ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އުފުލިފައިވާ ދަނޑިވަޅުގައި ރާއްޖޭގައިވެސް ތެލުގެ އަގު ވަނީ ބޮޑުވެފައެވެ. އެއާއެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ސެންޓަރުތަކުގެ ވެރިންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދަތުރުތަކުގެ އަގު ބޮޑުވާނެ ކަމަށް ޓެކްސީ ސެންޓަރުންތަކުން ބުނެއެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ އެންގުމަކާ ނުލާ ޓެކްސީ ދަތުރެއްގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅުއަޅާނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފުލުހުންވެސް ވަނީ ޓެކްސީގެ އަގުބޮޑުކުރާ ޑްރައިވަރުންނަށް ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އެޅޭނެކަމަށް ބުނެފައެވެ.
މިހާރު މާލޭގެ އެތެރޭގައި ޓެކްސީ ދަތުރެއް ކުރަނީ 25 ރުފިޔާއަށެވެ. މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރަނީ 75 ރުފިޔާ އަށެވެ. އެއާޕޯޓަށް ދަތުރު ކުރަނީ 65 ރުފިޔާއަށެވެ. މިހާރު ޓެކްސީ ސެންޓަރުތަކުން ނިންމާފައިވަނީ މާލޭގެ ދަތުރުތައް 30 ރުފިޔާއަށް ހުޅުމާލޭގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާއަށް އަދި މާލެ އާއި ހުޅުމާލެއާއި ދެމެދު ކުރާ ދަތުރުތަކަށް 100 ރުފިޔާ ނެގުމަށެވެ. މާލެއިން އެއާޕޯޓަށް ކުރާ ދަތުރަކަށް 80 ރުފިޔާ އަދި ހުޅުމާލެއިން އެއާޕޯޓަށް ކުރާ ދަތުރަކަށްވެސް 80 ރުފިޔާ ނެގުމަށެވެ. މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކުރާ ދަތުރަކަށް ނަގަނީ 90 ރުފިޔާއެވެ. އެހެންނަމަވެސް 10 މާރިޗްގެ ފަހުން ނަގާނީ 120 ރުފިޔާ ކަމަށް ޓެކްސީ ސެންޓަރުތަކުން ވަނީ ނިންމާފައެވެ.
ކުރިއަށް މިއޮތީ ރަމަޟާން މަސް ކަމަށްވާއިރު ޓެކްސީގެ އަގުތަކަށް ބަދަލު ގެނައުމުން އާންމުންނަށް ދަތިވާނެ ކަމުގެ ޝަކުވާތައް ގިނަ ވެއްޖެއެވެ. އެހެންނަމަވެސް ޓެކްސީ ޑްރައިވަރުންގެ ބަހަކީ އަގުތަކަށް ބަދަލު ގެންނަން ޖެހެނީ ބާޒާރުގައި ތަކެތީގެ އަގު އުފުލޭތީ އާއި ތެލުގެ އަގުވެސް ބޮޑުވުމުން ކަމަށެވެ.
މި ދަނޑިވަޅުގައި މާލޭގައި ބަހުގެ ޚިދުމަތް ދޭން ފެށުމަކީ މި ޝަކުވާތަކަށް ދެވޭ އެކަށޭނަ ޖަވާބެއް ކަމަށް ވެދާނެއެވެ. ކޮންމެހެން ދުއްވާ އެއްޗެއްގައި ނޫނީ ނޫޅެވޭވަރުގެ ދޮށީ އުމުރުގެ މީހުންވެސް ބަރޯސާ ވަނީ ޓެކްސީއަށެވެ. މާލޭގައި ޓެކްސީ ހޯދުމަކީވެސް އެހާ ދަތިކަމެއް ކަމަށްވެސް ފާހަގަކުރެވެއެވެ. ވީމާ ސަރުކާރުން ވީއެންމެ އަވަހަކަށް ބަސްދަތުރުގެ ޚިދުމަތް ފަށައިފިނަމަ ރައްޔިތުންގެ ޖީބަށް ލުއިފަސޭހަ ވާނެއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ރައީސް ވެވަޑައިގެންނެވި ވައުދެކެވެ. އެހެންނަމަވެސް މި ވައުދު ނުފުއްދި އޮތީ ބަޖެޓް ނުލިބިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މިދިޔަ އަހަރު ވިދާޅުވިއެވެ.
މިނީ ބަހުގެ ޚިދުމަތް ދިނުމަށް 2019 ވަނަ އަހަރު ކުރީކޮޅުގައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެއީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކުރިއަށް ގެންދަން ހަމަޖެއްސި މަޝްރޫއެކެވެ. ނަމަވެސް އެ މަޝްރޫއުގެ ދަށުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށިފައެއްނުވެއެވެ. އެމްޓީސީސީން ލަފާކުރާ ގޮތުގައި ސެޕްޓެމްބަރުގެ ކުރިން މިނީ ބަހުގެ ޚިދުމަތް ދޭން ފެށޭނެއެވެ. އެމްޓީސީސީއިން އެކަމަށްވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ އިރު މިއީ ބަހުގެ ޚިދުމަތް ފެށުމަށް އެންމެ އެކަށީގެންވާ ދުވަސްވަރެވެ. ދުނިޔޭގެ ބާޒާރުގައި ކޮންމެ މަހަކުހެން ތެލުގެ އަގުތައް އުފުލެމުން އަންނަ މި ދަނޑިވަޅުގައި ރައްޔިތުންނަށް އެންމެ ހަރަދު ކުޑަކޮށް މާލެތެރޭގައި ދަތުރު ކުރެވޭނީ ބަސް ފަދަ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތެއް ހަރުދަނާ ގޮތެއްގައި ފެށިގެންނެވެ. މީގެކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މާލޭގައި ބަހުގެ ޚިދުމަތްދިނެވެ. ފަހުން ފަހުން ބަސްދަތުރުތައް މަދުވެ އެއްކޮށް ޚިދުމަތް ދިނުން ހުއްޓާލީއެވެ.
ކިޔުންތެރިންގެ ހިޔާލު
މި ލިޔުމަށް ދަރިވަރުންގެ އިހުސާސް ތަ ލުންވެސް މުހިންމު… އަދި ވީހާވެސް އަވަހަކަ ފޭސް2 ގަ ސްކޫލް ހިދުމަތްތަށް ހުލހުވުން މުހިންމު.
ކޮމެންޓްސް ބަންދުކުރެވިފައި