އިއްޔެ މާފިލާފުއްޓަށް ޓްރެއިނިންގ އަށް ދިޔަ ގދ.ގައްދޫ އަށް އުފަން ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް ނިޔާވީ، ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ވަނީ މައުލޫމާތު ދީފައެވެ. ރާފިލް ދަންނަ އެންމެން އޭނާ ސިފަކޮށްފައިވަނީ ވަރަށް އަޚްލާގު ރަނގަޅު ޒުވާނެއްގެ ގޮތުގައެވެ. ރާފިލް ތަޢުލީމް ހާސިލްކުރި ގދ. އަތޮޅު މަދަރުސާ އިން އާންމުކުރި ތަޢުޒިޔާގެ މެސެޖުގައި ވެސް ވަނީ އެމަދަރުސާގެ ކެޑޭޓް އިންސްޓްރަކްޓަރ އެއްގެ ގޮތުގައި މަސައްކަތްކުރި ރާފިލް އަކީ ސްކޫލުގެ ނަމޫނާ އިސް ދަރިވަރެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ރާފިލްގެ އާއިލާގެ މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ. "އަޅުގަނޑުގެ ލޯބިވާ ކޮއްކޮ އަޅުގަނޑުމެންނާ ވަކިވެގެން އެދިޔައީ ވަރަށް ގިނަ ހަނދާންތަކެއް ދޫކޮށް ގައުމު ފަޚުރުވެރިކުރުވާނެ ބަޠަލަކަށް ވުމުގެ މާތް އަޒުމުގައި ސާބިތުކަންމަތީ ހުންނަވަނިކޮށެވެ".
'ސެކަންޑް ގާފު ދާލު ސްކައުޓް ގުރޫޕް' އިން އާންމުކުރި މެސެޖްގައިވެސް ވަނީ ރާފިލް އަކީ އެމީހުންނާއެކީ މަސައްކަތްކުރި އެންމެ ރަނގަޅު ޔުނީފޯމްއެޅި ލީޑަރުންގެ ތެރޭގައި ހިމެނޭ މީހަކު ކަމުގައި ފާހަގަކޮށްފައެވެ. އަދި ރާފިލް އަކީ ތޫނުފިލި ލީޑަރެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ގައްދޫގެ ޒުވާނެއްކަމުގައިވާ މުހައްމަދު ހަބީބު ސިފަކުރިގޮތުގައި އުމުރުން 19 އަހަރުގެ ރާފިލް އަކީ އެމީހުންނާއެކީގައި އުޅޭ އެންމެ މަޑުމައިތިރި ޒުވާނާއެވެ. "އެންމެ ކުޑައިރުއްސުރެ އެކީގައި އުޅުނު ކިޔެވުމަށް ނަމޫނާ ދަރިވަރެއް. އެއީ އެބެޗްގެ ބެސްޓް އޯލްރައުންޑް ދަރިވަރު. ކޮންމެކަމަކަށް އެދުނަސް އެންމެ ކައިރީގައި ހުރި ރަނގަޅު ރަހުމަތްތެރިއެއް. ގައްދޫ އަށް އެގެއްލުނީ ގައްދޫގެ މުސްތަގުބަލާއިމެދު ވިސްނި ގައުމުދެކެ ލޯބިވާ މުޅިރަށް ފަޚުރުވެރިވާ ދަރިއެއް. ރަށުން ފުރުމުގެ ކުރިންވެސް ވަރަށް ވާހަކަދެއްކި. އަދި އަންނާނެކަމަށް ބުނެފަ ދިޔައީ.. " ރާފިލްގެ ކުއްލި ވަކިވުމުން ފުންއަސަރެއް ކޮށްފައިވާ މުހައްމަދު ހަބީބު ފާހަގަކުރިއެވެ.
ގައްދޫ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު ލަބީބު ސިފަކުރިގޮތުގައި ރާފިލް އަކީ ސްކޫލުގެ ދަރިވަރުންނަށް ނަމޫނާ އެކެވެ. "ގައްދޫ ފަޚުރުވެރިވާ ދަރިއެއް. އާއިލާގެ އެންމެންގެ ލޯބި ލިބިފައިވާ އަޚްލާގު ރަނގަޅު ކުއްޖެއް. އެހާމެ މަޖާ ހިތްހެޔޮ ކުއްޖެއް". ހިތާމައާއެކު ލަބީބު ފާހަގަކުރިއެވެ.
ރާފިލް މާލެއައީ އެމްއެންޑީއެފްގެ ޓްރެއިނިންގ ފުރިހަމަކުރުމުގެ ފޮނި އުންމީދުގައެވެ. ޓްރެއިނިންގެ ފުރަތަމަ ދުވަހު މިދުނިޔެ ދޫކުރިއިރު، ރާފިލް އަކީ ރަހުމަތްތެރިންނަށް ރަނގަޅު ނަސޭހަތް ދެމުންދިޔަ ގައްދޫގެ ރައްޔިތުން ފަޚުރުވެރިވާފަދަ ޒުވާނެކެވެ. ޓްރެއިނިންގ އަށް ފުރުމުގެ ކުރިންވެސް އިވިގެން ދިޔައީ އުންމީދީ ވާހަކަތަކެކެވެ. އެހެންނަމަވެސް އެ އުންމީދު ފުރިހަމަނުވަނީސް ވަކިވެދިއުން މިއީ އާއިލާއަށާއި ގާތްމީހުންނަށް ލިބުނު ފުންހިތާމައެކެވެ.
'ޒީޓައިމްސް' އިން އެދެނީ މައްޔިތާގެ ފާފަފުއްސަވައި ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ.