަވެސް އެދެމީހުން އަހަންނާއި ވަކިވާގޮތެއް ނުވިއެވެ. ކުރީކޮޅު އަނިޔާއެއް ނުކުރެއެވެ. ނަމަވެސް ފަހުންއައިސް އަނިޔާކުރަންފެށީ އިންތިހާއަށެވެ. ކޮންމެރެއަކު އެތަކެއްފަހަރު އަނިޔާކޮށް ދުއްތުރާ ކުރެއެވެ. ކިތަންމެ ރެއަކު އިސްތަށިގަނޑުގައި ހިފާ ދަމާފަ ގެއިން ބޭރަށް ނެރެ ގެންދަން އުޅެއެވެ. މިގޮތަށް ތިންއަހަރު ވޭތުވެ ދިއުމަށްފަހު އެއްރޭ ރެކިފުތު އިޝާނަމާދުން ފޭބިއިރު އޭނަ ކައިރިއަށް ދިޔައީމެވެ. އެވަގުތު މަގުމަތިން އެދެމީހުން އައިސް ހަމަލާދޭން ފެށިއެވެ. އެއިރު ރެކިފުތުހުރީ އަހަރެންގެ އަތުގައި ހިފާފައެވެ. ފަހުން އެދެމީހުން އަހަރެން ފޭރިގަނެގެން ގޮސް ގޭގެ ދޮރުމައްޗަށް ވައްޓާލިއެވެ. އެވަގުތު އަހަރެންގެ ސިފަ ބަދަލުކޮށްލިއެވެ. ނަމަވެސް ދޮންފުތު ކިޔެވި ކިޔެވުމަކުން އެމީހުންގެ މަގުސަދު ހާސިލެއްނުވިއެވެ. އެރެއަށްފަހު އެމީހުން އަހަރެންނާއި ކައިރިނުވެ ދުރުގައި ތިބެގެން ދުއްތުރާކުރަމުން ދެއެވެ. އިދުރީސް އައުމުން އެމީހުން ތިބެނީ ވަރަށް ބިރުންނެވެ." އިދުރީސް އެންމެ ރަނގަޅެވެ. އެދެމީހުންގެ ކައިރީގާ ބުނެބަލަ، ކަލޭމެން ރުހުމުގައި ދަލޭކަ ދޫކޮށްފަ ދާނީހެއްޔެވެ. ނޫނީ ކަލޭމެން އަންދާލަންވީހެއްޔެވެ. ދަލޭކަ އެމީހުން ބުނަނީ ރުހުމުން ނުދާނެ ވާހަކައެވެ. އިދުރީސް މިހާރު އެދެމީހުން ކޮބައިތަ؟ ދަލޭކަ އެތިބީއޭ ގޭގެ ވޮށުއަލީގައި. އިދުރީސް ދަލޭކަ އެއޮތްގޮތަށް ބޭއްވުމަށްފަހު ދުންބަހައްޓައިގެން ކިޔަވަންފަށައިފިއެވެ.

އިރުކޮޅަކު ކިޔަވާފަ މިހާރު އެދެމީހުން ކޮބައިތޯ ސުވާލުކޮށްފިއެވެ. ދަލޭކަ: މިހާރު އެދެމީހުންގެ ފޫޅުންތިރި އަނދާހުލިވެއްޖެއެވެ. އަނެއްކާވެސް އިދުރީސް ކިޔަވަން ފަށައިފިއެވެ. ބައިގަޑިއިރުފަހުން އަހާލިއެވެ. މިހާރު ކިހިނެތްހޭ.؟ ދަލޭކަ: މިހާރު ކަރާހަމައަށް އަނދާހުލިވެއްޖެއެވެ. އަނެއްކާވެސް އިދުރީސް ބޮކަރާއި ކުންޒާނިން ދުންއަޅަން ފަށައިފިއެވެ. މިފަހަރު ފަނަރަމިނިޓް ފަހުން ދަލޭކަ ބުނަންފެށިއެވެ. މިހާރު އެއްކޮށް އަނދައިފިއެވެ. އިދުރީސް ކިޔެވުން ހުއްޓާލިއެވެ. ދަލޭކަ ހޭޖެހުމުން އިދުރީސް ބުނެލިއެވެ. ﷲގެ ރަހުމަތުން ދަލޭކައަށް މިހާރު އެއްކޮށް ރަނގަޅުވީއެވެ.

ރެކިބޭބެ: ދަރިފުޅު ހަސަނާއެވެ. މިއީ ބޭބެގެ އަންހެނުންނަށް ދިމާވި ބިރުވެރި ހާދިސާއެވެ. ދޯ ދަލޭކާ! އާން! ދަރިފުޅުމެންނޭ މިއީ ދައްތަގެ އުމުރުން ދިހަ އަހަރުން ފެށިގެން ފަނަރަ އަހަރާއި ދެމެދު އުޅެންޖެހުނު ހާލެވެ. އިދުރީސް އެކުރި މަސައްކަތުން އަދިއަދަށްވެސް އެއްވެސް ކުށުވެރިކަމެއް ދައްތައަކާ ދިމާނުވެއެވެ. ހަދިޔާއެއްގެ ގޮތުގައި އިދުރީސްއަށް ސަތޭކަ ކުއްޅަވަކާއި ސަތޭކަ ކާށި އަދި ކޮއްޗޭ މުންޑެއްގެ އިތުރުން ކޮޓަން ގަމީހެއް ދިނެވެ. ރެކިބޭބެގެ ހާދިސާ ނިންމާލަމުން ބުނީ އިދުރީސް އެނބުރި ރަށަށް ދިޔައީ ވަރަށް އުފަލުން ކަމަށެވެ.

 

ނޯޓް: މިއީ މަލިކު ހަސަންބޭގެ ކަޅައިދޫ ދަތުރުގެ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލުވާނީ ގެނެސްފައެވެ.

+1
6
+1
1
+1
3
+1
17
+1
13
+1
3
+1
1

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

    1. އިންސާނާ އުފެއްދެވީ މަށިން. އެކަމް މަށިގަނޑަކުން ބޮލުގައި ޖެހީމަ ތަދެއް ނުވޭތަ؟

      16

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް