ބަނޑުހިކުން ނުވަތަ ބޮޑުކަމުދާން ދަތިވުން މިއީ ވަރަށް ވޭންހުރި ކަމެކެވެ. މިކަން ތަޖުރިބާކުރަމުންދާ ކޮންމެ މީހަކީވެސް މިކަމުގެ ވޭނުގެ ވާހަކަ ދައްކާ މީހެކެވެ. މިމައްސަލަ ބޮޑަށް ދިމާވަނީ އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މާބަނޑުމީހުންނާއި، ތުއްތު ކުދިންނަށް ކަމުގައިވީނަމަވެސް މިކަމަކީ ކޮންމެ އުމުރު ފުރައަކަށްވެސް ދިމާވެދާނެ ކަމެކެވެ. ބައެއް މީހުންނަށް މިކަމަކީ އާއްމުކޮށް ދިމާވާ ކަމެއްކަމުގައިވެއެވެ.
ބަނޑުހިކެން ދިމާވަނީ ކިހިނެއް؟
އާއްމުގޮތެއްގައި ބަނޑުހިކެން ދިމާވަނީ ކެއުމަށް ގެންނަ ބަދަލުތަކެއްގެ ސަބަބުންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި ހަށިގަނޑުގެ ހަރަކާތް މަދުވުމާއި، ފެން މަދުވުމުން ހަށިގަނޑު 'ޑީހައިޑްރޭޓް' ވެގެންދިއުމުންނެވެ. ބޮޑުކަމުދާން ބޭނުންވެ ގިނައިރު ހިފަހައްޓައިގެން ހުރުމުގެ ސަބަބުންވެސް މިކަން ދިމާވެއެވެ. ބޮޑުކަމުދާންވެފައި ހުރެ ގިނައިރު ހިފެހެއްޓުމަކީ ސިއްޙީގޮތުން ވަރަށް ގެއްލުންހުރި ކަމެއްވެސް މެއެވެ. މަދުންނަމަވެސް ބައެއްފަހަރު އެހެން މައްސަލައެއް ހުރެގެން ނުވަތަ ކާން ބޭނުންކުރާ ބޭހެއްގެ ސަބަބުންވެސް ބޮޑުކަމުދާން އުދަގޫވެއެވެ. އަދި އެއާއިއެކު ވިހެއުމަށްފަހު ފުރަތަމަ ހަފްތާގައިވެސް މިމައްސަލައާއި ކުރިމަތިލާންޖެހެއެވެ. ބައެއްފަހަރު ދަތުރެއްކޮށް މާހައަލު ބަދަލުވުމާއި، އާއްމުގޮތެއްގައި ބޭނުންކުރާ ފާޚާނާ ނޫން ފާޚާނާއެއް ބޭނުންކުރުމުގެ ސަބަބުންވެސް މިގޮތަށް އުދަގޫ ކުރިމަތިވެއެވެ.
ބަނޑުހިކުމުން ފެންނަ އަލާމާތްތައް:
ބަނޑުގައި ރިހުން އަދި ވަރުބަލިވެ ބޮލަށް އެނބުރުން އެރުން
ބަނޑުފުއްޕާ ބަނޑަށް އުދަގޫވުން
ހޮޑުލެވުން
ކާހިތްނުވުން
ގޭގައި ދެވިދާނެ ފަރުވާ:
- މޭވާއާއި ތަރުކާރީ ކެއުން ގިނަކުރުން އަދި ފައިބަރ އެކުލެވިގެންވާ ގިނަ ބާވަތްތައް ކެއުން
- ޕުރޫންސް ކެއުން ގިނަކުރުން
- ގަވާއިދުން ކަސްރަތުކުރުމާއެކު މިންހެޔޮ ކެއުމަކަށް އާދަކުރުން
- ގިނައިން ދިޔާއެއްޗެހި ބުއިން އަދި ކެފެއިން އެކުލެވިގެންވާ ބުއިންތައް ބުއިން
- ހައިފައިބަރ ހިމެނޭ ބިސްކޯދު ކެއުން
ބައެއް މީހުންގެ ތަޖުރިބާ
ބޮޑުކަމުދާން ދަތިވެ ވޭނުގައި އުޅުނު ރައްޓެއްސެއް ބުނިގޮތުގައި އޭނާއަށް ނިދަން އުދަގޫވެ އޮށޯންނާނެ ގޮތެއް ނޭންގި ފުރޮޅި ފުރޮޅި އެތައް އިރަކު އޮންނަންޖެހެއެވެ. ބޮޑުވަރުވެގެންގޮސް ދާއިމީ ބައްޔަކަށް ބަދަލުވެ އަދިވެސް މިކަމުގެ ވޭނުގައި އުޅެންޖެހޭ ވާހަކަ ކިޔާދިނެވެ. އޮޕަރޭޝަން ކޮށްގެން ވަގުތީ ހައްލެއް ލިބުނު ކަމުގައިވިިއަސް އަނެއްކާވެސް ފަހުން އެކަމުގެ ވޭން އުފުލަންޖެހުނު ކަމަށްވެސް ބުންޏެވެ. އެހެން ރައްޓެއްސެއްގެ ފަރާތުން އެނގުނުގޮތުގައި ސިއްޙަތަށް ފައިދާހުރި ކާނާ ނުކައި ތައްޔާރީކާނާ ކެއުމުގެ ސަބަބުން އޭނާއަށް މިމައްސަލަ ކުރިމަތިވެ މިކަމުގެ ވޭން އިހްސާސް ކުރެވުމުން، ފަރުވާހޯދާ ކެއުން ބަދަލުކޮށް ކަސްރަތުކުރަން ފެށުމުން ހައްލު ލިބިގެން ދިޔަކަމަށް ވަނީ ބުނެފައެވެ.
މިކަން ދިގުލައިގެންގޮސްފިނަމަ ދިމާވެދާނެކަންކަން
ބޮޑުކަމުދާން ދަތިވެއްޖެނަމަ ކަސްރަތުކޮށް ހެލިފެލިވެ އުޅެންފެށުމުން ބައެއްފަހަރު މިކަމަށް ހައްލުލިބިގެން ދެއެވެ. ނޫންނަމަ ކެއުމަށް ގެންނަ ބަދަލުތަކެއްގެ ސަބަބުންވެސް ރަނގަޅުވެއެވެ. މިކަމަކީ ގިނަ ދުވަސްވެއްޖެނަމަ ވަރަށް ނުރައްކާތެރިކަމަކަށް ބަދަލުވެގެންވެސް ދެއެވެ. އެންމެ ސީރިއަސް މައްސަލައަކަށް ދިމާވެދާނެކަމަށް ސިއްޙީ މާހިރުން ވިދާޅުވަނީ "ކޮލޮރެކްޓަލް ކެންސަރ" ކިޔާ ބައްޔަކަށް މީހާ ހުށަހެޅިގެން ދިއުމެވެ. މިއީ މަދުންނަމަވެސް ދިމާވެފައިވާ އަދި ދިމާވެދާނެކަމަށް ލަފާކުރެވޭ ބައްޔެކެވެ. އާއްމުކޮށް ބަނޑުހަރުވުމުން ބޮޑުކަމުދާއިރު ލޭއައިސް ޕައިލްސްގެ މައްސަލަ ދިމާވެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ބައެއްފަހަރު އޮޕަރޭޝަންވެސް ކުރަންޖެހޭއިރު، މިކަމުން ސަލާމަތްވެ ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ބަނޑުހިކުމުގެ މައްސަލައަށް ސަމާލުކަންދިނުން ވަރަށް މުހިންމެވެ.
މައުލޫމާތު: މެޑިކަލް ނިވްސް