ޝައުބާން މަހު ރޯދަހިފުން ގިނަކުރުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ. މާތްﷲ ހަޟުރަތުން ދަރުމައާ ޘަވާބަށް އެދިގެން މީހަކު ރޯދައެއް ހިފައިފިނަމަ އެމީހެއްގެ މޫނު އެތައްހާސް ދުރުމިނަކަށް ނަރަކައާ ދުރުކުރައްވައެވެ.
މާތްﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދުރީގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި އަޑު ތިމަން އެއްސެވީމުއެވެ. މާނައީ: "ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު ހަތްދިހަ އަހަރުގެ ދުރުމިނަށް ނަރަކައިން ދުރުކުރައްވާނެއެވެ". ވީމާ މިފަދަ މައްސަރެއްގައި މިފަދަ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހިނގާށެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޝައުބާންމަހު ރޯދަހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެކެވެ. އެ ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާ ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވެއެވެ. އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުން ފޫބައްދައިލެވެއެވެ.
" ހަމަ އެބީދައިން ޝައުބާންމަހު ގިނަގިނައިން ރޯދަހިފުމުން ރަމަޟާންމަސް އަންނަންވާ އިރަށް އެމަހުގެ ރޯދަތައް ހިފުމަށް މީހާގެ ނަފްސު ފުރިހަމައަށް ތައްޔާރުވޭ. ރަމަޟާންމަސް ފިޔަވައި އެހެން މަސްތަކުގައި ހިފާ ރޯދައަކީ މުސްތަޙައްބު ރޯދަތަކެއް. އަޅުކަމުގެ ގޮތުން ޘަވާބާ ދަރުމައަށް އެދި ހެޔޮއަމަލުގެ ފަތަށް ބުރަކުރުމަށް މުސްލިމް އަޅާ ކުރުން އެންމެ ރަނގަޅު އެއް އަމަލު".
ރޯދަ އަކީ އައްޑަނައެކެވެ. ރޯދައަށް ހުންނަ ދުވަހުގައި ހުތުރު ވާހަކަ ނުދައްކާށެވެ. ޒުވާބުކޮށް ހަޅޭއްލަވައި ނުހަދާށެވެ. މީހަކު ހަޑިހުތުރު ބަހެއް ބުނެފިނަމަ ނުވަތަ ތަޅާފޮޅައި ހަދައިފިނަމަ ރޯދަވެރިއެއް ކަމަށް ބުނާށެވެ. ރޯދަވެރިޔާގެ އަނގައިން ދުވާވަހަކީ މާތް ﷲ ހަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވަހެކެވެ. ރޯދަވެރިޔާއަށް ދެއުފަލެއްވެއެވެ. އޭނާ ރޯދަވީއްލާ ހިނދު އުފާކުރެއެވެ. އަދި އޭނާގެ ވެރި ރަސްކަލާނގެއާ ބައްދަލުވާ ހިނދު އޭނާގެ ރޯދައާމެދު އުފާކުރެއެވެ.
މައުލޫމާތު: ހުކުރު ޚުތުބާ